ޢުމައިރު އަށް މަދީނާއަށް ދެވުމާއެކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ހޯދުމުގެ މަސައްކަތް ފެށިއެވެ. އެންމެފަހުން މަސްޖިދުއްނަބަވީގެ ކައިރިއަށް އައިސް ސަވާރީން ފޭބިއެވެ. އަދި މިސްކިތާ ދިމާޔަށް ހިނގައިގަތެވެ.
އޭރު ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ބައެއް ޞަޙާބީންނާ އެކު މަސްޖިދުއްނަބަވީގެ ދޮރުކޮޅު ކައިރީ އިށީނދެވަޑައިގެން އިންނެވިއެވެ. އެބޭކަލުން ދައްކަވަމުން ގެންދެވީ ބަދަރުގައި ޤަތުލުވެ، ހައްޔަރުވީ ޤުރައިޝުންގެ ވާހަކައެވެ. އަދި ﷲ ތަޢާލާގެ ފަޟުލާއި ރަޙުމަތުން މުހާޖިރުންނާއި އަންޞާރުން ބަދުރުގެ މައިދާނުގައި ހިތްވަރާއި ފަންވަރު ދެއްކެވިގޮތާ އަދި ﷲ ތަޢާލާ، އެބޭކަލުންނަށް ނަޞްރުދެއްވައި ޢިއްޒަތްތެރި ކުރައްވައި، ދުޝްމަނުން ބަލިކުރައްވައި ނިކަމެތި ކުރެއްވި ގޮތުގެ މަތީން ހަނދާން އައުކުރައްވަމުން ގެންދެވިއެވެ.
ކުއްލިއަކަށް ޢުމަރުގެފާނަށް ފެނިވަޑައިގަތީ ޢުމައިރު ބިން ވަހްބު ސަވާރީން ފައިބައިގެން ކަނޑިއެއް ހިފައިގެން މިސްކިތާ ދިމާއަށް އަންނަ މަންޒަރެވެ. ޢުމަރުގެފާނު ކަންބޮޑުވެވަޑައިގެން ތެދުވެވަޑައިގެންނެވިއެވެ. އަދި ވިދާޅުވިއެވެ. [މިހިރަ އަންނަނީ ނުބައިވެގެންވާ ޢުމައިރު ބިން ވަހުބެވެ! ﷲ ގަންދީ ބުނަމެވެ! އޭނާ އެއަންނަނީ ކޮންމެވެސް ނުބައި ކަމަކާގެންނެވެ. އޭނާއަކީ މައްކާގައި އަހަރަމެންނާ ދެކޮޅުވެރިވުމަށް މައްކާގެ މުޝްރިކުންނަށް ހިތްވަރުދިން މީހާއެވެ. ބަދުރުގެ ކުރީން އަހަރަމެންނާ ދެކޮޅަށް މީނާ ޖާސޫސުކޮށް އުޅުނެވެ.]

ދެން އެކަލޭގެފާނުގެ އެކުވެރީންނަށް ވިދާޅުވިއެވެ. [އަވަހަށް ތެދުވެ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ވަށައިގެން އެތުރޭށެވެ! އަދި މިމަކަރުވެރި ކަލޭގެ ކެއްސެއް ދީފާނެކަމަށް ހުޝިޔާރުވެ ތިބޭށެވެ!]
މިހެން ވިދާޅުވުމަށްފަހު ޢުމަރުގެފާނު ހަމަ ވަގުތުން މާތް ނަބިއްޔާ  ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. [އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނާ ދިމާއަށް ކަނޑިއެއް ހިފައިގެން މިހިރަ އަންނަނީ ޢުމައިރު ބިން ވަހްބެވެ. އަޅުގަނޑަށް ހީވާގޮތުގައި އޭނާގެ މަޤްޞަދު ރަގަޅެއްނޫނެވެ. އޭނާ އެއަންނަނީ ކޮންމެވެސް ނުބައިކަމަކާއިގެންނެވެ.]
މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. [އޭނާ، ތިމަންކަލޭގެފާނުގެ އަރިހަށް ގެންނާށެވެ!]  ޢުމަރު ރަޟިޔަﷲ ޢަންހު ވަރަށް ހުޝިޔާރުކަމާއެކު އޭނާގެ ކަނޑީގެ ފާލިކީގައި ހިތްޕަވައިގެން ރަސޫލުﷲ ގެފާނުގެ އަރިހަށް ގެންދެވިއެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އޭގެ ދެކަލުންނަށް ބައްލަވާލެއްވުމަށްފަހު ޢުމަރުގެފާނަށް ޙަދީޡްކުރެއްވިއެވެ. [ކަލޭގެފާނު އޭނާ ދޫކޮށްލައްވާށެވެ!]  އެހެންކަމުން ޢުމަރުގެފާނު އޭނާ ދޫކޮށްލެއްވިއެވެ.
ދެން އަނެއްކާވެސް މާތް ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. [ޢުމަރު ތަންކޮޅެއް ފަހަތަށް ޖެހިވަޑައިގަންނަވާށެވެ!]   ޢުމަރުގެފާނު، މާތް ރަސޫލާ  ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަމުރުފުޅަށް ކިޔަމަންތެރިވެވަޑައިގެން ފަހަތަށް ޖެހިވަޑައިގެންނެވިއެވެ.
ދެން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް، ޢުމައިރު ބިން ވަހްބު އާ ކުރިމަތިލައްވައި ޙަދީޘްކުރެއްވިއެވެ. [ޢުމައިރެވެ! ތިމަންކަލޭގެފާނުގެ ކައިރިއަށް އަންނާށެވެ!]
އެހިނދު ޢުމައިރު، މާތް ރަސޫލާގެ އަރިހަށް ގޮސް ޖާހިލިއްޔަ ޒަމާނުގެ ސަލާމްކަމުގައިވާ أنعموا صباحاه (ބާއްޖަވެރި ހެނދުނެކެވެ.) އޭ ދަންނަވައި ސަލާމްކޮށްފައި އިށީނދެއްޖެއެވެ.
މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. [ޢުމައިރެވެ! ﷲ ސުބުޙާނަހޫ ވަތަޢާލާ، އަހަރަމެންނަށް ކަލޭމެންގެ ތިޔަ ސަލާމަށް ވުރެ ހެޔޮވެގެންވާ ސަލާމެއް އުގަންނަވައި ދެއްވައި އަހަރަމެން ޢިއްޒަތްތެރި ކުރައްވައިފިއެވެ. އެސަލާމަކީ އައްސަލާމް ޢަލައިކުމްއެވެ! އެެއީ ސުވަރުގޭގެ އަހުލުވެރީންގެ ސަލާމެވެ.]
ޢުމައިރު ދެންނެވިއެވެ. [އަޅުގަނޑުމެންގެ ސަލާމާ ކަލޭގެފާނުގެ ސަލާމުގެ މާބޮޑު ތަފާތެއް ނެތެވެ. ނަމަވެސް ކަލޭގެފާނުގެ މަސައްކަތްޕުޅަކީ އާ މަސައްކަތްޕުޅެކެވެ.]
މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. [ޢުމައިރެވެ! ތިބާ ތިޔަ އައީ ކޮންބޭނުމަކުތޯއެވެ؟]
އޭނާ ދެންނެވިއެވެ. [ތިޔަ ބޭފުޅުންގެ އަރިހުގައި ހައްޔަރުވެފައިވާ އަޅުގަނޑުގެ ދަރިއަކާ މެދު ރަޙުމްކުރައްވައި އޭނާ ދޫކޮށްލައްވައިތޯ އެކަމުގެ އެދުމުގައި އާދެވުނު އާދެވުމެކެވެ.]
މާތް ނަބިއްޔާ  ޞައްލަﷲ ޢަލައިހި ވަސައްލަމް ސުވާލުކުރެއްވިއެވެ. [އެހެންވީއިރު ކަނޑި އަޅައިގެން އައީ ކީއްކުރަން ހެއްޔެވެ؟]
ޢުމައިރު ދެންނެވިއެވެ. [މިއީ ﷲ ތަޢާލާ، ކޮށިކުރައްވާފައިވާ ކަނޑިތަކެކެވެ. ކަލޭގެފާނު ބަދުރުގެ ދުވަހު އަޅުގަނޑުމެންގެ އަތުގައި އޮތުމަށް އެއްވެސް އެއްޗެއް ދޫކުރެއްވިންތޯއެވެ؟]
މާތް ރަސޫލާ  ޙަދީޘްކުރެއްވިއެވެ. [ޢުމައިރެވެ! ތެދަށް ބުނާށެވެ! ކިހިނެއް އައި އައުމެއް ހެއްޔެވެ؟]
އޭނާ ދެންނެވިއެވެ. [އަޅުގަނޑު އައި ބޭނުން ކަލޭގެފާނުގެ އަރިހުގައި ކުރީންވެސް ދެންނެވިއްޖެއެވެ.]
މާތް ނަބިއްޔާ  ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. [އަދި ކިއެއްތަ! ތިބާ އާއި ޞަފުވާން ބިން އުމައްޔާ އާ ދެމީހުން ޙަޠީމްގެ ކައިރީ އިށީނދެ ތިބެގެން ބަދުރުގައި ޤަތުލުވެދިޔަ މީހުންނާ މެދު ވާހަކަދެއްކީމެވެ. ދެން ތިބާ ބުނީމެވެ. އަހަރެންގެ މައްޗަށް އަދާކުރަންޖެހިފައިވާ ބޮޑު ދަރަންޏަކާއި ބަލަހައްޓަން ޖެހިފައިވާ އަހުލުޢިޔާލުންތަކެއް ނުވާނަމަ، ހަމަ ޔަޤީނުންވެސް މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) ޤަތުލުކުރުމަށްޓަކައި މިހާރު އަހަރެން ނިކުމެއްޖައީމުހެވެ. ދެން ތިބާގެ ހުރިހާ ދަރަންޏެއް އަދާކުރުމަށާ އަނބި ދަރީން ބަލަހައްޓާނެ ކަމަށް ޞަފްވާނު އެއްބަސްވީ ތިބާގެ އަތުން ތިމަންކަލޭގެފާނު ޤަތުލުކޮށްލުމުގެ ޝަރުޠުގެ މައްޗަށެވެ. އެހެނެއްކަމަކު ﷲ ތަޢާލާ، ތިބާ އާއި މިނުބައި ޢަމަލުގެ ދެމެދަށް ހުރަސްއަޅުއްވައިފިއެވެ.]
މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ދޫފުޅުން މިބަސްފުޅުތައް އަޑުއިވުމުން ޢުމައިރު ޙައިރާންވެ އަންތަރީސްވެއްޖެއެވެ. ދެން ކުޑަ ހިނދުކޮޅަކު ވިސްނަން އިނުމަށްފަހު ދެންނެވިއެވެ. [ ކަލޭގެފާނަކީ ﷲ ގެ ރަސޫލެއްކަމަށް އަޅުގަނޑު ހެކިވަމެވެ.]  އަދި ދެންނެވިއެވެ. [އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނުގެ އަޅުގަނޑުމެންނަށް ވިދާޅުވެދެއްވާ އުޑުގެ ޚަބަރުތައް އަޅުގަނޑުމެން ޤަބޫލެއްނުކުރަމެވެ. އަޅުގަނޑުމެން ހީކުރަނީ ކަލޭގެފާނުގެ މައްޗަށް އެއްވެސް އެއްޗެއް ބާވައިނުލެއްވޭ ކަމަށެވެ. އެހެންނަމަވެސް އަޅުގަނޑާއި ޞަފްވާނާ ދެމެދު ދެކެވުނު ވާހަކަ އަޅުގަނޑުމެން ދެމީހުން ފިޔަވައި އެހެން އެކަކަށްވެސް ނޭގޭނެއެވެ. ﷲ ގަންދީ ބުނަމެވެ! މިވާހަކައިގެ ޚަބަރު ކަލޭގެފާނަށް  އެންގެވީ ﷲ ސުބުޙާނަހޫ ވަތަޢާލާ ކަން މިހާރު އަޅުގަނޑަށް ޔަޤީންވެ ކަށަވަރުވެއްޖެއެވެ. އަޅުގަނޑު ﷲ ތަޢާލާ އަށް ޙަމްދާއި ޝުކުރު ކުރަމެވެ. އެކަލާނގެއީ ކަލޭގެފާނުގެ އަރިހަށް އަޅުގަނޑު ގެންނަވައި، އިސްލާމްދީނުގެ ހިދާޔަތު އަޅުގަނޑަށް ނަޞީބުކުރެއްވި އިލާހެވެ. أشهد أن لاّ إله إلاّ الله ، وأشهد أنّ محمّد رسول الله އެވެ. 
މާތް ނަބިއްޔާ، އެކަލޭގެފާނުގެ އަޞްޙާބުންނަށް ޙަދީޘްކުރެއްވިއެވެ. [ތިޔަބައިމީހުންގެ އަޚާ އަށް ދީން ދަސްކޮށްދީ ކީރިތިޤުރުއާން އުގަންނައިދޭށެވެ. އަދި އޭނާގެ ޤައިދީ މިނިވަންކޮށް ދޫކޮށްލާށެވެ.]
ޢުމައިރު ބިން ވަހްބު ރަޟިޔަﷲ ޢަންހު އިސްލާމްވެވަޑައިގަތުމުން ހުރިހާ އަޞްޙާބުބޭކަލުންވެސް ވަރަށް އުފާކުރެއްވިއެވެ. އެއީ ޢުމަރު ރަޟިޔަﷲ ޢަންހު މިފަދައިން ވިދާޅުވާ މިންވަރަށެވެ. [ފަހެ އޭނާ މާތް ނަބިއްޔާ  އަށް ޙަމަލަދިނުމުގެ ނިޔަތުގައި އައިތަން ފެނުމުން އޭނާ ދެކެ ތިމަން ވަރަށް ރުޅިއައެވެ. އެކަމަކު އޭނާ އިސްލާމްވުމުން މިހާރު ތިމަންގެ ދަރީންނަށްވުރެވެސް ބޮޑަށް އޭނާ ދެކެ ތިމަން ލޯބިވެއެވެ.] – ނުނިމޭ –
__________________________________-
 
މަޞްދަރު: ޙަޔާތެ ޞަޙާބާ / ޝެއިޚް މަޙްމޫދު އަޙުމަދް ޣަޟަންފަރު (ރަޙިމަހުﷲ)
ތަރުޖަމާ : އިނާޒް ޢަދުނާން

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު