ހަތަރުވަނަ ފައިދާ
 
އަހަރެންނަށް ފެނުނު ބައެއް މީހުން ހީކޮށްގެން އުޅުނީ ޢިއްޒަތާއި އިޙުތިރާމް ލިބޭނީ ތިމާމެންގެ ވަށައިގެން ޖާހިލު ޢާންމުން އެއްކުރެވުނު މިންވަރެއްގެ މައްޗަށްކަމަށެވެ. އަނެއްބައި މީހުން ދެކޭގޮތުގައި ހައިބަތާއި މަތިވެރިކަމާއި ޖާހު ލިބޭނީ މުދަލާއި ފައިސާ އާއި ދަރިންނާއި ކާފަދަރިން ގިނަވެގެންނެވެ. ބައެއްމީހުން ވިސްނާގޮތުގައި މަޝްހޫރުކަމާއި ފަޚުވެރިކަން ލިބޭނީ ނިކަމެތިން ވެއްޔާއި މޮޑެ، ލޭގައި އުނގުޅައި، އެމީހުންގެ މުދާ ފޭރިގެންނެވެ. އަދި ބައެއްމީހުން ވިސްނައިގެން އުޅެނީ ޝާނާއި ޝައުކަތުގެ ސިއްރު ވަނީ ތިމާގެ މުދާ ބޭކާރު ކަންތައްތަކަށް ބުރުއްސުމުގައި ކަމަށެއެވެ. އެހިނދު އަހަރެން ﷲ ތަޢާލާގެ މި ވަޙީބަސްފުޅަށް ވިސްނީމެވެ.   (( إِنَّ أَكْرَ‌مَكُمْ عِندَ اللَّـهِ أَتْقَاكُمْ )) -الحجرات: 13 މާނައީ: [ހަމަކަށަވަރުން، ﷲގެ ޙަޟުރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަން ބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤުވާވެރި މީހާއެވެ.]
މިއީ ތެދު ޙައްޤު ބަސްފުޅެކެވެ. އެހެންކަމުން އަހަރެން، ﷲ އަށް ބިރުވެތިވުމާއި ތަޤުވާވެރިކަމަށް ލޯބިކުރީމެވެ.
ފަސްވަނަ ފައިދާ

އަހަރެންނަށް މީސްތަކުން ފެނުނީ އެކަކު އަނެކެއްގެ ޣީބަބުނެ، ނުބައިވާހަކަ ދައްކާތީއެވެ. އެހެންކަމުން އެމީހުންގެ އެ ޢަމަލާމެދު އަހަރެން ވިސްނީމެވެ. އެހިނދު އަހަރެންނަށް އެނގުނީ އޭގެ ތެރެއިން އެކަކު އަނެކާއަށް ލިބިފައިވާ ޢިލްމާއި، މާތްކަމާއި، ޖާހާއި، މަންޞަބާއި، މުދަލާއި ފައިސާގެ ތަނަވަސްކަން ފެނުމުން އެމީހަކާއި މެދު ޙަސަދަވެރިވާން ފަށަނީކަމެވެ. ދެން އަހަރެން ﷲ ގެ މި ވަޙީބަސްފުޅަށް ވިސްނީމެވެ. (( نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِي الْحَيَاةِ الدُّنْيَا ۚوَرَ‌فَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَ‌جَاتٍ لِّيَتَّخِذَ بَعْضُهُم بَعْضًا سُخْرِ‌يًّا )) – الزخرف: 32 މާނައީ: [ދުނިޔޭގެ ދިރިއުޅުމުގައި އެއުރެންގެމެދުގައި ދިރިއުޅުމުގެ ކަންތައްތައް ބެއްސެވީ ތިމަންރަސްކަލާނގެއެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންކުރެ ބައެއްމީހުން، އަނެއްބައިމީހުންގެ މައްޗަށް ދަރަޖަތަކަކަށް އުފުއްލެވީމެވެ. (އެއީ) އެއުރެންކުރެ އެއްބަޔަކު އަނެއްބަޔެއްގެ ޚިދުމަތްތެރިކަން ހިފުމަށްޓަކައެވެ.]
އެހެންކަމުން އަޞްލުގައި މިގޮތަށް ބެއްސެވި ފަރާތަކީ ﷲ ތަޢާލާކަމުގައި އަހަރެން ޤަބޫލުކޮށް އަހަރެންގެ ނަސީބުގެ މައްޗަށް ރުހުނީމެވެ.  އަދި މީސްތަކުންނަށް ޙަސަދަވެރިވުން ދޫކޮށްލީމެވެ.
ހަވަނަ ފައިދާ

އަހަރެންނަށް މީސްތަކުން ފެނުނީ އެމީހުންގެ އުންމީދުތައް ފުރިހަމަނުވުމުން އެކަމަށްޓަކައި އެކަކު އަނެކަކަށް ޢަދާވަތްތެރިވާތީއެވެ. އެހިނދު އަހަރެން ކީރިތި ޤުރުއާނުގެ މި އާޔަތަށް ވިސްނީމެވެ. (( إِنَّ الشَّيْطَانَ لَكُمْ عَدُوٌّ فَاتَّخِذُوهُ عَدُوًّا )) – فاطر: 6 މާނައީ: [ހަމަކަށަވަރުން، ޝައިޠާނާއަކީ، ތިޔަބައިމީހުންނަށްވާ ޢަދާވާތްތެރިޔެކެވެ. ފަހެ، އެ ޝައިޠާނާއީ، ޢަދާވާތްތެރިޔަކު ކަމުގައި ތިޔަބައިމީހުން ދެކޭށެވެ!]
އެހެންކަމުން އަހަރެންގެ ދުޝްމަނަކީ ޝައިޠާނާކަމުގައި ބެލީމެވެ. އަދި އެހެންމީހުންނާ ޢަދާވާތްތެރިވުން ދޫކޮށްލީމެވެ. 
ހަތްވަނަ ފައިދާ

އަހަރެންނަށް މީސްތަކުން ފެނުނީ ރިޒުޤުހޯދުމުގެ ދަހިވެތިކަމުގައި ޙަލާލެއް ޙަރާމެއް ބަލައިލުމެއްނެތި އަރުވާޖަހައިގެން ދުވާތީއެވެ. އަދި އެކަމުގައި ތިމާގެ ޤަދަރާ މަޤާމާއި ޢިއްޒަތާ އަބުރުވެސް ގެއްލުވައިލައެވެ. އެހެންކަމުން ﷲ ގެ މިވަޙީ ބަސްފުޅަށް އަހަރެން ވިސްނީމެވެ. (( وَمَا مِن دَابَّةٍ فِي الْأَرْ‌ضِ إِلَّا عَلَى اللَّـهِ رِ‌زْقُهَا )) -هود : 6މާނައީ: [ބިމުގައި ހިނގާބިނގާ އުޅޭ ދިރޭ އެއްޗެހީގެ ތެރެއިން، އެ އެއްޗަކަށް ﷲ، ރިޒުޤުނުދެއްވާ އެއްވެސް އެއްޗެއް ނުވެތެވެ.]
އެހެންކަމުން އަހަރެންގެ ރިޒުޤު ވަނީ ﷲ ގެ ޒިންމާގައިކަން އަހަރެން ޔަޤީންކުރީމެވެ. އެހެންކަމުން ރިޒުޤުގެ ފިކުރު ދޫކޮށްލުމަށްފަހު، އަޅުކަމައިގެން އަހަރެން މަޝްޣޫލުވީމެވެ. އަދި އެއްވެސް މަޚްލޫޤެއްގެ ކިބަޔަކުން އެއްޗަކަށް ނޭދެމެވެ.
އަށްވަނަ ފައިދާ

އަހަރެންނަށް ފެނުނީ ކޮންމެ އިންސާނަކުވެސް ދީނާރާއި ދިރުހަމަށް، މުދަލާއި ފައިސާއަށް އިތުބާރުކުރާތީއެވެ. ނުވަތަ ރަސްގެފާނާއި އަމީރުން އެމީހުންގެ މުހުތާދުތައް ފުއްދައިދޭނެކަމަށް ހީކުރާތީއެވެ. އެކަކު ލިބިފައިވާ ހުނަރާއި ކުޅަދާނަކަމަށް ޔަޤީންކުރެއެވެ. އަނެކަކު ތިމާފަދަ މަޚުލޫޤުންނާ އުންމީދުތައް ގުޅުވައެވެ. އެހިނދު އަހަރެން ﷲ ގެ މި ބަސްފުޅަށް ވިސްނީމެވެ. (( مَن يَتَوَكَّلْ عَلَى اللَّـهِ فَهُوَ حَسْبُهُ ۚإِنَّ اللَّـهَ بَالِغُ أَمْرِ‌هِ ۚقَدْ جَعَلَ اللَّـهُ لِكُلِّ شَيْءٍ قَدْرً‌ا)) الطلاق:3 މާނައީ: [އަދި ﷲ އަށް ވަކީލުކުރާ މީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، ﷲ އީ، އެކަލާނގެ އަމުރުފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ﷲ ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ.]
އެހެންކަމުން އަހަރެން ﷲ އަށް ވަކީލުކުރީމެވެ. އެކަލާނގެ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަހަރެން އިތުބާރެއްނުކުރަމެވެ. އެކަލާނގެއީ އެންމެ މޮޅަށް އަހަރެން ބަލަހައްޓަވާ ފަރާތެވެ. 
ޙާތިމްގެ ޖަވާބު އަޑުއެއްސުވުމަށްފަހު ޝަޤީޤު ބަލްޚީ ވިދާޅުވިއެވެ. [އޭ ޙާތިމްއެވެ! ﷲ ތަޢާލާ، ތިބާ ސީދާވެގެންވާ ތެދުމަގުގައި ލަހައްޓަވާށިއެވެ. ތިމަން ތައުރާތާއި އިންޖީލާއި ޒަބޫރާއި އަދި ކީރިތި ޤުރުއާންގެ އެންގެވުންތަކާއި އިރުޝާދުތަކަށް ވިސްނައި ފިކުރުކުރުމުން، ތިމަންނައަށް ފެނުނީ ތިބާ ތިޔަ ވިދާޅުވި ކަންތައްތަކެވެ. ތިޔަ ކަންތަައްތަކަށް ޢަމަލުކޮށްފި މީހާ އެހަތަރު ފޮތަށް ޢަމަލުކޮށްފިއެވެ.] (ނިމުނީ)
________________________________
މަޞްދަރު: އިސްލާމީ ތާރީޚް ކޭ ދިލްޗަސްބް އޯރް އީމާން އާފްރީން ވާޤިޢާތް / އަބޫ މަސްޢޫދް ޢަބްދުލްޖައްބާރު
ތަރުޖަމާ: އިނާޒް އަދުނާން

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު