ޙާތިމް އަޞައްމު ޚުރާސާނީ، އެކަލޭގެފާނުގެ ދުވަސްވަރުގެ ޡާހިރީ ޢިލްމުތައް (ތަފްސީރު، ޙަދީޘް، ޤިރާއަތު، ތަޖުވީދު އަދި ފަލްސަފާ ފަދަ ޢިލްމުތައް) މަތީ ދަރަޖަޔަކަށް ޙާޞިލްކުރެއްވުމަށްފަހު، އުގަންނައިދެއްވުމުގެ މަސައްކަތް ފެއްޓެވުުގެ ބަދަލުގައި ޢިލްމުގެ ފޮނިކަމާއި މީރުކަން އިތުރަށް އިޙުސާސްކުރެއްވުމަށްޓަކައި އެޒަމާނުގެ ބޮޑު ޢިލްމުވެރިޔެއްކަމުގައިވާ ޝަޤީޤް ބަލްޚީގެ އަރިހަށް ވަޑައިގެންނެވިއެވެ. ޝަޤީޤް ބަލްޚީގެ އަރިހުން ތެދުވެރިކަމާއި ޒާހިދުކަމާއި ކެތްތެރިކަމާއި އަނެކާއަށް އިސްކަންދިނުމާއި ތަވާޟުޢުވެރިކަމާއި ވަފާތެރިކަމާއި ޙިލްމުވެރިކަމާއި މަޢާފުކުރުމާއި ރިވެތި ބަސްބުނުމާއި ސަލާމް ފެތުރުން ފަދަ ރިވެތި އަޚްލާޤުގެ ދަރުސްތައް ޙާޞިލްކުރެއްވުމުގައި ތިރީސްއަހަރު ހޭދަކުރެއްވިއެވެ. 
އެއްދުވަހަކު އެކަލޭގެފާނުގެ ޝެއިޚް ސުވާލުކުރެއްވިއެވެ. [އޭ ޙާތިމެވެ! ތިބާ އަހަރެންގެ ދަރުސްތަކުގައި ބައިވެރިވާތާ 30 އަހަރު ވެއްޖެއެވެ. މިދުވަސްތަކުގައި ތިބާ އުނގެނުނު ޢިލްމުން ހޯދި ފައިދާއެއް ނިކަން ބުނެބަލާށެވެ!]
ޙާތިމް ދެއްވީ ވަރަށްވެސް ފުރިހަމަ ޖަވާބެކެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [އަހަރެން އުނގެނުނު ޢިލްމުން 8 ފައިދާއެއް ޙާޞިލްކުރީމެވެ. އަދި އަހަރެން ދެކޭގޮތުގައި އެމިންވަރު އަހަރެންނަށް ފުދެއެވެ. އަދި އަހަރެން އުންމީދުކުރަނީ އެކަންތަކުގެ ސަބަބުން އަހަރެންނަށް ކާމިޔާބު ލިބޭނެކަމަށެވެ.]
ފުރަތަމަ ފައިދާ

މަޚުލޫޤުންގެ ޙާލުގެ މައްޗަށް އަހަރެން ވިސްނައި ފިކުރުކުރީމެވެ. އެހިނދު އަހަރެންނަށް ވިސްނުނީ ކޮންމެ އިންސާނަކަށްވެސް އެމީހަކު ލޯބިވާ ކޮންމެވެސް ލޯބިވެރިއެއް ވާކަމެވެ. އެކަމަކު އޭނާގެ ލޯބިވެރިންކުރެ އެކަކު އޭނާގެ މަރު ބައްޔާއި ޖެހެންދެން ލޯބީގެ ކުލަވަރު ދައްކައެވެ. އަނެއް ލޯބިވެރިޔަކު ކަށްވަޅުގެ އަނގަމައްޗާއި ހިސާބަށް އެކުގައި ދެއެވެ. އެއަށްފަހު ކަށްވަޅުގެ އަނދިރި ވަޅުގަނޑަށް އޭނާ ކޮށްޕައިލުމަށްފަހު އެނބުރި އާދެއެވެ. އެންމެ ގަޑިއެއްގެ އިރަށްވެސް އޭނާއާ އެކު އޮށޯވެނުލައެވެ. އެހެންކަމުން އަހަރެން ގަސްތުކުރީ އަހަރެންނާއެކު ކަށްވަޅަށް ވަދެ އެތާނގައި އަހަރެންގެ އެކަނިވެރިކަމާއި ބިރުގަތުން ދުރުކޮށްދީ އަހަރެންގެ ހިތާމަތައް ލުއިކޮށްދޭފަދަ އެކުވެރިޔަކު އަހަރެންގެ ލޯބިވެރިއަކަށް ހެދުމަށެވެ. އެހެންކަމުން ޞާލިޙު ޢަމަލު އެއީ އަހަރެންގެ ލޯބިވެރިޔާކަމުގައި ހެދީމެވެ. އެހެނީ އޭނާ ފިޔަވައި އެހެން އެކަކުވެސް އަހަރެންނާއެކު ކަށްވަޅަކަށް ނުވަންނާނެއެވެ. އަދި އެތެރޭގައި އެއްވެސް ކަހަލަ އަލިކަމެއްގެ އިންތިޒާމެއްވެސް ހަމަޖައްސައެއް ނުދެވޭނެއެވެ.
ދެވަނަ ފައިދާ
 
އަހަރެން މަޚުލޫޤުތަކަށް ބެލީމެވެ. އެބައިމީހުން އެމީހުންގެ އެދުންތައް ފުއްދުމަށްޓަކައި ހުރިހާ ޖާއިޒު ނާޖާއިޒު ޒަރީޢާއެއްގެ ބޭނުންކުރެއެވެ. އެހެންކަމުން އަހަރެން ﷲ ގެ މި ވަޙީބަސްފުޅަށް ވިސްނީމެވެ. وَأَمَّا مَنْ خَافَ مَقَامَ رَ‌بِّهِ وَنَهَى النَّفْسَ عَنِ الْهَوَىٰ ﴿٤٠﴾ فَإِنَّ الْجَنَّةَ هِيَ الْمَأْوَىٰ ﴿٤١﴾ – سورة النازعات – މާނައީ: [އަދި އެމީހާގެ ވެރިރަސްކަލާނގެ ޙަޟުރަތުގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އެމީހެއްގެ ނަފްސު އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ސުވަރުގެއެވެ.] 
އެހިނދު އަހަރެންނަށް ޔަޤީންކުރެވުނީ ކީރިތިޤުރުއާނަކީ ޙައްޤު ތެދުކަމެވެ. އެހެންކަމުން އަހަރެން އަހަރެންގެ ނަފްސުގެ މައްޗަށް ބާރުފޯރުވީމެވެ. އަދި ނަފްސުގެ އެދުންތަކަށް ޢަމަލުކުރުން ހުއްޓުވީމެވެ. ކެތްތެރިކަމަށް އެ ނަފްސު ހޭނުވީމެވެ. އެހެންކަމުން ﷲ ގެ ކިޔަމަންތެރިކަމާއި ޠާޢަތަށް އެނަފްސު ރުހި ޤަބޫލުވެއްޖެއެވެ. 
ތިންވަނަ ފައިދާ

އަހަރެންނަށް މީސްތަކުން ފެނުނީ ދީނާރާއި ދިރުހަމް ޖަމާކޮށް އެތަކެތި ގެއްލިދާނެކަމަށްޓަކައި ރައްކާކުރުމުގައި މަޝްޣޫލުވެގެން ވަނިކޮށެވެ.  އެހިނދު ހުރިހާ ވެރިކަމެއްގެ ވެރި ﷲ ގެ މި ވަޙީ ބަސްފުޅަށް އަހަރެން ވިސްނީމެވެ. (( مَا عِندَكُمْ يَنفَدُ ۖوَمَا عِندَ اللَّـهِ بَاقٍ )) – سورة النحل: 96 މާނައީ: [ތިޔަބައިމީހުންގެ ގާތުގައިވާ އެއްޗެއް ހުސްވެގެން ހިނގައިދާނެތެވެ. އަދި ﷲ ގެ ޙަޟުރަތުގައިވާ އެއްޗެއް ދެމިހުންނާނެތެވެ.] 
އެހެންކަމުން އަހަރެންގެ މަސައްކަތުން ޙާޞިލްވާ ނަފާ، ﷲ ގެ ރުއްސެވުން އަދައިގެން މިސްކީނުންގެ މައްޗަށް ހޭދަކުރަން ފެށީމެވެ. އެއީ ﷲ ގެ ޙަޟްރަތުގައި އެތަކެތި އަހަރެންނަށްވާ އާޚިރަތުގެ ޚަޒާނާއަކަށް ވުމަށްޓަކައެވެ. (ނުނިމޭ)
__________________________

މަޞްދަރު: އިސްލާމީ ތާރީޚް ކޭ ދިލްޗަސްބް އޯރް އީމާން އާފްރީން ވާޤިޢާތް / އަބޫ މަސްޢޫދް ޢަބްދުލްޖައްބާރު
ތަރުޖަމާ: އިނާޒް އަދުނާން

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު