ދެންއޮތީ ރޫމުގެ ޤައިސަރުގެ ދަރުބާރަށް އެކަލޭގެފާނު ވަޑައިގަންނަވަން ޖެހުނު ގޮތުގެ ވާހަކައެވެ. މިޙާދިޘާ ހިނގާފައިވަނީ ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުގެ ޚަލީފާކަމުގެ ދުވަސްވަރުއެވެ.
ހިޖުރައިން ނަވާރަ ވަނަ އަހަރު އަމީރުލްމުއުމިނީން ޢުމަރު ބުނުލް ޚައްޠާބު، އިސްލާމީ މުޖާހިދުންގެ ލަޝްކަރެއް ރޫމީންނާއި ހަނގުރާމަކުރެއްވުމަށްޓަކައި މަދީނާއިން ފުރުވައިލެއްވިއެވެ. މި ލަޝްކަރުގައި ޢަބްދުﷲ ބިން ޚުޛާފާ ރަޟިޔަﷲ ޢަންހު ވެސް ހިމެނިވަޑައިގަންނަވައެވެ. މި ލަޝްކަރުގެ ހުރިހާ ޚަބަރުތަކެއް ރޫމުގެ ރަސްގެފާނަށް ބަރާބަރަށް ލިބެމުން ދިޔައެވެ. މުސްލިމު މުޖާހިދުންގެ ހިތްވަރުގަދަކަމާއި، ތެދުވެރިކަމާއި، ﷲ ގެ މަގުގައި އެމީހުންގެ ޖާނުން ޤުރުބާންވާން ތައްޔާރަށް ތިބޭ މިންވަރުވެސް އޭނާ ރަގަޅަށް ވަޒަންކުރެވުނެވެ. ޤައިސަރު އޭނާގެ ސިފައިންނަށް އަންގާފައި ވަނީ މުސްލިމުންގެ ލަޝްކަރުން މީހަކު ހައްޔަރުކުރެވިއްޖެނަމަ އެމީހަކު ޤަތުލުނުކޮށް އޭނާގެ ކުރިމައްޗަށް ގެނައުމަށެވެ. މިކަމާއި ކުރިމަތިލައްވަން ޖެހިވަޑައިގައިތީ އަބްދުﷲ ބުނު ޙުޛާފާ އަށެވެ. ރޫމީ ލަޝްކަރުގެ ސިފައިން އެކަލޭގެފާނު ހައްޔަރުކޮށްގެން ޤައިސަރުގެ ކުރިމައްޗަށް ޙާޟިރުކުރިއެވެ. އަދި ދެންނެވުނެވެ. [އަޅުގަނޑުމެން މަނިކުފާނުގެ ކުރިމައްޗަށް މިގެނައި މީހަކީ މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) ގެ އެކުވެރީންގެ ތެރެއިންވާ މީހެކެވެ. އެކަލޭގެފާނުގެ ދަޢުވަތަށް އެންމެ ފުރަތަމަ އިޖާބަ ދިން މީހުންގެ ތެރެއިން އެކަކެވެ.

ދެންފަހެ ޢަބްދުﷲ ބުނު ޙުޛާފާ،  ޤައިސަރުގެ ކުރިމައްޗަށް ޙާޟިރުކުރެވުނު ހިނދު ވަރަށް ފުންނަޒަރަކުން  ރަސްގެފާނު، އެކަލޭގެފާނަށް  ބައްލަވައިލެއްވުމަށް ފަހު ވިދާޅުވިއެވެ. [ތިބާގެ ކިބައިން އަހަރެން އެދޭ އެދުމެއް އެބައޮތެވެ.]
ޢަބްދުﷲ ވިދާޅުވިއެވެ. [އެއީ ކޮންކަމެއްތޯއެވެ؟]
ރަސްގެފާނު ވިދާޅުވިއެވެ. [އަހަރެންގެ އެދުމަކީ ތިބާ ނަޞާރާދީން ޤަބޫލު ކުރެއްވުމެވެ. ތިބާ، އަހަރެންގެ މި ހުށައެޅުން ޤަބޫލުކޮށްފިނަމަ އަހަރެން، ތިބާ މިނިވަންކޮށް ދޫކޮށްލާނަމެވެ. އަދި ތިބާއަށް ޢިއްޒަތާއި ޤަދަރު ދޭހުށީމެވެ.]
ޢަބްދުﷲ ބުނު ޙުޛާފާ، ހިތްވަރާއި ކެރުންތެރިކަން ފާޅުކުރައްވައި ވިދާޅުވިއެވެ. [ތިޔައީ ފަހަރެއްގައިވެސް ވާނެކަމެއް ނޫނެވެ. ތިބާ އެކަމަކަށް އަހަރެންނަށް ތިޔަ ދަޢުވަތު ދޭ ކަންތަކަށްވުރެ މަރުވުންވެސް އެތައްހާސް ގުނައެއް ހެޔޮވެގެންވެއެވެ.]
ޤައިސަރު ވިދާޅުވިއެވެ. [ތިބާއަކީ ވަރަށް ހިތްވަރުގަދަ މީހެއްކަމަށް އަހަރެންނަށް ލަފާކުރެވެއެވެ. ތިބާ، އަހަރެންގެ ހުށައެޅުން ޤަބޫލުކޮށްފިނަމަ އަހަރެންގެ ރަސްކަމުގައި ތިބާ ބައިވެރިކުރުމަށްވެސް އަހަރެން މިހުރީ ތައްޔާރަށެވެ.]
ދަގަނޑު ހިލިހިލާތަކުން ކަސްތޮޅު އެޅިފައި ހުންނެވި ޤައިދީ ޖަވާބު ދެއްވިއެވެ. [ﷲ ގަންދީ ބުނަމެވެ! ތިބާ، އަހަރެންނަށް ތިބާގެ ރަސްކަމާއި މުޅި ޢަރަބިކަރައިގެ ވެރިކަން ދިން ނަމަވެސް އެންމެ ސިކުންތަކަށްވެސް މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަގެ ދީނަށް އަހަރެން، ފުރަގަސްދީފާނެކަމަށް އުންމީދު ނުކުރާށެވެ!]
ރަސްގެފާނު ކޯފާ އިސްކުރައްވައި ވިދާޅުވިއެވެ. [އެހެންކަމަށްވާނަމަ އަހަރެން، ތިބާ ޤަތުލު ކުރާހުށީމެވެ!]
ވިދާޅުވިއެވެ. [ތިބާ ބޭނުން ކަމެއް ކޮށްބަލާށެވެ.]
ދެން އެކަލޭގެފާނު ދަންޖެއްސުމަށް އަމުރުކުރެވުނެވެ.  ރަސްގެފާނުގެ އަމުރަކަށްވީ އެކަލޭގެފާނު ދަންޖައްސާ ފިލާގަނޑު މައްޗަށް އަރުވައި، ފައިންޕުޅުގައި ހިލިހިލާ ޖަހައި ހައްޔަރުކުރުމަށްފަހު އެކަލޭގެފާނުގެ އަތްޕުޅުގެ ކައިރިއަށް، އަތްޕުޅު ޒަޚަމްވާ ވަރަށް އަމާޒުކޮށް ދުނިޖެހުމަށެވެ. ރަސްގެފާނުގެ އަމުރަށް ކިޔަމަންތެރިވެ ތީރުވެރިޔަކު އޭނާގެ ދުނި އަމާޒުކޮށް ދޫކޮށްލިއެވެ. މިފަދަ ނާޒުކު ނުރައްކާތެރި ވަގުތުގައި ނަޞާރާދީން ޤަބޫލުކުރުމަށް ރަސްގެފާނު، އެކަލޭގެފާނަށް ތިންވަނަ ފަހަރަށްވެސް ދަޢުވަތު ދެއްވިއެވެ. ނަމަވެސް އެކަލޭގެފާނު ސާފު ބަހުން އިންކާރު ކުރެއްވިއެވެ. ދެން ޤައިޞަރު އަމުރުކުރީ އެކަލޭގެފާނުގެ ފައިންޕުޅުގެ ކައިރިއަށް އަމާޒުކޮށް ތީރު ޖެހުމަށެވެ. މިފަހަރުވެސް އިސްލާމް ދީން ދޫކޮށް ނަޞާރާދީން ޤަބޫލުކުރުމަށް ދަޢުވަތު ދެއްވިއެވެ. ނަމަވެސް އެފަދައިން ޢަމަލުކުރުމަށް އެކަލޭގެފާނު ވަރުގަދަޔަށް ދެކޮޅު ހެއްދެވިއެވެ. އެންމެފަހުން އެކަލޭގެފާނު ދަންޖައްސާ ފިލާގަނޑުން ބޭލުމަށް ޤައިޞަރު އަމުރުކުރެއްވިއެވެ. އެއަށް ފަހު ތެޔޮ އަޅާފައި ހުރި ވަރަށް ބޮޑު ތެއްޔެއް ގެނެސް އޭގެ ދަށުގައި އަލިފާން ރޯކޮށްލެވުނެވެ. ދެން ތެޔޮތައް ކެކެން ފެށުމުން ރޫމީންގެ އަތްދަށުގައި ހައްޔަރުވެފައި ތިބި މުސްލިމު އަސީރުންގެ ތެރެއިން ދެ މީހުން ގެނައުމަށް ރަސްގެފާނު އަމުރުކުރެއްވިއެވެ. ދެ އަސީރުން ޙާޟިރުކުރެވުމުން އޭގެ ތެރެއިން އެކަކު، ކެކިކެކި ހުރި ތެޔޮ އެއްޗަށް ވައްޓައިލުމަށް އަމުރުކުރެއްވިއެވެ. ހޫނު ތެޔޮ އެއްޗަށް ވެއްޓުމާއެކު އޭނާގެ މަސްތަކާއި ހަންތައް ރޯފިލިއެވެ. އަދި ބަލަބަލައި ތިއްބައި އޭނާގެ ހަންގަނޑު ކަށިގަނޑާއި ވަކިވެއްޖެއެވެ.
ދެން އަނެއްކާވެސް ޢަބްދުﷲ ބުނު ޙުޛާފާ އާއި ދިމާއަށް ކުރިމަތިލައްވައި ވިދާޅުވިއެވެ. [އަދިވެސް ވަގުތު އެބައޮތެވެ. ނަޞާރާދީން ޤަބޫލުކުރާށެވެ!] 
އެކަމަކު ޢަބްދުﷲ ބުނު ޙުޛާފާ ރަޟިޔަﷲ ޢަންހު، ކުރިއަށްވުރެ ވެސް ވަރުގަދަޔަށް އެކަމަށް އިންކާރު ކުރެއްވިއެވެ. އެންމެފަހުން އެކަލޭގެފާނުގެ މަތީން ޤައިޞަރު މާޔޫސްވިއެވެ. އަދި އެކަލޭގެފާނުވެސް ހޫނު ތެޔޮ އެއްޗަށް ވައްޓައިލުމަށް އަމުރުކުރިއެެވެ. އެކަލޭގެފާނު ތެޔޮ އެތީގެ ކައިރިއަށް ގެނެވުނު ހިނދު އެކަލޭގެފާނުގެ ލޯފުޅުން ބޭއިޚުތިޔާރުގައި ކަރުނަފޮދު އައެވެ. ޤައިޞަރުގެ އެކުވެރީންނަށް އެ މަންޒަރު ފެނުމުން އެމީހުން ޤައިޞަރަށް ދެންނެވިއެވެ. [ސާހިބާއެވެ! އޭނާ ހަމަ ޙަޤީޤަތުގައިވެސް ރޮނީއެވެ.]
ޤައިޞަރު ހީކުރީ އެކަލޭގެފާނު ބިރުގަތީ ކަމަށެވެ. އެހެންކަމުން އޭނާގެ ކައިރިއަށް އެކަލޭގެފާނު ގެނައުމަށް އަމުރުކުރިއެވެ. އެކަލޭގެފާނު، އޭނާގެ ކުރިމައްޗަށް ޙާޟިރުކުރެވުމުން އަނެއްކާވެސް ނަޞާރާދީން ޤަބޫލުކުރުމަށް ދަޢުވަތު ދިނެވެ. މިފަހަރުވެސް އެކަލޭގެފާނު ކުރެއްވީ އިންކާރެވެ.]
ރަސްގެފާނު ޢަޖައިބުވެގެން ސުވާލުކުރިއެވެ. [ އެހެންކަމަށް ވާނަމަ ކަލޭ ތިޔަ ރޮނީ ކީއްވެ ހެއްޔެވެ؟]
އެކަލޭގެފާނު ޖަވާބުދެއްވިއެވެ. [އަހަރެން ރުއިމުގެ ސަބަބަކީ އެ މަންޒަރު ފެނުމުން އަހަރެންގެ ހިތަށް އެރިއެވެ. އަހަރެންނަށް ލިބިގެން ވަނީ އެންމެ ފުރާނައެކެވެ. އަހަރެންނަށް ހާސް ފުރާނަ ލިބި އެއިން ކޮންމެ ފުރާނައެއް މި ކެކިކެކި ހުރި ތެޔޮ އެއްޗަށް ވެއްޓި ﷲ ގެ މަގުގައި ޤުރުބާންކުރެވޭނެ ނަމަ ކޮންފަދަ ހެއްޔެވެ؟]
އެ އަނިޔާވެރިޔާ އަށް އެކަލޭގެފާނުގެ މި ބަސްތައް އަޑުއިވުނު ހިނދު ޙައިރާންވެ އަންތަރީސް ވިއެވެ. އަދި ބުންޏެވެ. [މިހާރު ތިބާ، އަހަރެންގެ ބޮލުގައި ބޮސްދޭށެވެ. އޭރުން އަހުރެން، ތިބާ މިނިވަންކޮށް ދޫކޮށްލާނަމެވެ.]
ޢަބްދުﷲ ސުވާލު ކުރެއްވިއެވެ. [އަހަރެންނާ އެކު އެހެނިހެން މުސްލިމު ޤައިދީންވެސް ދޫކޮށްލާނަން ހެއްޔެވެ؟]
ރަސްގެފާނު ޖަވާބުދިނެވެ. [އާނއެކެވެ! އަހަރެން އެހުރިހާ އެންމެން ދޫކޮށްލާނަމެވެ.]
ޢަބްދުﷲ ބުނު ޙުޛާފާ، ވިދާޅުވެފައިވެއެވެ. [އެހިނދު އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން މި އަނިޔާވެރިޔާގެ ބޮލަށް އެންމެ ބޮހެއްދީގެން މިތިބަ ހުރިހާ މުސްލިމު ޤައިދީން މިނިވަން ކުރުމުގައި އޮތީ ކޮން މައްސަލައެއް ހެއްޔެވެ؟]
ދެން އެކަލޭގެފާނު ޤައިޞަރުގެ ކައިރިއަށް ވަޑައިގެން އޭނާގެ ބޮލަށް ބޮސްދެއްވިއެވެ. ޤައިޞަރު އޭނާގެ ވަޢުދާ އެއްގޮތަށް ހުރިހާ މުސްލިމު އަސީރުން ޢަބްދުﷲ ބިން ޚުޛާފާ އާއި ޙަވާލުކުރުމަށް އަމުރުކުރިއެވެ.
މިނިވަންކަން ލިބިވަޑައިގަތުމާއެކު ޢަބްދުﷲ ބުނު ޙުޛާފާ ރަޟިޔަﷲ ޢަންހު، ސީދާ ވަޑައިގަތީ އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުގެ އަރިހަށް މަދީނާއަށެވެ. އަދި ހުރިހާ ވާހަކައެއް ތަފްޞީލުކޮށް ޢުމަރުގެފާނަށް ކިޔައިދެއްވިއެވެ. އެކަލޭގެފާނުގެ ވަހާކަ އަޑުއެއްސެވުމަށް ފަހު އަމީރުލްމުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ އަންހު، ނުހަނު އުފާފުޅުން ހުންނަވައި ވިދާޅުވިއެވެ. [ޢަބްދުﷲ ބުނު ޙުޛާފާގެ އިސްތަށިފުޅުގައި ބޮސްދިނުން ކޮންމެ މުސްލިމަކަށް ލާޒިމުވެއްޖެއެވެ. އަދި އެންމެ ފުރަތަމަ އަހަރެން އެކަލޭގެފާނުގެ އިސްތަށިފުޅުގައި ބޮސްދެމެވެ.] ދެން ތެދުވެވަޑައިގެން ޢަބްދުﷲ ބުނު ޙުޛާފާގެ އިސްތަށިފުޅުގައި ޢުމަރު ރަޟިޔަﷲ ޢަންހު، ބޮސްދެއްވިއެވެ. (ނިމުނީ)

(مراجع:  الإصابة في تميز الصّحابة ، السيرة النّبويّة  لإبن هشام ، حياة الصّحابة  لمحمد يوسف كا ندهلوي ، تهذيب التهذيب ، امتاع الإسماع ،حسن الصحاب ، المحبّر ،  تاريخ الإسلام  علاّمة ذهبي )
___________________________________________

މަޞްދަރު: ޙަޔާތެ ޞަޙާބާ ކޭ ދަރަޚްޝާން ޕެހްލޫ / ޝައިޚް މަޙްމޫދު އަޙުމަދު ޣަޟަންފަރު، ރަޙިމަހުﷲ
ތަރުޖަމާ: އިނާޒް ޢަދުނާން

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު