ޠުފައިލް ރަޟިޔަﷲ އަންހު، ބަޔާންކުރައްވާފައިވެއެވެ. އެއަށްފަހު ރަސޫލުﷲ ޞައްލަﷲ ޢަލައި ވަސައްލަމަގެ އަރިހުގައި ތިމަން ހުރީމެވެ. އެންމެފަހުން ﷲ ތަޢާލާގެ އޯގާވަންތަކަމާއި ފަޟްލަވަންތަކަމުން މައްކާ ފަތަޙަވެއްޖެއެވެ. ތިމަން ދެންނެވީމެވެ. [އޭ ﷲ ގެ ރަސޫލާއެވެ! އެންމެ ރަގަޅުގޮތަކީ عمرو بن حممة ގެ ބުދު ”ޛުލްކިފްލައިން“ މުގުރައިލައި އަންދައިލުމަށްޓަކައި ކަލޭގެފާނު އެތަނަށް އަޅުގަނޑު ފޮނުއްވުމެވެ.] ދެންފަހެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެތަނަށް ދިޔުމުގެ ހުއްދަ އަހަރެންނަށް ދެއްވިއެވެ. އަހަރެން، އަހަރެންގެ ޤައުމުގެ ޖަމާޢަތެއްގެ މީހުނާއިގެން އެބުދު ހުރި ތަނަށް ދަތުރު ފެށީމެވެ. އަހަރެންނާއި އަހަރެންގެ އެކުވެރީނަށް އެތަނަށް ދެވުމާއެކު އެބުދު އަންދައިލުމަށް ގަސްތުކުރި ހިނދު، އެހިސާބުގެ އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދީންތައް އަހަރަމެންގެ ކައިރިއަށް ޖަމާވިއެވެ. އެހުރިހާ އެންމެންވެސް އިންތިޒާރު ކުރަމުން ދިޔައީ އަހަރަމެން އެބުދަށް ކިތަންމެ ކުޑަކުޑަ ގެއްލުމެއްދިނަސް އުޑުން އަހަރަމެންގެ ގަޔަށް އަލިފާން ފައިބައި އަހަރަމެން އަންދައިލާނެ ވަގުތަކަށެވެ. އެހުރިހާ ޖާހިލުންގެ ކުރިމަތީގައި އަހަރެން ކުރިއަށް ނުކުމެ އެބުދުގައި އަލިފާން ރޯކޮށްލީމެވެ. އޭރު އަހުރެންގެ ދޫމަތީގައިވަނީ މިޅެންބައިތެވެ. ތަރުޖަމާ:- (އޭ ޛުލްކިފްލައިން އެވެ! އަހަރެންނީ ކަލެއަށް އަޅުކަންކުރާ މީހެއްނޫނީމެވެ. އަހަރަމެން އުފަންވެފައި ވަނީ ކަލޭ އުފަންވުމުގެ މާކުރީންނެވެ. މިއަދު އަހަރެން، ކަލޭގެ ހިތުގައި އަލިފާން ރޯކުރަމެވެ.) ބަލަބަލައި ތިއްބާ އަލިފާންގަނޑު އޭގެ ކާނާއަކަށް އެބުދު ހަދައިލިއެވެ. އަދި މާގިނައިރުތަކެއްނުވެ އަޅިފުންޏަކަށް ބަދަލުވެއްޖެއެވެ. އެބުދު ފަނާވެ ނެތިދިޔުމާއެކު ކުފުރާއި ޝިރުކުގެ ބިންގާވެސް ފުނޑުފުނޑުވެގެން ހިނގައްޖެއެވެ. އަދި މުޅި ޤަބީލާ އިސްލާމްދީން ޤަބޫލުކޮށްފިއެވެ. އަދި އެބައިމީހުންގެ އިސްލާމްކަމުގެ ފުރިހަމަކަން ސާބިތުވެސް ކޮށްދިނެވެ.

ޠުފައިލް ބުނު ޢަމްރުއްދައުސީ ރަޟިޔަﷲ ޢަންހު، އެންމެ ފަހުވަގުތާ ޖެހެންދެންވެސް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ސާބިތުވެ ހުންނެވިއެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ސުވަރުގެވަޑައިގަތުމުން މުސްލިމުންގެ ޚަލީފާއަކަށް އަބޫބަކްރުއްޞިއްދީޤު ރަޟިޔަﷲ ޢަންހު ޢައްޔަނުކުރެވުމުން، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޚަލީފާގެ އަރިހަށް ޠުފައިލް ރަޟިޔަﷲ ޢަންހު ޙާޟިރުވެވަޑައިގެންނެވިއެވެ. އަދި ޔަޤީންކަން ދެއްވިއެވެ. [ތިމަންގެ ނަފްސާއި ތިމަންގެ ކަނޑިއާއި ތިމަންގެ ދަރިފުޅު ކަލޭގެފާނަށް އެހީތެރިވެ ނަޞްރުދިނުމަށްޓަކައި ވަޤުފްވެގެންވެއެވެ.]
ދެންފަހެ ކުފުރާ އިލްޙާދުގެ އަލިފާންގަނޑު ރޯވެ ހުޅުފަޅައިގެން ގޮސް، މުރުތައްދުވެ އިސްލާމްދީނުން ބޭރުވެގަތް މީހުންނާ ދެކޮޅަށް ހަނގުރާމަ ފެށުނު ހިނދު، މުސައިލަމަތުލް ކައްޛާބާއި ދެކޮޅަށް ހަނގުރާމައަށް ނުކުތް އިސްލާމީ ލަޝްކަރުގެ އެންމެ ކުރީސަފުގައި ޠުފައިލް ބުން ޢަމްރުއް ދަޥްސީ ރަޟިޔަﷲ ޢަންހު ހުންނެވިއެވެ. އޭރު އެކަލޭގެފާނުގެ އަރިހުގައި އެކަލޭގެފާނުގެ ދަރިކަލުން ޢަމްރު ވެސް ހުންނެވިއެވެ. 

އިސްލާމީ ލަޝްކަރު ޔަމާމާ އާއި ދިމާއަށް ދަތުރުކުރަމުން ދިޔަ މަގުމަތީގައި އެއްރެއަކު އެކަލޭގެފާނަށް ހުވަފެނެއް ފެނިވަޑައިގަތެވެ. ފަތިހު ތެދުވެވަޑައިގެން އެކުވެރީންނަށް ވިދާޅުވިއެވެ. [ރޭގައި އަހުރެންނަށް ހުވަފެނެއް ފެނިއްޖެއެވެ. އެހުވަފެނުގެ ތަޢުބީރު އޮޅުންފިލުވަން އަހަރެން ބޭނުމެވެ.]
އެކުވެރީން ދެންނެވިއެވެ. [ކަލޭގެފާނަށް ހުވަފެނުގައި ފެނުނީ ކޮންއެއްޗެއްތޯއެވެ؟]
ވިދާޅުވިއެވެ. [އަހަރެންނަށް ހުވަފެނުގައި ފެނުނީ އަހަރެންގެ ބޯ ބޭލޭތަނެވެ. އަދި ދޫންޏެއް އަހަރެންގެ އަގައިން ނުކުމެ، އުދުހިގެން ދިޔަ ތަނެވެ. އަދި އަންހެނަކު އޭނާގެ ބަނޑު ތެރެއަށް އަހަރެން ލީތަނެވެ. އަދި އަހަރެންގެ ދަރި ޢަމްރު ވެސް އަހަރެންގެ ފަހަތުން ވަރަށް ބާރަށް ދުވަމުން އަންނަ މަންޒަރު އަހަރެންނަށް ފެނުނެވެ. އެކަމަކު އަހަރެންނާ، އޭނާ އާއި ދެމެދަށް ކޮންމެވެސް އެއްޗެއް ހުރަސްއަޅައެވެ.]
ހުރިހާ އެކުވެރީން ދެންނެވިއެވެ. [ތިޔައީ ރަގަޅު ހުވަފެނެކެވެ.]
އެކަލޭގެފާނު ވިދާޅުވިއެވެ. [ﷲ ގަންދީ ބުނަމެވެ! އަހަރެން މި ހުވަފެނުގެ ތަޢުބީރެއް ކޮށްފީމެވެ. ބޯ ބޭލުމުގެ މުރާދަކީ އަހަރެންގެ ބޯ ބުރިކޮށްލެވޭނެއެވެ. އަހަރެންގެ އަގައިން ނުކުމެ، އުދުހިގެން ދިޔަ ދޫނީގެ މާނައަކީ އަހަރެންގެ ފުރާނަ ހަށިގަނޑުން ނުކުމެގެން ދާނެއެވެ. އަދި އެމީހެއްގެ ބަނޑުގައި ތިމަން ފޮރުވި އަންހެނަކީ ބިމެވެ. އެތާނގައި ވަޅެއް ކޮނެވި އެވަޅުގައި އަހަރެން ވަޅުލެވޭނެއެވެ. އަހަރެންގެ އުއްމީދަކީ މިހަނގުރާމައިގައި ޝަހީދެއްގެ ދަރަޖަ އަހަރެންނަށް މިންވަރުކޮށްދެއްވުމެވެ. ދެންއޮތީ އަހަރެންގެ ދަރިފުޅު އަހަރެންގެ ފަހަތުން ދުވެފައި އައުމެވެ. އޭގެ މުރާދަކީ އޭނާވެސް އަހަރެން ފަދައިން ޝަހީދުވުމަށް އެދިއެދި ހުންނާނެއެވެ. އެކަންތައް އަހުރެންނަށް ޙާޞިލްވާނެއެވެ. ނަމަވެސް އޭނާއަށް އެކަންތައް ޙާޞިލްވާނީ އަހަރެންނަށް ފަހުގައި ﷲ ތަޢާލާ މިންވަރުކުރެއްވި ދުވަހަކުންނެވެ.]
ޔަމާމާގެ ހަނގުރާމައިގައި ޤަދަރު އުފުލިގެންވާ ޞަޙާބީ ޠުފައިލް ބިން ޢަމްރުއް ދައުސީ ރަޟިޔަﷲ ޢަންހު ނުހަނު ވަރުގަދަ ހިތްވަރަކާއި ފަންވަރެއް ދެއްކެވިއެވެ. ހަނގުރާމަ ކުރައްވަމުން ތަފާތު އުނދަގޫތައް އުފުއްލަވަމުން ވަޑައިގެން އެންމެފަހުން ޝަހީދުވެވަޑައިގެން ބިންމައްޗަށް ވެއްޓިވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ދަރިކަލުން ޢަމްރޫ ވެސް މެދުކެނޑުމެއްނެތި ދުޝްމަނުންނާއި ހަނގުރާމަކުރައްވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ މުޅި ހަށިގަނޑުގައި ވަނީ ފުން ޒަޚަމްތަކެވެ. އަދި އެކަލޭގެފާނު މަދީނާއަށް އެނބުރި ވަޑައިގަތީ އެކަލޭގެފާނުގެ ބައްޕާފުޅާއި އެކަލޭގެފާނުގެ ބުރިވެފައިވާ އަތްޕުޅު ޔަމާމާގެ ބިމަށް ދޫކުރައްވައިފައެވެ .

ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގެ ދުވަސްވަރު، އެއްފަހަރަކު ޠުފައިލްގެ ދަރިކަލުން ޢަމްރު ރަޟިޔަﷲ ޢަންހު، ޚަލީފާގެ އަރިހަށް އެކަލޭގެފާނާއި ބައްދަލުކޮށްލެއްވުމަށްޓަކައި ވަޑައިގެންނެވިއެވެ. އެވަގުތު ޢުމަރުގެފާނުގެ އަރިހުގައި އިތުރު އެހެން މީހުންވެސް ތިއްބެވެ. އަމީރުލް މުއުމިނީން އެހުރިހާ މީހުންނަށް ކެއުމުގައި ބައިވެރިވުމަށް ދަޢުވަތުދެއްވައި ސުފުރާ ފަތުރައިލެއްވިއެވެ. ނަމަވެސް ޢަމްރޫ ބިން ޠުފައިލް ފަހަތަށް ޖެހިވަޑައިގެން އެއްފަރާތެއްގައި އިންނެވިއެވެ. ޢުމަރު ރަޟިޔަﷲ ޢަންހު ސުވާލުކުރެއްވިއެވެ. [ކަލޭގެފާނު ކެއުމުގައި ބައިވެރިވެވަޑައިނުގެންނަވަނީ ކީއްވެތޯއެވެ؟ އަނެއްކާ ކަލޭގެފާނުގެ ބުރިވެފައިވާ އަތްޕުޅުގެ ސަބަބުން ލަދުވެތިވެ ވަޑައިގަންނަވަނީތޯއެވެ؟]
ޢަމްރު ޖަވާބުދެއްވިއެވެ. [އަމީރުލް މުއުމިނީން ތިޔަ ވިދާޅުވީ ރަގަޅަށެވެ.]
ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. [ﷲ ގަންދީ ބުނަމެވެ! ކަލޭގެފާނުގެ ތިޔަ ބުރިވެފައިވާ އަތްޕުޅު ކާތަށީގެ ތެރެއަށް ނުލައްވާހައި ހިނދަކު ތިމަން ކާއެއްޗެއްގައި އަތްނުލާހުށީމެވެ. ﷲ ގަންދީބުނަމެވެ! މިބައިމީހުންގެ ތެރެއިން ކަލޭގެފާނު ފިޔަވައި އެހެން އެއްވެސް މީހަކަށް އޭނާއަށްވުރެ ކުރީން އޭނާގެ ހަށިގަނޑުގެ ބައެއް ސުވަރުގެއަށް ދިޔުމުގެ ޝަރަފު ލިބިފައެއްނުވެއެވެ.] (ޔަޢުނީ- އެކަލޭގެފާނުގެ ބުރިވެފައިވާ އަތްޕުޅު އެކަލޭގެފާނަށްވުރެ ކުރީން ސުވަރުގެއަށް ވާޞިލުވެއްޖެއެވެ.)
ޢަމްރު ބިން ޠުފައިލް، އެކަލޭގެފާނުގެ ބައްޕާފުޅާއި ވަކިވެވަޑައިގަތް ވަގުތާ ހަމައިން ޝަހީދުވުމުގެ ހުވަފެންފުޅު ދެކެވަޑައިގަންނަވަމުން ގެންދެވިއެވެ. އެންމެ ފަހުން ޔަރުމޫކް ހަނގުރާމަ އެކަލޭގެފާނުގެ އެހުވަފެންފުޅު ފުރިހަމަކޮށްދިނެވެ. އެހެނިހެން މުޖާހިދުންނާއެކު ޖިހާދުގެ މައިދާނަށް އެކަލޭގެފާނު ފައިބައިވަޑައިގެންނެވިއެވެ. އަދި ދުޝްމަނުންނާ ހަނގުރާމަކުރައްވަމުން ވަޑައިގެން އެކަލޭގެފާނުގެ ބައްޕާފުޅު އުއްމީދުކުރެއްވި ފަދައިން ޝަހީދުވެވަޑައިގެންނެވިއެވެ .

ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތާއި ފުއްސެވުން ޠުފައިލް ބުނު ޢަމްރުއްދައުސީގެ މައްޗަށް ލައްވާށިއެވެ! އެކަލޭގެފާނު ﷲ ގެ މަގުގައި ޝަހީދުވެވަޑައިގެންނެވިއެވެ. އަދި ޝަހީދެއްގެ ބައްޕައެއްކަމުއި ވުމުގެ ޝަރަފުވެސް އެކަލޭގެފާނަށް ލިބިވަޑައިގެންނެވިއެވެ. (ނިމުނީ)
(مراجع:  الإصابة في تميز الصحابة ، الإستيعاب لإبن عبد البرّ (طبع حيدر آباد) ، أسد الغابة ،  صفة الصفوة ، سير إعلام النبلاء ، مختصر تاريخ دمشق ،  شهداۓ إسلام ، سيرت بطل لمحمد زيدان )
___________________________________
މަޞްދަރު: ޙަޔާތެ ޞަޙާބާ ކޭ ދަރަޚްޝާން ޕެހްލޫ / ޝެއިޚް މަޙްމޫދު އަޙުމަދު ޣަޟަންފަރު، ރަޙިމަހުﷲ
ތަރުޖަމާ: އިނާޒް ޢަދުނާން

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު