ޠުފައިލް ބުނު ޢަމްރަކީ ޖާހިލިއްޔަ ޒަމާނުގައި ދައުސް ވަންހައިގެ ޢިއްޒަތްތެރި ޝަރަފުވެރި ސަރުދާރުންގެ ތެރެއިން އަރައި ހުންނެވި ސަރުދާރެކެވެ. އަދި އެކަލޭގެފާނު ހިމެނިވަޑައިގަންނަވަނީ ޢަރަބީންގެ ހިތްވަރުގަދަ ކެރޭ ފަހުލަވާނުންގެ ތެރެއިންނެވެ. އަދި އެކަލޭގެފާނަކީ ބޭނުމެއް ޖެހިގެން އައި އެއްވެސް މީހަކަށް އެކަލޭގެފާނުގެ ގޭގެ ދޮރު ފަހަރެއްގައިވެސް ބަންދު ކުރައްވާފައި ނުވާ ދީލަތި ހިތްޕުޅު ތަނަވަސް ބޭކަލެކެވެ. ބަނޑުހައިވެފައިވާ މީހާއަށް ކާންދެއްވައެވެ. ބިރުގެންފައިވާ މީހާއަށް ތަސައްލީ ދެއްވައެވެ. ރައްކާތެރިކަމަށް އެދިގެން އަންނަ މީހާއަށް އެކަލޭގެފާނުގެ ގެއިން ރައްކާތެރިކަން ދެއްވައެވެ. މި ހުރިހައި ކަމަކާއެކު އެކަލޭގެފާނަކީ ވަރަށް ވިސްނުން ތޫނު ބުއްދިވެރި އަދީބެއް ވެސް މެއެވެ. އެކަލޭގެފާނަށް ލިބިފައިވަނީ ނުހަނު ޙައްސާސް ހިތްޕުޅެކެވެ. އެކަލޭގެފާނުގެ ޝުޢޫރުތައް ނުހަނު ސާފު ޠާހިރެވެ. ވާހަކަ ދެއްކުމުގެ އުކުޅުތައް ދެނެވަޑައިގަންނަވައެވެ. އެކަލޭގެފާނު ދައްކަވާ ވާހަކަފުޅުގައި ޖާދޫގެ އަސަރު އެކުލެވިގެންވާ ކަހަލައެވެ.

ޠުފައިލް، ތިހާމާގައި ހުރި އެކަލޭގެފާނުގެ ގެދޮރު ދޫކުރައްވައި މާތްވެގެންވާ މައްކަތުލް މުކައްރަމާ އަށް މިޞްރާބު ޖެއްސެވިއެވެ. އެވަގުތަކީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ޤުރައިޝް ވަންހައިގެ މުޝްރިކުންނާއި ދެމެދު އީމާނާއި ކުފުރުގެ ހަނގުރާމަ ހިނގަމުން ދިޔަ ދުވަސްވަރެވެ. ކޮންމެ ބައެއްގެ ވެސް ބޭނުމަކީ އެބައެއްގެ ކޮޅަށް ވީހައި ގިނަ ބަޔަކު ޖަމާކުރުމެވެ. އަދި ހަނގުރާމަ ކާމިޔާބު ކުރުމަށްޓަކައި ވީހައި ގިނަ ބައެއްގެ އެހީތެރިކަމާއި މަދަދު ޙާޞިލްކުރުމެވެ.
މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެކަލޭގެފާނުގެ ވެރި ރަސްކަލާނގެ މަގަށް ގޮވައިލައްވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ އަޞްލު ހަތިޔާރަކީ އީމާންކަމުގެ ސާބިތުކަމާއި ޙައްޤު ދީނުގެ މައްޗަށް އޮތް ޔަޤީންކަމެވެ. އެއާ ޚިލާފަށް މައްކާގެ މުޝްރިކުން މަސައްކަތް ކުރަމުން ގެންދިޔައީ އެކަލޭގެފާނުގެ ދަޢުވަތު ފޮހެލުމަށެވެ. އަދި އެކަމަށްޓަކައި ކޮންމެ ޙީލަތެއްވެސް ބޭނުން ކުރުމަށެވެ. މިވަރަކުން ނިމުނީއެއް ނޫނެވެ. އަދި ކިއެއްތަ! އެކަލޭގެފާނާއި ބައްދަލުކުރުމަށް މީސްތަކުނަށް ހުރަސް އަޅަމުންވެސް ގެންދިޔައެވެ. މައްކާ އަށް ވަޑައިގެންނެވުމުން ޠުފައިލު ބިން ޢަމްރަށް އިޙްސާސްވެވަޑައިގަތީ އެއްވެސް ތައްޔާރުވުމަކާއި ނުލައި ނޭގި ހުރެ މި ހަނގުރާމައިގައި އެކަލޭގެފާނަށް ބައިވެރިވެ ވަޑައިގެންނެވެނީހެންނެވެ. އަދި އެކަލޭގެފާނުގެ ހިތާއި ދެކޮޅަށް ވެސް ކުފުރާއި އިސްލާމްގެ މަޢުރިކާގެ ތެރެއަށް ވެއްޓިވަޑައިގަންނަވާހެންނެވެ.
އެކަލޭގެފާނު މައްކާ އަށް ވަޑައިގެންނެވީ އެ މަޤުޞަދެއްގައެއް ނޫނެވެ. އަދި محمد صلي الله عليه وسلم އާއި ޤުރައިޝުންގެ ދެބަސްވުމުގެ ޚިޔާލުވެސް އެކަލޭގެފާނުގެ ހިތްޕުޅަށް އަރައިފައެއް ނުވެއެވެ. އެހެންކަމުން ޠުފައިލު ބިން ޢަމްރުއްދައުސީ އާއި ހަނދާނުން ފޮހެލަން ދަތި ހާދިޘާއެއް ކުރިމަތިވެއެވެ. އެ ޙާދިޘާ އެކަލޭގެފާނުގެ ދޫފުޅުން އަޑުއަހައިލަމާތޯއެވެ؟
طفيل بن عمرو رضي الله عنه ރިވާ ކުރައްވައެވެ. އަހަރެންނަށް މައްކާ އަށް ވަދެވުމާއެކު ޤުރައިޝުންގެ ސަރުދާރުންތައް އައިސް އަހަރެން ވަށައިލިއެވެ. އަދި ވަރަށް ހޫނު މަރުޙަބާއެއް ކިޔައި ނުހަނު ޢިއްޒަތާ އެކު އަހަރެންނާ އިސްތިޤުބާލު ކުރިއެވެ. ދެން މައްކާގެ ހުރިހާ ސަރުދާރުންނާއި ޢިއްޒަތްތެރީން އެއްތަނަކަށް ޖަމާވިއެވެ. އަދި އެމީހުންގެ ކައިރިއަށް އަހަރެން ގެންދިޔުމަށް ފަހު ބުންޏެވެ. [ޠުފައިލެވެ! ތިބާ މިތަނަށް ވަޑައިގެންފީމުއެވެ. މިތާނގައި އޭނާ އަމިއްލައަށް ނަބީކަމަށް ދަޢުވާކޮށްގެން އުޅޭ މީހަކު އެބަ އުޅެއެވެ. އޭނާ، އަހަރަމެންގެ ޚިޔާލުތައް ވިއްސިވިހާލި ކޮށްލައިފިއެވެ. އަހަރަމެންގެ މެދުގައި ދެކޮޅުވެރިކަން އުފައްދައިފިއެވެ. އަދި އަހަރަމެން ބައިބައި ކޮށްލައިފިއެވެ. އަހަރަމެން ބިރުގަންނަނީ ފަހަރެއްގައި މިމުޞީބާތް ތިބާގެ ޤައުމުގެ މައްޗަށް ވެސް އަތުވެދާނެތީއެވެ. އަހަރަމެންގެ އިޚުލާޞްތެރި އެދުމަކީ ތިބާ އޭނާ އާއި ބައްދަލުނުކުރެއްވުމެވެ. އޭނާ އާއި ވާހަކަނުދެއްކެވުމެވެ. އަދި އޭނާގެ ވާހަކަ އަޑުވެސް ނުއެއްސެވުމެވެ. އެހެނީ އޭނާގެ ވާހަކައިގައި ޖާދޫގެ އަސަރުވެއެވެ. އޭނާގެ ވާހަކައިގެ ސަބަބުން ބައްޕަ އާއި ދަރީން، އަޚުންނާއި އަޚުން އަދި އަނބީންނާއި ފިރީން ވަކިވެދެއެވެ.]
ޠުފައިލް ވިދާޅުވެފައިވެއެވެ. [ﷲ ގަންދީ ބުނަމެވެ! އެބައިމީހުން މެދުކެނޑުމެއް ނެތި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ބޭހޭގޮތުން އާދަޔާއި ޚިލާފު ޢަޖައިބު އެތައް ވާހަކަތަކެއް އަހުރެންނަށް ކިޔައިދީ އަހުރެން ބިރުގަންނަވަމުން ގެންދިޔައެވެ. އެންމެފަހުން އެކަލޭގެފާނު ފެންނަ ހިސާބަށް ނުދިޔުމަށާއި އެކަލޭގެފާނާއި ވާހަކަ ނުދެއްކުމަށާއި އެކަލޭގެފާނުގެ ވާހަކަފުޅު އަޑުނޭހުމަށް އަހަރެން ވަރަށް ވަރުގަދަޔަށް އަޒުމް ކަނޑައެޅީމެވެ.] (ނުނިމޭ)
___________________________________________________________–
ތަރުޖަމާ: އިނާޒް ޢަދުނާން
މަޞްދަރު: ހަޔާތެ ޞަޙާބާ  / މަޙްމޫދު އަޙްމަދު ޣަޟަންފަރު

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު