ދެން އެތަނުން އަހުރެންގެ ޤައުމަށް ދަތުރު ފެށީމެވެ. ދަތުރުކުރަމުން އައިސް ރަށުގެ ގެތަކާއި ފާރުތައް ފެންނަ ހިސާބަށް އާދެވުނުތަނާ ކުއްލިއަކަށް އަހަރެންގެ ނިތްކުރީން ބައްތިއެއް ފަދައިން ގަދަ އަލިކަމެއް ފާޅުވެއްޖެއެވެ. އަހުރެން ﷲ އަށް ދެންނެވީމެވެ. [އިލާހީ! މި އަލިކަން މިއަޅާގެ މޫނު ފިޔަވައި އެހެން ތަނެއްގައި ލައްވައިފާނދޭވެ! އެހެންނޫނީ ޤައުމުގެ މީހުންނަށް މިއަޅާގެ މޫނު ފެންނުމުން ”ތިޔައީ ކާބަފައިންގެ ދީން ދޫކޮލުމުގެ ސަޒާއޭ! އަލިކަމެއް ނޫނޭ!“ ބުނެފާނެއެވެ.] އަހަރެން މިހެން ދުޢާކުރުމާއެކު އެއަލިކަން އަހަރެންގެ ނިތްކުރިން އަަހަރެންގެ ލޮންސީގެ ކޮޅަށް ބަދަލުވެއްޖެއެވެ. ލޮންސީގެ ކޮޅުގައި ބައްތިއެއް ދިއްލާފައިވާހެން ހީވާކަހަލައެވެ. ދެން ފަރުބަދަ މަތީން ފައިބައިގެން އަހަރެންގެ ޤައުމުގެ ކައިރިއަށް އައުމުން އެންމެ ފުރަތަމަވެސް އަހަރެންނާ ބައްދަލުކުރުމަށް އައީ އަހުރެންގެ މުސްކުޅި ބައްޕައެވެ. އަހުރެން ބައްޕައަށް ދެންނެވީމެވެ. [ލޯބިވާ ބައްޕާއެވެ! އަޅުގަނޑާ ދުރުގައި ހުންނަވާށެވެ! އަޅުގަނޑުމެން ދެމީހުންގެ މެދުގައި މިހާރު އެއްވެސް ތިމާގެ ކަމެއް ނުވެއެވެ.]

ބައްޕަ ހިތާމައިން ހުންނަވައި ސުވާލުކުރެއްވިއެވެ. [ލޯބިވާ ދަރިފުޅާއެވެ! އެއީ ކީއްވެގެން ހެއްޔެވެ؟]
އަހަރެން ބުނީމެވެ. [އަޅުގަނޑު، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދީން ޤަބޫލުކޮށް އިސްލާމް ވެއްޖައީމެވެ.]
ބައްޕަ ވިދާޅުވިއެވެ. [ދަރިފުޅާއެވެ! އެކަމުން ވާނީ ކީއްހެއްޔެވެ؟ ބައްޕަވެސް ދަރިފުޅުގެ ދީން ޤަބޫލުކޮށްފާނަމެވެ.]
އަހުރެން ބުނީމެވެ. [އެންމެ ރަގަޅެވެ. އެހެންކަމަށްވާނަމަ  ހިނައި ޠޯހިރުވެލެއްވުމަށްފަހު ސާފު ހެއްދުމެއް ލައްވައިގެން އަޅުގަނޑުގެ ކައިރިއަށް ވަޑައިގަންނަވާށެވެ. އޭރުން އަޅުގަނޑު ޙާޞިލްކޮށްފައިވާ ޢިލްމު ބައްޕައަށް އުގަންނައިދޭހުށީމެވެ.]
ބައްޕަ، އަހަރެންގެ ބަސް ޤަބޫލުކުރައްވައި ހިނައި ޠާހިރުވެ އިސްލާމްވުމަށް ތައްޔާރުވެލެއްވިއެވެ. ދެން އިސްލާމްދީނުގެ ސާފުސީދާ ޢާޤީދާ އަހަރެން، ބައްޕައަށް ކިޔައިދިނުމުން ހަމަ ވަގުތުން ބައްޕަ އިސްލާމްވެއްޖެއެވެ.]
އެއަށްފަހު އަހަރެންގެ ކައިރިއަށް އައީ އަހަރެންގެ އަންހެނުންނެވެ. އަހަރެން، އޭނާއަށް ބުނީމެވެ. [އަހަރެންނާއި ދުރުގައި ހުރިއްޔާ ވަރަށް ރަގަޅެވެ.]
އޭނާ ސިހިގެން ގޮސް ސުވާލުކުރިއެވެ. [އަހަރެންގެ މަންމަ އާއި ބައްޕަ ތިބާގެ މައްޗަށް ޤުރުބާނެވެ! އެއީ ކީއްވެތޯއެވެ؟]
އަހަރެން ބުނީމެވެ. [އަހަރަމެން ދެމީހުންގެ ދެމެދަށް ޢަޤީދާގެ ފާރު ހުރަސްއަޅައިފިއެވެ. އަހުރެން، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވެ އިސްލާމްދީން ޤަބޫލުކޮށްފީމެވެ.]
ޖަވާބުގައި އަހުރެންގެ އަންހެނުން ބުންޏެވެ. [އެކަމުން ވާނީ ކިއްހެއްޔެވެ؟ އަހަރެންވެސް ތިބާ ޚިޔާރުކުރި ދީން ޚިޔާރުކޮށްފާނަމެވެ.]
އަހަރެން ބުނީމެވެ. [އެހެންކަމަށްވާ ނަމަ ތިބާ ގޮސް، ذو الشری  ގެ ފެނުން ފެންވަރައިގެން އަންނާށެވެ. (ذوالشرى އަކީ ދައުސް ވަންހައިގެ މަޝްހޫރު ބުދެއްގެ ނަމެވެ. ފަރުބަދަ މަތީން ފައިބައިގެން އަންނަ ފެން އެތާނގެ ކައިރީގައިވާ ވަޅުގަނޑަކަށް ޖަމާވެއެވެ.)
އޭނާ ބުންޏެވެ. [ذو الشرى ދެކެ ތިބާ ބިރެއްނުގަނޭތޯއެވެ؟]
އަހަރެން ބުނީމެވެ. [އާނއެކެވެ! އެއްގޮތަކަށްވެސް ބިރެއްނުގަނެއެވެ. ތިބާ އާއި ذو الشرى ގެ މައްޗަށް ހަލާކުހުއްޓެވެ. ދާށެވެ! ގޮސް މީސްތަކުންނަށް ނިވާވެގެންހުރެ އެތަނުން ފެންވަރާށެވެ. އެބީރު، ކަނު، މަންމަން ހިލަގަނޑަކަށް ތިބާއަށް އެއްވެސް ގެއްލުމެއް ނުދެވޭނެކަމުގެ ޔަޤީންކަން އަހުރެން ތިބާއަށް ދެމެވެ.]
މިހިތްވަރުގެ ބަސްތައް އިވުމުން އޭނާ ގޮސް ފެންވަރައިގެން އަތުވެއްޖެއެވެ. ދެން އަހަރެން އިސްލާމް ދީނުގެ ސާދާ އަސަރުން ފުރިގެންވާ ދަޢުވަތު އޭނާއަށް ހުށައެޅީމެވެ. އަދި އޭނާ އުފަލާއި އެކު އެދަޢުވަތު ޤަބޫލުކޮށް އިސްލާމްވެއްޖެއެވެ.
ދެން އަހަރެން ކުރިމަތިލީ އަހަރެންގެ ޤަބީލާ، ދައުސް ވަންހައިގެ މީހުންނާއެވެ. އެބައިމީހުންނަށް ވެސް އިސްލާމްދީނުގެ ދަޢުވަތު އެއްވެސް ޖެހިލުމެއްނެތި އަހަރެން ދިނީމެވެ. ނަމަވެސް އެ ހުރިހާ އެންމެންވެސް އިސްލާމްދީން ޤަބޫލުކުރުމަށް ފަސްޖެހުނެވެ. އަބޫ ހުރައިރާ (ރަޟިޔަﷲ ޢަންހު) ފިޔަވައެވެ. އެމީހެއްގެ ހިތުގެ އެންމެ ފުންމިނުން އިސްލާމް ދީނުގެ ދަޢުވަތު އެއްވެސް ފަސްޖެހުމެއް ނެތި ބަލައިގަތް ދުރުވިސްނޭ މީހަކަށް އެމީހުންގެ ތެރޭގައި ހުންނެވީ ހަމައެކަނި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު އެވެ. 


ޠުފައިލް ރަޟިޔަﷲ ޢަންހު، ބަޔާން ކުރައްވާފައިވެއެވެ. އޭގެ ދުވަސްތަކެއްފަހުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ބައްދަލުކުރުމަށްޓަކައި އަހަރެން މައްކާއަށް ދިޔައީމެވެ. އަހަރެންނާއި އެކު އަބޫ ހުރައިރާ ވެސް ހުންނެވިއެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް، އަހަރެންނާ ސުވާލުކުރެއްވިއެވެ. [ޠުފައިލެވެ! ތިބާގެ ޤައުމުގެ ޙާލަތު ކިހިނެތްތޯއެވެ؟]

އަހަރެން ދެންނެވީމެވެ. [ﷲ ގެ ރަސޫލާއެވެ! މީސްތަކުންގެ ހިތްތަށް ވަނީ ބަންދުވެފައެވެ. ކާފަރުކަން ވަނީ ގަދަފަދަކަން އިޚްތިޔާރުކޮށްފައެވެ. އަދި ޚާއްޞަގޮތެއްގައި ފާޖިރު، ފާޙިޝް ޢަމަލުތަކާއި މުންކަރާތްތައް ދައުސް ވަންހައިގެ މީހުންގެ މެދުގައި ވަނީ ޢާއްމުވެ ވަކިހިއްޕައިލާފައެވެ.]
މިޖަވާބު އިވިވަޑައިގަތުމާއެކު މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ތެދުވެވަޑައިގެން ވުޟޫކުރެއްވިއެވެ. އަދި ދެރަކުޢަތް ނަމާދެއް ކުރެއްވުމަށްފަހު ދުޢާކުރެއްވުމަށްޓަކައި ދެއަތްޕުޅު މައްޗަށް އުފުއްލަވައިލެއްވިއެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. އަހަރެންނަށް މިމަންޒަރު ފެނުމުން އެކަލޭގެފާނު ފަހަރެއްގައި އަހަރެންގެ ޤައުމުގެ މައްޗަށް ބަދުދުޢާ ކުރައްވައި، އެކަމުގެ ސަބަބުން ﷲ ތަޢާލާ ، އެބައިމީހުން ހަލާކު ކުރައްވައިފާނެތީ އަހަރެންގެ ހިތުތެރޭގައި ބިރުވެރިކަން އުފެދިގެން ދިޔައެވެ. އަހަރެންނަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. [އަހަރެންގެ ޤައުމާ މެދު ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!] އެހެންނަމަވެސް ދެޢާލަމަށް ރަޙުމަތެއްކަމުގައި ކައުކުރެއްވުނު މާތް ނަބިއްޔާާ ޙަދީޘްކުރެއްވީ މިފަދައިންނެވެ. [އިލާހީ! ދައުސްވަންހައިގެ މީހުންނަށް ތެދުމަގު ދައްކަވާނދޭވެ! އިލާހީ! ދަޥްސުވަންހައިގެ މީހުންނަށް ތެދުމަގު ދައްކަވާނދޭވެ! އިލާހީ! ދަޥްސުވަންހައިގެ މީހުންނަށް ތެދުމަގު ދައްކަވާނދޭވެ!] 
ދެން އެކަލޭގެފާނު، ޠުފައިލް ރަޟިޔަﷲ ޢަންހާއި ދިމާއަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. [ދެން މިހާރު ތިބާ، ތިބާގެ ޤައުމަށް ވަޑައިގަންނަވާށެވެ. އަދި މަޑުމައިތިރިކަމާއި އޯގާތެރިކަމާއެކު އެބައިމީހުންނަށް އިސްލާމްދީނަށް ދަޢުވަތުދެއްވާށެވެ.]
ޠުފައިލް ވިދާޅުވެފައިވެއެވެ. ތިމަން މެދުކެނޑުމެއްނެތި ދައުސް ވަންހައިގެ މީހުންނަށް ދީނަށް ގޮވައިލުންމަތީ ދެމިހުރީމެވެ. އެންމެފަހުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާއަށް ހިޖުރަކުރައްވައިފިއެވެ. އަދި ބަދުރާއި، އުޙުދާއި، ޚަންދަޤު ހަނގުރާމަ ފަދަ ބިރުވެރި ނުރައްކާތެރި ހަނގުރާމަތަކާއި އެކަލޭގެފާނު ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ. އެހާ ހިސާބުން އަހަރެންވެސް މާތް ނަބިއްޔާ ޞައްލާﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް މަދީނާއަށް ހިޖުރަކޮށްފީމެވެ. އެދަތުރުގައި އަހުރެންނާއެކު ދައުސް ވަންހައިގެ ގާތްގަނޑަކަށް އަށްޑިހަ ގޭގެ މީހުން ބައިވެރިވިއެވެ. އެ އެންމެންނަކީވެސް މުސްލިމުންނެވެ. އަދި އެމީހުންގެ އިސްލާމްކަމުގެ ޙާލަތު ނުހަނު ރަގަޅުވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ އަށް އަހަރަމެން ފެނިވަޑައިގަތުމުން ވަރަށް ބޮޑަށް އުފާކުރެއްވިއެވެ. އަދި އެހެނިހެން މުސްލިމުންނާއެކު ޚައިބަރުގެ ޣަނީމާއިން އަހަރަމެންނަށްވެސް ބައި އެޅުއްވިއެވެ. އަހަރަމެން ދެންނެވީމެވެ. [އޭ ﷲ ގެ ރަސޫލާއެވެ! ކޮންމެ ހަނގުރާމައެއްގައިވެސް ލަޝްކަރުގެ ކަނާތްފަރާތުގައި އަޅުގަނޑުމެން ބައިތިއްބަވާށެވެ. އަދި ލަފްޡު ”މަބްރޫރު“ އެއީ އަޅުގަނޑުމެންގެ ޝިޢާރުކަމުގައި ހަމަޖައްސަވައި ދެއްވާށެވެ.] (ނުނިމޭ)

 

____________________________

ތަރުޖަމާ: އިނާޒް ޢަދުނާން
މަޞްދަރު: ހަޔާތެ ޞަޙާބާ  / މަޙްމޫދު އަޙްމަދު ޣަޟަންފަރު

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު