އަޞްލު ލިޔުއްވީ: ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުނު ޢަބްދުﷲ ބުނު ބާޒް (ރަޙިމަހުﷲ)
ތަރުޖަމާ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް
ދެވަނައީ: މަލާއިކަތުންނަށް އީމާންވުން
މަލާއިކަތުންނަށް އީމާންވުން އެކުލެވިގެންވަނީ އިޖްމާލީކޮށާއި ތަފްޞީލުކޮށެވެ. އެބޭކަލުންނަކީ ﷲ ތަޢާލާ، އެކަލާނގެއަށް ކިޔަމަންގަތުމަށްޓަކައި އުފައްދަވާފައިވާ ބައެކެވެ. އެކަލާނގެ އެބޭކަލުން ސިފަކުރައްވާފައިވަނީ އެއީ މާތް އަޅުންތަކެއް ކަމުގައެވެ. އެއިން ބޭކަލަކު ބަސްބުނުމުގައި އެކަލާނގެއަށްވުރެ އިސްނުވާނެއެވެ. އަދި އެބޭކަލުން އަމަލުކުރައްވާނީ އެކަލާނގެ އަމުރުފުޅާއި އެއްގޮތައްކަމުގައި މުސްލިމުން އީމާންވާން ޖެހޭނެއެވެ. يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يَشْفَعُونَ إِلَّا لِمَنِ ارْ‌تَضَىٰ وَهُم مِّنْ خَشْيَتِهِ مُشْفِقُونَy (الأنبياء: 28) މާނައީ: “ އެބޭކަލުން ކުރާކަންތައްތަކާއި ކުރާނޭ އެންމެހާ ކަންތައްތަކެއް އެކަލާނގެ ދެނެވޮޑިގަންނަވައެވެ. އަދި އެބޭކަލުން އެކަލާނގެ ރުއްސަވައިފި އަޅަކާއި މެދުގައި މެނުވީ ޝަފާޢަތްތެރިނުވާނެއެވެ. އަދި އެބޭކަލުން ވަނީ އެކަލާނގެ ޢަޒާބަށް ބިރުވެތިވެގެންނެވެ.“

އެބޭކަލުން ވަރަށް ގިނަ ބައިތަކަށް ބެހިގެންވެއެވެ. އޭގެ ތެރޭގައި ޢަރުޝި އުފުއްލެވުމާ ޙަވާލުވެގެންވާ ބަޔަކުވެއެވެ. އޭގެތެރެއިން ސުވަރުގެ އާއި ނަރަކައިގެ ދޮރުވާނުންވެއެވެ. އަދި އަޅުތަކުންގެ ޢަމަލުތައް ލިއުއްވައި ރައްކައުކުރުމަށް ޙަވާލުކުރެވިފައިވާ ބަޔަކުވެއެވެ. 
ތަފްޞީލުމަގުން އަހަރަމެން އީމާންވާން ޖެހެނީ އެބޭކަލުންކުރެ ﷲ އާއި އެކަލާނގެ ރަސޫލާ އެބޭކަލުންގެ ނަންތައް ބަޔަންކުރައްވާފައިވާ ބޭކަލުންނަށެވެ. އޭގެ ތެރެއިން ޖިބްރީލް އާއި މީކާއީލް އާއި ނަރަކައިގެ ދޮރުވާނު މާލިކް އާއި ތާޅަފިލި ފުންމެވުމާއި ޙަވާލު ކުރެވިފައިވާ މަލާއިކަތާ އިސްރާފީލް އަށް އީމާންވުމެވެ. އެބޭފުޅާ ގެ ވާހަކަ ޞައްޙަ ޙަދީޡް ގައި އައިސްފައިވެއެވެ. އަދި ޞަޙީޙުގައި ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ އަރިހުން ސާބިތުވެފައިވެއެވެ. ހަމަކަށަވަރުން ނަބީ z ޙަދީޘްކުރެއްވިއެވެ. (( خُلِقَتِ الْمَلاَئِكَةُ مِنْ نُوْرٍ ، وَخُلِقَ الْجَانُّ مِنْ مَارِجٍ مِنْ نَارٍ ، وَخُلِقَ آدَمُ مِمَّا وُصِفَ لَكُمْ )) މާނައީ: ”މަލާއިކަތުން އުފެއްދިފައިވަނީ ނޫރުންނެވެ. އަދި ޖިންނީން އުފެއްދިފައިވަނީ އަނގުރު އަލިފާނުންނެވެ. އަދި އާދަމް ޢަލައިހިއްސަލާމް އުފެއްދެވިފައިވަނީ ތިޔަބައިމީހުންނަށް ސިފަ ކޮއްދެވިފައިވާ ގޮތަށެވެ.“ (އެބަހީ މަށިންނެވެ.) މި ޙަދީޘް ނެރުއްވީ މުސްލިމް އެބޭފުޅާގެ ޞަޙީޙުގައެވެ. (ނުނިމޭ)

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު