އަޞްލު ލިޔުއްވީ: ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުނު ޢަބްދުﷲ ބުނު ބާޒް (ރަޙިމަހުﷲ)
ތަރުޖަމާ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް

ހަތަރުވަނައީ: ރަސޫލުންނަށް އީމާންވުން

ރަސޫލުބޭކަލުންނަށް އިމާންވުމުގައިވެސް ޖުމްލަކޮށާއި ތަފްޞީލުކޮށް އީމާންވުމަކީ ވާޖިބެކެވެ. ފަހެ ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ، އެކަލާނގެ އަޅުތަކުންނަށް އުފާވެރިކަމުގެ ޚަބަރުދެއްވުމަށާއި އިންޒާރުދެއްވުމަށާއި ޙައްޤަށް ދަޢުވަތުދެއްވުމަށްޓަކައި ރަސޫލުންނާއި ނަބީން ފޮނުއްވެވި ކަމުގައި އީމާންވާންޖެހެއެވެ. ފަހެ އެބޭކަލުންނަށް އިޖާބަދީފި މީހަކު ނަޞީބުލިބި ކާމިޔަބު ވެއްޖެއެވެ. އަދި އެބޭކަލުންނާއި ދެކޮޅުވެރިވެއްޖެ މީހާ މަލާމާތާއި ހަލާކު ލިބިގަނެފިއެވެ. އަދި އެބޭކަލުންކުރެ އެންމެ ފަހުން ފޮނުވުނު، އެންމެ މަތިވެރި ބޭކަލަކީ އަހަރަމެންގެ ނަބިއްޔާ މުޙައްމަދު ބުނު ޢަބްދުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވަނީ: وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّ‌سُولًا أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ ۖ (النحل: 36) މާނައީ: ”އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކޮންމެ އުއްމަތެއްގައި ރަސޫލަކު ފޮނުއްވީމެވެ. އެއީ ﷲ އަށް އަޅުކަންކުރުމަށާއި ޠާޣޫތާއި (ﷲ މެނުވީ އަޅުކަންކުރެވޭ އެންމެހާފަރާތްތަކާއި) ދުރުހެލިވުމަށްޓަކައެވެ.“

އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. رُّ‌سُلًا مُّبَشِّرِ‌ينَ وَمُنذِرِ‌ينَ لِئَلَّا يَكُونَ لِلنَّاسِ عَلَى اللَّـهِ حُجَّةٌ بَعْدَ الرُّ‌سُلِ ۚ (النحل: 165) މާނައީ: ”އެބޭކަލުން ފޮނުއްވިގެންވަނީ އުފާވެރިކަމުގެ ޚަބަރުދެއްވާ އަދި އިންޒާރުދެއްވާ ރަސޫލުންތަކެއް ކަމުގައެވެ. އެއީ ރަސޫލުންނަށް ފަހުގައި މީސްތަކުންނަށް،ﷲ ގެ މައްޗަށް ޙުއްޖަތެއް ނުވުމަށްޓަކައެވެ.“
އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. مَّا كَانَ مُحَمَّدٌ أَبَا أَحَدٍ مِّن رِّ‌جَالِكُمْ وَلَـٰكِن رَّ‌سُولَ اللَّـهِ وَخَاتَمَ النَّبِيِّينَ ۗ (الأحزاب: 40) މާނައީ: ”މުޙައްމަދު އެއީ ތިޔަބައިމީހުންގެ ފިރިހެނުންކުރެ އެކެއްގެވެސް ބައްޕަކަމުގައި ނުވެއެވެ. އަދި ކިޔެއްތަ! އެއީ ﷲ ގެ ރަސޫލާ އަދި ނަބީކަން ޚަތިމުކުރެއްވި ނަބިއްޔާއެވެ.“
އަދި އެބޭކަލުންކުރެ ﷲ އެބޭކަލުންގެ ނަންފުޅުތައް ބަޔާންކުރައްވާފައިވާ ބެއިކަލުންނާއި އެކަލާނގެ ރަސޫލާގެ އަރިހުން އެބޭކަލުންގެ ނަން ސާބިތުވެފައިވާ ބޭކަލުންނަށް ވަކިވަކިން ތަފްޞީލުގެ މަގުން އަހަރަމެން އީމާންވާންޖެހެއެވެ. އެއީ ނޫޙާއި ހޫދާއި ޞާލިޙާއި އިބްރާހީމް ޢަލައިހިމުއްސަލާމް ފަދަ އެހެންވެސް އެންމެހައި ބޭކަލުންނާއި އަދި މަތިވެރި ޞަލާތާއި އެންމެ ތޯހިރު ސަލާމުލެއްވި އަހަރަމެންގެ ނަބިއްޔާ މުޙައްމަދެވެ. (ނުނިމޭ)

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު