އަޞްލު ލިޔުއްވީ: ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުނު ޢަބްދުﷲ ބުނު ބާޒް (ރަޙިމަހުﷲ)
ތަރުޖަމާ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް
ތިންވަނައީ: ފޮތްތަކަށް އީމާންވުމެވެ.
ޖުމްލަ ގޮތެއްގައި ފޮތްތަކަށް އީމާންވުމަކީ ހަމަކަށަވަރުން ﷲ ޞުބްހާނަހޫ ވަތަޢާލާ، ޙައްޤު ބަޔާންކުރައްވައި، ޙައްޤަށް ދަޢުވަތު ދިނުމަށްޓަކައި އެކަލާނގެ ނަބީންނާއި ރަސޫލުންގެ މައްޗަށް ފޮތް ބާވައިލެއްވި ކަމުގައި އީމާންވުމެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. لَقَدْ أَرْ‌سَلْنَا رُ‌سُلَنَا بِالْبَيِّنَاتِ وَأَنزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ ۖ (الحديد: 25) މާނައީ: ”ހަމަކަށަވަރުން ތިމަން ރަސްކަލާނގެ، ތިމަންރަސްކަލާނގެ ރަސޫލުން ބަޔާންވެގެން ހުރި (ހެކިތަކާއެކު ފޮނުއްވީމެވެ. އަދި އެބޭކަލުންނާ އެކުގައި ފޮތާއި ޢަދުލު އިންޞާފުގެ) ތިލަފަތް ބާވައިލެއްވީމެވެ. އެއީ އިންޞާފާއި އެކުގައި މީސްތަކުން ޤާއިމުވެ ތިބުމަށްޓަކައެވެ.
އަދިވެސް އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. كَانَ النَّاسُ أُمَّةً وَاحِدَةً فَبَعَثَ اللَّـهُ النَّبِيِّينَ مُبَشِّرِ‌ينَ وَمُنذِرِ‌ينَ وَأَنزَلَ مَعَهُمُ الْكِتَابَ بِالْحَقِّ لِيَحْكُمَ بَيْنَ النَّاسِ فِيمَا اخْتَلَفُوا فِيهِ ۚ (البقرة: 213) މާނައީ: ”މީސްތަކުން ވީ އެއް އުންމަތެއް ކަމުގައެވެ. ދެންފަހެ އުފާވެރިކަމުގެ ޚަބަރުދޭ ބަައެއް ކަމުގައްޔާއި، އިންޒާާރުދޭ ބައެއްކަމުގައި ﷲ، ނަބީން ފޮނުއްވިއެވެ. އަދި އެބޭކަލުންނާއި އެކުގައި ޙައްޤާއި އެކު ފޮތް ބާވައިލެއްވިއެވެ. އެއީ މީސްތަކުން ދެބަސްވެފައިވާ ކަންތައްތަކުގައި އެއުރެންގެ މެދުގައި ޙުކުމް ކުރުމަށްޓަކައެވެ.

ތަފްޞިލުގެ މަގުން ފޮތްތަކަށް އީމާންވުމަކީ މާތް ﷲ އެފޮތްތަކުގެ ނަން ކިޔުއްވައި، އަންގަވާފައިވާ ފޮތްތަކަސް އީމާންވުމެވެ. އެފޮތްތަކުގެ ތެރޭގެއި ތައުރާތާއި އިންޖީލާއި ޒަބޫރު އަދި ކީރިތި ޤުރްއާން ހިމެނެއެވެ.
ކީރިތި ޤުރުއާނަކި އޭގެ ތެރެއިން އެންމެ މާތް އަދި ފޮތްތައް ޚަތިމު ކުރެއްވި ފޮތެވެ. އަދި އޭގެ ކުރީގެ ހުރިހައި ފޮތެއްގެ މައްޗަށް ޙުކުމްކުރާ، އަދި އެއީ ޙައްޤު ތެދުކަމުގައި ހެކިދޭ ފޮތެކެވެ. ކީރިތި ޤުރްއާނާއެކު، ރަސޫލާގެ އަރިހުން ޞައްޙަ މަގުން ސާބިތުވެފައިވާ ސުންނަތަށް ތަބާވެ، އޭގައިވާގޮތަށް ޙުކުމް ކުރުމަކީ މުޅި އުންމަތުގެ މައްޗަށް ވާޖިބުވާ ވާޖިބެކެވެ. އެހެނީ ﷲ ޞުބްޙާނަހޫ ވަތަޢާލާ، އެކަލާނގެ ރަސޫލާ މުޙައްމަދު z ރަސޫލެއްކަމުގައި ފޮނުއްވެވީ އެންމެހައި އިންސާނުންނާއި ޖިންނީންގެ ގާތަށެވެ. އަދި އެކަލޭގެފާނުންގެ މައްޗަށް މި ޤުރުއާން ބާވައިލެއްވީ އެބައިމީހުންގެ މެދުގައި އެއާއި އެއްގޮތަށް ޙުކުމް ކުރުމަށްޓަކައެވެ. އަދި އެފޮތް ލައްވާފައިވަނީ ހިތްތަކުގެ ފަރުވާއެއް ކަމުގައްޔާއި، ހުރިހާ ކަމެއް ބަޔާންކޮށްދޭ ފޮތެއް ކަމުގައްޔާއި އަދި މުއުމިނުންނަށް ހުރި ހިދާޔަތަކާއި ރަޙުމަތެއްކަމުގައެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. وَهَـٰذَا كِتَابٌ أَنزَلْنَاهُ مُبَارَ‌كٌ فَاتَّبِعُوهُ وَاتَّقُوا لَعَلَّكُمْ تُرْ‌حَمُونَ (الأنعام: 155)  މާނައީ: ”އަދި މިފޮތަކީ ތިމަން ރަސްކަލާނގެ ބާވައިލެއްވި ބަރަކާތްތެރި ފޮތެކެވެ. ފަހެ ތިޔަބައިމީހުން އެއަށް ތަބާވާށެވެ. އަދި ބިރުވެތިވާށެވެ. ތިޔަބައިމީހުންނަށް ރަޙުމަތް ލެއްވޭތޯއެވެ.
އަދިވެސް ވަޙީކުރައްވާފައި ވެއެވެ. وَنَزَّلْنَا عَلَيْكَ الْكِتَابَ تِبْيَانًا لِّكُلِّ شَيْءٍ وَهُدًى وَرَ‌حْمَةً وَبُشْرَ‌ىٰ لِلْمُسْلِمِينَ (النحل: 89) މާނައީ: “ އަދި ތިމަން ރަސްކަލާނގެ ކަލޭގެފާނުންގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. ހުރިހައި ކަމެއް ބަޔާންކޮށްދޭ ފޮތެއް ކަމުގައްޔާއި، ހިދާޔަތާއި ރަޙުމަތާއި، މުސްލިމުންނަށް އުފާވެރި ޚަބަރުދޭ ފޮތެއް ކަމުގައެވެ.
އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. قُلْ يَا أَيُّهَا النَّاسُ إِنِّي رَ‌سُولُ اللَّـهِ إِلَيْكُمْ جَمِيعًا الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْ‌ضِ ۖ لَا إِلَـٰهَ إِلَّا هُوَ يُحْيِي وَيُمِيتُ ۖ فَآمِنُوا بِاللَّـهِ وَرَ‌سُولِهِ النَّبِيِّ الْأُمِّيِّ الَّذِي يُؤْمِنُ بِاللَّـهِ وَكَلِمَاتِهِ وَاتَّبِعُوهُ لَعَلَّكُمْ تَهْتَدُونَ (الأعراف: 158) މާނައީ: ”ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނީ ތިޔަ އެންމެހައި މީހުންގެ ގާތަށް ފޮނުވިގެންވާ ﷲ ގެ ރަސޫލާއެވެ. އެކަލާނގެއީ އުޑުތަކާއި ބިމުގެ މިލްކުވެރިކަން ލިބިގެންވާ ފަރާތެވެ. އެކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވެއެވެ. އެއީ ދިރުއްވާ، އަދި މަރުގެންނަވާ ރަސްކަލާނގެއެވެ. ފަހެ ތިޔަބައިމީހުން ﷲ އާއި އެކަލާނގެ ރަސޫލާ، އުއްމިއްޔަ ނަބިއްޔާއަށް އީމާންވާށެވެ. އެކަލޭގެފާނީ ﷲ އާއި އެކަލާނގެ ކަލިމަފުޅުތަކަށް އީމާންވާ ނަބިއްޔާއެވެ. ތިޔަބައިމީހުން ތެދުމަގު ލިބުމަށްޓަކައެވެ.“ މިމާނައިގައި ވާ އާޔަތްތައް ވަރަށް ގިނަގުނައެވެ.“ (ނުނިމޭ)

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު