އަޞްލު ލިޔުއްވީ: ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުނު ޢަބްދުﷲ ބުނު ބާޒް (ރަޙިމަހުﷲ)
ތަރުޖަމާ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް
ދެންފަހެ އަހްލުއްސުންނާ ވަލްޖަމާޢަތުގެ އަހުލުވެރިން ދަންނައެވެ. އެބައިމީހުން ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ ފޮތާއި، އެކަލާނގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞައްޙަ ސުންނަތުގައި އެކަލާނގެ ޛާތުފުޅާއި މެދުގައި ސާބިތުކުރައްވާފައިވާ އެންމެހައި ސިފަފުޅެއް، އެއަށް މިސާލުޖެހުމަކާނުލައި ސާބިތުކުރެއެވެ. އަދި އެބައިމީހުން އެކަލާނގެ ސިފަފުޅުތައް ނެތިކުރުމުން ބަރީއަވެ، އެކަލާނގެއާ އެކަލާނގެ ޚަލްޤުތަކުންނާއި ވައްތަރުވުމާއި އެއްގޮތްވުމުން އެކަލާނގެ ހުސްޠާހިރުކުރެއެވެ. ފަހެ އެބައިމީހުން ދެކޮޅުނުޖެހުމުން ސަލާމަތްވެ ކާމިޔާބުވެ، ހުރިހައި ދަލީލަކަށް ޢަމަލުކުރެއެވެ. ﷲ ގެ ރަސޫލުން އެކަަމާއިގެން ފޮނުއްވި ޙައްޤުގޮތުގައި ހިފައި، އެކަމުގައި ތިމާއަށް ލިބިގެންވާ ޢިލްމީ ތަނަވަސްކަން ހޭދަކޮށް، ޙައްޤުހޯދުމުގައި ﷲ އަށް އިޚްލާޞްތެރިވެއްޖެ މީހަކަށް ޙައްޤުމަގަށް ތައުފީޤުދެއްވައި، އޭނާގެ ޙުއްޖަތް ގަދަކުރެއްވުމީ ﷲ ތަޢާލާގެ ސުންނަތެވެ.

އެކަލާނގެ ވަޙިކުރައްވާފައިވެއެވެ. بَلْ نَقْذِفُ بِالْحَقِّ عَلَى الْبَاطِلِ فَيَدْمَغُهُ فَإِذَا هُوَ زَاهِقٌ ۚ (الأنبياء 18)  މާނައީ: “ އަދި ކިއެއްތަ! ތިމަން ރަސްކަލާނގެ ބާޠިލުގެ މައްޗަށް ޙައްޤު ޖައްސަވަމެވެ. ފަހެ ޙައްޤު ބާޠިލުނެތިކޮށްލައެވެ. އެހިނދު އެނެތިގެންދެއެވެ.“
އަދިވެސް ވަޙީކުރައްވާފައިވެއެވެ. وَلَا يَأْتُونَكَ بِمَثَلٍ إِلَّا جِئْنَاكَ بِالْحَقِّ وَأَحْسَنَ تَفْسِيرً‌ا y (الفرقان 33) މާނައީ: “ އަދި އެބައިމީހުން ކަލޭގެފާނުގެ ގާތަށް އެއްވެސް މިސާލަކައިގެން އަތުވެއްޖެނަމަ ތިމަން ﷲ، ޙައްޤުގެންނަވައި އެއަށްވުރެ ފުރިހަމަ ތަފްސީރެއް ބާވައިލައްވަމެވެ.“
 
އަލްޙާފިޡް އިބްނު ކަޘީރް އެބޭފުޅާގެ މަޝްހޫރު ތަފްސީރުގައި إِنَّ رَ‌بَّكُمُ اللَّـهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْ‌ضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْ‌شِ ۖ (يونس 3) މާނައީ: “ ހަމަކަށަވަރުން ތިޔަބައިމީހުންގެ ރައްބަކީ ﷲ އެވެ. އެކަލާނގެއީ އުޑުތަކާ ބިން ހަ ދުވަހުގެ ތެރޭގައި ހެއްދެވި ރަސްކަލާނގެއެވެ. ދެން ޢަރުޝިއަށް އިސްތިވާވެ ވޮޑިގެންނެވިއެވެ.“ ﷲ ގެ މިވަޙީ ބަސްފުޅާމެދުގައި ވާހަކަ ދައްކަވަމުން މިބާބުގައި ވަރަށް ފައިދާހުރި ބަސްކޮޅެއް ޒިކުރު ކުރައްވާފައިވެއެވެ. އޭގެ ފައިދާބޮޑުކަމުން މިތަގައި ނަގުލުކޮށްލުމީ ވަރަށް ރަގަޅުކަމެއްކަމުގައި ދެކެމެވެ. އެބޭފުޅާ ވިދާޅުވެފައިވާ ބަސްފުޅުގެ މާނައަކީ:  ((للناس في هذا المقام مقالات كثيرة جدا ليس هذا موضع بسطها)) މި މަޤާމުގައި މީހުންގެ ވަރަށް ގިނަ ވާހަކަވެއެވެ. މީ އެވާހަކަތައް ތަފްޞީލުކުރުމުގެ މަޤާމެއްނޫނެވެ. ((وانما نسلك في هذا المقام مذهب السلف الصالح)) މިތަނުގައި އަހަރެމެން ހިނގާނީ ސަލަފުއްޞާލިޙީންގެ މަޛުހަބުގައެވެ. އެއީ مالك އާއި الأوزاعي އާއި الثوري އާއި الليث بن سعد އާއި الشافعي އާއި أحمد އާއި إسحاق بن راهويه އާއި ((وغيرهم من أئمة المسلمين قديما وحديثا)) އަދި އެނޫންވެސް މުސްލިމުންގެ ކުރިއާއި ފަހުގެ އިމާމުންގެ ގޮތެވެ. ((وهو إمرارها كما جاءت من غير تكييف ولا تشبيه ولا تعطيل)) އެގޮތަކީ ﷲ ގެ ސިފަތަކުގެ ކައިފިއްޔަތު ބަޔާންނުކޮށް (ފާޑުކިޔުމަކާއި) މަޚްލޫޤުންނާއި ވައްތަރުކުރުމަކާ، ނެތިކުރުމަކާއި ނުލައި އެސިފަތައް އައިސްފައިވާ ގޮތަށް ގެންދިޔުމެވެ. (އެ ޤަބޫލުކުރުމެވެ.) ((والظاهر المتبادر إلى أذهان المشبهين منفي عن الله)) ، ﷲ އާއި އެކަލާނގެ މަޚްލޫޤުންނާއި ވައްތަރުކުރާ މީހުންގެ ވިސްނުމަށް ސިފަފުޅުތަކުގެ ބޭރުފުށުގެ މާނައިން އެންމެ ފުރަތަމަ ވިސްނޭގޮތަކީ އެކަލާނގެ އެކަންކަމުން ހުސްޠާހިރުވެ ވޮޑިގެންވާ ކަންކަމެވެ. ސިފަފުޅުތައް ((فإن الله لا يشبهه شيئ من خلقه)) ، ފަހެ ﷲ ގެ ޚަލްޤުތަކުންކުރެ އެއްވެސް އެއްޗެއް އެކަލާނގެ އާއި ވައްތަރުނުވާ ހުއްޓެވެ. ((وليس كمثله شيئ وهو السميع البصير)) ، އަދި އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއްނުވެއެވެ. އަދި އެކަލާނގެއީ އައްސަވައި ވޮޑިގަންނަވާ، ބައްލަވައި ވޮޑިގަންނަވާ ރަސްކަލާނގެއެވެ. ((بل الأمر كما قال الأئمة منهم نعيم بن حماد الخزاعي شيخ البخاري قال)): އަދި ކިޔެއް! ކަންއޮތީ އިމާމުން ވިދާޅުވެފައިވާ ފަދައިންނެވެ. އޭގެ ތެރޭގައި އިމާމް ބުޚާރީގެ އުސްތާޛު نعيم بن حماد الخزاعي ވިދާޅުވެފައިވެއެވެ. ((من شبه الله بخلقه كفر)) ﷲ ގެ ޚަލްޤަކާއި އެކަލާނގެއާ ވައްތަރުކޮށްފި މީހާ ކާފަރުވެއްޖެއެވެ. ((ومن جحد ما وصف الله به نفسه فقد كفر)) އަދި ﷲ އެކަލާނގެ ނަފްސު ސިފަކުރައްވާފައިވާ ސިފަތަކަށް އިންކާރުކޮށްފި މީހާ ވެސް ހަމަކަށަވަރުން ކާފަރުވެއްޖެއެވެ. ((وليس فيما وصف الله به نفسه ولا رسوله تشبيه)) އަދި ﷲ އާއި އެކަލާނގެ ރަސޫލާ އެކަލާނގެ ނަފްސު ޞިފަ ކުރައްވާފައިވާ ކުރެއްވުމުގައި އެކަލާނގެ އާއި އެކަލާނގެ މަޚްލޫޤުންނާއި އެއްގޮތްވުމެއް ނުވެއެވެ. ((فمن أثبت لله تعالى ما وردت به الايات الصريحة والأخبار الصحيحة على وجه الذي يليق يجلال الله ، ونفي عن الله تعالى النقائص فقد سلك سبيل الهدى)) ފަހެ ޞަރީޙަ އާޔަތްތަކާއި، ޞައްޙަ ޚަބަރުގައި ވާރިދުވެފައިވާ ޞިފަފުޅުތައް ، އެކަލާނގެ ޖަލާލުވަންތަކަމާއި އެކަށީގެންވާ ގޮތަށް ސާބިތުކޮށް، އެކަލާނގެ ޛާތުފުޅުން އެންމެހައި އުނިސިފައެއް ނަފީކޮށް، ދުރުކޮށްފި މީހާ ހަމަކަށަވަރުން ހިދާޔަތުގެ މަގު ހިނގައިފިއެވެ. (ނުނިމޭ)

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު