އަޞްލު ލިޔުއްވީ: ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުނު ޢަބްދުﷲ ބުނު ބާޒް (ރަޙިމަހުﷲ
ތަރުޖަމާ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް

ފަހުގެ މުޝްރިކުން ދަންނައެވެ! ފަހެ އެބައިމީހުން ކުރީގެ މުޝްރިކުންނަށް ވުރެ ޝިރުކުގައި ދެގޮތަކުން އިތުރުކުރިއެވެ. އެއްގޮތަކީ ފަހުގެ ބައެއްމީހުން ރުބޫބިއްޔަތުގައި ޝިރުކުކުރެއެވެ. ދެވަނައީ އެމީހުން ތަނަވަސްކަމާއި، ދަތި ޙާލުގައިވެސް ޝިރުކުކުރެއެވެ. މިބައިމީހުންގެ ގާތުގައި އުޅޭ މީހުންނަށާއި، އެމީހުންގެ ކަންތައް ފެންނަ މީހުންނަށް މިކަން ރަގަޅަށް އެނގޭނެއެވެ. އެގޮތުން މިޞުރުގައިވާ ޙުސައިން ރަޟިޔަﷲ ޢަންހު އާއި، ބަދަވީގެ ޤަބުރާއި، ޢަދަނުގައިވާ ޢައިދަރޫސްގެ ޤަބުރާއި، ޔަމަނުގައިވާ ހާދީގެ ޤަބުރާއި، ޢިރާޤުގައިވާ ޝެއިޚް ޢަބްދުލްޤާދިރު ޖީލާނީގެ ޤަބުރާއި މިނޫންވެސް މަޝްހޫރުކަން ލިބިގެންވާ މީހުންގެ ޤަބުރުތަކުގެ ކައިރީގައި މީސްތަކުން ކުރަމުންދާ ޙައްދުފަހަނައަޅާފައިވާ ޢަމަލުތައް ދެކިއްޖެ މީހަކަށް މިކަންކަން ރަގަޅަށް އެނގޭނެއެވެ. އަދި މިބައިމީހުން ﷲ ޢައްޒަވަޖައްލަ އަށް ޚާއްޞަވެގެންވާ ވަރަށް ގިނަ ޙައްޤުތައް ޤަބުރުތަކަށް އަނބުރާފައިވެއެވެ. އެހެންނަމަވެސް އެބައިމީހުންގެ މައްޗަށް އެކަންތައްތައް އިންކާރުކޮށް މާތް ﷲ އެކަލާނގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެކަލޭގެފާނުގެ ކުރީގެ ރަސޫލުން އެކަންކަމައިގެން ފޮނުއްވި ތައުޙީދުގެ ޙަޤީޤަތް އަންގައިދެނީ މަދު މީހެކެވެ. فإنا لله وإنا إليه راجعون!

އަޅުގަނޑުމެންގެ ދުޢާ އަކީ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ، އެބައިމީހުންނަށް ހެޔޮވިސްނުން ދެއްވައި އެމީހުންގެ ތެރޭގައި ހެޔޮ މަގަށް ގޮވާ މީހުން އިތުރުކުރައްވައި މުސްލިމުންގެ ވެރިންނަށާއި ޢިލްމުވެރިންނަށް މިނުބައި ޝިރުކާއި ހަނގުރާމަކޮށް އެކަންކަން ބިމުން ފޮހެލުމުގެ ތައުފީޤުދެއްވާށިއެވެ! އެކަލާނގެއީ އައްސަވާވޮޑިގެންވާ ގާތުގައި ވޮޑިގެންވާ ރަސްކަލާނގެއެވެ.
އަދިވެސް އަސްމާއު ވައްޞިފާތުގެ ބާބުގައި ޞައްޙަ ޢަޤީދާ އާއި އިދިކޮޅު ޢަޤީދާތަކުގެ ތެރޭގައި ބިދުޢަވެރީން ކުރެ ޖަހުމީންނާއި، މުޢުތަޒިލީންނާއި، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކިބައިން އެކަލާނގެއަށް ޚާއްޞަވެގެންވާ ފުރިހަމަ ސިފަފުޅުތައް ނަފީކޮށް، އިންކާރުކޮށް، ވުޖޫދުގައިނުވާ ތަކެއްޗާއި، ޖަމާދާތާއި، މުސްތަޙީލު ސިފަތަކުން އެކަލާނގެ ސިފަކުރުމުގައި އެބައިމީހުންނާ އެއްގޮތަށް ހިނގާ މީހުންގެ ޢަޤީދާތައް ހިމެނެއެވެ. ﷲ ، އެބައިމީހުންގެ ބަސްތަކުން ހުސްޠާހިރުވެ މަތިވެރިވެވޮޑިގެންވެއެވެ.
އަދި މީގެތެރެއަށް ވަންނަ މީހުންގެ ތެރޭގައި ﷲ ތަޢާލާގެ ބައެއް ސިފަތައް ނަފީކޮށް އަނެއްބައި ސިފަތައް ސާބިތުކުރާ މީހުންވެއެވެ. މިސާލަކަށް އަޝްޢަރީންނެވެ. އެބައިމީހުން ސާބިތުކުރި ސިފަތަކުގެ ސަބަބުން އެބައިމީހުން ނަފީކޮށް އަދި އޭގެ ދަލީލުތައް ތައުވީލުކުރި ސިފަތައް ސާބިތުކުރަން އެބައިމީހުންގެ މައްޗަށް ލާޒިމުކުރެއެވެ. ފަަހެ މިގޮތުން މިބައިމީހުން ސަމްޢީ އަދި ޢަޤުލީ ދަލީލާއި ޚިލާފުވެފައިވެއެވެ. އަދި މި މައްސަލައިގައި ބަޔާންވެގެން ހުރި ދެކޮޅުނުޖެހުމެއްގެ ތެރެއަށް ވަދެފައިވެއެވެ.
ދެންފަހެ އަހްލުއްސުންނަ ވަލްޖަމާޢަތުގެ މީހުން ދަންނައެވެ. ހަމަކަށަވަރުން އެބައިމީހުން ﷲ އާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް، އެކަލާނގެ ޛާތުފުޅަށްޓަކައި ސާބިތުކުރައްވާފައިވާ އެންމެހައި އިސްމުފުޅުތަކާއި ސިފަފުޅެއް އެންމެ ފުރިހަމަ ގޮތުގައި ސާބިތުކުރެއެވެ. އަދި އެކަލާނގެ އާއި އެކަލާނގެ ޚަލްޤުތަކުންނާއި އެއްގޮތްވުމުން އެކަލާނގެ ރަސްކަންފުޅު ޠާހިރުކުރެއެވެ. އެއީ ސިފަފުޅުތައް ނައްތައިލުމުން ބަރީއަވާ ގޮތަށެވެ. މިގޮތުން މިބައިމީހުން އެކަލާނގެ ސިފަފުޅުތައް ބަދަލުކުރުމާއި އިންކާރުކުރުމަކާ ނުލައި، ހުރިހައި ދަލީލުތަކަކަށް ޢަމަލުކުރެއެވެ. އަދި އެހެންމީހުން ވެއްޓިފައިވާ ދެކޮޅުނުޖެހުމުގެ ތެރެއިން މިބައިމީހުން ސަލާމަތްވެގެން ވެއެވެ. ދުނިޔެ އާއި އާޚިރަތުގައި ނަޖާތާއި ނަޞީބު ހުރި މަގަކީ މިއެވެ. އަދި މި އުންމަތުގެ ސަލަފުންނާއި އިމާމުން ހިންގަވާފައިވާ ޞިރާޠުލްމުސްތަޤީމަކީ މިއެވެ. ދެން ފަހެ މި އުންމަތުގެ ކުރީކޮޅު ރަގަޅުވި ގޮތަށް ނޫނީ މި އުންމަތުގެ ފަހުކޮޅު ރަގަޅުނުވާ ހުއްޓެވެ. އެއީ ޤުރުއާނާއި ސުންނަތަށް ތަބާވުމާއި އެ ދެއެއްޗާއި އިދިކޮޅު އެންމެހާ ތަކެއްޗެއް ދޫކޮށްލުމެވެ. (ނިމުނީ) 

وَصَلَّى الله وَسَلَّمَ عَلَى خَيْرِ خَلْقِهِ مُحِمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّيْنِ

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު