އަޞްލު ލިޔުއްވީ: ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުނު ޢަބްދުﷲ ބުނު ބާޒް (ރަޙިމަހުﷲ)
ތަރުޖަމާ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް
އަށް އީމާންވުމުގެ ތެރޭގައި އީމާންކަމަކީ ބަހާއި ޢަމަލުކަމުގައްޔާއި ކިޔަމަންގަތުމާއި ހެޔޮ ޢަމަލުކުރުމުން އީމާންކަން އިތުރުވެ، އުރެދުމާއި ނުބައިކަންތައްތަކުން އީމާންކަން އުނިވާކަމުގައި ކަށަވަރުކޮށް ޔަޤީީންކުރަން ޖެހެއެވެ. އަދި ޝިރުކާއި ކުފުރަށްވުރެ ކުޑަ އުރެދުމަކުން ޒިނޭ އާއި ވައްކަމާއި ރިބާކެއުމާއި މަސްތުވާތަކެތި ބޭނުންކުރުމާއި މައިންބަފައިންނަށް އުރެދުންފަދަ އެހެންވެސް ބޮޑު ފާފައަކުން އެކަން ހުއްދަކަމުގައި ނުދެކޭހާ ހިނދަކު އެއްވެސް މުސްލިމަކު ކާފަރުކޮށް ދީނުން ބޭރުކުރުމަކީ ހުއްދަކަމެއް ނޫންކަމުގައި ޤަބޫލުކޮށް އިޢުތިޤާދުކުރުން ހިމެނެއެވެ. ﷲ ވަޙީކުރައްވާފައި ވަނީ  إِنَّ اللَّـهَ لَا يَغْفِرُ‌ أَن يُشْرَ‌كَ بِهِ وَيَغْفِرُ‌ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ وَمَن يُشْرِ‌كْ بِاللَّـهِ فَقَدْ ضَلَّ ضَلَالًا بَعِيدًا  (النساء 116) މާނައީ: “ ހަމަކަށަވަރުން ﷲ އަށް ޝަރީކުކުރުމުގެ ފާފަ ﷲ ނުފުއްސަވާނެތެވެ. އަދި އެނޫން ކޮންމެ ފާފައެއް އެކަލާނގެ އިރާދަކުރެއްވި މީހަކަށް ފުއްސަވާނެތެވެ.“

ކީރިތި ރަސޫލާ ޞައްލަ ޢަލައިހި ވަސައްލަމަގެ ޙަދީޘުން މުތަވާތިރުކޮށް ސާބިތުވެގެންވެއެވެ. ހަމަކަށަވަރުން އެމީހެއްގެ ހިތުގައި ޚަރުދަލު އޮށެއްގެ މިންވަރު ”ރެވި އޮއްޓަރެއްގެ މިންވަރު“ އީމާންކަން ހުރި މީހާވެސް ﷲ ނަރަކައިން ނެރުއްވައި ސުވަރުގެއަށް ވައްދަވާނެތެވެ.
އަދިވެސް ﷲ އަށް އީމާންވުމުގެ ތެރޭގައި ﷲ އަށް ލޯބިވުމާއި، ﷲ އަށްޓަކައި ރުޅިވެއުޅުމާއި، ﷲ އަށްޓަކައި ގުޅުން ބެހެއްޓުމާއި، ﷲ އަށްޓަކައި ޢަދާވާތްތެރިވުން ހިމެނެއެވެ. ފަހެ އެއް މުއުމިނަކު އަނެއް މުއުމިނަކަށް ލޯބިވެ ގާތްކަން ބަހައްޓައި، ކާފިރުންނަށް ރުޅިއަރައި އަދި އެމީހުނާއި ޢަދާވާތްތެރިވުމެވެ. އެހެންކަމުން މިއުއްމަތުގެ މުއުމިނުންކުރެ އެންމެ އިސްބަޔަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަޞްޙާބުންނެވެ. 
ފަހެ އަހްލުއްސުންނާ ވަލްޖަމާޢަތުގެ މީހުން އެބޭކަލުން ދެކެ ލޯބިވެއެވެ. އަދި އެބައިމީހުންނާއި ގާތްކަން ބަހައްޓައެވެ. އަދި އެބޭކަލުންނީ ނަބީބޭކަލުންނަސް ފަހުގައި އެންމެ މާތް މީހުންކަމުގައި އިޢުތިޤާދު ކުރެއެވެ. އެއީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ބަސްފުޅަށްޓަކައެވެ. (( خَيْرُ الْقُرُوْنِ قَرْنِيْ ثُمَّ الَّذِيْنَ يَلُونَهُمْ ثُمَّ الَّذِيْنَ يَلُونَهُمْ )) މާނައީ: ”އެންމެ ހެޔޮ ޤަރުނަކީ ތިމަން ކަލޭގެފާނުންގެ ޤަރުނެވެ. ދެން އެއާއި ޖެހިގެން އަންނަ މީހުންނެވެ. ދެން އެއާއި ޖެހިގެން އަންނަ މީހުންނެވެ.“ މި ޙަދީޘްގެ ޞައްޙަކަމާއި މެދުގައި އިއްތިފާޤުވެފައި ވެއެވެ.
އަދި އެބޭކަލުންކުރެ އެންމެ މާތް ބޭކަލަކީ އަބޫބަކްރުއްޞައްދީޤު ކަމާއި، އެއަށްފަހު ޢުމަރުލްފާރޫޤް ކަމާއި، ދެން ޢުޘްމާން ޛުއްނޫރައިނި ކަމާއި، ދެން ޢަލީ އަލްމުރްތަޟާ – ރަޟިޔަﷲ ޢަންހުމް އަޖްމަޢީން – ކަމަށް ސުންނަތުގެ އަހުލުވެރިން އިޢުތިޤާދުކުރެއެވެ. ދެން އެބޭކަލުންނަށް ފަހުގައި ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ލިބިފައިވާ ދިހަ ބޭކަލުންނެވެ. ދެން ބާކީ އަޞްޙާބު ބޭކަލުންނެވެ. ހަމަ އެފަދައިން ޞަޙާބީންގެ މެދުގައި ޖެހިފައިވާ ހަމަނުޖެހުންތަކުން އެބައިމީހުންގެ ދޫ ރައްކައު ކުރެއެވެ. އަދި އެކަންކަމުގައި އެބޭކަލުންނީ މުޖްތަހިދުން (ޙައްޤު ހޯދުމަށްޓަކައި މަސައްކަތްކުރެއްވި ބައެއް) ކަމުގައި އެމީހުން އިޢުތިޤާދު ކުރެެއެވެ. އޭގެ ތެރެއިން އިޖްތިހާދުގައި ރަގަޅު (ޙައްޤު ގޮތަށް ފޯރި) ބޭފުޅުންނަށް ދެ އަޖުރު ލިބޭ ހުއްޓެވެ. އަދި އިޖްތިހާދުގައި ކުށްކުރެވުނު ބޭފުޅަކަށް ނަމަވެސް އެއް އަޖުރު ލިބޭހުއްޓެވެ. އަދު ސުންނަތުގެ މީހުން ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމްގެ އަހުލްބައިތުންގެ ތެރެއިން އެކަލޭގެފާނަށް އީމާންވީ މީހުންނަށް ލޯބިކުރެއެވެ. އަދި އެބޭކަލުންނާ މުވާލާތުކުރެއެވެ. އަދި އެމީހުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިއަނބި ކަނބަލުން އުންމަހާތުލް މުއުމިނީން އަށް ގާތްކަން ބަހައްޓައެވެ. އަދި އެ އެންމެހާ ބޭކަލުންނާއި ބޭކަނބަލުންނަށް ރަޟިޔަﷲ ޢަންހު ކިޔައެވެ. 
އަދި އަހްލުއްސުންނަތު ވަލްޖަމާޢަތުގެ މީހުން ރާފިޟީންގެ ގޮތްތަކުން ބަރީއަވެއެވެ.އެބައިމީހުންނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަޞްޙާބުންނަށް ރުޅިއަރައި، ހަޑިއެއްޗެތި ކިޔައި، އެކަލޭގެފާނުގެ އަހުލުބައިތުންނާއި މެދު ޙައްދުފަހަނައަޅައި އެބޭކަލުންނަށް ﷲ ޢައްޒަވަޖައްލަ ދެއްވާފައިވާ މަޤާމަށްވުރެ މަތިކުރާ މީހުންނެވެ.ހަމައެފަދައިން އަހުލުބައިތުންނަށް ބަހާއި ޢަމަލުން އުނދަގޫކުރާ ނާޞިބީންގެ މަގުންވެސް އެބޭކަލުން ބަރީއަވެގެންވެއެވެ. (ނުނިމޭ)

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު