އަޞްލު ލިޔުއްވީ: ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުނު ޢަބްދުﷲ ބުނު ބާޒް (ރަޙިމަހުﷲ)
ތަރުޖަމާ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް

`
 الحمد لله وحده ، والصلاة والسلام على من لا نبي بعده وعلى اله وصحبه ، أما بعده :

”ޞައްޙަ ޢަޤީދާ“ އަކީ އިސްލާމްދީނުގެ އަޞްލެވެ. އަދި މިއްލަތުގެ ބިންގަލެވެ. ވީމާ އަޅުގަނޑު ގަސްތުކުރަނީ މިދަރުސްގެ މައުޟޫޢަކީ ޞައްޙަ ޢަޤީދާކަމުގައި ހެދުމަށެވެ.
ކީރިތި ޤުރުއާނާއި މޫރިތި ސުންނަތުގެ ޝަރުޢީ ދަލީލުތަކުން އެނގިބަޔާންވާ ގޮތުގައި ޢަމަލާ ބަސް ޞައްޙަވުމާ ޤަބޫލުވުން ހުރީ ޞައްޙަ ޢަޤީދާއެއްގެ ދަށުން ކުރެވިއްޖެނަމައެވެ. ފަހެ ޢަޤީދާ ޞައްޙަކަމުގައި ނުވާނަމަ އޭގެދަށުންކުރެވޭ އެންމެހާ ޢަމަލާއި ބަހެއް ބާޠިލުވާހުއްޓެވެ. ﷲ تبارك وتعالى ގެ ވަޙީ ބަސްފުޅުގައިވެއެވެ.  ] وَمَن يَكْفُرْ بِالْإِيمَانِ فَقَدْ حَبِطَ عَمَلُهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ [ (المائدة: 5) މާނައީ: އީމާންވުމަށްފަހު ކާފިރުވެއްޖެ މީހާގެ ޢަމަލުތައް ހަމަކަށަވަރުން ބާޠިލުވެއްޖެއެވެ.

އަދިވެސް ވަޙީކުރައްވާފައިވެއެވެ. ] وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ [ (الزمر: 65) މާނައީ: އަދި ހަމަކަށަވަރުން ކަލޭގެފާނަށާއި ކަލޭގެފާނުގެ ކުރީގެ ރަސޫލުންނާއި ނަބީންނަށް ވަޙީކުރެވިފައިވެއެވެ. ކަލޭގެފާނުވެސް ޝަރީކުކޮށްފިނަމަ ހަމަކަށަވަރުން ކަލޭގެފާނުގެ ޢަމަލުތައް ބާޠިލުވާހުއްޓެވެ. އަދި ކަލޭގެފާނުންވެސް ވާހުށީ ގެއްލި ހަލާކުވީ މީހުންގެ ތެރެއިންނެވެ. ޤުރުއާނުގައިވާ މިމާނައިގެ އާޔަތްތައް ވަރަށް ގިނައެވެ.

ހަމަކަށަވަރުން ބަޔާންވެގެންވާ ﷲ ގެ ފޮތާއި ޞަލަވާތާއި ސަލާމްލެއްވި ރަސޫލުލްއަމީނުގެ ސުންނަތް ދަލީލުކުރާ ގޮތުގައި ޞައްޙަ ޢަޤީދާ ޚުލާޞާވެގެންވަނީ: ﷲ އަށް އީމާންވުމާއި، އެކަލާނގެ މަލާއިކަތުންނާއި، އެކަލާނގެ ފޮތްތަކާއި، އެކަލާނގެ ރަސޫލުންނާއި، އާޚިރަތްދުވަހާއި، ޤަދަރުގެ ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމުގެ މައްޗަށެވެ. މިހަކަންތަކަކީ ޞައްޙަ ޢަޤީދާގެ އަޞްލެވެ. ﷲ ގެ މާތް ފޮތް ބާވައިލައްވައި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަބީކަމާއިގެން ފޮނުއްވުނީ މިކަންކަމާއިގެންނެވެ. އަދި އީމާންވުން ވާޖިބުވެގެންވާ ޣައިބުގެ އެންމެހާ ކަންތައްތަކާއި ﷲ އާއި ރަސޫލާ ޚަބަރުދެއްވާފައިވާ އެންމެހައި ކަންތައްތަކަކީ މިއަޞްލުގެ ގޮފިތަކެވެ. މި ހަ އަޞްލުގެ ދަލީލުތައް ކީރިތިޤުރުއާނާއި ސުންނަތުގައި ވަރަށް ގިނައެވެ. 

ﷲ ގެ ވަޙީ ބަސްފުޅުގައިވެއެވެ.     ] لَيْسَ الْبِرَّ أَن تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَـٰكِنَّ الْبِرَّ مَنْ آمَنَ بِاللَّـهِ وَالْيَوْمِ الْآخِرِ وَالْمَلَائِكَةِ وَالْكِتَابِ وَالنَّبِيِّينَ [ (البقرة 177) މާނައީ: ހެޔޮކަމަކީ އިރުމަތީފަރާތަށާއި ހުޅަނގުފަރާތަށް ތިޔަބައިމީހުންގެ މޫނުތައް އެނބުރުމެއްނޫނެވެ. އަދި ކިއެއްތަ! (ޙަޤީޤަތުގައި) ހެޔޮކަމަކީ ﷲ އަށާއި، އާޚިރަތްދުވަހަށާއި، މަލާއިކަތުންނަށާއި، ފޮތްތަކަށާއި، ނަބީބޭކަލުންނަށް އީމާންވުމެވެ.

އަދިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ، ވަޙީކުރެއްވިއެވެ. ] آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّـهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ ۚ [ (البقرة :285) މާނައީ: ރަސޫލާ އާއި މުއުމިނުން، އެކަލޭގެފާނުގެ ރައްބުގެ ޙަޟްރަތުން އެކަލޭގެފާނުންނަށް ބާވައިލެއްވި ތަކެއްޗަށް އީމާންވެއެވެ. އެ އެންމެން ﷲ އަށާއި އެކަލާނގެ މަލާއިކަތުންނާ އެކަލާނގެ ފޮތްތަކާ އެކަލާނގެ ރަސޫލުންނަށް އީމާންވެއެވެ. (އެމީހުން ބުނެއެވެ.) އަހަރަމެން އެކަލާނގެ ރަސޫލުންގެ މެދުގައި ތަފާތެއްނުކުރަމެވެ.
އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ]  يَا أَيُّهَا الَّذِينَ آمَنُوا آمِنُوا بِاللَّـهِ وَرَسُولِهِ وَالْكِتَابِ الَّذِي نَزَّلَ عَلَىٰ رَسُولِهِ وَالْكِتَابِ الَّذِي أَنزَلَ مِن قَبْلُ ۚ وَمَن يَكْفُرْ بِاللَّـهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ فَقَدْ ضَلَّ ضَلَالًا بَعِيدًا  [ (النساء 136) މާނައީ: އޭ އީމާންވީ މީސްތަކުންނޭވެ! ﷲ އަށާއި އެކަލާނގެ ރަސޫލާ އާއި އަދި އެކަލާނގެ ރަސޫލާއަށް ބަވައިލެއްވި ފޮތާއި އޭގެ ކުރީގައި ބާވައިލެއްވި ފޮތަށް އީމާންވާށެވެ. އަދި ﷲ އަށާއި އެކަލާނގެ މަލާއިކަތުންނާއި އެކާލާނގެ ފޮތްތަކާއި އެކަލާނގެ ރަސޫލުންނާއި އާޚިރަތްދުވަހަށް ކާފަރުވެއްޖެމީހާ ފަހެ، ދުރުވެގެންވާ މަގުފުރެއްދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ. 
އަދިވެސް ﷲ ވަޙީ ކުރައްވާފައިވެއެވެ. ]  أَلَمْ تَعْلَمْ أَنَّ اللَّـهَ يَعْلَمُ مَا فِي السَّمَاءِ وَالْأَرْضِ ۗ إِنَّ ذَٰلِكَ فِي كِتَابٍ ۚ إِنَّ ذَٰلِكَ عَلَى اللَّـهِ يَسِيرٌ  [ (الحج 70) މާނައީ: ފަހެ ކަލޭގެފާނު ދެނެވަޑައިގެން ނުވަމުހެއްޔެވެ؟ ހަމަކަށަވަރުން އުޑާއި ބިމުގައި ވާހައި އެއްޗެއް، ﷲ ދެނެވޮޑިގެންވެއެވެ. ހަމަކަށަވަރުން އެތަކެތި ވަނީ ފޮތެއްގައެވެ. ހަމަކަށަވަރުން އެއީ ﷲ އަށް ފަސޭހަވެގެންވާ ކަމެކެވެ. 
ދަންނައެވެ! މި ހަ ޢަޞްލުގެ މައްޗަށް ދަލީލުކުރާ ވަރަށް ގިނަ ޞައްޙަ ޙަދީޘްތައްވެސް ވެއެވެ. އޭގެ ތެރެއިން أمير المؤمنين عمر بن الخطاب رضي الله عنه ގެ އަރިހުން الإمام مسلم އެކަލޭގެފާނުގެ صحيح  ގައި ރިވާކުރައްވާފައިވާ ޙަދީޘްވެއެވެ. އޭގައިވެއެވެ. جبريل عليه السلام އީމާންކަމާ ބެހޭގޮތުން ނަބީ صلي الله عليه وسلم އާއި ސުވާލުކުރެއްވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. (( أَنْ تُؤْمِنَ بِااللهِ وَمَلاَئِكَتِهِ وَكُتُبِهِ وَرُسُلِهِ وَلْيَوْمِ الْأَخِرِ وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ)) މާނައީ: އީމާންކަމަކީ ﷲ އާއި އެކަލާނގެ މަލާއިކަތުންނާއި އެކަލާނގެ ފޮތްތަކާއި އެކަލާނގެ ރަސޫލުންނާއި އާޚިރަތްދުވަހާއި ޤަދަރުގެ ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމެވެ. މިޙަދީޘް ދެ ޝައިޚުން (އިމާމް އަލް ބުޚާރީ އާއި އިމާމް މުސްލިމް) އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާކުރައްވާފައިވެއެވެ. 
ﷲ ތަޢާލާގެ ޙައްޤުގައްޔާއި، އަލުން ދިރުއްވައި ދެވަނަ ފަހަރަށް ފޮނުއްވުމުގެ ކަންތައްތަކާއި، މިނޫންވެސް ޣައިބުގެ އެންމެހާ ކަންތަކާ ގުޅިގެން މުސްލިމެއްގެ މައްޗަށް އިޢުތިޤާދުކޮށް ކަށަވަރުކުރުން ވަޖިބުވާ ހުރިހާކަމެއް އަންނާނީ މި ހަ އަޞްލުންނެވެ.
-ނުނިމޭ-

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު