ތަރުޖަމާ: އިނާޒް ޢަދުނާން
މުސްލިމުންގެ ޚަލީފާއަކަށް ޢުމަރު ބުނު ޚައްޠާބު ރަޟިޔަﷲ ޢަންހު އިންތިޚާބުކުރެވުމުން އެކަލޭގެފާނުގެ އަރިހަށް ސަޢީދު ބިން ޢާމިރު ރަޟިޔަﷲ ޢަންހު ވަޑައިގެން ވިދާޅުވިއެވެ. [އޭ ޢުމަރެވެ! އަޅުގަނޑު، ކަލޭގެފާނަށް ވަޞިއްޔަތްކުރަމެވެ! މީސްތަކުންގެ މުޢާމަލާތްތަކުގައި ﷲ ތަޢާލާ އަށް ބިރުވެތިވެ ވަޑައިގަންނަވާށެވެ! ނަމަވެސް ﷲ ތަޢާލާގެ ޙައްޤެއްގައި ފަހަރެއްގައިވެސް މީސްތަކުންނަށް ބިރުނުގަންނާށެވެ! އަދި ކަލޭގެފާނުގެ ބަސްފުޅާއި ޢަމަލުފުޅު ސީދާ ކުރައްވާށެވެ! އެހެނީ އިންސާނާއަށް ބުނެވޭ އެންމެ ހެޔޮ ބަހަކީ އެމީހެއްގެ ޢަމަލުން އެބަސް ތެދުކޮށްދޭ ބަހެވެ. އޭ ޢުމަރެވެ! ﷲ ސުބުޙާނަހޫ ވަތަޢާލާ، މުސްލިމުންގެ ތެރެއިން އެބައެއްގެ ބެލެހެއްޓުންތެރިކަން ކަލޭގެފާނާއި ޙަވާލުކުރެއްވި މީހުންގެ ކަންތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވާށެވެ! އެބައިމީހުންނަށްޓަކައިވެސް ކަލޭގެފާނުގެ އަމިއްލަ ނަފްސަށާއި ކަލޭގެފާނުގެ އަނބިދަރީންނަށް ލިބުމަށް އެދިވަޑައިގަންނަވާ ކަންތަކަށް އެދިވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނުގެ އަމިއްލަ ނަފްސަށާއި އަހުލު ޢިޔާލުންނަށް ރުހިވަޑައިނުގަންނަވާ ކޮންމެ ކަމެއް، އެއީ އެބައިމީހުންނަށްވެސް ރުހިވަޑައިނުގަންނަވާ ކަމަކަށް ހައްދަވާށެވެ! ދަތި އުނދަގޫ ކަންތައްތަކާއި ކުރިމަތިލެއްވުމުގައި ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! އަދި ޙައްޤު މަގުގައި ސާބިތުވެ ހުންނަވާށެވެ! އަދި ޙައްޤަށް ޢަމަލުކުރެއްވުމުގައި މަލާމާތްކުރާ އެއްވެސް މީހެއްގެ މަލާމާތަށް ޖެހިލުންވެ ވަޑައިނުގަންނަވާށެވެ!]

ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. [ސައީދެވެ! ނިކަން ވިދާޅުވެބައްލަވާށެވެ! ތިޔަ ވިދާޅުވި ޒިންމާތައް އެންމެ ހެޔޮގޮތުގައި އަދާކުރުމުގެ ކުޅަދާނަކަން ލިބިގެންވަނީ ކާކަށްތޯއެވެ؟]
ސަޢީދު ރަޟިޔަﷲ ޢަންހު ޖަވާބުދެއްވިއެވެ. [ކަލޭގެފާނަކީ އެކަމުގެ އަހުލުވެރިއެކެވެ. ކަލޭގެފާނު ހިމެނިވަޑައިގަންނަވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ، އެބައެއްގެ ބޮލުގައި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުއްމަތުގެ ބެލެހެއްޓުންތެރިކަމުގެ ޒިންމާ އަޅުއްވާފައިވާ މީހުންގެ ތެރެއިންނެވެ. ކަލޭގެފާނަކީ ﷲ ގެ ޙަޟްރަތުގައި މިމަޤާމަށް އެންމެ އެކަށީގެންވާ މީހާއެވެ.]
އެހިނދު ވެރިކަމުގެ ކަންތަކުގައި އެހީތެރިވެ ދެއްވުމަށް ސަޢީދު ބިން ޢާމިރުގެ ކިބައިން ޢުމަރު ރަޟިޔަﷲ ޢަންހު، އެދިވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [ ސަޢީދެވެ! ޙިމްޞުގެ ގަވަރުނަރުކަން ތިބާއަށް ދޭން އަޅުގަނޑު ބޭނުމެވެ.]  ސަޢީދު ޖަވާބުގައި ދެންނެވިއެވެ. [އޭ މުއުމިނުންގެ އަމީރެވެ! ﷲ އަށްޓަކައި ތިޔަ އިމްތިޙާނުގެ ތެރެއަށް އަޅުގަނޑު ވައްޓަވައި ނުލައްވާށެވެ.]
ސަޢީދުގެ މިބަސްފުޅާއި މެދު ނުރުހުންވެވަޑައިގެން ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. [ހިތާމަހުއްޓެވެ! ތިބާ ޚިލާފަތުގެ ބޮޑު ބުރަ ހަމައެކަނި އަޅުގަނޑުގެ ކޮނޑަށް އެރުވުމަށްފަހު، މިކަމުން ރެކެން މަސައްކަތް ކުރައްވަނީތޯއެވެ؟ ﷲ ގަންދީ ބުނަމެވެ! އަޅުގަނޑު، ތިބާ ދުލެއްނުކުރާހުށީމެވެ! ] ދެން އެއަށްފަހު އެކަލޭގެފާނަކީ ޙިމްޞުގެ ގަވަރުނަރުކަމުގައި ހަމަޖެއްސެވިއެވެ. ދެން ވިދާޅުވިއެވެ. [އަޅުގަނޑުމެން ކަލޭގެފާނަށް މުސާރައެއް ކަނޑައަޅަންތޯއެވެ؟]
ސަޢީދު ވިދާޅުވިއެވެ. [މުއުމިނުންގެ އަމީރެވެ! އަޅުގަނޑު މުސާރައެއް ނަގަންވީ ކީއްކުރަންތޯއެވެ؟ މިހާރުވެސް ބައިތުލްމާލުން އަޅުގަނޑަށް ލިބޭ އެއްޗަކުން އަޅުގަނޑުގެ ބޭނުންތައް ފުދި އިތުރުވެސްވެއެވެ.]  މިހެން ވިދާޅުވުމަށްފަހު ޙިމްޞަށް ދަތުރުފެއްޓެވިއެވެ.
އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ޙިމްޞުގެ އަހުލުވެރީންގެ ތެރެއިން އިތުބާރު ހުރި މީހުންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް އަމީރުލްމުއުމިނީން ޢުމަރު ރަޟިޔަﷲ ޢަންހުގެ އަރިހަށް ޒިޔާރަތް ކުރިއެވެ. އެކަލޭގެފާނު ވަފުދުގެ މީހުންނަށް ވިދާޅުވިއެވެ. [ކަލޭމެންގެ ރަށުގައި ތިބި ފަޤީރު ނިކަމެތީންގެ ލިސްޓެއް ތިމަންނައަށް ދޭށެވެ! އެއީ އެބައިމީހުންނަށް މާލީގޮތުން އެހީތެރިވުމަށެވެ.] ވަފުދުގެ މީހުން ޢުމަރުގެފާނުގެ އަތްޕުޅަށް ލިސްޓެއް އެރުވިއެވެ. ޢުމަރުގެފާނަށް ފެނިވަޑައިގަތީ އެލިސްޓުގައި ސަޢީދު ބިން ޢާމިރު ނަމަކަށް ކިޔާ މީހެއްގެ ނަން އޮއްވައެވެ. އެކަލޭގެފާނު ސުވާލު ކުރެއްވިއެވެ. [މިއީ ކޮން ސަޢީދު ބިން ޢާމިރެއް ހެއްޔެވެ؟]  ވަފުދުގެ މީހުން ދެންނެވިއެވެ. [އެއީ އަޅުގަނޑުމެންގެ އަމީރެވެ.]  ޢުމަރު ވިދާޅުވިއެވެ. [ތިޔަބައިމީހުންގެ އަމީރަކީ ފަޤީރެއް ހެއްޔެވެ؟]  އެބައިމީހުން ދެންނެވިއެވެ. [އާނއެކެވެ! ﷲ ގަންދީ ބުނަމެވެ! އެކަލޭގެފާނުގެ ބަދިގޭގެ އުނދުނުގައި އެއްޗެއް ކައްކާލުމަށް އަލިފާންކޮޅެއް ރޯނުކުރެވި އެތައް އެތައް ދުވަހެއް ފާއިތުވެގެންދެއެވެ.]
މިއަޑު އިވިވަޑައިގަތުމުން ޢުމަރުގެފާނަށް ބޭއިޚްތިޔާރުގައި ކީރިތި ކުރެއްވުނެވެ. އަދި އެކަލޭގެފާނުގެ ތުނބުޅިފުޅު ތެމިއްޖައުމަށް ދާންދެން ކީރިތިކުރެއްވިއެވެ. ދެން ތެދުވެވަޑައިގެން އެއްހާސް ދިރުހަމު ނަންގަވައި އެބައިމީހުންނާ ޙަވާލުކުރެއްވުމަށް ފަހު ވިދާޅުވިއެވެ. [ތިޔަބައިމީހުންގެ އަމީރަށް އަހުރެންގެ ސަލާމް ދަންނަވާށެވެ! އަދި ދަންނަވާށެވެ. މިއީ އަމީރުލްމުއުމިނީން، ކަލޭގެފާނަށް ފޮނުއްވި ފައިސާއެވެ. އެއީ މިފައިސާއިން ކަލޭގެފާނުގެ ބޭނުންތައް ފުުއްދެވުމަށްޓަކައެވެ.]
ވަފުދުގެ މީހުން ދީނާރު ކީސާ ހިފައިގެން ސަޢީދު ބިން ޢާމިރު ރަޟިޔަﷲ ޢަންހުގެ އަރިހަށް ގޮސް އެކަލޭގެފާނާއި ދީނާރު ކީސާ ޙަވާލުކުރިއެވެ. އެކަލޭގެފާނަށް އޭގައި ދީނާރުތަކެއް ހުރިތަން ފެނިވަޑައިގަތުމުން އެކީސާ އެކަލޭގެފާނާއި ދުރަށް ޖެއްސެވިއެވެ. އަދި “އިންނާލިﷲ ޥައިންނާ އިލައި ރާޖިޢޫން” އޭ ވިދާޅުވާން ފެއްޓެވިއެވެ. ހީވީ ކުއްލިއަކަށް ބޮޑު މުޞީބާތެއް ނުވަތަ ނުރުހޭކަމެއް ކުރިމަތިވެ ވަޑައިގެންނެވިހެންނެވެ. މިމަންޒަރު ފެނުމުން އެކަލޭގެފާނުގެ އަނބިކަނބަލުން ބިރުފުޅުން ސުވާލުކުރެއްވިއެވެ. [ކޮންފަދަ މުޞީބާތެއް ކުރިމަތިވެ ވަޑައިގަތީތޯއެވެ؟ އަނެއްކާ އަމީރުލްމުއުމިނީން އަވަހާރަވީތޯއެވެ؟] ސަޢީދު ވިދާޅުވިއެވެ. [ނޫނެކެވެ! އަދި ކިއެއްތަ! އެއަށްވުރެވެސް މާބޮޑު ކަމެކެވެ.] އަނބިކަނބަލުން ސުވާލު ކުރެއްވިއެވެ. [ހަނގުރާމައެއްގައި މުސްލިމުންނަށް ހިތާމައެއް ކުރިމަތިވީތޯއެވެ؟] ވިދާޅުވިއެވެ. [ތިޔަށްވުރެ ވެސް ބޮޑު ކަމެކެވެ.] އެކަމަނާ ސުވާލުކުރެއްވިއެވެ. [އެއަށްވުރެ ބޮޑު ކަމަކަށް ދެން އޮންނާނީ ކޮން ކަމެއްތޯއެވެ؟] ވިދާޅުވިއެވެ. [އަހުރެންގެ އާޚިރަތް ބަރުބާދުކޮށްލުމަށްޓަކައި އަހުރެންގެ ގޭތެރެއަށް ދުނިޔެ އަތުވެއްޖެއެވެ. އަހުރެންގެ ގޭގެ ތެރެއަށް ފިތުނަ ވަދެއްޖެއެވެ.]  އަނބިކަނބަލުން ވިދާޅުވިއެވެ. [އެހެންކަމަށްވާ ނަމަ އެފިތުނައިން ސަލާމަތްވެ ވަޑައިގަންނަވަން ވީނޫންތޯއެވެ؟] އެކަމަނާއަކަށް ދީނާރުތަކާއި ބެހޭގޮތުން އެއްވެސް އެއްޗެއް އޭރަކު އެނގިފައެއްނެތެވެ.  އެކަލޭގެފާނު ވިދާޅުވިއެވެ. [މިކަމުގައި ކަމަނާ، އަޅުގަނޑަށް އެހިތެރިވެދޭނަންތޯއެވެ؟]  އެކަމަނާ ވިދާޅުވިއެވެ. [އާދޭހެވެ.]
ދެން އެކަލޭގެފާނު ދީނާރުތައް ބައިބަޔަށް ބައިކުރެއްވުމަށްފަހު ފަޤީރުންގެ މެދުގައި ބައްސަވައިލެއްވިއެވެ. (ނުނިމޭ)
ނޯޓް: މިއީ ދިއިސްލާމް.ކޮމް އިން ނަގާފައިވާ ލިއުމެކެވެ.

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު