ޖަވާބު: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހިމް
ސުވާލު: ތުންޖީނާ ޞަލަވާތާއި ނާރިއްޔާ ޞަލަވާތްކިޔުމަކީ ރަނގަޅުކަމެއްތޯއެވެ؟ މިއީ ޞައްޙަ ޞަލަވާތްތަކެއްތޯއެވެ؟
ޖަވާބު: الحمد لله، والصلاة والسلام على رسول الله أما بعد 
 
”ތުންޖީނާ ޞަލަވާތް“ އާއި ”ނާރިއްޔަ ޞަލަވާތް“ މި ދެ ޞަލަވާތަކީ ޢާންމުކޮށް ޛިކުރެއްގެ ގޮތުގައި މީހުން ކިޔަވައި އުޅޭ އަދި ޚާއްޞަކޮށް މުޞީބާތެއް ކުރިމަތިވުމުން އެކަމުން ސަލާމަތް ވުމަށްޓަކައި ކިޔައި އުޅޭ ދެ ސަލަވާތެވެ.  މި ދެ ޞަލަވާތަކީ ވެސް ކީރިތި ރަސޫލާގެ އަރިހުން ނުވަތަ އުންމަތުގެ މާތް ސަލަފުއް ޞާލިހުންގެ އަރިހުން ވާރިދުވެފައިވާ ދެ ޞަލަވާތެއް ނޫނެވެ.

ތުންޖީނާ ޞަލަވާތަކީ الشيخ الصالح موسى الضرير އަށް ހުވަފެނުގައި ކީރިތި ރަސޫލާ ދަސްކޮށްދެއްވި ޞަލަވާތެއްކަމުގައި المؤرخ الأديب عبد الرحمن بن عبد السلام الصفوري (ت 894هـ) އެ ބޭފުޅާގެ ފޮތެއް ކަމުގައިވާ ‘نزهة المجالس ومنتخب النفائس ‘ (ص 284) ގައި އަދި الشيخ عمر بن علي الفاكهاني النحوي الفقيه المالكي (ت 734هـ) އެ ބޭފުޅާގެ ‘الفجر المنير’ (ص 31-32) ކިޔާ ފޮތުގައި ލިޔެފައިވާ ޞަލަވާތެކެވެ. އެ ޞަލަވާތުގެ ޢިބާރާތުގައި ވަނީ: ” اللهم صل على سيدنا محمد ، وعلى آل سيدنا ، صلاة تنجينا بها من جميع الأهوال والآفات ، وتقضي لنا بها جميع الحاجات ، وتطهرنا بها من جميع السيئات ، وترفعنا بها عندك أعلى الدرجات ، وتبلغنا بها أقصى الغايات من جميع الخيرات في الحياة وبعد الممات”. މިފަދައިންނެވެ.


ނާރިއްޔަ ޞަލަވާތް ނުވަތަ ‘الصلاة الناريةއަކީ ހައްދު ފަހަނަ އަޅާ ގޮސްފައިވާ ސޫފީން އެބައިމީހުންގެ އަމިއްލަ ޚިޔާލަށް އުފައްދާފައިވާ ޞަލަވާތެކެވެ. އިސްވެ ދިޔަ ޞަލަވާތް ފަދައިން މި ޞާލަވާތަކީ ވެސް މި މުއްމަތުގެ ސަލަފުންގެ އަރިހުން އަދި ޢިލްމުވެރި އިމާމުންގެ އެއްވެސް ބޭކަލެއްގެ އަރިހުން އައިސްފައިވާ އެއްޗެއް ނޫނެވެ. އެއީ ” اللهم صلِّ صلاةً كاملةً ، وسلَّم سلاما تامّا، على سيدنا محمّد الذي تنحل به العُقدُ ، وتنفرِجُ به الكُرَبُ ، وتُقضى به الحوائجُ ، وتـُـنالُ به الرغائبُ وحُسنُ الخواتيم،  ويُستسقى الغمامُ بوجهه الكريم وعلى آله وصحبه وسلمއެވެ.މި ދެ ސަލަވާތުން ކުރެ އެއްވެސް ޞަލަވާތަކީ އާންމު އަދި ޚާއްޞަ އެއްވެސް ހާލަތެއްގައި ކިޔުން ހުއްދަ ސަލަވާތެއް ނޫނެވެ. އަދިކިޔެއް، މި ދެ ދުޢާގެ ޢިބާރާތާއި މި ދެ ދުޢާ ކިޔުމަށްޓަކައި އެ ހެދި މީހުން ކަނޑައަޅައި އަންގާފައިވާ ގޮތަކީ ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތާއި މުޅިން ޚިލާފު ގޮތް ތަކެކެވެ. އަދިކިޔެއް، މި ދެ ދުޢާގެ ޛާތުގައި އެކުލެވިގެން އެވަނީ ބިދުޢަތާއި ޚުރާފާތާއި ޝިރްކުގެ ކަލިމަތަކާއި ދެންނެވުން ތަކެވެ. ވަކި ޢަދަދަކަށް، ވަކި ގޮތަކަށް، ވަކި ވިރުދެއް ކިޔުމަށް ކަނޑަ އެޅުމަކީ ދީނުގައި ކަމެއް ކަނޑައެޅުމެވެ. ޝަރްޢު ކުރުމެވެ. އެއީ ކީރިތި މާތް ނަބިއްޔާ ފިޔަވައި އެއްވެސް މީހަކަށް ހުއްދަ ވެގެން ވާ ކަމެއް ނޫނެވެ. އެފަދަ ކަމަކަށް ތަބާވުމަކީ ޖާއިޒް ކަމެއް ނޫނެވެ. 
أم المؤمنين عائشةَ رضي الله عنها ގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم ހަދީޘްކުރައްވާފައި ވެއެވެ. ((مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ )) مسلم. މާނައަކީ: ”ތިމަންކަލޭގެފާނުންގެ އަމަލުފުޅު އެކަމެއްގައި ނުވާ އައު ކަމެއް މީހަކު ކޮށްފި ނަމަ އެކަމެއް އެމީހެއްގެ ބޮލާލައި ޖަހައިލެވޭނެވެ.“ ޔައުނީ:  ދީނުގައި އަންގަވާފައި ނުވާ އައުކަމެއް، ހެޔޮކަމެއްކަމުގައި ހަދައިފި މީހެއްގެ ކިބައިން މާތް ﷲ އެފަދަ ކަމެއް ޤަބޫލު ނުކުރައްވާނެއެވެ. އަދިކިޔެއް، އެކަން ވާނީ އެފަދަ މީހުނަށް ހުރި ފާފައެއް ކަމުގައެވެ.
އެނގިވަޑައި ގަންނަވާނޭ ފަދައިން މީހަކަށް ފެންނަ ހުވަފެނަކީ ދީނެއް ނޫނެވެ. އަދިކިޔެއް، އެފަދަ ހުވަފެނަކުން ޝަރްޢީ އެއްވެސް ހުކުމެއް؛ ހެވެއް އަދި ނުބައެއް ވެސް ސާބިތެއް ނުވާނެއެވެ. ވީމާ، އެއީ ހެޔޮ އެއްޗެއް ކަމުގައި ގަބޫލު ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ.ދެ ޞަލަވާތުގައި ވެސް ކައު އިތުރު މާތް ނަބިއްޔާ صلى الله عليه وسلم އާއި މެދުގައި ހައްދު ފަހަނަ އެޅުން ސާފުކޮށް އެބަ ވެއެވެ. އަދި މާތް ﷲ އަށް ޚާއްޞަވެގެންވާ މަޤާމަށް އެކަލޭގެފާނުން އުފުލެވިފައި ވެއެވެ. މާތް ރަސްކަލާނގެ ޙަޟުރަތުން މެނުވީ ދުޢާކޮށް ދެންނެވުން ހުއްދަވެގެން ނުވާ ކަންތައްތަކެއް އިތުރު އެކަލޭގެފާނުންގެ އަރިހުން އެދެވިފައި ވެއެވެ. ކީރިތި މާތް ނަބިއްޔާ އަކީ އެއްވެސް ހާލެއްގައި މީސްތަކުންނަށް މުޞީބާތް ފިއްލަވައި ބަލިތަކަށް ޝިފާ ދެއްވައި ދުނިޔެއާއި އާޚިރަތުގައި މީހުންގެ ކަންތައްތައް އިސްލާހު ވުމުގެ ތައުފީޤު ދެއްވާ ފަރާތެއް ނޫނެވެ. އަދިކިޔެއް، އެ ފަދަ ފަރާތަކީ ހަމައެކަނި މާތް ﷲ އެވެ. އެކަލާނގެ ފިޔަވައި އެއްވެސް ފަރާތެއް ނޫނެވެ.  قُلْ إِنِّي لا أَمْلِكُ لَكُمْ ضَرًّا وَلا رَشَدًا (سورة الجن: 21) މާނައަކީ: ”އޭ ނަބީކަލޭގެފާނެވެ! ކަލޭގެފާނުން ވިދާޅުވާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ކިބައިން އެއްވެސް ގެއްލުމެއް ދުރު ކުރުމުގެ ކުޅަދާނަކަމެއް އަދި ހެޔޮ ކަމެއް ގެނެސް ދިނުމުގެ ބާރެއް ތިމަން ކަލޭގެފާނަށް ލިބިގެނެއް ނުވެއެވެ.“ އަދިކިޔެއް، އެކަލޭގެފާނުންގެ އަމިއްލަ ނަފްސަށް ފައިދާއެއް ހޯދުމުގެ ތައުފީޤުވެސް ދެއްވާ ފަރާތަކީ މާތް ﷲ އެވެ. އެކަލޭގެފާނަށް އަމުރު ކުރައްވައި އެހެން އާޔަތެއްގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.  قُلْ لا أَمْلِكُ لِنَفْسِي نَفْعًا وَلا ضَرًّا إِلا مَا شَاءَ اللَّهُ وَلَوْ كُنْتُ أَعْلَمُ الْغَيْبَ لاسْتَكْثَرْتُ مِنَ الْخَيْرِ وَمَا مَسَّنِيَ السُّوءُ إِنْ أَنَا إِلا نَذِيرٌ وَبَشِيرٌ لِقَوْمٍ يُؤْمِنُونَ (الأعراف 188) މާނައަކީީ: ”ކަލޭގެފާނު ވިދާޅުވާށެވެ! ތިމަން ކަލޭގެފާނު އަމިއްލަ ނަފްސަށް ލާބައެއް ހޯދުމުގެ އަދި ގެއްލުމަކުން ސަލާމަތް ވުމުގެ ކުޅަދާނަކަމެއް، މާތް ﷲ އިރާދަ ކުރެއްވި ކަމެއްގައި މެނުވީ ތިމަން ކަލޭގެފާނަށް ލިބިގެނެއް ނުވެއެވެ. ތިމަންކަލޭގެފާނަށް ޣައިބު އެނގިވަޑައިގަންނަވާ ނަމަ ތިމަންކަލޭގެފާނަށް ފައިދާހުރި ހެޔޮ ކަންތައްތައް ގިނަ ކުރެއްވީމުހެވެ. އަދި ތިމަންކަލޭގެފާނަށް ގެއްލުމެއް ނުލިބުނީހެވެ. އަދިކިޔެއް، އީމާންވާ ބަޔަކަށް އިންޛާރު ކުރައްވާ އުފާވެރި ޚަބަރު ދެއްވާ ބޭކަލެއް ކަމުގައި މެނުވީ ތިމަންކަލޭގެފާނު ނުވަމެވެ.“

އަޅުގަނޑުމެން އީމާން ވާ ގޮތުގައި ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ސުވަރުގެ ވަޑައިގެންނެވީ ހުރިހައި ހެޔޮ ކަމެއް ދަސްކޮސްދެއްވާފައެވެ. ހުރިހައި ހާލަތްތަކުގައި ކިޔާނެ ރިވެތި ދުޢާ އާއި ޛިކްރު އަދިކިޔެއް އެކަލޭގެފާނުންގެ މައްޗަށް ޞަލަވާތް ކިޔަވާނެ ގޮތް ދަސްކޮށްދެއްވައި ފައެވެ. އެގޮތުން ސުންނަތުން ސާބިތުވާ ޞަލަވާތަކީ އިބްރާހީމީ ޞަލަވާތެވެ. އަދި މުޞީބާތް ތަކުން ސަލާމަތް ވުމަށްޓަކައި ދަސްކޮށްދެއްވާފައިވާ ދުޢާތައް ވެއެވެ. އޭގެ ތެރެއިން އެއް ދުޢާއަކީ: لَا إِلَهَ إِلَّا اللَّهُ الْعَظِيمُ الْحَلِيمُ لَا إِلَهَ إِلَّا اللَّهُ رَبُّ الْعَرْشِ الْعَظِيمِ لَا إِلَهَ إِلَّا اللَّهُ رَبُّ السَّمَوَاتِ وَرَبُّ الْأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ (صحيح البخاري، ج 19، ص 426، ح 5870) އެވެ.

ސުންނަތުން ސާބިތުވެފައިވާ ދުޢާ އާއި ޛިކްރާއި ޞަލަވާތް ފަދަ އަޅުކަންތައް މުސްލިމަކަށް ފުދެން ޖެހޭނެއެވެ. މިކަން މިގޮތަށް ގަބޫލުކޮށްގެން ތިބުމަކީ އަޅުގަނޑުމެންގެ ވާޖިބެކެވެ. ކީރިތި މާތް ރަސޫލާ صلى الله عليه وسلم އަށް ތަބާވުމަކީ އަދި އެކަލޭގެފާނުން ދެކެ ލޯބި ވުމަކީ އެއީއެވެ. އެކަލޭގެފާނުންގެ އަރިހުން ސާބިތު ނުވާ، ބިދުޢީ އަދި ޚުރާފީ ދުޢާތަކާއި ޞަލަވާތްތައް އީޖާދު ކުރުމުގެ ސަބަބުން އެކަލޭގެފާނުން ދަސްކޮށްދެއްވާފައިވާ މަތިވެރި ދުޢާ ތަކާއި ވިރްދުތައް މަރުވެ، އުވި ދާނެކަން ކަށަވަރެވެ.
والله أعلم، وصلى الله على محمد وآله وسلم
 

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު