ލިޔުއްވީ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد :

ޖަމާޢަތުގައި ނަމާދު ކުރާއިރު ސަފުތައް މެދުނުކެނޑޭނެހެން ފުރިހަމަޔަށް ގުޅިފައި ހުންނަން ވާނެއެވެ. ސަފުހެދުމުގައިސުންނަތްގޮތަކީ އެއީއެވެ. ސަފު މެދުކެނޑޭ އެއްވެސް ކަމަކީ ކޮށްގެން ވާނެ ކަމެއްނޫންނެވެ. ވީމައި މިސްކިތުގައި ހުންނަ ތަނބުތަކުގެ ސަބަބުންވެސް ސަފު މެދުކެނޑޭގޮތަށް ސަފުހެދުމަކީ رسول الله صلى الله عليه وسلم މަނާކުރައްވާފައިވާކަމެކެވެ. އެހެންކަމުން އަޞްޙާބުބެއިކަލުން އެކަމަށް ސަމާލުވެވަޑައިގެން ތަނބުތަކުގެ ދެމެދުގައި ސަފު ނުހައްދަވާކަމާއި ސަފު މެދުކެނޑޭ ފަދަ ތަންތަނާއިދުރުވެ ރައްކާތެރިވުމަށް މަސައްކަތް ކުރައްވާކަން ސާބިތުވެއެވެ
مُعَاوِيَةَ بْنِ قُرَّةَ އެކަލޭގެފާނުންގެ ބައްޕާފުޅުގެ އަރިހުން ގެންނަވާފައި ވެއެވެ. އެކަލޭގެފާނުން ވިދާޅުވިއެވެ.  كُنَّانُنْهَى أَنْ نَصُفَّ بَيْنَ السَّوَارِي عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللَّهُعَلَيْهِ وَسَلَّمَ وَنُطْرَدُ عَنْهَا طَرْدًاسنن ابن ماجه (جص 277) މާނައަކީ:” رسول الله صلى الله عليه وسلم ގެ ޒަމާނުގައި ތަނބުތަކުގެ ދޭތެރޭގައި ސަފުހެދުމުން ތިމަންބޭކަލުންނަށް މަނާކުރެވެއެވެ. އަދި ތަނބުތަކުގެ ދޭތެރެއިން ސަފުހެދުމުން ދުރުކުރެވެއެވެ.” މިހަދީޘް حسن(ރަނގަޅު) ކަމުގައި الألباني رحمه الله ވިދާޅުވެފައިވެއެވެ. السلسلة الصحيحة (جص 655، ح 335)

ހަމައެފަދައިން عَبْد الْحَمِيدِ بْنِ مَحْمُودٍ ވިދާޅުވިފައިވެއެވެ. “ތިމަންނާ أَنَسبْنِ مَالِكٍ رضي الله عنه އާއި އެކުގައި ހުކުރު ކުރީމެވެ.  މީހުން ބައިބޯވުމުގެ ސަބަބުން ތިމަންމެނަށް ދެތަނބު ދޭތެރެއަށް ވަންނަން ޖެހުނެވެ. ދެން ނަމާދުން ސަލާމްދިނުމަށްފަހުގައި أَنَس رضي الله عنه ވިދާޅުވިއެވެ. ((كُنَّا نَتَّقِي هَذَا عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِوَسَلَّمَ)) “ތިމަންމެން رسول الله صلى الله عليهوسلم ގެޒަމާނުގައި މިގޮތަށް (ތަނބުތަކުގެ ދެމެދުގައި) ސަފުހެދުމުން ރައްކާތެރިވަމުއެވެ.”މިހަދީޘް سنن أبى داود، (ج 2، ص 316) ގައިއަދި سنن الترمذي އާއި سنن النسائي އާއި އިތުރު ހަދީޘްފަޮތްތަކުގައި އައިސްފައި ވެއެވެ. މިހަދީޘް ޞައްހަކަމުގައި  މުޙައްދިޘުން ވިދާޅުވެފައި ވެއެވެ. السلسلة الصحيحة (جص334)
 
މި ދެޚަބަރުގެ އަލީގައި މިއުންމަތުގެ ޢިލްމުވެރިން ވިދާޅުވެފައިވަނީ މިސްކިތުގައި ޖާގަ ހުރި ނަމަ ތަނބުތަކުގެ ދޭތެރޭގައި ސަފުހެދުމަކީ މަކުރޫހަ ކަމެއްކަމުގައެވެ. އަދި އެއީ ސަފު ކެނޑޭތީކަމުގައެވެ. އެއީ އިތުރު އެކަލޭގެފާނުން ރުހިވަޑައިނުވަންނަވާ ކަމެއް ކަމުގައެވެ.  މިފަދައިން އަޞްޙާބުންގެ އިތުރު ބޭކަލުންގެ އަރިހުންވެސް އިންކާރު ސާބިތުވެއެވެ. ނަމަވެސް މިސްކިތް ފުރޭ ހާލަތުގައި ތަނބުތަކުގެ ދޭތެރޭގައި ސަފުހެދުމަކީ މައްސަލައެއްނޫންކަމުގައި އެބޭކަލުން އިއްތިފާގުވެވަޑައިގަންނަވައެވެ. އެއީ ދެބަސްވުމެއް އޮތްކަމެއް ނޫނެވެ.  އަދި އިމާމާއި އެކަނި ނަމާދު ކުރާ މީހާ ނުވަތަ ދެތަނބުގެ ދެމެދުންނުނުކުންނަ ވަރުގެ ކުޑަ ޖަމާޢަތެއްގައި ނަމަ ދެތަނބު ދޭތެރޭގައި ހުރުމަކީ ނުވަތަސަފު ހެދުމަކީ ހުއްދަކަމެއްކަމުގައިވެސް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. (الشوكاني، نيل الأوطار، ج 3، ص 235، والألباني، الثمر المستطاب، جص 412)
އިސްވެދިޔަ ސަލަފުންގެ ދެ ޚަބަރާއި ޢިލްމުވެރިންގެ ބަސްފުޅުތަކުން ސާފުކޮށް ދޭހަވާގޮތަކީ ޖަމާޢަތުގައި ސަފު މެދުކެނޑޭގޮތަށް ސަފު ހަދައިގެން ނުވާނެކަމެވެ. އެއީ ރަނގަޅު ކަމެއް ނޫންކަމެވެ. ވީމައި އެކަމަށް ސަމާލުވާން ޖެހެއެވެ. މިސްކިތުގެ މެދުން ފެށިގެން ސަފެއްކަމުގައި ބެލެވޭވަރުގެ ސަފެއް ދެތަނބު ދޭތެރޭގައި ހެދިފައިވާނަމަ އަދި ދެތަނބުވަނީ ސަފުގެ ދެކޮޅުގައި ނަމަ އެފަދަ ހާލަތުގައި ތަނބުން ފެށިގެން އިމާމާއި ދުރަށް ސަފު ކެނޑިފައިވާބައިގައި މިސްކިތް ފުރިގެން މެނުވީ ހުރެގެން ނުވާނެއެވެ. ތަނބެކޭ އެއްފަދައިން ހުކުރުކުރާމެންބަރާއި ފާރުބުރި ފަދަ ތަންތަނުގެ ސަބަބުންވެސް ސަފު މެދުކެނޑުމަކީ އެދެވިގެންވާކަމެއްނޫނެވެ. އެފަދަ ތަންތަނުން ދުރުހެލިވެވޭތޯ ބަލަން ވާނެއެވެ. 

މިސްކިތް ބިނާކުރުމުގައި ތަނބު ނުލައި ނުވަތަބޮޑު މިސްކިތެއްނަމަ ވީހައިވެސް ތަނބު މަދުވާނެހެން އަދި މެދުނުކެނޑޭނެހެން ސަފުތައްއެތުރޭނެ ގޮތަށް މިސްކިތް ޑިޒައިންކޮށް ފަރުމާ ކުރެވިދާނެއެވެ. އަދި އެއީ އެފަދަކަންކަން ކުރާ ފަރާތްތަކުން ސަމާލުވާންޖެހޭނެ ކަމެކެވެ. މުސްލިމު އާރކިޓެކްޗަރުންނާއި އިންޖިނޭރުން ނުވަތަ އެފަދަ ކަންކަމުގެ މަސްއޫލުވެރި ފަރާތްތަކުން މިސްކިތްތައް ހެދުމުގައި މިފަދަ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހެއެވެ. މިއަދު ރާއްޖޭގައި ބިނާކުރެވިފައިވާ އަދި ބިނާކުރެވެމުންދާ ގިނަ މިސްކިތްތައް އެމިސްކިތްތަކުގެ ކުދި ކަމާއިއެކުގައިވެސް ހުންނަނީ ތަނބުން ފުރިފައެވެ. އަދި މިސްކިތް ޑިޒައިންކޮށް ހެދިފައިހުންނަނީ މިމައްސަލައަށް ވިސްނައިގެނެއް ނޫނެވެ. މިއީ ހިތާމަކުރަން ޖެހޭ ކަމެކެވެ. މާތް ﷲ އަޅަމެން އެއްމެނަށް ހެޔޮތައުފީގު ދެއްވާށި! އާމީން!
والله أعلم وبالله التوفيق، وصلى الله على محمد وآله وصحبه وسلم

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު