ޖަވާބުދެއްވީ: އައްޝައިޚް އާދަމް ޝަމީމް އިބްރާހީމް
ސުވާލު: ދުޢާކުރުން އެންމެ ރަގަޅު ވަގުތުތަކަކީ ކޮބައިތޯއެވެ؟ 
 
ޖަވާބު: الحمد لله، والصلاة والسلام على رسول الله أما بعد:

ދުޢާކުރުން އެއްމެ ރަނގަޅު ވަގުތުތަކަކީ އެވަގުތުތަކުގައި ދުޢާ އިޖާބަ ކުރެއްވުން ގާތްކަމުގައި ﷲ އާއި އެކަލާނގެ ރަސޫލާ އަންގަވާފައިވާ ވަގުތު ތަކެވެ. އެފަދަ ވަގުތު ތަކުގެ ތެރޭގައި އެއްވަގުތަކީ: ލައިލަތުލް ޤަދްރި ވިލޭރެއެވެ. އަނެއްވަގުތަކީ: ރޭގަނޑުގެ ދަންވަރެވެ. އެއީ ރޭގަނޑުގެ ތިންވަނަ ބައި ނުވަތަ ހާރު ދަން ފެށުނީއްސުރެ ފަޖުރުލައިފުމަށް ދާނދެނެވެ. އެއީ ﷲ ތަބާރަކަ ވަތަޢާލާ ދުނިޔޭގެ އުޑަށް ނުޒޫލުވެ ވޮޑިގެން އެކަލާނގެ އަޅުތަކުންގެ ދުޢާ އާއި ދެންނެވުންތައް އިޖާބަކުރައްވާނެކަމުގައި އަންގަވާފައިވާ ވަގުތެވެ.އަނެއްވަގުތަކީ: ބަންގިއާއި ޤަމަތާއި ދެމެދުގައި ކުރެވޭ ދުޢާއެވެ.އަނެއްވަގުތަކީ: ނަމާދުގައި ސަޖިދާގައި އޮންނަ އިރުއެވެ.އަނެއްވަގުތަކީ: ފަރުޟު ނަމާދު ފަހަތުގައެވެ. ޔަޢުނީ: އައްތަޙިއްޔާތާއި ޞަލަވާތް ކިޔެވުމަށް ފަހުގައި ސަލާންދިނުމުގެ ކުރިން ދުޢާ ކުރުމާއި ސަލާމްދިނުމަށް ފަހުގައި ކުރެވޭ ޛިކުރުތަކާއި ދުޢާތަކެވެ. އަނެއްވަގުތަކީ: ހުކުރު ދުވަހުގައި ވާ ދުޢާ އިޖާބަ ކުރެއްވޭ ސާޢަތެވެ. އެއީ ހުކުރު ވަގުތުން ފެށިގެން އިރު އޮށްސުމާއި ދެމެދުގެ ވަގުތެކެވެ.އަނެއްވަގުތަކީ: ވާރޭ ވެހޭ ވަގުތެވެ.އަނެއްވަގުތަކީ: ޒަމްޒަމް ފެން ބުއިމާއި އެކުގައި ކުރާ ދުޢާއެވެ.އަނެއްވަގުތަކީ: އަނިޔާ ލިބިގެންވާ ހާލުގައި މަޡްލޫމުންގެ ދުޢާއެވެ.

މިވަގުތު ތަކަކީ އެވަގުތު ތަކުގައި ދުޢާ ކުރުމަށް ބާރު އެޅުއްވިފައިވާ އަދި އިޖާބަ ކުރެއްވޭނެ ކަމުގެ އުންމީދު ބޮޑުކަމުގައި ޞައްޙަވެގެންވާ ތަންތަނާއި ވަގުތެވެ. އަދިވެސް ބައެއް ވަގުތާއި ހާލަތްތަކުގައި ދުޢާ ކުރުމުގެ މާތް ކަމާއި މަތިވެރި ކަމާއި މެދުގައި ޚަބަރުތައް ވާރިދުވެފައި ވެއެވެ. ކޮންމެ ވަގުތަކީވެސް ދުޢާ ކުރުން ހުއްދަ ވަގުތު ތަކެވެ. ނަމަވެސް އިސްވެދިޔަ ވަގުތުތަކާއި ހާލަތްތަކުގައި ދުޢާ ކުރުން މޮޅު އިތުރުވެގެން ވެއެވެ.
والله أعلم، وصلى الله على محمد وآله وسلم

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު