ތަރުޖަމާ: އިނާޒް ޢަދުނާން

ﷲ ތަޢާލާ، ފަސޭހަކަން މިންވަރުކޮށްދެއްވައިފިނަމަ….

މުއުމިނު އަޅާއަށް އެދެވިގެންވަނީ ﷲ ތަޢާލާ، އޭނާއަށް ފަސޭހަކަން މިންވަރުކޮށްދެއްވައިފިނަމަ އެކަމަށް ޝުކުރުއަދާކުރުމެވެ. އަދި ފަހަރެއްގައިވެސް އެހެންއެވީ ތިމާގެ ތެދުވެރިކަމާ ތަޤުވާވެރިކަމުގެ ސަބަބުންކަމުގައި ހީނުކުރާށެވެ. އެހެނީ އިމްތިޙާނަކީ ހަމައެކަނި ދުނިޔަވީ މުޞީބާތްތަކާ އުނދަގޫތައް އެކަންޏެއްނޫނެވެ. އަދި ކިއެއްތަ! ދުނިޔަވީ ތަނަވަސްކަމާ މުއްސަނދިކަމާ ފަސޭހަކަމަކީވެސް އިމްތިޙާނުގެ ބައެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.  وَنَبْلُوكُم بِالشَّرِّ وَالْخَيْرِ فِتْنَةً ۖ [سورة الأنبياء 35] މާނައީ: އަދި ނުބައިގޮތާއި ހެޔޮގޮތް މެދުވެރިކުރައްވައި، ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވައި ގޮތްބައްލަވަމެވެ.

ޔަޢުނީ: ތިމަންއިލާހު ތިޔަބައިމީހުން އިމްތިޙާނުކުރައްވާހުށީމެވެ. އުނދަގޫތައް ޖައްސަވައިގެންނާއި ފަސޭހަކަން މިންވަރުކުރައްވައިގެންނެވެ. އެއީ ތިޔަބައިމީހުންގެ ތެރެއިން ނިޢުމަތްތަކަށް ޝުކުރުވެރިވަނީ ކާކުތޯ އާއި ކުފުރުވެރިވަނީ ކާކުތޯ ބެއްލެވުމަށްޓަކައެވެ. އަދި މުޞީބާތްތަކަށް ކެތްތެރިވަނީ ކާކުތޯ އާއި މާޔޫސްވެ އުންމީދުކަނޑައިލަނީ ކާކުތޯ ބެއްލެވުމަށެވެ. علي بن أبي طلحة (رحمه الله) ، ابن عباس رضي الله عنهما ގެ އަރިހުން ރިވާކުރައްވައެވެ. [ހެޔޮކަމާ ނުބައިކަމުން، އުނދަގުލާ ފަސޭހައިން، ދަތިކަމާ ތަނަވަސްކަމުން، ފުރިހަމަ ޞިއްޙަތާ ބަލިމަޑުކަމުން، މުއްސަނދިކަމާ ފަޤީރުކަމުން، ޙަލާލުކަންތަކާ ޙަރާމްކަންތަކުން، ހެޔޮކަމާ ނުބައިކަމުން އަދި ތެދުމަގާ މަގުފުރެދުން މެދުވެރިކުރައްވައިގެން ﷲ ތަޢާލާ، ތިޔަބައިމީހުން އިމްތިޙާނުކުރައްވާ ހުއްޓެވެ.] [تفسير ابن كثير 3/156]
ރަޙުމަތެއް ނުވަތަ ސަޒާއެއް

މުޞީބާތުގެ ވަގުތުގައި ކެތްތެރިވެ ކިޔަމަންތެރިވުން މުއުމިނު އަޅާއަށްޓަކައި ނިޢުމަތެއް އަދި ރަޙުމަތެއްކަމުގައި ވެގެންދެއެވެ. ހަމަ އެފަދައިން އެފަދަ ވަގުތުގައި މާޔޫސްވެ ނުކިޔަމަންތެރިވުމުން އަޅާއަށް، ﷲ ގެ ކޯފާ އާއި ސަޒާ އުފުލަންޖެހިދެއެވެ. ﷲ ގެ ނަބިއްޔާ z  ޙަދީޘްކުރައްވާފައިވެއެވެ. اِنَّ عِظَمَ الْجَزَاءِ مَعَ عِظَمِ الْبَلاَءِ ، وَاِنَّ اللهَ اِذَا اَحَبَّ قَوْمًا اِبْتَلاَهُمْ ، فَمَنْ رَضِيَ فَلَهُ الرِّضَا فَمَنْ سَخِطَ فَلَهُ السَّخَطُ [ترمذي وابن ماجه ، الصحيحة للالباني 1/227 حديث: 146] މާނައީ: ހަމަކަށަވަރުން ލިބޭ އަޖުރު ބޮޑުވުން ވަނީ ޖެހޭ މުޞީބާތުގެ (އިމްތިޙާނުގެ) ބޮޑުކަމާއި އެއްވަރަށެވެ. ހަމަކަށަވަރުން ﷲ ތަޢާލާ، ބަޔަކު މީހުންދެކެ ލޯބިވެވޮޑިގެންފިނަމަ އެބަޔަކަށް ބަލާ ޖައްސަވައި އިމްތިޙާނު ކުރައްވައެވެ. ދެންފަހެ އެ ބަލާއަށް ރުހިއްޖެ މީހަކަށް ﷲ ގެ ރުއްސެވުން ހުއްޓެވެ. އަދި ނުރުހިއްޖެ މީހަކަށް ހުރީ ﷲ ނުރުއްސެވުމެވެ.
ތަކުލީފުގެ ވަގުތުގައިވެސް ސީދާ ސާދާ ގޮތުގައި ތިމާގެ ޢަމަލުތައް ބެހެއްޓިއްޖެނަމަ ހިތާމައިގެ ތެރެއިންވެސް އުފާވެރިކަން ހޯދައިގަނެވިދާނެއެވެ. އަދި އެހިތާމަ ހެޔޮކަމާ ދަރުމައަށް ބަދަލުކޮށްލެވިދާނެއެވެ. (ނުނިމޭ)
ލިޔުމުގެ އަޞްލު: ދުންޔަވީ މަޞާއިބް ވަމުޝްކިލާތް / އަލްއަޚް ޝާހިދު ސައްތާރު
ތަރުޖަމާ މުރާޖަޢާކޮށްދެއްވީ: އައްޝައިޚް އާދަމް ޝަމީމް      

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު