ތަރުޖަމާ: އިނާޒް ޢަދުނާން

ﷲ ތަޢާލާގެ ރުހިވޮޑިގަތުމާ ރަޙުމަތް ޙާޞިލްކުރުމަށްޓަކައި ކެތްތެރިވާށެވެ!

صبر މިއީ ޢަރަބި ލަފްޡެކެވެ. އޭގެ ލުޣަވީ މާނައަކީ ހުއްޓާލުމެވެ. ދުރުހެލިވުމެވެ. ދެރަވެ ހިތާމަކޮށް ރޮއި ހޭރި ހެދުމުން ރައްކާތެރިވެގެން ހުރުމެވެ. އެފަދަ ކަމަކަށް އަރައިނުގަތުމެވެ. (مختار الصحاح) ޝަރުޢީ އިޞްޠިލާޙުގައި ”صبر“ ގެ މާނައަކީ ބޮޑެތި ހިތާމަތައް ކުރިމަތިވާހިނދު މާޔޫސްކަމާއި ނާއުންމީދުން ތިމާގެ ނަފްސު ސަލާމަތްކުރުމެވެ. ހުތުރު ބަސްތައް ބުނުމުން ދޫ ރައްކާތެރިކުރުމެވެ. މޫނުގައި ތަޅައި ހެނދުންވީދައި ހެދުމުން ދެއަތް މަނާކުރުމެވެ. އެހެނީ ކެތްތެރިކަމުގެ ރިވެތި ސިފަ ލިބިއްޖެ މީހަކަށް ހަމަ ކަށަވަރުންވެސް ﷲ ގެ ޙަޟްރަތުން ބޮޑުވެގެންވާ ރަޙުމަތެއް ލިބިއްޖެއެވެ. ﷲ ގެ ނަބިއްޔާ z އަރިހުން ރިވާވެގެންވެއެވެ. مَا أُعْطِيَ اَحَدٌ عَطَاءً خَيْرًا اَوْسَعَ مِنَ الصَّبْرِ [بخاري ومسلم] މާނައަކީ: އެއްވެސް މީހަކަށް ކެތްތެރިކަމަށްވުރެ ހެޔޮ، ތަނަވަސް އެހެން އެއްޗެއް ދެއްވިގެނެއްނުވެއެވެ.
މަތިވެރިވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާ، ކެތްތެރީންނަށް ދެއްވުމަށް ވަޢުދުވެވޮޑިގެންވާ ދަރުމަ އާއި ޘަވާބުގެ މިނެއް ނޭޅޭނެއެވެ. އަދި ނުވެސް ކިރޭނެއެވެ. އެހެނީ ﷲ ގެ ވަޙީބަސްފުޅުގައި ވަނީ މިފަދައިންނެވެ.  إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ  [سورة الزمر 10] މާނައީ:ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ حساب އެއްނެތިއެވެ.

އެއްވެސް ޙިސާބެއްނެތި ދަރުމަދެއްވާނެކަމަށް ﷲ ތަޢާލާ، ވަޢުދުވެވޮޑިގެންފައިވާ ޙަޤީޤީ ކެތްތެރިކަމަކީ މުޞީބާތެއް ލައިގަންނަ ވަގުތު ވާ ކެތްތެރިކަމެވެ. މުޞީބާތެއް ކުރިމަތިވާ ހިނދު އެކަމުގެ ޚަބަރު ލިބުމުން ހިތަށްލިބޭ ހިތާމަވެރިކަމާއެކުވެސް އޭނާ އުންމީދުކަނޑައެއްނުލައެވެ. އަދި ބިރެއްވެސް ނުގަނެއެވެ. އަދި ކިއެއްތަ! އޭނާ އިޚްތިޔާރުކުރަނީ ކެތްތެރިކަމެވެ. އަދި ﷲ ގެ މިންވަރުފުޅަށް ރުހި ޤަބޫލުވުމެވެ. (ތަޢުރީފު ޙައްޤުވެގެންވާ ކެތްތެރިކަމަކީ މިއީއެވެ.) މުޞީބާތެއް ލައިގަންނަ ހިނދު އަންނަ ފުރަތަމަ ލޮޅުމަށްފަހު ހިތާމަތަށް ލުއިވާފަހުން ވާ ކެތްތެރިކަމަކީ ޙަޤީޤީ ކެތްތެރިކަމެއްނޫނެވެ. އެހެނީ ކެތްތެރިކަމުގެ ޙަޤީޤީ އިމްތިޙާނުގެ ވަގުތަކީ އިންސާނާއަށް މުޞީބާތްކުރިމަތިވާ ވަގުތެވެ. މާތް ނަބިއްޔާ z ޙަދީޘްކުރައްވާފައިވެއެވެ. اِنَّ الصَّبْرَ عِنْدَ الصَّدْمَةِ الْأُوْلَى (بخاري ومسلم ، سنن أربعة ، مسند احمد) މާނައީ: ހަމަކަށަވަރުން ކެތްތެރިވުމަކީ އެންމެ ފުރަތަމަ މުޞީބާތްޖެހޭ ވަގުތުގައި ކެތްތެރިވުމެވެ. 
ކޮންމެ އިންސާނަކަށްވެސް ރުހުމުގައިވިޔަސް ނުވަތަ ނުރުހުމުގައިވިޔަސް އެންމެފަހުން ޖެހެނީ ކެތްތެރިވާށެވެ. ބުއްދިވެރިޔަކީ މުޞީބާތެއް ކުރިމަތިވެއްޖެނަމަ މިންވަރުފުޅަށް ރުހިގެންހުރެ ކެތްތަރިކަން އިޚްތިޔާރުކުރާ  މީހާއެވެ. އަދި އެއީވެސް މުޞީބާތް ޖެހޭ ވަގުތުން ފެށިގެންނެވެ. އެހެނީ އޭނާއަށް ކެތްތެރިވުމުގެ ފައިދާ އެނގެއެވެ. އަދި ކެތްތެރިވެއްޖެނަމަ އެކަމުގެ ހެޔޮ ބަދަލު ދެއްވާނޭކަމާ، ކެތްތެރިނުވެއްޖެނަމަ އޭނާގެ މައްޗަށް އިލާހީ ކޯފާ ހައްޤުވެދާނޭކަންވެސް ދަނެއެވެ. އަދި ކެތްތެރިކަމެއް ނެތް މީހާގެ ހިތާމަތަކުގެ ސަބަބުން ގެއްލިގެން ދިޔަ އެއްޗެއް އަނބުރާ ނުގެނެވޭނެކަމާ، ﷲ ގެ މިންވަރުފުޅު ބަދަލުނުވާނޭކަންވެސް ޔަޤީންކުރެއެވެ. މިއާ ޚިލާފަށް ބުއްދިއުނި މީހާ ކެތްތެރިކަން އިޚްތިޔާރުކުރާނީ މުޞީބާތެއް ޖެހުމުން ރޮއި ހޭރި ހިތާމަކޮށް އިލާހީ މިންވަރުފުޅާމެދު ޝަކުވާކޮށް ހެދުމަށްފަހު އެހެން ހުރިހާ މަގެއް ބަންދުވުމުންނެވެ. މިފަދަ ކެތްތެރިކަމަކުން އެފަދަ މީހަކަށް ލިބޭނެ އަޖުރެއް ނެތެވެ.

احتساب (ދަރުމަ އާއި ޘަވާބަށް އުންމީދުކުރުން)

ކުރިމަތިވާ މުޞީބާތްތަކުގެ ވަގުތުގައި ލިބެމުންދާ ހިތާމަ އާއި ދަތި އުނދަގޫތަކަށް ފަރުވާލެއްނެތި ﷲ ގެ ޙަޟްރަތުން ދަރުމަ އާއި ޘަވާބަށް އުންމީދުކޮށްގެން ހުރުމަށް [احتساب] އޭ ކިޔެއެވެ. އިޙްތިސާބްގެ އަޖުރަކީ ހަމައެކަނި ސުވަރުގެއެވެ. ﷲ ގެ ނަބިއްޔާ z ޙަދީޘްކުރއްވާފައިވެއެވެ. اِنَّ اللهَ عَزَّ وَجَلَّ يَقُوْلُ: اِذَا ابْتَلَيْتُ عَبْدِيْ بِحَبِيْبَتَيْهِ فَصَبَرَ ، عَوَّضْتُهُ مِنْهُمَا الْجَنَّةَ يُرِيْدُ عَيْنَيْهِ  [بخاري والترمذي] މާނައީ:  ހަމަކަށަވަރުން ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. ތިމަންރަސްކަލާނގެ، ތިމަންރަސްކަލާނގެ އަޅެއްގެ ދެލޮލުގެ ފެނުން ގެންދަވައިގެން އިމްތިޙާނު ކުރައްވާހިނދު އެއަޅާ އެކަމަށް ކެތްތެރިވެއްޖެނަމަ އޭގެ ބަދަލުގައި ސުވަރުގެ އެއަޅާއަށް ދެއްވާހުށީމެވެ.
މިސާލެއްގެ ގޮތުގައި ފިރުޢަޥްނުގެ އަނބިކަނބަލުން آسية ގެފާނަށް ބަލައިލަމާތޯއެވެ. އެކަމަނާ ﷲ ގެ އެއްކައުވަންތަކަށް ޤަބޫލުކުރުމުން ފިރުޢަޥްނާ އޭނާގެ ބައިވެރިންވެގެން އެކަމަނާއަށް ބޮޑެތިވެގެންވީހާ އަނިޔާތައްކުރަންފެށިއެވެ. އަދި އެކަމުގައި ހުރިހާ އިމެއް ފަހަނައަޅައި ދިޔައެވެ. އެކަމާނާގެ ހަށިކޮޅަށް ލިބެމުންދިޔަ ވޭނާއި ތުރާތަކާއެކުވެސް އީމާންކަންމަތީ އެކަމާނާ ސާބިތުވެވަޑައިގެންނެވިއެވެ. ނުހަނު ބޮޑަށް ކެތްތެރިވެވަޑައިގެންނެވިއެވެ. އަދި ﷲ ގެ ޙަޟްރަތުން ދަރުމައަށް އެދިވަޑައިގެންނެވިއެވެ. އަދި ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވުން އެދި ދުޢާ ދެންނެވިއެވެ. ﷲ ތަޢާލާ ވަނީ އެކަމަނާގެ ވާހަކަ ކީރިތިޤުރުއާނުގައި ބަޔާންކުރައްވާފައެވެ. وَضَرَبَ اللَّـهُ مَثَلًا لِّلَّذِينَ آمَنُوا امْرَأَتَ فِرْعَوْنَ إِذْ قَالَتْ رَبِّ ابْنِ لِي عِندَكَ بَيْتًا فِي الْجَنَّةِ وَنَجِّنِي مِن فِرْعَوْنَ وَعَمَلِهِ وَنَجِّنِي مِنَ الْقَوْمِ الظَّالِمِينَ [سورة التحريم : 11] މާނައީ: އަދި فرعون ގެ އަނބިކަނބަލުންގެ ވާހަކައިން، إيمان ވި މީހުންނަށް اللَّه، مثال އެއް ޖެއްސެވިއެވެ. (އެއީ) އެކަމަނާ ވިދާޅުވިހިނދުގައެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާޔަށް އިބަރަސްކަލާނގެ حضرة ގައި، ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނދޭވެ! އަދި فرعون އާއި، އޭނާގެ (ނުބައި) عمل ން މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ! އަދި އަނިޔާވެރި قوم ގެމީހުންގެ ކިބައިންވެސް މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ! 

ދެންފަހެ އެކަމަނާ މިދުޢާ ކުރެއްވުމުން އުޑުގެ ދޮރުކޮޅުތައް އެކަމަނާއަށްޓަކައި ހުޅުވިގެންދިޔައެވެ. އަދި ސުވަރުގޭގައި އެކަމަނާއަށް ހުރި ގަނޑުވަރު އެކަމަނާއަށް ދައްކައިވައިލެއްވުނެވެ. ދެން އެކަމަނާ އުފާފުޅުން ހިނިވަރުނަކުރެއްވިއެވެ. އެހިނދު ފިރުޢަޥްނު އަމުރުކުރީ ބޮޑު ހިލައެއްގެނެސް އެކަމަނާގެ ހަށިކޮޅުމައްޗަށް ވައްޓައިލައި އެކަމަނާ ޗިސްޗިސްކޮށްލުމަށެވެ. ނަމަވެސް އެހިލަ ވެއްޓި އެކަމަނާގެ ހަށިކޮޅުގައި ޖެހުމުގެ ކުރިން ﷲ ތަޢާލާ، އެކަމަނާގެ ފުރާނަ ހިތްޕެވިއެވެ. އެފަދައިން ﷲ ތަޢާލާ، އާސިޔަތުގެފާނުގެ ކެތްތެރިކަމާ އިޙްތިސާބުގެ ސަބަބުން ދެ ހެޔޮކަމެއް އެކަމަނާއަށް ދެއްވިއެވެ. އެއީ ސުވަރުގެއިން ގަނޑުވަރަކާއި ފިރުޢަޥްނުގެ ނުބައި ރޭވުމުން ރައްކާތެރިކޮށްދެއްވުމެވެ. އަދި ޤިޔާމަތާ ޖެހެންދެން އަންނާނެހާ ބަޔަކަށްޓަކައި ރިވެތި ނަމޫނާއެއްކަމުގައި އެކަމަނާ ވެގެންދިޔައެވެ. [طبراني]  (ނުނިމޭ)
ލިޔުމުގެ އަޞްލު: ދުންޔަވީ މަޞާއިބް ވަމުޝްކިލާތް / އަލްއަޚް ޝާހިދު ސައްތާރު
ތަރުޖަމާ މުރާޖަޢާކޮށްދެއްވީ: އައްޝައިޚް އާދަމް ޝަމީމް      

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު