ތަރުޖަމާ: އިނާޒް ޢަދުނާން
ޝަކުވާ
ޝަކުވާގެ ދެ ބާވަތެއްވެއެވެ. ފުރަތަމަ ވައްތަރަކީ ﷲ ތަޢާލާ އަށް ޝަކުވާ ދެންނެވުމެވެ. އަދި މިއީ ކެތްތެރިކަން ނަފީކުރާކަމެއްނޫނެވެ. މިބާވަތުގެ ޝަކުވާގެ ވަރަށް ގިނަ މިސާލުތައް ކީރިތިޤުރުއާނުގައި ބަޔާންވެގެންވެއެވެ. އޭގެ ތެރެއިން އެއް މިސާލަކީ ﷲ ގެ ނަބިއްޔާ يعقوب عليه السلام ގެ ޝަކުވާއެވެ. އެކަލޭގެފާނު ދެންނެވި ޝަކުވާ ކީރިތިޤުރުއާނުގައި ބަޔާންކުރައްވާފައިވަނީ މިފަދައިންނެވެ.  قَالَ إِنَّمَا أَشْكُو بَثِّي وَحُزْنِي إِلَى اللَّـهِ  [سورة يوسف 86] މާނައީ: އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ މޮޅިޔާއި، ހިތާމައިގެ شكوى ދަންނަވާކަން ކަށަވަރީ، ހަމައެކަނި ﷲ އަށެވެ.

ދެވަނަ ބާވަތަކީ އިންސާނުން ކައިރީގައި ކުރެވޭ ޝަކުވާއެވެ. ބައެއްފަހަރު ރަގަޅު ބަސްތަކުންނެވެ. އަދި ބައެއްފަހަރު އެކަށީގެންނުވާ ފަދަ ގޮތަކަށެވެ. އެއީ ދުލުން އެކަށީގެންނުވާފަދަ ބަސްތައް ބޭރުކުރުމާ ހެދުންވީދުމާ ބާރަށް ރޮއިހޭރި ހަޅޭއްލެވުމާ އަދި މިފަދަ ތަފާތު ހަރަކާތްތައްކުރުމެވެ. މިފަދަ ކަންކަމަކީ ހަމައެކަނި ތިމާގެ ހިތާމަ އާއި ވޭން ފާޅުކުރުމަށްޓަކައި ކުރެވޭކަންކަމެވެ. ނަމަވެސް މިފަދަ ޝަކުވާއިން ކެތްތެރިކަން ނަފީކުރެއެވެ. އެހެނީ މިފަދަ ޢަމަލުތަކަކީ ﷲ ގެ މިންވަރުފުޅު ޤަބުލުނުކުރާކަމުގެ ޢަލާމާތެކެވެ. އަދި އެކަލާނގެއަށް ކުރެވޭ ބަރޯސާގެ ބަލިކަށިކަން ދައްކައިދޭ ދަލީލެކެވެ. މިއާ ޚިލާފަށް ތިމާއަށް ކުރިމަތިވެފައިވާ މުޞީބާތެއްގެ ނުވަތަ ކަންބޮޑުވުމެއްގެ ވާހަކަ ގާތްތިމާގެ މީހެއް ނުވަތަ ރަޙްމަތްތެރިއެއްގެ ކައިރީގައި ބުނުމަކީ މައްސަލައެއްނޫނެވެ. ابن مسعود رضي الله عنه ވިދާޅުވެފައިވެއެވެ. މާތް ނަބިއްޔާ z އާލާސްކަންފުޅެއްގައި އުޅުއްވަނިކޮށް އެކަލޭގެފާނުގެ އަރިހަށް ތިމަން ޒިޔާރަތްކުރީމެވެ. ތިމަންގެ އަތުން މާތް ނަބިއްޔާ z ގެ ބަރަކާތްތެރި ހަށިކޮޅުގައި ބީހުމުން އެކަލޭގެފާނުގެ ހަށިކޮޅުގައިވާ ހުން އިޙްސާސްކުރެވިގެން ތިމަން ދެންނެވީމެވެ. [ކަލޭގެފާނު ތިޔަ ހުންނެވީ ވަރަށް ބޮޑަށް ހުން އައިސްފައެވެ.]  ޖަވާބުގައި މާތް ނަބިއްޔާ z ޙަދީޘްކުރެއްވިއެވެ. ((اَجَلْ! اِنِّيْ اُوْعَكُ كَمَا يُوْعَكُ رَجُلاَنِ مِنْكُمْ)) [صحيح بخاري ومسلم بحوالہ صحيح الترغيب 3/340] މާނައީ: ”އާނއެކެވެ! ތިޔަބައިމީހުންކުރެ ދެމީހުން ހުންއަންނަވަރަށް ތިމަންކަލޭގެފާނު ހުން އާދެއެވެ.“ (ނުނިމޭ)
ލިޔުމުގެ އަޞްލު: ދުންޔަވީ މަޞާއިބް ވަމުޝްކިލާތް / އަލްއަޚް ޝާހިދު ސައްތާރު
ތަރުޖަމާ މުރާޖަޢާކޮށްދެއްވީ: އައްޝައިޚް އާދަމް ޝަމީމް      

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު