ތަރުޖަމާ: އިނާޒް ޢަދުނާން
 
މުޞީބާތަކީ ބައެއް ފަހަރު ސަޒާއެކެވެ.

ބަޔާންވެ ދިޔަ ފޮޅުވަތްތަކުން ދުނިޔަވީ މުޞީބާތްތަކާ އުނދަގޫތަކަކީ އިމްތިޙާނެއްކަން އެނގިގެން ހިނގައްޖެއެވެ. އެފަދަ ކަންކަމުގައި އަޅާއަށް އޮތީ ކެތްތެރިވެ ﷲ ގެ މިންވަރުފުޅަށް ރުހި ޤަބޫލުވެގެންހުރުމެވެ. މީގެ އިތުރުން އިންސާނުންނަށް އެބައިމީހުންގެ ނުބައި ޢަމަލުތަކާ ފާފަތަކުގެ ނަތީޖާއެއްގެ ގޮތުންވެސް ބައެއް މުޞީބާތްތަކާ ކުރިމަތިލާންޖެހެއެވެ. މިފަދަ ހުރިހާ ކަމަކީ ﷲ ގެ ޙަޟްރަތުން އަންނަ ސަޒާއެކެވެ. އަދި ނުބައި ޢަމަލުތައް ދޫކޮށްލުމަށް ދެވޭ އިންޒާރެކެވެ. އެއީ އަޅާ ތިމާގެ ފާފަތަކުގެ މައްޗަށް ހިތާމަކޮށް ﷲ ގެ ޙަޟްރަތަށް ތައުބާވެ ރުޖޫޢަވޭތޯއެވެ. ]وَمَا أَصَابَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ y [ [سورة الشورى 30] މާނައީ: ތިޔަބައިމީހުންނަށް ޖެހޭހާ مصيبة އެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ.

ދުނިޔަވީ މުޞީބާތްތަކާ އުނދަގޫތަކުގެ މިބާވަތް ރަގަޅަށް ދަނެގަނެ ޚާއްޞަ ސާމާލުކަމެއް ދިނުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ. އެހެނީ އަޅުތަކުން، ﷲ ތަޢާލާގެ އިންޒާރާމެދު ފަރުވާކުޑަކޮށް ޣާފިލުވެ، އެކަލާނގެ އަމުރުފުޅުތައް ފުރަގަހަށް އެއްލައިލި ހިނދު ވޭތުވެދިޔަ އުންމަތްތަކަށްވެސް ގަދަފަދަވެގެންވާ ޢަޒާބު ފޮނުއްވައި އެބައިމީހުން ހަލާކުކުރެއްވިކަން މައްޗަށް ކީރިތިޤުރުއާން ހެކިދެއެވެ. ﷲ ތަޢާލާ، نوح عليه السلام ގެ ޤައުމުގެ ކާފިރުން ފެނުގެ ތެރެއަށް ޢަރަޤުކުރެއްވިއެވެ. هود عليه السلام ގެ ޤައުމަށް ވަރުގަދަ ވައިގެ ޠޫފާނެއް ފޮނުއްވައި އަނިޔާވެރީން މަރު ނިދިން ނިއްދެވިއެވެ. صالح عليه السلام ގެ ޒަމާނުގައި ވަރުގަދަ ޒަލްޒަލާއެއް ފޮނުއްވައިގެން ކިބުރުވެރީންގެ ބޯތައް ތިރިކުރެއްވިއެވެ. لوط عليه السلام ގެ ޤައުމުގެ މައްޗަށް އޮތް ފުށް ދަށަށްޖެއްސެވިއެވެ. އަދި އަލިފާނުން ދޮންކުރެވިފައިވާ މަށީގެ ހިލަ ފާސިޤު ފާޖިރުންގެ މައްޗަށް ވެއްސެވިއެވެ. ވޭތުވެދިޔަ އުންމަތްތަކުގެ މިވާހަކަތަކާއި ދެންވެސް ހުރި މިފަދަ ޙާދިޘާތަކުން ﷲ ތަޢާލާއަށް ނުކިޔަމަންތެރިވުމުގެ ހުރި ބިރުވެރި ނުރައްކާތެރި ހިތި ނިމުމުގެ މަތީން އަހަރަމެންނަށް ހަނދާންކޮށްދެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ] فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ [ [سورة النور 63] މާނައީ: ފަހެ، އެކަލާނގެ أمر ފުޅާ خلاف ވާމީހުންނަށް ބަލާއެއް ނުވަތަ ވޭންދެނިވި عذاب އެއް ޖެހިދާނެކަމަށް، އެއުރެން ބިރުވެތިވާހުށިކަމެވެ!

ﷲ ގެ ޢަޒާބު ނުވަތަ ސަޒާ ކޮންމެފަދަ ގޮތަކަށްވެސް އަތުވެދާނެއެވެ. މިއަދު ދުނިޔޭގެ އަހުލުވެރިންނަށް ހަމަ ޙަޤީޤަތުގައިވެސް ކުރިމަތިވެފައިވާ ބޮޑުވެގެންވާ އެއް މުޞީބާތެއްކަމުގައި އެއިޑްސް ބަލީގެ ސަޒާ ހިމެނޭނެއެވެ. މިބަލި އެންމެ ފުރަތަމަ ދުނިޔެއަށް ފާޅުވެ ފެތުރެން ފަށައިފަވަނީ 1980 ގެ އަހަރުތަކުގައެވެ. މިއީ މިހާތަނަށް ފެނުނު އެންމެ ނުރައްކާތެރި ފަނާކުރަނިވި އެއްބަޔެވެ. މިބަލީގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ނިޒާމުގެ ބާރުކަނޑުވައިލަައެވެ. އަދި ފަސޭހަކަމާއެކު ހުރިހާ ވައްތަރެއްގެ ވަބާތަކުގެ ހާއްޔަކަށް ހަށިގަނޑުވެގެންދެއެވެ. މީހަކަށް މިނުރައްކާތެރި ބަލިޖެހިއްޖެނަމަ މަދު އަހަރުތަކެއްގެ ތެރޭގައި އެމީހަކު މިދުނިޔެއާ ވަކިވާންޖެހެއެވެ. މިބައްޔަކީ ހުއްދަނޫން ގޮތްގޮތަށް ޖިންސީ ގުޅުންހިންގުމާ އެއްޖިންސުން ގުޅުންހިންގުމާ މަސްތުވާތަކެތި ބޭނުންކުރުމާ އަދިވެސް މިފަދަ ނުބައި ޢަމަލުތަކުގެ ސަބަބުން ޢާންމުގޮތެއްގައި ޖެހޭ ބައްޔެކެވެ. މިފަދަ ޢަމަލުތަކަށް އަރައިގަތުމަކީ ﷲ ތަޢާލާގެ ޙައްދުތައް މުގުރައި ޙައްދުތައް ފަހަނައަޅައި ދިޔުންކަމާމެދު އެއްވެސް ޝައްކެތްނެތެވެ.
ބައެއް މީހުން ފަހަރުގައި ބުނެފާނެއެވެ. އެއިޑްސް ބަލިޖެހެނީ ހަމައެކަނި ފާފަކުރާ މީހުންނަށް އެކަންޏެއްނޫނެވެ. އަދިކިއެއްތަ! ހެޔޮލަފާ ރަގަޅު އެތައް ބަޔަކަށްވެސް އެބަލިޖެހިފައިވެއެވެ. މިފަދަ މީހުންގެ ބުނުންތަކަށް ކީރިތިޤުރުއާން ދޭ ޖަވާބަކީ ފަހެ ﷲ ގެ ޢަޒާބު ހަމައެކަނި ފާފަކުރާ މީހުންގެ މައްޗަށް ޚާއްޞަވެގެންނުވެއެވެ. އަދި ކިއެއްތަ! އެންމެހާ މީސްތަކުންގެ މައްޗަށް އެފަދަ ޢަޒާބު ޢާންމުވެގެންވެއެވެ. ﷲ ތަޢާލާގެ ވަޙީ ކުރައްވާފައިވެއެވެ. ] وَاتَّقُوا فِتْنَةً لَّا تُصِيبَنَّ الَّذِينَ ظَلَمُوا مِنكُمْ خَاصَّةً ۖ وَاعْلَمُوا أَنَّ اللَّـهَ شَدِيدُ الْعِقَابِ [ [سورة الأنفال 25] މާނައީ: އަދި ތިޔަބައިމީހުން ފިތުނައަކަށް ބިރުވެތިވެ ރައްކާތެރިވާށެވެ! އެ ފިތުނައައިސް ޖެހިދާހުށީ، ތިޔަބައިމީހުންގެ ތެރެއިން އަނިޔާވެރިވި މީހުންނަށް އެކަންޏެއްނޫނެވެ. އަދި ހަމަކަށަވަރުން، ﷲ އީ، عقوبات ގަދަފަދަވެގެންވާ ކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ.

މިއަދު ވަރަށް ގިނަ ތަފާތު ޢަޖައިބުކުރަނިވި އާބަލިތަކާ އިންސާނުން މިވަނީ ކުރިމަތިލާންޖެހިފައެވެ. ނުރައްކާތެރި ޠޫފާނުތަކާ ފެންބޮޑުވުންތަކާ ބިންހެލުންތަށް ދުނިޔޭގެ އެކި ހިސާބުތަކަށް މިހުންނަނީ އަބަދުވެސް އައިސްއައިހެވެ.
ބައެއްފަހަރު ކާފަރުންގެ އަނިޔާވެރިކަމުގެ ސިފައިގައިވެސް މިފަދަ ސަޒާތަކާ އިންޒާރުތައް އާދެއެވެ. އަދުގެ ދުނިޔެއަށް ނަޒަރު ހިންގަވައިލައްވާށެވެ! ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ކާފަރުންނާ މުނާފިޤުންގެ އަތްތަކުން މުސްލިމުންނަށް ދަނީ ވޭނާއި ތުރާތައް ލިބެމުންނެވެ. ކުއްފާރުންގެ އަނިޔާވެރިކަމުގެ އުޑީގައި ނިކަމެތިވެ ފިސްފިސްވަމުންނެވެ. 
މިއީ އަހަރަމެން މުސްލިމުން ﷲ ތަޢާލާއަށް ނުކިޔަމަންތެރިވުމުގެ ނަތީޖާއެވެ. ﷲ ތަޢާލާ، އަހަރަމެންނަށް އިންޒާރުކުރައްވަނީ އަދި ހަނދުމަކޮށްދެއްވަނީ ސަލާމަތްވުމަށްޓަކައި އޮތީ ހަމަ އެންމެ މަގެއްކަމެވެ. އެމަގަކީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް އުރެދިގަތުން ހުއްޓައިލުމެވެ. އަދި ﷲ ގެ ޙައްދުތަކުގެ ތެރޭގައި ތިމާމެންގެ ޢަމަލުތައް ހިފެހެއްޓުމެވެ. ކީރިތިޤުރުއާނުން ޢިބްރަތްލިބިގަންނަމާތޯއެވެ. ] ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُم بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَ [ [سورة الروم 41] މާނައީ: މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތަކުގެ ސަބަބުން، އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެއެވެ. އެއުރެން ކުރި ބައެއް عمل ގެ ރަހަ އެއުރެންނަށް ދެއްކެވުމަށެވެ. (އެއީ) އެއުރެން (توبة ވެ) رجوع ވުމަށްޓަކައެވެ.
އިންސާނާއަށް އެދެވިގެންވަނީ މިންޖުނުވެވޭފަދަ މުޞީބާތެއްގައި ހައްޔަރުވުމުގެ ކުރީން މިއިންޒާރުތަކާ މެދު ވިސްނާ ފިކުރުކޮށް އެބައިމީހުންގެ ބަރުބާދީގެ ސަބަބެއްކަމުގައި ހިމެނުނު އެންމެހާ ޢަމަލުތަކެއް ދޫކޮށްލައި ﷲ ގެ ޙަޟްރަތަށް ރުޖޫޢަވެ ތައުބާވުމެވެ. އަދި ތެދުވެރިކަމާ އިޚްލާޞްތެރިކަމުގެ މަގުގައި ޘާބިތުވެ ﷲ ގެ ރުއްސެވުން ޙާޞިލްކުރުމަށް މަސައްކަތްކުރުމެވެ. އެހެންނޫނީ މާބޮޑަށް ލަސްވެ ވަގުތު ފާއިތުވެދާނެއެވެ. (ނުނިމޭ)
ލިޔުމުގެ އަޞްލު: ދުންޔަވީ މަޞާއިބް ވަމުޝްކިލާތް / އަލްއަޚް ޝާހިދު ސައްތާރު
ތަރުޖަމާ މުރާޖަޢާކޮށްދެއްވީ: އައްޝައިޚް އާދަމް ޝަމީމް      

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު