ތަރުޖަމާ: އިނާޒް ޢަދުނާން

އިމްތިޙާނާއި ސަޒާގެ ފަރަޤު
·        މުޞީބާތްމެދުވެރިވީ ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގެ ސަބަބުންކަމުގައިވާނަމަ މިސާލަކަށް ޖިހާދުގެ މައިދާނުގައި ޒަޚަމްވުން، ﷲ އަށްޓަކައި ހިޖުރަކުރުމުގެ ތެރޭގައި މުދަލާއި ފައިސާކޮޅު އަތުން ބީވެގެންދިއުން، އިސްލާމްދީން ޤަބޫލުކުރުމުން ނުވަތަ މާތް ނަބިއްޔާ z ގެ ސުންނަތަށް ޢަމަލުކުރުމުން ވަޒީފާގެއްލިގެން ދިއުން ފަދަ ކަމެއްކަމުގައިވާނަމަ މިފަދަ މުޞީބާތްތަކާ އުނދަގޫތަކަކީ އިމްތިޙާނެކެވެ. އަދި ކެތްތެރިކަމާއެކު މިފަދަ ކަންތައްތައް އުފުލައިފި މީހަކަށް އެކަމުގެ ދަރުމަލިބޭހުއްޓެވެ. އަދި އެކަމަށް ނުރުހި ރުޅިވެރިކަން ފާޅުކޮށްފިމީހާ ﷲ ގެ ކޯފާ އަށް ދަޢުވަތުދީފިއެވެ.
·        މުޞީބާތް ޖެހުނީ ނުބައި ޢަމަލެއްގެ ސަބަބުންކަމުގައިވާނަމަ މިސާލަކަށް ބަނގުރާ ބޮއި މަސްތުވާތަކެތި ބޭނުންކޮށް ޒިނޭކުރުމުގެ ނަތީޖާއެއްގެ ގޮތުން ނުރައްކާތެރި ބައްޔެއް ޖެހުންފަދަ ކަމެއްނަމަ ބެލެވޭނީ އެއީ ﷲ ގެ ހަޟްރަތުން އައި ސަޒާއެއްކަމުގައެވެ. އެފަދަ މީހަކަށް އެދެވިގެންވަނީ އެންމެހާ ފާފަތަކުން ދުރުވުމަށް މަސައްކަތްކުރުމެވެ. އަދި ފަހަރެއްގައި ފާފައަކަށް އަރައިގަނެވުނަސް އަވަސްއަވަހަށް ﷲ ގެ ޙަޟްރަތަށް ރުޖޫޢަވެ ތައުބާވުމެވެ. ފަހެ މިފަދައިން ޢަމަލުނުކޮށްފިނަމަ އާޚިރަތުގެ ޢަޒާބު ގަދަފަދަވެގެންވާކަން ހަނދުމަކުރުން ހުއްޓެވެ.

·        އަދި މުޞީބާތްޖެހުނީ ރަގަޅުކަމެއްގެ ނުވަތަ ނުބައިކަމެއްގެ ސަބަބުންކަމުގައި ހީނުވާނަމަ މިސާލަކަށް ނުރައްކާތެރި ބައްޔެއްޖެހުން ލޯބިވާ ދަރިޔަކު މަރުވުން ވިޔަފާރި ބަނގުރޫޓުވުން ނުވަތަ މިފަދަ އެހެންވެސްކަމެއް މެދުވެރިވެއްޖެނަމަ އެމީހަކަށް އެދެވިގެންވަނީ އަމިއްލަ ނަފްސު މުޙާސަބާކުރުމެވެ. އަދި އެމީހަކު އެއްވެސް ގޮތަކުން ﷲ އަށް އުރެދެމުންދާނަމަ އެމުޞީބާތަކީ އެމީހަކަށްވާ ސަޒާއެކެވެ. އަދި ނުބައިކަންތައް ދޫކޮށް އިޞްލާޙުވުމަށް ހަނދާންކޮށްދިނުމެކެވެ. މިފަދަކަމެއް ނެތްނަމަ ﷲ ތަޢާލާ އެކަންތައް ޖެއްސެވީ އޭނާގެ ކެތްތެރިކަން އިމްތިޙާނުކުރެއްވުމަށްޓަކައެވެ.
އަބަދުވެސް ހަނދާން ބަހައްޓާށެވެ!!!
·        ދަތިކަމާއި ފަސޭހަކަންވެސް އެއީ ތިބާއަށްޓަކައި އިމްތިޙާނެކެވެ.
·        ﷲ ތަޢާލާ، ތިބާއަށް ޖައްސަވާ ކޮންމެ ހެޔޮކަމަކާއި ނުބައިކަމެއްގައިވެސް ތިބާއަށްޓަކައި ހެޔޮކަންވެއެވެ.
·        ތިބާއަށް ކުރިމަތިވާންހުރި ކަމެއް ނުޖެހިނުދާހުއްޓެވެ. އަދި ތިބާ އާއި ދުރުކުރެވިއްޖެކަމެއް ތިބާއަށް ޖެހުމެއްނުވެއެވެ.
·        ކެތްތެރިވުމަކީ ވާޖިބެކެވެ.
·        އެންމެ ހެޔޮ ބަދަލުލިބޭހުށީ ﷲ ގެ މިންވަރުފުޅަށް ކެތްތެރިވާ މީހުންނަށެވެ.
·        ބިރުގަނެ ރޮއިހޭރި ހިތާމަކޮށް ކެތްތެރިކަން ދޫކޮށްލުމަކުން ﷲ ގެ ޙުކުމްފުޅު ނުހުއްޓުވޭނެއެވެ.
·        ތިމާއަށް ޖެހުނު މުޞީބާތަކާއި މެދު ނުރުހުންވެ ޝަކުވާކުރުމަކީ ކެތްތެރިކަން ނަފީކުރާކަމެކެވެ.
·        ގެއްލުންތަކުން ސަލާމަތްކޮށްދިނުމުގެ ބާރުލިބިވޮޑިގެންވަނީ ހަމައެކަނި ﷲ އަށެވެ. އަދި ތަކްލީފުތައް ދުރުކޮށްދެވޭނީވެސް ހަމައެކަނި އެކަލާނގެއަށެވެ.
ދުނިޔޭގައި އުފަލާއި އަރާމުގައި ދުވަސްތައް ހޭދަކުރި މީހުންނާއި ދުނިޔޭގައި ހިތާމަ އާއި ވޭންތައް އުފުލި މީހުންގެ ނަޒަރުން ނަރަކައިގެ ގަދަފަދަ ޢަޒާބާއި ސުވަރޭގެ ރާޙަތާއި ނިޢުމަތް

أنس بن مالك رضي الله عنه ގެއަރިހުން ރިވާވެގެންވެއެވެ. رسول الله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((يُوْتَي بِاَنْعَمِ اَهْلِ الدُّنْيَا مِنْ اَهْلِ النَّارِ يَوْمَ الْقِيَامَةِ ، فَيُصْبَغُ فِي النَّارِ صَبْغَةً ثُمَّ يُقَالُ : يَا ابْنَ آدَمَ ! هَلْ رَاَيْتَ خَيْرًا قَطُّ ؟  هَلْ مَرَّ بِكَ نَعِيْمٌ قَطُّ ؟ فَيَقُوْلُ: لاَ وَاللهِ ؟ يَا رَبِّ! وَيُوْتَى بِاَشَدِّ النَّاسِ بُاْسًا فِي الدَّنْيَا مِنْ اَهْلِ الْجَنَّةِ فَيُصْبَغُ صَبْغَةً فِي الْجَنَّةِ ، فَيُقَالُ لَهُ : يَا ابْنَ آدَمَ ! هَلْ رَاَيْتَ بُاْسًا قَطُّ ؟  هَلْ مَرَّ بِكَ شِدَّةٌ قَطُّ ؟  فَيَقُوْلُ: لاَ وَاللهِ ؟ يَا رَبِّ! مَا مَرَّ بِيْ بُاْسٌ قَطُّ وَلاَ رَاَيْتٌ شِدَّةً قَطُّ)) [صحيح مسلم 4/2162 حديث:2807 ، نسائي ، ابن ماجه ، مسند احمد 3/253 މާނައީ: ”ޤިޔާމަތްދުވަހު ނަރަކަވަންތަ ވެރީންކުރެ ދުނިޔޭގައި އެންމެ އަރާމާއި އުފަލުގައި އުޅެފައި ހުރި މީހަކު ގެނެވޭހުއްޓެވެ. އަދި ނަރަކައިގެ ތެރެއަށް އެންމެ ފަހަރަކު ގަންބަވާލެއްވުމަށްފަހު އޭނާ އާއި ސުވާލުކުރެވޭނެއެވެ. އޭ އާދަމުގެ ދަރިޔާއެވެ! ދުނިޔޭގައި ތިބާ އެއްވެސް ހެޔޮކަމެއް ދެކުނިން ހެއްޔެވެ؟ އެއްވެސް ނިޢުމަތެއް ލިބުނުހެއްޔެވެ؟ އޭނާ ދަންނަވާނެއެވެ! ﷲ ގަންދީ ބުނަމެވެ! ނޫނެކެވެ! އޭ މިއަޅާގެ ރައްބެވެ! ދެން ސުވަރުގެވަންތަ ވެރީންކުރެ ދުނިޔޭގައި އެއްމެ ވޭނާއި ހިތާމައިގަައި ޢުމުރު ހޭދަކޮށްފައިވާ މީހަކު ގެނޭވެނެއެވެ. އަދި ކުނޑަ ހިދުކޮޅަކަށް ސުވަރުގެއަށް ވެއްދެވުމަށްފަހު ސުވާލުކުރެވޭނެއެވެ. އޭ އާދަމުގެ ދަރިޔާއެވެ! ތިބާ ދުނިޔޭގައި އުޅުނުއިރު ދުވަހަކުވެސް ވޭނެއް ތުރާލެއް އުފުލިން ހެއްޔެވެ؟ އެއްވެސް ދަތިއުނދަގުލަކާ ކުރިމަތިވި ހެއްޔެވެ؟ އޭނާ ދަންނަވާނެއެވެ! ﷲ ގަންދީބުނަމެވެ! ނޫނެކެވެ! އޭ މިއަޅާގެ ރައްބެވެ! މިއަޅާ ދުވަހަކުވެސް ވޭނެއް ތުރާލެއް ނުއުފުލަމެވެ. ދަތި އުނދަގުލެއްވެސް ނުދެކެވެ.“ (ނިމުނީ)
yyyyy
ލިޔުމުގެ އަޞްލު: ދުންޔަވީ މަޞާއިބް ވަމުޝްކިލާތް / އަލްއަޚް ޝާހިދު ސައްތާރު
ތަރުޖަމާ މުރާޖަޢާކޮށްދެއްވީ: އައްޝައިޚް އާދަމް ޝަމީމް    

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު