ތަރުޖަމާ: އިނާޒް ޢަދުނާން
އަދަބު އަޚުލާޤު

ދަރީންނަކީ އެންމެ ރަގަޅު މުސްލިމުންނަށް ހެދުމަށްޓަކައި ރިވެތި އަޚުލާޤެއްގެ ވެރިބަޔަކަށް އެކުދިން ހެދުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެކަމެކެވެ. ޢާންމުގޮތެއްގައި މައިންބަފައިންނަށް ހީވަނީ ކުއްޖާއަށް ޝަހާދަތުގެ ދެކަލިމަ އާއި ކީރިތިޤުރުއާނުގެ ސޫރަތްކޮޅެއް ދަސްކޮށްދިނުމުން އެކުދިންނަށް ދޭންޖެހޭ އިސްލާމީ ތަރުބިއްޔަތުގެ ފަރުޟުއަދާކުރެވުނީކަމުގައެވެ. އެހެންނަމަވެސް ޙަޤީޤަތުގައި އެކުދިންގެ ވިސްނުމާއި ފިކުރު އުޅުމާއި އަޚުލާޤު ޤުރުއާނާއި ސުންނަތުގެ ތައްގަނޑަށް ނުފެތޭހާ ހިނދަކު އެއްވެސް ބެލެނިވެރިޔަކަށް އެކުދިންގެ ތަރުބިއްޔަތުން އަތްފޮޅާލެވޭކަށް ނޯންނާއެވެ. 
ގޭތެރޭގެ މާޙައުލުގައި އެއްކުއްޖަކު އަނެއްކުއްޖަކަށް މަލާމަތްކުރުމާއި ތަފާތު ނަންނަމުން މުޚާޠަބުކުރުމާ މާބޮޑުކަމެކޭ ހީނުކޮށް  ދޮގުހެދުންފަދަ ނުރަގަޅު ޢަމަލުތައް ދަރިންގެ ފަރާތުން ފެނުނަސް ޢާންމުގޮތެއްގައި މައިންބަފައިންނަށް އެކަމަކަށް މާބޮޑު ސަމާލުކަމެއްނުދެވެއެވެ. އެހެންނަމަވެސް ވިސްނާލަންޖެހޭ ނުކުތާއަކީ ޅަޢުމުރުގައި މިފަދަ ނުބައި އާދައެއް މުސްތަޤިއްލުގޮތެއްގައި ފެށިއްޖެނަމަ އެންމެފަހުން ދަަރިފުޅު ބޮޑުމީހަކަށްވާއިރު އޭނާގެ ކަށީގައި ހިފި އާދައަކަށް އެކަން ބަދަލުވެގެންދެއެވެ. އެހެންވެއްޖެނަމަ އެނުބައި އާދައިން ދުރުވެގަތުމަކީ ވަރަށް ދަތި އުނދަގޫކަމަކަށްވެއެވެ. އެހެންކަމުން ދަރިންގެ ކިބައިންފެންނަ މާބޮޑުކަމެކޭ ހީނުވާ މިފަދަ ގޯސްކަންތައްތައް ފަރުވާތެރިކަމާއެކު އިޞްލާޙުކުރަންޖެހެއެވެ. މާތްވެގެންވާ އިސްލާމްދީނުގައި އެފަދަ ޢަމަލުތަކަކީ ނަހީކުރައްވާފައިވާ ކަންތައްތަކެއްކަން ދަރީންނަށް ވިސްނައިދޭންޖެއެވެ. އަދި ކިއެއްތަ! ކޮންމެ ޙާލެއްގައިވެސް ތެދުބުނުމަށާއި ރިވެތިބަހުން ވާހަކަދެއްކުމަށާއި އެހެންމީހުނަށް އިސްކަންދިނުމަށާއި ކެތްތެރިވުމަށާއި ހިތްމަތާއެކު މަސައްކަތްކުރުމަށާއި ރުޅިމަތަކުރުމަށާއި އަމާނާތްތެރިވުމަށާއި ބޮޑެތިމީހުންނަށް އިޙްތިރާމްކުރުމަށާއި ކުޑަކުދިންނަށް އޯގާތެރިވުމަށާއި އަދި އެހެނިހެންވެސް އަޚްލާޤީ މަތިވެރި ސިފަތައް އެކުދިންގެ ކިބައިގައި އަށަގެންނެވުމަށް ގަދައަޅައި މަސައްކަތްކުރަންޖެހެއެވެ.

އަޚްލާޤީ ތަރުބިއްޔަތުގައި ކުއްޖާއަށް އެންމެ މުހިއްމު އެންމެ ބޮޑުއަސަރެއްކުރަނީ މައިންބަފައިންގެ ވަކިން ޚާއްޞަކޮށް މަންމަގެ އުޅުމާ އަޚްލާޤުންނެވެ. ވަރަށްގިނަ ފަހަރު އަޅުގަނޑުމެންނަށް ފެންނަނީ ދަރިން މަންމަގެ ވާހަކަދެއްކުމުގެ ވައްޓަފާޅިއަށްދާންދެން ކޮޕީކުރާތީއެވެ. މަންމަ، އެހެން މީހުންނަށް މަލާމަތްކުރާނަމަ، ދޮގުހަދާނަމަ، ޣީބަބުނާނަމަ ދެބައޮޑުވާނަމަ، ހުތުރު ބަސްތައް ބޭނުންކުރާނަމަ، ދަރިފުޅުގެ ގައިގައިވެސް މިކަންތައްތައް ވަރަށް ފަސޭހައިން އަށަގަންނާނެއެވެ. އެއާ ޚިލާފަށް މަންމައަކީ ޞާލިޙު ތަޤުވާވެރިއެއްނަމަ ކީރިތިޤުރުއާންކިޔަވައި ފަރްޟު ފަސްނަމާދަށް ބަރާބަރަށް އަދާކުރާ މަންމައެއްނަމަ އެއްއަހަރުގެ ތުއްތު، މަޢުޞޫމު ދަރިފުޅުވެސް އެމަންމައަށް ތަބާވެ ސަޖިދައަށް ތިރިވާތަން ފެންނާނެއެވެ.
ވަރަށް ގިނަ ފަހަރު މައިންބަފައިން އެމީހުންގެ ދަރީންނަށް ވިސްނައިދީ ބާރުއަޅަނީ ކޮންމެވެސް މަޝްހޫރު ކުޅިވަރުކުޅުންތެރިއެއް ނުވަތަ ފިލްމުކުޅޭ މީހެއް ނުވަތަ ލަވަކިޔާމީހެއް ފަދަ ”މަޝްހޫރު“ މީހަކަށް ވުމަށް މަސައްކަތްކުރުމަށެވެ. އަދި މިކަމުން އަސަރުކޮށްގެން އެންމެފަހުން އެފަދަ މީސްމީހުންނަކީ ނަމޫނާއެއްގެ ގޮތުގައި އެކުދިން ބަލައިގަނެއެވެ. ނަމަވެސް މުސްލިމުންގެ ދަރިންނަށްޓަކައި އެފަދަ މިސާލެއްނުވާފަދަ މަތިވެރި ނަމޫނާއަކަށް ވާން ޖެހޭނީ މާތް ނަބިއްޔާ z ގެ ޝަޚްޞިއްޔަތެވެ. އެހެންކަމުން އެކަލޭގެފާނުގެ މޫރިތި ސުންނަތަކީ އިންސާނާގެ ޙަޔާތުގައި ދިމާވާ ކޮންމެ ކަމަކަށް އޮތް ޙަލެއްކަމުގައި  އެކުދިންނަށް ވިސްނައިދޭންޖެހެވެ. އެކުދިންނަކީ އެލާމަސީލު ނަމޫނާ އާމެދު ޝައުޤުވެރިވާ ކުދިންތަކެއްކަމުގައި ހަދަންޖެހެއެވެ. ﷲ ތަޢަލާ، ވަޙީ ބަސްފުޅުގައިވެއެވެ. لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّـهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّـهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّـهَ كَثِيرًا y ﴿سورة الأحزاب: ٢١﴾  މާނައީ: ހަމަކަށަވަރުން، اللَّه ގެ رسول އާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) الله ގެ ދަރުމައާއި، آخرة ގެ ثواب އަށް އެދޭ، އަދި ގިނަގިނައިން اللَّه ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ.
އިސްލާމީ އުންމަތަށް މިއަދު ބޭނުންވަނީ ކާފަރުންނާއި މުޝްރިކުންގެ ޞޫރައާއި އުޅުމާއި ގުޅުންތައް ކޮޕީކުރުމުގެ ބަދަލުގައި މާތްނަބިއްޔާ zގެ މަތިވެރި ގޮތްކޮޅު އެއީ އެކުދިންގެ ”ފެޝަނާއި“ ”ސްޓައިލް“ ކަމުގައި ހަދާނެ ކުދިބައެކެވެ. ލަދުވެތިކަމުގެ ގަހަނާއިން ޒީނަތްތެރިވެފައިވާ ކުދިބައެކެވެ. އުފަންދުވަހުގެ ޕާޓީން އުފާވެރިކަން ހޯދުމުގެ ބަދަލުގައި ޢީދުގެ މުނާސަބާއިން ހިތްހަމަޖެހުން ހޯދާނެ ކުދިބައެކެވެ.
ދަރިން ތަރުބިއްޔަތުކުރުމުގައި ދިމާވާ އަނެއް މައްސަލައަކީ މައިންބަަފައިން ގޭތެރޭގައި ކުއްޖާއަށް ސާފުތާހިރު އިސްލާމީ ވެއްޓެއް ހޯދައިދިނަސް ގެއިން ބޭރަށްނުކުމެ ސްކޫލަށް ނުވަތަ ކޮލެޖަށް ދާންފެށުމުން ކުއްޖާ ވެއްޓިގެންދަނީ ގެއިން ލިބުނު އިސްލާމީ ތަޢުލީމާއި ތަރުބިއްޔާތާ ދިމާ އިދިކޮޅު މަންޒަރުތަކެއް ފެންނަ މާޙައުލަކަށެވެ. އޭގެ ސަބަބުން ގިނަ ކުދިން ސިކުނޑީގެ އަރައިރުމުގެ ޝިކާރައަކަށްވެއެވެ. އަދި އެހެނިހެންވެސް އުނދަގުތަކާ ކުރިމަތިލާންޖެއެވެ. އެހެންކަމުން ނުހަނު ޙިކުމަތްތެރިކަމާއެކު އެކުދިންނަށް ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރަން ދަސްކޮށްދިނުމަކީ ކޮންމެހެންވެސް ކުރަންޖެހޭކަމެކެވެ. އެކަމަށް އެކުދިންނަށް ހިތްވަރުދޭންޖެހެއެވެ. އެކުދިންގެ ކިބައިގައި އަމިއްލަ ނަފްސުގެ އިތުބާރު އުފައްދަންޖެހެއެވެ. އަދި އެކަމުގައި ދިމާވާ އުނދަގޫތައް ޙައްލުކުރާނެ ގޮތްތައް ބުނެދޭންޖެހެއެވެ. އިސްލާމްދީނުގެ މައްޗަށްކުރެވޭ އިޢުތިރާޒުތަކުގެ އެންމެ ފުރިހަމަ ޖަވާބުން އެކުދިން އާރާސްކުރަންޖެހެއެވެ. އެއީ އިސްލާމް ދީނުގެ އެންގެވުންތަކާ އިދިކޮޅަށް މިޞްރާބުހިފައިފައިވާ މުޖުތަމަޢުގެ ތެރެއަށް ނުކުމެއުޅޭއިރުވެސް ނިކަމެތިކަމުގެ އިޙުސާސްގެ ޝިކާރައަކަށް އެކުދިން ވިޔަނުމަށްޓަކައެވެ.
މިފަދައިން ދަރިން ތަރުބިއްޔަތުކޮށް ހަރުދަނާ ބަޔަކަށް ހެދުމުގެ މަސައްކަތުގައި މިފަދަ ޒަމާނެއްގައި ވަރަށް ގިނަ ދަތިތަކާއި އުނދަގޫތައްކުރިމަތިވާނެކަމީ ޝައްކެތްހުރިކަމެއްނޫނެވެ. އެކަމަށްޓަކައި ހިތްވަރާއި ހިންމަތްބޭނުންވެއެވެ. ވަގުތުބޭނުންވެއެވެ. އެހެންކަމުން ފަހަރުގައި ގޭތެރޭގެ މަސައްކަތާއި އެހެނިހެން މަސައްކަތް އެންމެ ފުރިހައަށް ނުކުރެވިދާނެއެވެ. ފަހަރުގައި އަޅުގަނޑުމެންގެ ބާރާއި ހިތްވަރާއި ޝައުޤުވެރިކަން ޖަވާބުދީފާނެއެވެ.  ނަމަވެސް އަޅުގަނޑުމެން ހަނދާންކުރަންވީ ކަމަކީ މިމަގުގައި އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތަކީވެސް އަޅުގަނޑުމެންނަށްޓަކައި ދެމިގެންވާ ޞަދަޤާތެއްކަމެވެ. އަދި ނިމުމެއްނުވާ އަޖުރެއްކަމެވެ. 
ދަރިން ތަރުބިއްޔަތުކުރުމުގެ މައިދާނުގައި އަބަދުވެސް ދެކަމެއް ހަނދާންބެހެއްޓުން މުހިއްމެވެ! ފުރަތަމައީ ކެތްތެރިކަމެވެ. ފަހަރެއްގައިވެސް ނާއުންމީދުނުވާށެވެ. ފުރިހަމަ ހިތްވަރާއެކު ޘާބިތުވެ ހުރެ ހިތްމަތާއެކު މަސައްކަތްކުރާށެވެ. ދެވަނައީ ﷲ ގެ ނަޞްރާއި މަދަދަށް އެދި ދުޢާކުރުމެވެ. އެހެނީ އެކަމާނުލައި އެއްވެސްކަމެއް ކާމިޔާބުނުވާ ހުއްޓެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَا ۚ وَإِنَّ اللَّـهَ لَمَعَ الْمُحْسِنِينَ y ﴿سورة العنكبوت: 69﴾ މާނައީ: ތިމަންރަސްކަލާނގެ މަގުގައި جهاد ކުރި މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، އެއުރެންނަށް ތިމަންރަސްކަލާނގެ މަގުތަކަށް މަގުދައްކަވާހުށީމެވެ. އަދި ހަމަކަށަވަރުން، ވޮޑިގެންވަނީ، إحسان ތެރިންނާ އެކުގައިކަން ކަށަވަރެވެ.  (ނިމުނީ)
_________________________________
މިއީ ދިއިސްލާމް.ކޮމް އިން ނަކަލުކޮށްފައިވާ ލިއުމެކެވެ.

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު