ތަރުޖަމާ: އިނާޒް ޢަދުނާން

ޓީވީ

ކުޑަކުދިންގެ އުޅުމާއި އަޚްލާޤާއި ވިސްނުމަށް ޓީވީގެ ސަބަބުން އަސަރުކުރަނީ ކިހެނެތް، ކިހާވަރަކަށްކަން ބަޔާންކުރުމަކަށްވެސް މިއަދު ބޭނުމެއްނުވާނެއެވެ. އެތެރެ އާއި ބޭރުގެ ޓީވީ ޗެނަލްތަކުން ރެއާ ދުވާލު ފޮނުވަމުންދާ ޕްރޮގްރާމްތަކާމެދު ޚާލިސް އިސްލާމީ ނަޒަރަކުން ވިސްނާލައިފިނަމަ އަޅުގަނޑުމެންނަށް އެނގި ކަށަވަރުވެގެންދާނީ އެޕްރޮގްރާމްތަކުގެ ނުވަދިހަނުވަ އިންސަތައަކީ ﷲ ތަޢާލާގެ މަތީން ޣާފިލުކުރުވާ އުޅުމާއި އަޚްލާޤު ފަސާދުކުރުވާ ޕްރޮގްރާމްތަކެއްކަމެވެ. މީގެ ތެރެއިން މަދު ޗެނަލަކުން ދީނީ އަޚްލާޤީ މިންގަނޑުތަކަށް ފެތޭ ޕްރޮގްރާމެއް މަދުމަދުން ނުފޮނުވައެކޭ ނޫނެވެ. ނަމަވެސް އެއީ އެންމެ އިންސައްތައެކޭ ދެންނެވުމަކީ ކުށަކަށްނުވާނެއެވެ. ސަބަބަކީ އެބައެއްގެ މުށުތެރޭގައި މީޑިޔާގެ ބާރު އޮތް ގިނަ މީހުންނަކީ ދީނާ މެދު ފަރުވާލެއްނެތް މީހުންނެވެ. އަދި އެމީހުންނަކީ ޘަޤާފަތުގެ ނަންމަތީގައި އަޚްލާޤު ފަސާދަކޮށް ފާހިޝްކަމާއި އޮރިޔާންކަން މުޖުތަމަޢުގައި ފަތުރައި މާއްދިއްޔަތަށް އަޅުކަންކުރާ، ރޫޙާނިއްޔަތުގެ ނުބައިވެގެންވާ ދުޝްނަނުންތަކެކެވެ.

އިންސާނާ ކިޔާ ތަކެތި އޭނާގެ ހަނދާނުގައި ހުންނަނީ ކުޑަ ވަގުތުކޮޅަކަށެވެ. ނަމަވެސް އޭގެ ނިސްބަތުގައި އޭނާ އަޑުއަހާ ތަކެތި ސިކުނޑީގައި ހަރުލައި ހުންނަ މިންވަރު ބޮޑެވެ. އެކަމަކު އިންސާނާގެ ސިކުނޑިއަށް އެންމެ ބޮޑު އަސަރެއްކުރަނީ އޭނާ ބަލާ ތަކެތީންނެވެ. ޓީވީ ޗެނަލްތަކުން ދައްކާ ފިލްމުތަކާއި ޑްރާމާތަކަކީ ބަލާމީހުންގެ ހިތްދަމައިގަންނަ ފަދަ ގޮތްތައް ދިރާސާކޮށް ހޯދައި ބަލައިގެން ޢާންމުންގެ ކުރިމައްޗަށް ހުށައެޅޭ ތަކެއްޗެވެ. އާދައިގެ މީހެއްގެ ސިކުނޑިއަށް އޭގެ ސަބަބުން ކުރަނީ ކޮން އަސަރެއްތޯ ދެނެގަތުމަށް ކުޑަކުޑަ މިސާލެއްފުދެއެވެ. މިސާލަކަށް ޒުވާނަކު ޢާންމު ބައްދަލުވުމެއްގައި ނުވަތަ ދީނީ ދަރުހެއްގައި މިއަދު ބައިވެރިވިނަމަ އޭގެ ދިހަދުވަސް ފަހުން އޭނާގެ ހަނދާނުގައި އޭގެއިން ހުންނާނީ ވަރަށް ކުޑަމިންވަރެކެވެ. ނަމަވެސް މިއަދު އޭނާ ފިލްމެއް ބަލައިފިނަމަ އެތައް އަހަރެއް ފާއިތުވެގެންދާއިރުވެސް އެފިލްމުގައި އުޅުނު ތަރިންނާއި އޭގެ ވާހަކަތަކާއި މަންޒަރުތަކަށް ދާންދެން އޭނާގެ ހަނދާނުގައި ހަރުލައި ހުންނާނެއެވެ. އަދި ވަކިން ޚާއްޞަކޮށް ކުޑަކުދިންނަކީ ސްޕަންޖްކޮޅެއް ކަހަލަ ބައެކެވެ. އޭގެ ތެރެއަށް ފެން ނުވަތަ އެފަދަ ދިޔާއެއްޗިހި ވަންނަލެއް ފަސޭހަކަން އަޅުގަނޑުމެން އެންމެންނަށްވެސް އެނގެއެވެ. ހަމަ އެފަދައިން ކުޑަކުދިންވެސް އެކުދިންނަށް ފެންނަ މަންޒަރުތަކާއި އިވޭއަޑުތަކާއި އަދި ކުރެވޭއިޙްސާސްތައް ވަރަށް ފަސޭހައިން އަދި އެހާމެ އަވަހަށް އެކުދިންގެ ހިތާ ސިކުނޑިއަށް ދަމައިގަނެއެވެ. އެއަށްފަހު އެކުދިންގެ އުޅުމާއި އަޚްލާޤުން އެކަން ތަޖުރިބާކުރަން ފަށައެވެ. އެހެންކަމުން ކުއްޖަކު ޓީވީތަކުން ފޮނުވާ ޕްރޮގްރާމްތަށް ބެލުމަށް އާދަވެއްޖެނަމަ އެކުއްޖާގެ އުޅުމާއި އަޚްލާޤު ފުނޑުފުނޑުކޮށްލަން ހަމައެކަނި އެކަންތައް ފުދޭކަމުގައި ދަންނަވަންޖެހެއެވެ.
އާންމުގޮތެއްގައި ގިނަ ބެލެނިވެރިންނަށް ޤަބޫލުކުރެވިފައި އޮންނަނީ ކާޓޫނަކީ މާބޮޑު ގޯހެއް އެކުލެވިގެންނުވާ ގެއްލުމެއްނެތް އެއްޗެއްގެ ގޮތުގައެވެ. އެހެންކަމުން ދަރިންނަށް ކާޓޫނުދެއްކުމަކީ އެއްވެސް މައްސަލައެއް އޮތްކަމެއްގެ ގޮތުގައެއް ގިނަބަޔަކު ނުދެކެވެ. ނަމަވެސް މިތަކެއްޗާ ބެހޭގޮތުން ހޯދިފައިވާ ޙައިރާންކުރަނިވި ހިތާމަހުރި ހޯދުންތަކުން ޘާބިތުވާގޮތުގައި ވޯލްޓް ޑިޒްނީގެ ކާޓޫނުތަކާއި، މިކީ އެންޑް ޑޮނަލްޑް އަދި ޓޮމް އެންޑް ޖެރީ ފަދަ ކުޑަކުދިންގެ މަޤުބޫލުކަން ހޯދާފައިވާ ކާޓޫނުތަކުގެ ޕްރޮޑިއުސަރުންނަކީ ހުޅަނގުގައި ފެތުރިފައިވާ ނުބައިވެގެންވީ ޖިންސީ ތަޙުރީކުތަކަށް ތާއީދުކޮށް އެކަން ފެތުރުމަށް މަސައްކަތްކުރާ މީހުންނެވެ. އެބައިމީހުންގެ މިނުބައިވެގެންވީ ޚިޔާލާއި ފިކުރުތައް ޅަސިކުނޑިތަކަށް ވެއްދުމަށްޓަކައި މިދެންނެވި ކާޓޫނުތައް ވަސީލަތެއްގެ ގޮތުގައި ދަނީ ބޭނުންކުރަމުންނެވެ. އަދި މީގެ އިތުރުންވެސް އެހޯދުންތަކުން ޘާބިތުވާގޮތުގައި ގިނައިން ކާޓޫނު ބަލާ ކުދިން އާދަޔާޚިލާފަށް ކައްނެތްވެއެވެ. އެފަދަ ކުދިން ހެލިފެލިވެ ހަށިގަނޑާއި ނަފްސު ބިނާކޮށްދެނިވި ޙަރަކާތްތަކުގައި ޝައުޤުވެރިކަމާއެކު ބައިވެރިވެ އުޅުން ކުޑައެވެ. އެފަދަ ކުދިންގެ ކިޔެވުން ވަރަށް ބޮޑަށް ދަށައްދެއެވެ. އަދި ހަމަ އެހެންމެ އުމުރުން 10 އަހަރުގެ ގިނަ ކުދިންގެ މެދުގައި ޖިންސީ ޖަޒުބާތު ފެތުރުމުގައިވެސް ކާޓޫނުތަކުގެ ހައިޖާނީ މަންޒަރުތައް ވަރަށް ބޮޑު ރޯލެއްކުޅޭކަން ވަނީ ޘާބިތުވެފައެވެ.
އެހެންކަމުން މިޙަޤީޤަތްތައް ހިތްމައްޗަށް ގެނެސްެ މިކަންކަމާދު ވިސްނައިިލަމާތޯއެވެ؟ ޚާއްޞަކޮށް މަންމައިން މިކަމާމެދު ވަކިންބޮޑަށް ވިސްނަންޖެހެއެވެ. ދަރިން ލޮއްސުމަށްޓަކައި ނުވަތަ ކެއްކުމަށްޓަކައި ނުވަތަ ގޭތެރޭގެ މަސައްކަތްތައް ކޮށްލުމަށްޓަކައި ނަމަވެސް ޓީވީތަކުން ދައްކާ މިދެންނެވި ފަދަ ޕްރޮގްރާމްތަކާއި ކާޓޫނުތަކުގެ ބެލެނިވެރިކަމުގެ ދަށަށް ތިމާގެ ލޯބިވާ ދަރިފުޅު ދޫކޮށްލުމަކީ މައިންނަށް ހެދޭ ވަރަށް ބޮޑު ގޯހެއްކަމުގައި މެނުވީ ނުވާނެއެވެ.
މިހާރަކަށް އައިސް އާންމުގޮތެއްގައި ދެއްކޭ އެއް ޢުޒުރަކީ [މިޒަމާނުގައި ދަރިންގެ މައްޗަށް މާބޮޑަށް ހަރުކަށިވާކަށްނުވާނެއެވެ. އެކުދިންނަށް މިނިވަންކަން ދޭންވާނެއެވެ. އެހެންނޫނީ ބޭރަށްގޮސް އުޅޭއުޅުމުގައި ޓީވީ ޕްރޮގްރާމްތައް ފެނުމުން ނުވަތަ އެކުވެރިންގެ ކިބައިން ފިލްމުތަކާއި ސީރިއަލްތަކުގެ ވާހަކަ އިވުމުން މަޙުރޫމުކަމުގެ އިހުސާސް އެކުދިންނަށް ކުރެވޭނެއެވެ. އެކުދިންގެ ނިކަމެތިކަން ހިތަށް ވަންނާނެއެވެ. އަދި އެފަދަ ތަކެތި ބެލުމަށް ޝައުޤުވެރިވާނެއެވެ. އެހެންކަމުން ގޭތެރޭގައި މަދުމަދުން ފިލްމުތަކާއި އެފަދަ ތަކެތި  ބެލުމުގެ ފުރުޞަތު ދަރީންނަށް ދޭންވާނެއެވެ.] މިފަދަ ހާސަރުތަކެކެވެ. ނަމަވެސް އެބައިމީހުންގެ މިވިސްނުމަކީ  ދަރިފުޅު ބޭރުން ޒަހަރު ކައިފާނެކަމުގެ ބިރަށް ގެއިން އެކުއްޖާއަށް ޒަހަރު ދިނުމަށް މީހަކު ވިސްނުންފަދަ ޚިޔާލެކެވެ.
އަޅުގަނޑުމެން ރަގަޅަށް ދެނެގަންނަންވީކަމަކީ އިސްލާމްދީނަކީ ކޮންމެ ޒަމާނަކާއި ކޮންމެ މަކާނަކަށްވެސް ފެތޭގޮތަށް ބާވައިލައްވާފައިވާ ފުރިހަމަ ދީނެއްކަމެވެ. މިދީނަށް ޒައްރެއްގެ މިންވަރަށްވެސް އުނި އިތުރެއް ނުގެނެވޭނެކަމެވެ. ދެވަނައީ އިންސާނުންނަށް ދޫލިބެންޖެހޭ މިންވަރަށް ﷲ ތަޢާލާ ވަނީ އެބައިމީހުންނަށް ދޫދެއްވާފައިކަމެވެ. އެހެންކަމުން މިހާރު މިދާއިރާ އިތުރަށް ފުޅާކޮށް ޙައްދުތައްފަހަނައަޅައި ދިއުމުގެ ސަބަބުން ނުކުންނަމުންދާ އެންމެހާ ނުބައެއްގެ ޒިންމާ އުފުލަންޖެހޭނީ ހަމަ އަޅުގަނޑުމެންކަމެވެ.
ތިންވަނަކަމަކީ އަޅުގަނޑުމެން އަޅުގަނޑުމެންގެ ދަރިންގެ ވިސްނުމާއި އުޅުމާއި އަޚްލާޤު ތަރުބިއްޔަތުކުރަންޖެހޭނީ ގޭގެ  މާޙައުލުން ނުކުމެ ބޭރުތެރޭގައި އުޅޭއިރު ނުބައެއް ފެނިއްޖެނަމަ އެކަމަށް ހިތްލެބި އެކަމަށް އަރައިގަތުމުގެ ބަދަލުގައި ނުބައިކަމަކީ ނުބައިކަމެއްކަން ޤަބޫލުކޮށް އެކަމުން ދުރުވެގަނެ އަދި އެހެން މީހުންވެސް އެކަމުން ދުރުކުރަން މަސައްކުރާފަދަ ވަރުގަދަ ޘާބިތުކަމެއްގެ މަތީގައެވެ.
އިންޓަނެޓް

އަދުގެ ދުނިޔޭގައި ޓީވީއަށްވުރެވެސް ކުޑަކުދިންނަށް ނުރައްކާތެރި އެއްޗަކީ އިންޓަނެޓެވެ. ދުނިޔޭގައިވާ ފާސިދު، ފާޖިރު، ފާޙިޝް ކަންތައްތަކުގެ ތެރެއިން އިންޓަނެޓުން ލިބެއްނެތް އެއްޗެއް ނެތޭ ދެންނެވިޔަސް ދޮގަކަށްނުވާނެއެވެ. ދިރާސާތަކުން އެނގޭގޮތުގައި އިންޓަނެޓްގެ ފަސްދޮޅަސް އިންސައްތަ ސާމާނަކީ ފާޙިޝް މުޑުދާރުތަކެއްޗެެވެ. އެހެންކަމުން އެފަދަ މާޙައުލަކަށް ތިބާގެ ދަރިފުޅު އެކަނިމާއެކަނި ދޫކޮށްލަން ތިބާ ރުހޭންނަންތޯއެވެ؟ ޝައްކެތްނެތްގޮތުގައި އިންޓަނެޓްގެ ބޭނުން ރަގަޅު މަޢުލޫމާތު ހޯދުމަށާއި ފައިދާހުރި ތަޢުލީމު ޙާޞިލްކުރުމަށާއި އަދި ދީނުގެ ދަޢުވަތުދިނުމަށްޓަކައިވެސް ބޭނުންކުރެވިދާނެއެވެ. ނަމަވެސް މިކަމުގައި ސަމާލުކަންދޭންވީ ނުކުތާއަކީ ޓީވީ ވިޔަސް އިންޓަނެޓްވިޔަސް އެތަކެތި ބޭނުންކުރުމުގެ ހުއްދަ ދަރިންނަށް ދޭންވާނީ ބެލެނިވެރިންގެ ބެލުމުގެދަށުންކަމެވެ. 
ޓީވީ ޗެނަލްތަކާއި އިންޓަނެޓާއި އެހެނިހެންވެސް ކުޑަކުދިންގެ ހިތްދަމައިގަންނަފަދަ ނަމަވެސް އެކުދިންގެ އުޅުމާއި އަޚުލާޤަށް ގެއްލުންދެނިވި ތަކެތިން ދަރީން ދުރުކުރާއިރު، އެއަށްވުރެ ރަގަޅު ހެޔޮ ބަދަލެއް ދަރިންނަށް ފޯރުކޮށްދޭންޖެހެއެވެ. އެންމެ ފުރިހަމަ އަދި ދަރިން އެންމެ ލޯބިކުރާ ބަދަލަކަށްވާނީ މައިންބަފައިންގެ ވަގުތެވެ. އެހެންކަމުން މަންމަ އާއި ބައްޕަވެސް ދަރިންނަށް ވަގުތު ދޭންޖެހެއެވެ. އެކުދިންނާއެކު ރަގަޅު ކުޅިވަރުތައް ކުޅެ، ފޮތްކިޔުންފަދަ ކަންކަމުގައި ބައިވެރިވާންޖެހެއެވެ. އަދި މާތް ނަބިއްޔާ z އާއި އެކަލޭގެފާނުގެ ޞަޙާބީންގެ ޙަޔާތްޕުޅުގެ ޒަރީޢާއިން ރިވެތި އަޚްލާޤުގެ މުހިއްމުކަމާއި ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް ކިޔަމަންތެރިވުމާއި ދީނަށްޓަކައި ޤުރުބާންވުމުގެ ޖަޒުބާތު އުފައްދަންޖެހެއެވެ. އެކުދިންގެ ޢުމުރާއި ކުޅަދާނަކަން ތަންދޭ މިންވަރަކުން މަސައްކަތާއި ޒިންމާތައް އުފުލަން ޙަވާލުކުރަންޖެހެއެވެ. އަދި އެކަންތައްތައް ފުރިހަމަކުރާނެ ގޮތް ބުނެދޭންޖެހެއެވެ. އަދި މިފަދަ އެންމެހާ ޙަރަކާތެއްގެ ތެރޭގައި ކުދިން އުޅޭއިރުވެސް ސީދާގޮތުންނާއި ނުސީދާގޮތުންވެސް މަތީގައި ބަޔާންވެދިޔަ ސިފަތައް އެކުދިންގެ ކިބައިގައި އަށަގަންނުވަން މަސައްކަތްކުރަންޖެހެއެވެ.
މިފަދަ ތަކެތީގެ ނުބައި އަސަރުތަކުން ދަރިފުޅުގެ ވިސްނުމާ ފިކުރު ސަލާމަތްކުރުމަށްފަހު ބައްލަވާށެވެ! އެކުދިންގެ ކިޔެވުމާއި އިތުރު ޙަރަކާތްތަކާއި ކުޅިވަރާއި އަދި ޚާއްސަކޮށް ޚާލިޞް އިސްލާމީ ގޮތެއްގައި ހެދިބޮޑުވުން ޙައިރާންވާ މިންވަރަކަށް އިތުރުވެގެންދާނެކަން ކަށަވަރެވެ. (ނުނިމޭ)
______________________________
މިއީ ދިއިސްލާމް.ކޮމް އިން ނަގާފައިވާ ލިޔުމެކެވެ.

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު