ތަރުޖަމާ: އިނާޒް ޢަދުނާން
ކޮންމެ މަންމައަކާއި ބައްޕައަކުވެސް އެމީހުންގެ ދަރީންނާމެދު ވަރަށް ފޮނި އުންމީދުތަކެއްކުރާނެއެވެ. އެމީހުންގެ ދަރިފުޅު ބޮޑުވެގެން ޑޮކްޓަރަކަށް އިންޖިނޭރަކަށް ސައިންސުދާނަކަށް ޢިލްމުވެރިޔަކަށް ނުވަތަ އެހެންވެސް ރޮގަކުން މޮޅުމީހަކަށްވެ ދުނިޔެ އާއި އާޚިރަތުގެ ކާމިޔާބީ ހޯދުމަށް އެދޭނެއެވެ. އަދި މި މަޤްޞަދަށްޓަކައި ގިނަ މައިންބަފައިން އެމީހުންގެ ހުރިހާ މުދަލަކާއި ޢިލްމަކާއި ވަގުތެއް އެމީހުންގެ ދަރީންނަށްޓަކައި ޤުރުބާންކުރެއެވެ. މަތީ ފާސްތަކާއި ޑިގްރީތަކުގެ ވެރިންނަށް އެދަރިން ހެދުމަށްޓަކައި، ދުނިޔޭގެ ކާމިޔާބީ ހޯދައިދިނުމަށްޓަކައި ރެއާ ދުވާލު ވަރުބަލިކަމެއް ފޫހިކަމެއްނެތި ބުރަ މަސައްކަތް ކުރެއެވެ. ނަމަވެސް އާޚިރަތުގެ އަބަދީ ޙަޔާތް ދަރިންނަށް ކާމިޔާބުކޮށްދިނުމަށްޓަކައި މަސައްކަތްކޮށްދެވެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މައިންބަފައިންނަށްތޯއެވެ؟

ދަރިން ތަރުބިއްޔަތުކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އެޅިފައިވަނީ މައިންބަފައިންގެ ބޮލުގައިކަމާމެދު ގިނަ ބަޔަކު އެއްބަސްވާނެއެވެ. މިކަމަށް އިޝާރާތްކުރައްވައި ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. [ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީއެވެ. އެކުއްޖާ ޔަހޫދީއަކަށް ނުވަތަ ނަޞާރާއަކަށް ނުވަތަ މަޖޫސީއަކަށްވެސް ހަދަނީ އެކުއްޖާގެ މައިންބަފައިންނެވެ. (ބެލެނިވެރިންނެވެ.)] (މުއްތަފަޤުން ޢަލައިހި) ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ މިޙަދީޘްފުޅާމެދު ފުންކޮށް ނަޒަރު ހިންގައިލުމުންވެސް ހާމަވެގެންދާ ޙަޤީޤަތަކީ އަޅުގަނޑުމެންގެ ދަރީންނަށް ދުނިޔެއާ އާޚިރަތުގައި ޙާޞިލްވާ ކާމިޔާބީއަކާއި ނާކާމިޔާބީއެއް ބިނާވެގެންވަނީ   މައިންބަފައިން އެކުދިންނަށްދޭ ތަރުބިއްޔަތެއްގެ މައްޗަަށްކަމެވެ. އެހެންކަމުން މިމަތިވެރި ޒިންމާގެ މުހިއްމުކަމުގެ ސަބަބުން އަޅުގަނޑުމެންގެ މިޒަމާނުގައި ވަކިން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ދާއިރާތަކެއް އެބަހުއްޓެވެ. އެކަންތައްތަކާމެދު ކިތަންމެ ގިނައިން ވާހަކަދެއްކިޔަސް ވިސްނާފިކުރު ހިންގިޔަސް ގިނައެއްނުވާނެއެވެ. 
މިޒަމާނުގެ ނަފްސިއްޔާތުގެ މާހިރުންވެސް ވިދާޅުވާގޮތުގައި ކުއްޖާގެ އެންމެ ފުރަތަމަ ދެއަހަރަކީ އޭނާގެ ސިކުނޑި ހެދިބޮޑުވުމަށްޓަކައި ވަރަށްވެސް މުހިއްމު ދުވަސްތަކެކެވެ. މިދެއަހަރުގެ ތެރޭގައި ކުއްޖާގެ ސިކުނޑީގެ ފަންސާސް އިންސައްތަ ހެދިބޮޑުވެއެވެ. އަދި އަށްއަހަރުގެ ތެރޭގައި އަށްޑިހަ ޕަސެންޓް ފުރިހަމަވެއެވެ.  އެހެންކަމުން ޅަޢުމުރުގައި ދަރިންނަށް އުގަންނައިދީ ތަރުބިއްޔަތުކުރުމަށް ގަދައަޅައި މަސައްކަތްކުރަންޖެހެއެވެ. ﷲ އިރާދަކުރެއްވިއްޔާ އޭގެ ހެޔޮނަތީޖާ ކުއްޖާ ބޮޑުވެގެން މުޖުތަމަޢަށް ނުކުންނައިރު ފެނިގެންދާނެއެވެ. ދަރިން ހެޔޮގޮތުގައި އިސްލާމީ ތަރުބިއްޔަތެއް ދިނުމަށްޓަކައި އެކުދިންގެ ވިސްނުމާއި އުޅުމާއި އަޚްލާޤަށް އެއްވަރަކަށް ސަމާލުކަންދޭންޖެހެއެވެ. މިމަޤްޞަދު ޙާޞިލްކުރުމަށްޓަކައި ޚާއްޞަ ސަމާލުކަމެއްދޭންޖެހޭ ބައެއް ކަންތައްތައް ބަޔާންކޮށްލާނަމެވެ.
ﷲ ގެ ކަލާމްފުޅާއި މާތް ނަބިއްޔާ z ގެ ސުންނަތް
 
އަޅުގަނޑުމެން މިއެދޭ އިސްލާމީ ތަރުބިއްޔަތުގެ ބިންގަލަކީ ﷲ ގެ ކަލާމްފުޅެވެ. ދަރިންނަކީ ކީރިތިޤުރުއާން ކިޔަވާ، އެފޮތުގެ އާޔަތްތައް ހިތުދަސް އޭގެ މަފްހޫމް ދަންނަ އަދި އޭގެ ޙުކުމްތަކަށް ޢަމަލުކުރާ ކުދިބަޔަކަށް ހެދުމަށް ބެލެނިވެރިން މަސައްކަތްކުރަންޖެހެއެވެ. ދަރިންގެ ހިތްތަކުގައި ޤުރުއާން އުނގެނުމުގެ ޝައުޤުވެރިކަން އުފައްދަންޖެހެއެވެ. އަދި ކީރިތިޤުރުއާނަކީ އިންސާނާގެ ޙަޔާތުގެ އެންމެހާ ކަމަކަށް ތެދުމަގުދައްކައިދޭ ފޮތެއްކަމާއި ކޮންމެ ކަމެއްގައިވެސް އެފޮތަށް ރުޖޫޢަވުމުގެ އާދަ ދަރިންގެ ގައިގައި އަށަގަންނުވަން ޖެހެއެވެ.
ހަމަ އެގޮތަށް މާތް ނަބިއްޔާ z ގެ ސުންނަތަކީ ކީރިތިޤުރުއާނުގެ ޝަރަޙަކަމާއި ސުންނަތާނުލައި ކީރިތިޤުރުއާން ފުރިހަމަޔަށް ވިސްނައިނުގަނެވޭނެކަން ބުނެދޭންޖެހެއެވެ. އަދި އެކަލޭގެފާނުގެ ސުންނަތަކީ އާދައިގެ އެއްޗެއްނޫންކަމާ ޤުރުއާނަށް ޢަމަލުކުރާފަދައިން ސުންނަތުގައި އައިސްފައިވާ އަމުރާ ނަހީތަކަށްވެސް ތަބާވާންޖެހޭނެކަން ވިސްނައިދޭންޖެހެއެވެ. މިކަން ކުރުމަށް އޮތް އެންމެ ރަގަޅުގޮތަކި ޚުދް މައިންބަފައިން ރިވެތި ނަމޫނާ ދައްކާ ބައެއްކަމުގައިވެ، ޤުރުއާނާ ސުންނަތަށް ޢަމަލުކުރުމެވެ. ދަރީންނާއެކު ޤުރުއާން ކިޔެވުމުގައި ބައިވެރިވެ، އޭގެ މާނަ ދަރީންނަށް ވިސްނައިދިނުމެވެ. އަދި  ކީރިތި ނަބިއްޔާ z ގެ މަތިވެރި އިރުޝާދުތައް ދަރިންނަށް ކިޔައިދިނުމެވެ. އަދި އިލާހީ އާޔަތްތަކާއި ނަބަވީ އިރުޝާދުތަކުގެ އަލީގައި އީމާންކަމާ އަޚުލާޤިއްޔާތުގެ ތަފާތު ބައިތަކާމެދު އެކުދިންގެ ހޭލުންތެރިކަން އިތުރުކުރުވުމަށް މަސައްކަތްކުރުމެވެ. 
ފޮތްތަކާއި ނޫސް މަޖައްލާތައް
 
ކުޑަކުދީންގެ ސިކުނޑި ބިނާކުރުމާ ފަސާދަކުރުމުގައި ނޫސް މަޖައްލާތަކަކީވެސް ވަރަށްބޮޑު ރޯލެއްކުޅޭ އެއްޗެކެވެ. އެހެންކަމުން ރަގަޅު މަޢުލޫމާތު ލިއްބައިދެނިވި އިސްލާމީ ފޮތްތައް ކިޔުމުގެ އާދަ ދަރީންގެ ކިބައިގައި އަށަގަންނުވަން ޖެހެއެވެ. އަދި ދަރީންގެ ކިބައިގައި އެއާދަ ހުރިނަމަ އެކަމަށް ތަޢުރީފުކޮށް ހިތްވަރުދޭންޖެހެއެވެ. މިއަދު ދިވެހިބަހުންނާއި އިނގިރޭސިބަހުންވެސް ކުޑަކުދިންގެ ޢުމުރާއި މިޒާޖާ ގުޅޭ ގޮތަށް އެކުދިންގެ އިސްލާމީ ޢަޤީދާ އާއި އަޚްލާޤިއްޔާތު ވަރުގަދަކޮށް ފުރިހަމަކުރުމަށްޓަކައި ތަފާތު ފޮތްތަކާއި މަޖައްލާތަށް ބާޒާރުން ލިބެން އެބަހުއްޓެވެ. އެހެންކަމުން ސިކުނޑިތައް ފަސާދަކުރާ ފާހިޝް، ދީނާ ޚިލާފު އެއްވެސް ހަޤީޤަތެއްނެތް ޚިޔާލީ ވާހަކަތަކާ މަންޒަރުތައް ހުންނަ މަޖައްލާތަކުން ތިމާގެ ލޯބިވާ ދަރިން ރައްކާތެރިކުރަންޖެހެއެވެ. އަދި ފަހަރެއްގައިވެސް ކުއްޖަކު އެފަދަ ތަކެއްޗަށް ޝައުޤުވެރިވާކަން އެނގިއްޖެނަމަ ރިވެތިގޮތުގައި ވިސްނައިދީ އެކަމުން ދުރުކުރުމަށް މަސައްކަތްކުރަންޖެހެއެވެ. ދަރިން ކިޔުމަށް ހޯދައިދެވޭ ފޮތްތައް ވާންޖެހޭނީ އެކުދިންގެ ރޫޙަށާއި ސިކުނޑިއަށް ރަގަޅު ”ކާނާ“ ލިއްބައިދެނިވި އެއްޗަކަށެވެ. (ނުނިމޭ)
_____________________________________
މިއީ ދިއިސްލާމް.ކޮމް އިން ނަގާފައިވާ ލިއުމެކެވެ.

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު