ލިޔުނީ: އިނާޒް ޢަދުނާން

އަދުގެ ދުނިޔޭގައި ނިކަމެތި ޤައުމުތަކުގެ މައްޗަށް ބާރާއި ނުފޫޒު ފޯރުވުމުގެ އިމާމުންނަކީ އެމެރިކާ އާއި ޔޫރަޕެވެ. އާދެ! ހުޅަނގުގެ ޤައުމުތަކެވެ. އެބައިމީހުންނަކީ އެބައިމީހުންގެ އަމިއްލަ މަޞްލަޙަތާއި ފައިދާއަށްޓަކައި މުޅި ދުނިޔޭގައި ހަންފަތުރަމުން ގެންދާ ބައެކެވެ. ޤައުމުތަށް އަޅުވެތިކުރުމަށްޓަކައި އެބައިމީހުން ގެންގުޅޭ އުކުޅަކީ ނިކަމެތި ޤައުމުތަކުގެ ވެރިކަމަށް އިސްވާ މީހުންނަކީ ހުޅަނގަށް ވަފާތެރި ބަޔަކަށް ހެދުމެވެ. އެއްބަޔަކަށް ފައިސާގެ ދަޅަދައްކައިގެންނެވެ. އަނެއްބަޔަކަށް ލަޓިބުރީގެ ބިރުދައްކައިގެންނެވެ. މި ދެގޮތުންވެސް އެކުވެރިނުވެއްޖެ ވެރިއަކީ އެބައިމީހުންގެ ދުޝްމަނެއްކަމުގައި ކަނޑައަޅައި އެމީހަކު ވެރިކަމުން ދުރުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެޤައުމުތަކުން ގެންދަނީ ކުރަމުންނެވެ.

އަޅުގަނޑުމެންގެ މިދުވަސްވަރު އީރާން، ވެނެޒުއެލާ އަދި ކިޔުބާ ފަދަ ޤައުތަކުގެ ވެރީންނަކީ ހުޅަނގަށް ބޯނުލަނބާ ނުކިޔަމަންތެރި ވެރީންގެ ގޮތުގައި ލޭބަލް ކުރެވިފައިވެއެވެ. އެހެންކަމުން އެޤައުމަތަކަށް އެމެރިކާ އާއި ޔޫރަޕްގެ ފުށުން ޖެހިފައިވާ ބަލާ އާއި މުޞީބާތްތައް ވަރަށްވެސް ގިނައެވެ. އީރާނުގެ ކުރީގެ ރައީސް އަޙުމަދީނިޖާދު ދެވަނަ ދައުރަކަށް އިންތިޚާބުވުމާއި ގުޅިގެން އޭނާއާ ދެކޮޅަށް އީރާނުގައި ވަރުގަދަ މުޒާހަރާތަކެއް ކުރުވިއެވެ. ވެނެޒުއެލާގެ ކުރީގެ ރައީސް ހޫގޯ ޗާވޭޒް ވެރިކަމުން ދުރުކުރުމަށްވެސް އެތައް ރޭވުމެއް  ރޭވުނެވެ. ހޮންޑިޔުރާސްގެ ކުރީގެ ރައީސް މެނުއަލް ޒިލާޔާ، ކިޔުބާ އާއި ވެނެޒުއެލާ އާއި ގުޅިގެން އެމެރިކާގެ މަތިވެރިކަމާއި ޗެލެންޖްކުރުމުގެ ސަބަބުން ސިފައިންގެ އެހީގައި އޭނާ ވެރިކަމުން ދުރުކުރެވުނެވެ. ހަމަ އެފަދައިން 1969 ގައި ޢިރާޤުގެ ޢަބްދުލްކަރީމް ޤާސިމްގެ އެމެރިކާ އާއި ދެކޮޅު ސަރުކާރު، ޞައްދާމު ޙުސައިންގެ ބަޢަޘް ޕާޓީ މެދުވެރިކޮށް ފުނޑުފުނޑުކޮށްލެވުނެވެ. ހަމަ އެދުވަސްވަރު އިންޑޮނީޝިޔާގައި އޮތް އެމެރިކާއަށް ބޯނުލެނބި ސުކާނޯގެ ވެރިކަންވެސް ވަރަށް މަކަރުވެރިގޮތެއްގައި އެމެރިކާގެ އެކުވެރި ސުހާޓޯގެ އަތުން ރަހީނުކުރެވުނެވެ. އަދި ޤަޠަރުގެ ޝެއިޚް ޙައްމާދު، އޭނާގެ އިސްލާމީފިކުރު ގެންގުޅުއްވި ބައްޕަ ވެރިކަމުން ދުރުކޮށް އަރުވައިލުމަށްފަހު ވެރިކަމަށް އިސްވިއެވެ. އީރާނުގެ ކުރީގެ ބޮޑުވަޒީރު ޑރ. މުޞައްދިޤު، ތެލުގެ ޚަޒާނާ އެޤައުމުގެ ބާރުގެ ދަށަށް ގެންނަށް މަސައްކަތްކުރަން ފެށުމާއެކު އޭނާގެ ސަރުކާރު ވައްޓައިލެވުނެވެ. ސަޢުދީގެ ކިންގް ފައިޞަލް އާއި ޕާކިސްތާނުގެ ޖެނެރަލް ޟިޔާއުލްޙައްޤު ގެ މަރުގެ ފަހަތުގައިވެސް ޖަވާބުނުލިބޭ ސުވާލުތަކެއްވެއެވެ. 
ހުޅަނގުގެ ދުޝްމަނު ލީޑަރުންނެކޭ އެއްފަދައިން ހުޅަނގަށް ވަފާތެރި، އެކުވެރި ލީޑަރުންގެ ތަޖުރިބާތައްވެސް މާއުފާވެރިއެއްނޫނެވެ. އެފަދަ ވެރީންނަށް ހުޅަނގުން ދިނީ އަދި ދެމުން ގެންދަނީ ”ފެންކައްކާ ބޮލީގެ ޢިއްޒަތެވެ.“ އާދެ! އެމީހުންގެ ބޭނުން ހިފުމަށްފަހު ބޭނުން ކެނޑުމުން އެއްލައިލަނީއެވެ. އޭގެ ތެރެއިން ގިނަ ބައެއްގެ ނިމުން ވަރަށްވެސް ހިއްޗެވެ. އީރާނުގެ ޝާހަކީ އެއްދުވަސްވަރެއްގައި އޭޝިޔާ ސަރަޙައްދުގައި  ހުރި އެމެރިކާ އާއި ޔޫރަޕްގެ އެންމެ އެކުވެރި ލީޑަރެވެ. ހުޅަނގުގެ މީޑިއާތަކުގައި އެއީ އެމެރިކާގެ ގަވަރުނަރު ކަމުގައި ލިޔެއުޅުނެވެ. އޭނާ ”ދޮންމީހުންގެ“ ރުހުން ހޯދުމަށްޓަކައި ”މިނިވަން ޚިޔާލުގެ“ މަގަށް ޤައުމު ނެރުނެވެ. ބާރުގެ ބޭނުންކޮށްގެން އިސްލާމީ އަގުތަކާއި ޝިޢާރުތައް ނައްތައިލިއެވެ. ދީނީ ޝިޢާރުތައް ފާޅުކުރުމުގެ ސަބަބުން އެތައް ހާސް ބައެއްގެ ފުރާނަ ދުއްވައިލިއެވެ. ނަމަވެސް އީރާނުގެ ބިމުން ޚުމައިނީގެ އިންޤިލާބުގެ އިރު އެރުމާއެކު ހުޅަނގުން ޝާހުގެ މަތީން ހަނދާން ނައްތައިލިއެވެ. އެ އެކުވެރިޔާއަށް އެންމެ ކުޑަވެގެން ސިޔާސީ ޙިމާޔަތްދިނުމަށްވެސް އިންކާރުކުރިއެވެ. އެންމެފަހުން 1980 ވަނަ އަހަރު ހުޅަނގުގެ އެ އެކުވެރިޔާ އަރުވައިލެވިގެން ހުރެ މިޞްރުގައި މަރުވެދިޔައީއެވެ. ޔާސިރު ޢަރަފާތަކީ މިނިވަންކަމަށް މަސައްކަތްކުރި ހިތްވަރުގަދަ ހަނގުރާމަވެރިއެއްކަމުގައި ބެލެވުނެވެ. ނަމަވެސް ޞުލްޙައިގެ ނަމުގައި އެމެރިކާއިން ފެތުރި ކެހިވެރިކަމުގެ ދަލުގައި ޢަރަފާތު ޖެހުމުން ފަލަސްޠީނުގެ މައްސަލައަށް ވަރަށް ބޮޑު ގެއްލުމެއް ލިބުނެވެ. އެމެރިކާގެ އެކުވެރިކަމުގެ ސަބަބުން ޢާންމުންގެ މެދުގައި އޭނާއަށް އޮތް މަޤްބޫލުކަން ދަށްވެ، ޙަމާސްގެ މަޤުބޫލުކަން އިތުރުވެގެން ދިޔައެވެ. އަނެއްކޮޅުން އިސްރާއީލުން ގެންދިޔައީ ޢަރަފާތު މަރުވަންދެން އޭނާ މުޙާޞަރާކުރަމުންނެވެ. އެންމެފަހުން ހުޅަނގުގެ އެކުވެރިކަމުގެ ”ޤަބުރުސްތާނުގައި“ ޢަރަފާތުވެސް ވަޅުލެވުނީއެވެ. ކުރީގެ ޔޫގޮސްލާވިޔާގެ އަނިޔާވެރި ވެރިޔާ މިލޮސޮވިޗް، އެންމެ ފުރަތަމަ ބޮސްނިޔާގެ މުސްލިމުންގެ ލޭ އޮހޮރުވަން ފެށީ ޔޫރަޕާ އެމެރިކާގެ ހެޔޮދުޢާތަކާއި އެކުގައެވެ. ނަމަވެސް ފަހުން ވަކި ޚާއްޞަ އެޖެންޑާއެއްގެ ދަށުން އޭނާ ވެރިކަމުން ދުރުކުރެވި ބައިނަލްއަޤްވާމީ ކޯޓަށް ޙާޟިރުކުރެވުނެވެ. މުޅި ޒަމާނަށް ބަދުނާމުވެފައިވާ ޗިލީގެ ޑިކްޓޭޓަރ ޖެނެރަލް އޮގަސްތޯ ޕިނޫޝޭ ގެ ވާހަކަވެސް ވަނީ އެކުވެރި އެމެރިކާގެ ކެހިވެރިކަމުން ފުރިފައެވެ. އެ އަނިޔާވެރިޔާ ވަނީ ސަތާރަ އަހަރުގެ ދިގު މުއްދަތެއްގައި ޢާންމުންގެ ޖަޒުބާތުތަކުން ލޭ އޮހޮރުވައިފައެވެ. އެމެރިކާގެ އިޝާރާތަށް އިދިކޮޅަށް ތެދުވާ ކޮންމެ ޖަމާޢަތެއް ދިޔައީ ބަންދުކުރަމުންނެވެ. އޭނާ އެތައް ލައްކަ ބަޔަކު ޤަތުލުކުރިއެވެ. ޖެނެރަލް ޕިނޫޝޭ އެމެރިކާގެ އެކުވެރިކަމަށް ފަޚުރުވެރިވެ ބޮޑާވެ އުޅޭކަމުގައިވިއެވެ. ނަމަވެސް ޢާންމު ރައްޔަތުންގެ އުތުރިއެރުމަކާއި ގުޅިގެން ވެރިކަން ދޫކޮށްލަން އޭނާއަށް މަޖްބޫރުވީ ހިސާބުން، އެމެރިކާވެސް އެކުވެރި މަދަދުވެރިއެއް ނެތްޙާލުގައި އޭނާގެ އަތުން ދޫކޮށްލިއެވެ. ފިލިޕީންސް  ކުރީގެ ރައީސް ފާޑިނެންޑު މާކޯސް ވެރިކަން ހޯދީ އެމެރިކާގެ އެހީގައެވެ. އަދި އެމީހުންގެ ޕޮލިސީތައް ޙިމާޔަތްކުރުންމަތީ ދެމިހުރިއެވެ. 1986 ގައި އޭނާގެ ވެރިކަން ވައްޓައިލުމާއެކު އެމެރިކާގެ އެކުވެރިކަމުގެ ބާބުވެސް އެހިސާބުން ނިމުނީއެވެ. އެމެރިކާގެ ކުރީގެ ރައީސް ބުޝްގެ ދައުރުގައި ޕާކިސްތާނުގެ ޖެނެރަލް މުޝައްރަފުގެ ޚުދުމުޚްތާރު ވެރިކަމަށް އެމެރިކާއިން ފުރިހަމަޔަށް ތާއީދުކުރަމުން ގެންދިޔައެވެ. އިދިކޮޅު ފަރާތްތަކާމެދު ހަރުކަށިކޮށް ޢަމަލުކުރިއިރުވެސް މުޝައްރަފަކީ ބުޝްގެ ”ގާތް ތަޙުމަތްތެރިއެކެވެ.“ ނަމަވެސް ”ކުރީގެ ރައީސަކަށް“ މުޝައްރަފު ބަދަލުވުމާއި އެކު، އެމެރިކާގެ ޚާއްޞަ މަންދޫބު ރިޗަޑް ހޯލްބުރޫކް ގެ ބަހަކަށްވީ [އެއީ މިހާރު މާޟީއެވެ. އޭނާއަށް ސަޒާދިނުމަކީ ޕާކިސްތާނުގެ އަމިއްލަކަމެކެވެ.] އޭނާގެ ވެރިކަމުގެ ކުރީކޮޅު އެމެރިކާގެ އެކުވެރިއެއްކަމުގައި ނަމަވެސް ފަހުގެ އަހަރުތަކުގައި އެމެރިކާގެ ދުޝްމަނެއްކަމުގައި ބެލެވުނު ޞައްދާމު ޙުޞައިންގެ ވާހަކައަކީވެސް އެމެރިކާގެ އެކުވެރިކަން ހޯދަން މަރުފަލިޖަހާ މީހުންނަށް ހުރި ޢިބްރަތުގެ ދަރުހެކެވެ. 
މިއަދު ޢަރަބި ދުނިޔޭން ފެންނަމުން މިދަނީވެސް މިދެންނެވި ބަހުގެ ފުރިހަމަ މިސާލެކެވެ. ތޫނިސް އިން ފެށިގެން ޔަމަނާ ހަމައަށް ނަޒަރު ހިންގަވައިލައްވާށެވެ. މިޤައުމުތަކުގެ ޚުދުމުޚްތާރު ވެރިންނަކީ ޒަމާނުއްސުރެ އެމެރިކާ އާއި ޔޫރަޕްގެ ފުރިހަމަ ތާއީދާ އެއްބާރުލުމާއެކު އެތައް އަހަރުތަކެއް ވާންދެން ރައްޔަތުންނަށް އަނިޔާވެރިވެ ޤައުމުގެ ޚަޒާނާ ސުންނާފަތިކުރަމުން ގެންދިޔަ ބައެކެވެ. ޓެރަރިޒަމާއި ތަފާތު ނަންނަމުގައި ހުޅަނގުގެ ޤައުމުތަކުން ހަތިޔާރުތައް ހޯދައިގެން އޭގެ ތަޖުރިބާ އަމިއްލަ ރައްޔަތުންގެ މައްޗަށް ކުރަމުން ގެންދިޔަ ފިނޑިންތަކެކެވެ. އެންމެފަހުން ރައްޔަތުންގެ ކެތްތެރިކަން ކޮޅުންލައިގެން ނުކުމެ މިވެރިކަންތަކާއި ދެކޮޅަށް މުޒާހަރާކުރަން ފެށުމުންވެސް ހުޅަނގުން ފުރަތަމަ މަސައްކަތްކުރީ މުސްކުޅި ވެރީންތައް ހިމާޔަތްކުރެވޭތޯއެވެ. ކަތުރުފަނި އަޅާފައިވާ އަނިޔާވެރިކަމުގެ ޢަޞާތަކުގައި ޓޭޕް އަޅައިގެން ނަމަވެސް އަނިޔާވެރީން ކޮޅަށް ބޭތިއްބޭތޯއެވެ. ނަމަވެސް އެބައިމީހުންގެ އަޖަލު ޖެހިއްޖެކަން ޔަޤީންވުމާއެކު ހުޅަނގަށްޓަކައި ތިމާމެންގެ އަމިއްލަ ދީނާ ޤައުމިއްޔަތާ ދެންވެސް އޮތް އެއްޗެއް މަދު ލާރިކޮޅަކަށް ވިއްކައިލި ވެރީންގެ މަތީން އެއުރެން ހަނދާންނައްތައިލިއެވެ. އެބައިމީހުން ރައްޔަތުންގެ ރަޙުމާއި ކަރަމުގެ މައްޗަށް ދޫކޮށްލުމަށްފަހު، ވެރިކަމަށް ގެންނާނޭ އާ ގޮނޑިކޮއްކޮތަކެއް ހޯދުމާއިގެން މަޝްޣޫލުވިއެވެ. ތޫނިސްގެ ކުރީގެ ރައީސް ބިން ޢަލީވެސް ވެރިކަން ވެއްޓުމުން ޙިމާޔަތް ހޯދުމަށް މިޞްރާބު ޖެހީ އޭނާ ސާހިބުންކަމުގައި ބަލައިގެން އުޅުނު ފަރަންސޭސީންގެ ކައިރިއަށެވެ. ނަމަވެސް އޭނާއަށް ޙިމާޔަތްދިނުމުގެ ބަދަލުގައި އޭނާ ދަތުރުކުރަމުން ދިޔަ ޖެޓް ފަރަންސޭސިވިލާތުގެ ވައިގެ ސަރަޙައްދަށް ވަނުންވެސް މަނާކުރިއެވެ. މިޞްރުގެ ކުރީގެ ރައީސް ޙުސްނީ މުބާރަކާއި، ލީބިޔާގެ ޤައްޒާފީއަށް ޖެހުނު ޙާލު، ހަނދާންނެތޭހައި ދުވަހެއް އަދި ނުވެއެވެ. ﷲ ގެ ޙުކުމްފުޅުތަކަށް ގޮންޖެހުމަށްފަހު ދުނިޔޭގެ ”ބޮޑު ބާރާއި“ އެއްބައިވެގެން ލިބޭނޭ މޮޅެއްނެތްކަން މިހާރު އެބައިމީހުންނަށް ވިސްނިދާނެ ތޯއްޗެކެވެ.
ތަފާތު ޤައުމުތަކުގެ އެތައް ވެރީންނަކަށް ހުޅަނގުގެ އެކުވެރިކަމުގެ ހިތިރަހަ ދެކެންޖެހި ޢިބުރަތެއްކަމުގައިވެގެން ދިޔުމަށްފަހު، މިއަދުވެސް ވެރިކަންކުރާ ވަރަށްގިނަ ބަޔަކު އެމެރިކާ އާއި ޔޫރަޕްގެ އިންސާފެއްނެތް ސިޔާސަތުތައް ދިފާޢުކޮށްދީގެން މާމޮޅު ގޮތްތެއްވާނެކަމަށް އުއްމީދުކުރެއެވެ. ހުޅަނގާ އެއްބައިވެ ނިކަމެތި ޤައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއަޅަން ވޯޓުދެއެވެ. ޑޮލަރުކޮޅެއް ދީފާނެކަމުގެ އުއްމީދުގައި އަނިޔާވެރިކަމާއި ދެކޮޅަށް އަޑު އުފުލަން ފަސްޖެހެއެވެ. އެވޯޑެއްގެ ދަހިވެތިކަމުގައި އިސްލާމްދީނަށް މަލާމާތްކުރެއެވެ. އެފަދަ ވެރިން ނުވަތަ ލީޑަރުން ހަނދާންކުރާންވީ ކަމަކީ ހުޅަނގުގެ އެކުވެރިކަމަކީ ގިނަ ފަހަރު ހަލާކުގެ ޚަބަރު ގެންނަ އެއްޗެއްކަމެވެ. އެއުރެންގެ އުޞޫލަކީ ”ގަހުގެ ވެރިޔާ ލައްވައި ގަސްކެނޑުވުމުގެ އުޞޫލުކަމެވެ. އެއުރެންގެ އެދުމަކީ ”ލަޓިގަނޑު ނުބިނދި ހަރުފަ މަރުވުންކަމެވެ. ބިނދޭނަމަ އެހެންމީހުންގެ ލަޓިގަނޑު ބިނދުން“ ކަމެވެ. ހުޅަނގުން އެމީހުންގެ އެކުވެރި ވެރީންގެ ވެރިކަމުގެ އެންމެ ފަހު ދުވަސްތަކުގައި އެމީހުންނަށް ދުވަހަކުވެސް އެހީވެފައެއްނެތެވެ. އަދިކިއެއްތަ! އަބަދުވެސް ފެނިފައި ވަނީ ”ދޮންމީހުންގެ“ އެކުވެރިކަމަށްޓަކައި ފަޚުވެރިވެ ބޮޑާވެ އަދި އެއުރެންގެ ރުހުންހޯދުމަށްޓަކައި ތިމާމެންގެ ޤައުމުގެ ނިކަމެތި ރައްޔަތުންގެ ކަރަށް ފައިންއަރައި އުޅުނު ވެރީންނަށް އެންމެ ފަހުވަގުތު ކެހިދޭތަނެވެ. އާޚިރުގައި އެފަދަ ވެރީންނަށް ޖެހެނީ ރައްޔަތުންގެ ރުޅިވެރިކަމުގެ ކުޅި ދެކޭށެވެ. އަދި ހުޅަނގުގެ އެކުވެރިކަމުގެ ރަހަވެސް ދެކޭށެވެ.

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު