ލިޔުއްވީ: އައްޝައިޚް އާދަމް ޝަމީމް އިބްރާހީމް
الحمدلله، والصلاة والسلام على رسول الله : أمابعد:  
ވިސްނާށެވެ! ފިކުރު ކުރާށެވެ! ހޯދައިބަލާށެވެ! ތަހުގީގުކޮށް އޮޅުން ފިލުވާށެވެ! އުނގެނި ދަސްކުރާށެވެ! ކިޔާށެވެ! ކިޔަވައި ދޭށެވެ! މީހުން ކިޔާހައި އެއްޗެއް ކިޔައި، މީހުން ދެކޭހައި ގޮތެއް ގަބޫލު ނުކުރާށެވެ! ފަހެ ތިބާމެނަށް ނުވިސްނެނީހެއްޔެވެ؟! ތިބާމެނަށް ބުއްދި ނުވަނީ ހެއްޔެވެ!؟ ބުއްދީގެ އަހުލުވެރީންނަށް ފިލާވަޅެއް ވެއެވެ. ވިސްނުމުގެ އަހުލުވެރީންނަށް ޢިބުރަތެއް ވެއެވެ. ޢިލްމްވެރީންނަށް އިނގޭނެއެވެ. ޢިލްމުގެ އަހުލުވެރީންނަކީ ބިރުވެތި ވާމީހުންނެވެ.
މިއީ ކޮން ވާހަކައެއްތޯއެވެ!؟ މިއިން އެނގުނީ ކޮން އެއްޗެއްތޯއެވެ؟! އާދެ ދަންނާށެވެ! މިއީ މާތް ވެގެންވާ އިސްލާމް ދީން ގޮވާލާފައިވާ ގޮވުމެކެވެ. މާތް ﷲ ސުބްޙާނަހޫ އެކަލާނގެ އަޅުތަކުންނަށް ބާވައިލެއްވި ކީރިތި ޤުރްއާނުގެ ގޮވުމެކެވެ.

ވިސްނުމާ ފިކުރު ކުރުމަށް، ކިޔަވައި ދަސްކުރުމަށް، އަދި ޢިލްމީ ހަގީގަތަކާއި ނުލައި މީހަކު ބުނީތީވެ، ބަޔަކު ކިޔާތީވެ، ދިވެހިން ރަންނަމާރި ގަބޫލު ކުރިފަދައިން ނުވަތަ ކްރިސްޓިއަނުން ސެންޓަ ކްލައުސް އަށް އީމާންވާފަދައިން ގަބޫލުކުރުން ހުއްދަ އެއްވެސް ކަމެއް މި މާތް ދީނުގައި ނުވެއެވެ. މާތް ﷲ ދެއްވާފައިވާ ހިއްސުތަކުން ހޯދޭނެ ހުރިހައި އެއްޗެއް ހޯދާ ބަލައި، ތަހުގީގުކޮށް، ތަހުލީލު ކުރަން ޖެހެއެވެ. އަދި އެ ހިއްސުތަކަށް ނުހޯދޭ ވަރުގެ، ޣައިބުގެ ޚަބަރުތަކަށް އީމާން ވާން ޖެހެނީ ޔަޤީނާއި ކަށަވަރުގެ މަގުން އައިސްފައިވާ ޚަބަރެއްގެ މައްޗަށް ބިނާކޮށެވެ. އެއީ ހަމަ އެކަނި ވަޙީއެވެ. ކީރިތި ޤުރްއާނާއި މޫރިތި ސުންނަތެވެ.
ކީރިތި މާތް ނަބިއްޔާ ޢަލައިހިއްޞަލާތު ވައްސަލާމް އެކަލޭގެފާނުންގެ އަޞްޙާބުން ތަރުބިޔަތު ކުރައްވާފައިވަނީ މި މަތިވެރި އުސޫލުގެ މަތީގައެވެ. އީމާންކަމާއި ރިވެތި އަޚުލާގު، އަމުރާއި ނަހީ، ޙަރާމާއި ޙަލާލު ކިރިތި ޤުރްއާނާއި ސުންނަތުން އުނގެނުމަށެވެ. އަމިއްލަ ބުއްދިއާއި ވިސްނުމަކުން ނޫނެވެ. އެއީ ދީނެވެ. މާތް ﷲ ރުއްސަވައި ވޮޑިގެންވާ ގޮތްކޮޅެވެ. އެއީ މީހެއްގެ އަމިއްލަ ބުއްދިއަށް އިނގޭނެ އެއްޗެއް ނޫނެވެ. ފޮތް ބާވައިލެއްވީ އެހެން ވެއެވެ. ނަބިއްޔާ ފޮނުއްވެވީ އެހެން ވެއެވެ. އަދި ދުނިޔެވީ ތަޢުލީމް، މަސައްކަތާއި ފަންނު، އަދި ދިރިއުޅުމުގެ ތަޖުރިބާ އެކަމުގެ އަހުލުވެރީންގެ ގާތުން ހޯދުމަށެވެ. ދިރިއުޅުމުގެ ވަސީލަތްތައް ތަރައްގީކޮށް ކުރި އެރުވުމަށެވެ. މިކަން އިސްލާމީ ތާރީޚުގެ ރަން ދައުރުގައި މުސްލިމުން ވަނީ ދުނިޔެއަށް ދައްކާފައެވެ. ހުޅަނގުގެ ކުރިއެރުންތަކާއި މެދުގައި އަންތަރީސްވެ، މިޔަކަނުން ސޮނި ފޭދިފައިވާ މީހުންނޭވެ! އެބައިމީހުންގެ އަތުގައިވާ ދުނިޔެވީ ތަރައްގީގެ ބޮޑު ބައެއް ބިނާވެފައި އެވަނީ މިއުންމަތުގެ ޢިލްމުވެރިންނާއި މުފައްކިރުން އަޅުއްވާފައިވާ ޢިލްމީ ބިންގަލެއްގެ މައްޗަށެވެ. އެބައިމީހުންގެ ލައިބްރަރީތަކުގައި މުސްލިމުންގެ އަތުން ފޭރި، ވަގަށް ނަގާފައިވާ މި އުންމަތުގެ ޢިލްމުވެރިންގެ ފޮތްތައް އެހެރީ ފެންނާށެވެ.
ބެލުމާއި ކިޔުމާއި ހޯދުމާއި ވިސްނުމާއި ފިކުރު ކުރުމާއި ތަޤުލީދު ނުކުރުމަކީ ސުންނަތުގެ މުސްލިމުން، އަހްލު ސުންނަ ވަލްޖަމާޢަތުގެ މަތިވެރި އުޞޫލާއި މަންހަޖުގެ ތެރޭގައި ވާ ބައެކެވެ. އިސްލާމީ ފިޤްހުގައި އިޖްތިހާދުގެ ބާބު ހުޅުވިފައިވުމާއި އެދޮރު ބޭނުން ކުރުމަކީ އޭގެ އަހުލުވެރި ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގެއް ކަމުގައި ވުމީ މިހަގީގަތާއިމެދުގައި ކިބުރުވެރިއަކަށް މެނުވީ އިންކާރު ނުކުރެވޭނޭ ވަރުގެ ބޮޑު ހެއްކެވެ.
ދިވެހި ރާއްޖޭގައި މިހާތަނަށް ޢިލްމު އުނގެނުމާއި ވިސްނައި ފިކުރު ކުރުމަށް ދެވިފައިވާ އަހަންމިޔަތުކަން ކުޑަވެފައިވީ ނަމަވެސް، މިއަދު މާތް ﷲ ގެ ފަޟްލުވަންތަވެރިކަމުން ޢިލްމުވެރިންނާއި މުޞްލިޙުން ވަނީ އެމަގު ފުޅާ ކުރައްވައި، ދީނާއި ދުނިޔެވީ ޢިލްމު އުނގެނި، ދީނާއި އުންމަތަށް ފައިދާހުރި ގޮތުގައި، ޢަމަލީ މައިދާނުގައި އޭގެ ބޭނުން ހިފުމަށް ގޮވައި، މީސްތަކުން ހޭލުންތެރި ކުރުވުމުގެ ގިނަ މަސައްކަތްތަކެއް ފަށްޓަވައިފައެވެ.
މިހަގީގަތް ފަތިފުށުން ޖަހައި، ކުރީގައި އުނގެނުމާއި ވިސްނުމުގެ މަގު މާ ފުޅާ ކަމުގައި އަދި މިއަދު ދީނުގެ ނަމުގައި ވިސްނުމާއި ފިކުރު ކުރުމުގެ މަގު ބަންދު ކުރަން ބަޔަކު އުޅޭ ކަމުގައި މީހުނަށް ބިރު ދައްކަން ބައެއް ފަރާތްތަކުން މަސައްކަތް މި ކުރަނީ ؛ ކޮން ޢިލްމަކަށް، ކޮން ވިސްނުމަކަށް އިޝާރާތްކޮށްފައި ބާވައޭ ހިތަށް އަރައެވެ. އެއީ މާތް ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ކުރުމަކީ ބާޠިލު ކަމެކޭ ޢިލްމުވެރީންވިދާޅުވާތީ ތޯއެވެ؟! ދިވެހި ރާއްޖޭގައި އެހެން ދީނަކަށް ފުރުސަތު ނުދެވޭނެއޭ ވިދާޅުވާތީ އެކަމާތޯއެވެ!؟ ނުވަތަ އެއީ މާތް ﷲ ބާވައިލައްވާފައިވާ ޝަރީޢަތާއި ޤާނޫނަކީ ބަދަލެއް ނުވާނެ، ދެގޮތެއް ނުވާނެ، ހުރިހައި ޒަމާނަކާއި މަކާނަކަށް އެއްމެ ފުރިހަމަ ޝަރީޢަތް ކަމުގައި ވިދާޅުވާތީ ތޯއެވެ؟ ވީމާ، އެކަލާނގެ ބާވައިލައްވާފައިވާ ހުކުމްފުޅުތަކާއި މެދުގައި އެއީ ޒަމާނަށް ފެތޭ އެއްޗެއްތޯ ނުވަތަ ނޫންތޯ ބަހުޘްކޮށް، އަރާރުންވެ، ތިމާމެން ހިތުހުރިގޮތެއް އެއަށް ނުހެދޭނެޔޭ ބުނާތީ ތޯއެވެ؟!
ހައިރާންވެ، އަންތަރީހެއް ނުވާނެހެއްޔެވެ! އިންސާނުން ފޮނުއްވުނީ މާތް ﷲ އަށް އަޅުކަން ކުރާށެވެ. އެކަލާނގެއާއި އެކަލާނގެ ރަސޫލާއަށް ބޯލަނބައި ކިޔަމަން ގަންނާށެވެ. އެކަލާނގެ ބަސްފުޅާއި އަމުރުފުޅުގެ މައްޗަށް ބަސްބުނެ، ފާޑު ކިޔާކަށް ނޫނެވެ. ﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަން ވުމަކީ ފަހެ ވިސްނުމާ ފިކުރު ކުރުން މަނާކުރުން ކަމުގައި ބެލެވެނީ ކޮން ބުއްދިއަކުން، ކޮން ހައިޘިއްޔަތަކުން ތޯއެވެ. ހަމަ ޔަގީނުންވެސް ތިމާއަކީ މާތް ﷲ ގެ އަޅެއްކަމުގައި ގަބޫލު ކުރާ ބުއްދިއަކުން ނުދެކެވޭނެއެވެ. މުސްލިމެއްގެ ހައިޘިއްޔަތަކުން ނުވިސްނޭނެއެވެ. އެހެން ވިސްނޭނީ ހަމައެކަނި ލާދީނީ ޖާހިލު ވިސްނުމަކުންކަން ކަށަވަރެވެ.
أَفَلا يَتَدَبَّرُونَ الْقُرْآنَ أَمْ عَلَى قُلُوبٍ أَقْفَالُهَا  (محمد 24)ފަހެ އެބައިމީހުން ކީރިތި ޤުރްއާނާއި މެދުގައި ތަދައްބުރު ނުކުރަނީހެއްޔެވެ. ނުވަތަ އެބައިމީހުންގެ ހިތުގައި ތަޅު އެޅުވިފައިވަނީ ހެއްޔެވެ.”
والله أعلم، وصلى الله على محمد وآله وصحبه وسلم

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު