حجاج بن يوسف الثقفي ޢިރާޤުގެ ގަވަރުނަރުކަމުގައި ހުރި ދުވަސްވަރު ވަރަށް ގިނަ ބަޣާވާތްތަކެއް ސަރުކާރާއި ދެކޮޅަށް ކުރެވިފައިވެއެވެ. ނަމަވެސް ޙައްޖާޖު ގެންދިޔައީ އެހުރިހާ ބަޣާވާތެއްވެސް ވަރަށް ހަރުކަށިކަމާއެކު ފުނޑުފުނޑުކުރަމުންނެވެ. އެއްފަހަރަކު އެފަދަ ބާޣީ ޤައުމެއްގެ މައްޗަށް އޭނާއަށް ކާމިޔާބު ލިބުނެވެ. ޙައްޖާޖު އޭނާގެ ސިފައިންނަށް އަމުރުކުރީ އެހުރިހާ އެންމެން ޤަތުލުކޮށްލުމަށެވެ. ޙައްޖާޖުގެ އަމުރު އައުމާއެކު ޖައްލާދުން ޤަތުލުކުރުމުގެ މަސައްކަތް ފަށައިގަތެވެ. ޤަތުލުކުރަމުން ގޮސް ބާކީ އެންމެ އަޢުރާބީއެއް ހުއްޓައި ނަމާދު ވަގުތުވެއްޖެއެވެ. ޙައްޖާޖު، އޭނާގެ އިތުބާރުކުރެވޭ ކޮމާންޑަރެއްކަމުގައިވާ قتيبة بن مسلم الباهلي އަށް ގޮވައި ގެނެސްފައި ބުންޏެވެ. [މި މީހާ، މިރޭ ކަލޭގެ ކައިރީ ބެހެއްޓުމަށްފަހު، މާދަމާ އަހަރެންގެ ކުރިމައްޗަށް ގެންނާށެވެ!]

ޤުތައިބާ ބަޔާންކުރައްވާފައިވެއެވެ. ތިމަން އެ އަޢުރާބީ ގޮވައިގެން ގެއާ ދިމާއަށް މިޞްރާބުޖެހީމެވެ. ގެއަށް ދިޔަ މަގުމަތީގައި އޭނާ ވަރަށް އާދޭހާއެކު ތިމަންނާއަށް ބުންޏެވެ. [ޤުތައިބާއެވެ! ތިބާގެ ކިބައިގައި ހެޔޮކަމުގެ ކުނޑިފުކެއްވެސް ބާކީވާނަމަ އަހަރެން ވާހަކައެއް ބުނަންހެއްޔެވެ؟] ތިމަން ބުނީމެވެ. [އާނއެކެވެ! ބުނެބަލާށެވެ! ކިހިނެއްވީ ހެއްޔެވެ؟] އޭނާ ބުންޏެވެ. [އަހަރެންގެ އަތުގައި މީސްތަކުންގެ އަމާނާތްތަކެއްވެއެވެ. ޙައްޖާޖު މާދަމާ އަހަރެން ޤަތުލުުކުރާނެއެވެ. މީސްތަކުންގެ އަމާނާތްތައް އެމީހުންނަށް ރައްދުކޮށް، ޙައްޤުވެރީންނަށް އެމީހުންގެ ޙައްޤުއަދާކޮށް އަދި އަހަރެންގެ މައްޗަށްވާ ލޭންދޭނުގެ މުޢާމަލާތްތަކުގެ މަޢުލޫމާތު އަހަރެންގެ  ވާރިޘުންނަށް ބުނެދީފައި އައުމަށް އަހަރެން ގެއަށް ދިއުމުގެ ހުއްދަ ތިބާއަށް ދެވިދާނެ ހެއްޔެވެ؟ ތިމަން ޢިއްޒަތްވަންތަ ރައްބު ޖާމިނުކޮށް ތިބާއަށް ވަޢުދުވަމެވެ! ތިމަން މާދަމާ އަންނާނަމެވެ.]
އޭނާގެ ވާހަކަ އިވުމުން ތިމަން ވަރަށް ޢަޖައިބުވިއެވެ. އަދި ހިނިވެސްއައެވެ. އަދި ހިތަށްއެރިއެވެ. [މިއީ ކޮންކަހަލަ ވާހަކައެއް ދައްކާ މީހެއްހެއްޔެވެ؟] އޭނާ ތިމަންގެ މޫނަށް ބަލައިލިއެވެ. އަދި ބުންނަންފެށިއެވެ. [ﷲ ތަޢާލާ، ހެކިކޮށް އަހަރެން ބުނަމެވެ. ތިމަން މާދަމާ އެނބުރި އަންނާނަމެވެ. އަހަރެން ދިޔަދޭށެވެ!] ނަމަވެސް ތިމަން މެދުނުކެނޑި އިންކާރުކުރަމުން ގެންދިޔައީމެވެ. [ތިހެންވާނީ ކިހިނަކުން ހެއްޔެވެ؟ އަހަރެން، ކަލޭ ދޫކޮށްލައިފިނަމަ ކަލޭ އެނބުރި އަތުވެދާނަންހެއްޔެވެ؟؟؟] އޭނާވެސް ހުއްޓުމެއްނެތި އޭނާގެ ބޭނުން ތަކުރާރުކުރަމުން ގެންދިޔައެވެ. އަދި އާދޭސްކުރަމުން ގެންދިޔައެވެ. އެންމެފަހުން ތިމަންގެ ހިތުގައި އޭނާގެ މައްޗަށް ރަޙުމް އުފެދި އޭނާއަށް އިތުބާރުކުރެވުނެވެ. އެހެންކަމުން އޭނާ ގެއަށް ދިއުމުގެ ހުއްދަ ދިނީމެވެ. 
އޭނާއަށް ހުއްދަ ހަމަ ލިބުމާއެކު ގެއަށް ދިއުމަށްޓަކައި ދަތުރުފެށިއެވެ. ނަމަވެސް އޭނާ ދިއުމާއެކު މިކުރެވުނު ކަންތަކާމެދު ތިމަންނައަށް ހިތާމަކުރެވެން ފެށިއްޖެއެވެ. ތިމަންގެ ހިތަށްއެރިއެވެ. [މިކުރެވުނީ ކީއްހެއްޔެވެ؟ އޭނާ ދުކޮށްލީ ކީއްވެހެއްޔެވެ؟ އޭނާ އެނބުރިއައުމަކީ އެކަށީގެންވާ ކަމެއްނޫނެވެ.] އަނެއްކޮޅުން ޙައްޖާޖުގެ ބިރެވެ. އޭނާއާ ޤައިދީ ޙަވާލުނުކޮށްފިނަމަ ތިމަންނައާމެދު ޙައްޖާޖު ޢަމަލުކުރާނީ ކޮންގޮތަކަށް ބާވައެވެ؟ ކޮންމެއަކަސް އެރެއަކީ ތިމަންގެ ޙަޔާތުގައި އައި އެންމެ ނުތަނަވަސްރެއެވެ. މުޅި ރޭ ވޭތުވީ ހިތާމައާ ދުޢާގައެވެ.  
އަނެއް ދުވަހު ފަތިހުފަތިހާ ތިމަންގެ ގޭގެ ދޮރުގައި މީހަކު ޓަކިދިނެވެ. ތިމަން އަވަސްއަވަހަށް ބޭރަށް ނުކުމެ ދޮރުހުޅުވާލިއިރު އެއްކަލަ އަޢުރަބީ ދޮރުމަތީގައި ކޮޅަށްހުއްޓެވެ. އޭނާ ފެނުމުން ތިމަންގެ ހަށިގަނޑަށް އަލުން ފުރާނަ އައި ކަހަލައެވެ. ތިމަން، އޭނާއާ ސުވާލުކުރީމެވެ. [ކަލޭ ހަމަ އައީ ހެއްޔެވެ؟] އޭނާ ޖަވާބުދިނެވެ. [އާނއެކެވެ! ތިބާގެ ކުރިމަތީގައި މިހުރީއެވެ.] އަހަރެން ބުނީމެވެ. [އަދިވެސް މަށަށް ހަމަ ޔަޤީންނުވަނީއެވެ.] އޭނާ ބުންޏެވެ. ((جَعَلْتُ اللهَ كَفِيْلاً وَلاَ اَرْجِعُ؟)) [ﷲ ތަޢާލާ ކަފީލެއްކަމުގައި ހެދުމަށްފަހު ތިމަންނައަށް ނައިސް ހުރެވިދާނެ ހެއްޔެވެ؟]
ޤުތައިބާ ބަޔާންކުރައްވައެވެ. ތިމަން، އޭނާ ގޮވައިގެން ޙައްޖާޖުގެ ދަރުބާރަށް ދިޔައީމެވެ. ދޮރުމަތީގައި ހުރި ހަށިިފާރަވެރިޔާ ކައިރިއަށް ޤައިދީ ދޫކޮށްލުމަށްފަހު އެތެރެއަށް ވަނީމެވެ. ޙައްޖާޖަށް ތިމަން ހަމަ ފެނުމާއެކު ސުވާލުކުރިއެވެ. [ޤުތައިބާއެވެ! އަހަރަމެންގެ އެޤައިދީ ކޮބައިހެއްޔެވެ؟] ތިމަން ބުނީމެވެ. [އަމީރަށް ސަލާމަތްކަންހުއްޓެވެ. ދޮރުމަތީގައި އެބަހުއްޓެވެ.] ތިމަން ދޮރުކައިރިއަށް ގޮސް ޙައްޖާޖާ، އޭނާ ޙަވާލުކުރީމެވެ. އަދި ރޭގެ ހާދިޘާ ޙައްޖާޖަށް ކިޔައިދިނީމެވެ. ޙައްޖާޖު އެޤައިދީގެ ތިރިން މައްޗަށް، މަތިން ތިރިއަށް ފަރުވާތެރިކަމާއެކު ބަލަން ފެށިއެވެ. ހީވަނީ ކޮންމެވެސް ގޮތެއް އޭނާ އާމެދު ނިންމަނީހެންނެވެ. ކުއްލިއަކަށް ޙައްޖާޖުގެ އަޑުއައެވެ. ((وَهَبْتُهُ لَكَ))  [އަހަރެން މިޤައިދީ ކަލެއަށް ދީފީމެވެ. އޭނާ އާމެދު ކަލޭ ބޭނުންގޮތަކަށް ޢަމަލުކުރާށެވެ!]
ތިމަން ޤައިދީ ގޮވައިގެން ބޭރަށްނުކުތީމެވެ. ބޭރަށްނުކުމެ ޤައިދީއަށް ބުނީމެވެ. [ކަލޭ ބޭނުން ތަނަކަށް ހިނގައިދާށެވެ. އަހަރެންގެ ކިބައިން ކަލޭ ތިވަނީ މިނިވަންވެގެންނެވެ.] 
އަޢުރާބީ އުޑާ ދިމާއަށް އިސްއުފުލައި ބަލައިލުމަށް ފަހު ބުންޏެވެ.  ((اللهُمَّ لَكَ الْحَمْدُ))  [އޭ ﷲ އެވެ! ހުރިހާ ޙަމްދަކާއި ޝުކުރެއްހުރީ އިބަ ރަސްކަލާނގެއަށެވެ!]
އެއަށް ފަހު އޭނާ ދެވަނަ ބަހެއްނުބެނެއެވެ. އަދި އަވަސްއަވަހަށް އެއްފަރާތަކަށް ހިނގައިގަތެވެ. އޭނާ ޢަމަލުކުރިގޮތާމެދު ތިމަން ވަރަށް ޙައިރާންވިއެވެ. ތިމަން، އޭނާ މަރުގެ އަދަވަޅަކުން ސަލާމަތްކުރީމެވެ. އެކަމަކު އެންމެ ކުޑަމިނުން ޝުކުރުގެ ބަހެއްވެސް ބުނެނުލިއެވެ. ތިމަން ހިތާ ހިތުން ބުނީމެވެ. [ކަޢުބާގެ ވެރި އިލާހު ގަންދެމެވެ! ޔަޤީނުންވެސް މި ބަދަވީ ކަލޭގެ ވާނީ މަޖްނޫނަކަށެވެ.] 
އަނެއްދުވަހު އެއްކަލަ އަޢުރާބީ ތިމަންގެ ކައިރިއަށް އައެވެ. އަދި ބުނަންފެށިއެވެ. ((يَا هَذَا ! جَزَاكَ اللهُ عَنِّيْ اَفْضَلَ الْجَزَاءِ ، وَاللهِ! مَا ذَهَبَ عَنِّيْ اَمْسِ مَا صَنَعْتُ ، وَلَكِنْ كَرِهْتُ اَنْ اُشْرِكَ فِيْ حَمْدِ اللهِ اَحَدًا)) [އޭ އަޚާއެވެ! ﷲ ތަޢާލާ، އަހަރެންގެ ފަރާތުން ތިބާއަށް އެންމެ ހެޔޮވެގެންވާ ޖަޒާ ދެއްވާށިއެވެ. ﷲ ގަންދީބުނަމެވެ! އިއްޔެގައި އަހަރެން ކަންތައްކުރި ގޮތް ރަގަޅަށް ހަނދާން އެބަހުއްޓެވެ. ތިބާ ގޯސްކޮށް ހީނުކުރުންއެދެމެވެެ. ތިމަން އެގޮތަށް ކަންތައްކުރީ ﷲ ގެ ޙަމްދާ ޘަނާއާއި ޝުކުރުގައި އެހެން ފަރާތެއް ބައިވެރިކުރަން ތިމަން ނުރުހޭތީއެވެ.] (طرائف وملح / موسى احمدي)
____________________________________
ލިޔުމުގެ އަޞްލު: ސުންހެރޭ އައުރާޤް / ޢަބްދުލްމާލިކް މުޖާހިދް
ތަރުޖަމާ: އިނާޒް ޢަދުނާން

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު