މީސްތަކުންނަށް އެހީތެރިވެ ހެޔޮ ފޯރުކޮށްދިނުމަކީ ވަރަށްވެސް ދަރުމަ ހުރި ކަމެކެވެ. ނަމަވެސް ނިޔަތް ރަގަޅު ނަމައެވެ.ތިމާ ހެޔޮ ފޯރުކޮށްދިން މީހާގެ ކިބައިން އޭގެ ބަދަލު ލިބުމުގެ ނިޔަތުގައި އެއްވެސް މީހަކަށް އެހީތެރިނުވާށެވެ! އެއްވެސް މީހަކު ތިބާއަށް އެކަމަށް މަޖުބޫރުކުރި ހެއްޔެވެ؟
 
އެހެނެއްކަމަކު މީސްތަކުންނަށް ހެޔޮ ފޯރުވައި އެހީތެރިވެ އުޅުމަށް އަމުރުކުރައްވި އިލާހުގެ ޙަޟުރަތުން ހެޔޮކަމުގެ ބަދަލުލިބުމަށް އެދޭނަމަ، އެކަލާނގެ މަޚުލޫޤުނަށް ހެޔޮފޯރުކޮށްދީ އުޅޭށެވެ! މުއުމިނުންގެ ސިފައަކީވެސް އެއީ އެވެ. ﷲ ތަޢާލާ، މުއުމުނުންގެ ސިފަ ބަޔާންކުރައްވަމުން ވަޙީކުރައްވާފައިވެއެވެ. وَيُطْعِمُونَ الطَّعَامَ عَلَى حُبِّهِ مِسْكِينًا وَيَتِيمًا وَأَسِيرًا (الإنسان: 8) (މާނައީ: ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ ﷲގެ ވަޖްހުފުޅަށްޓަކައެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް އަދި ޝުކުރަކަށްވެސް ތިމަންމެން ނޭދެމެވެ.)

 

އެކަލާނގެ ބަދަލުދެއްވާނެކަން ކަށަވަރެވެ. އަދި އެބަދަލު ވާހުށީ، ތިބާ ކޮށްދިން ހެޔޮކަމަށްވުރެ ބޮޑު އަދި ފުރިހަމަ ބަދަލަކަށެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. وَمَا تُنفِقُوا مِنْ خَيْرٍ يُوَفَّ إِلَيْكُمْ وَأَنْتُمْ لاَ تُظْلَمُونَ (البقرة: 272) (މާނައީ: އަދި މުދަލުން ތިޔަބައިމީހުން ހޭދަކުރާ އެއްޗެއްގެ ސަވާބާއި ދަރުމަ ފުރިހަމަޔަށް ތިޔަބައިމީހުންނަށް ލިބޭނެތެވެ. އަދި ތިޔަބައިމީހުންނަށް ބޭއިންސާފު ނުކުރައްވާ ހުއްޓެވެ.)


ނަމަވެސް ހެޔޮކަން ރައްދުވި މީހާގެ ކިބައިން ބަދަލު ލިބޭނެކަމަށް އުއްމީދުކޮށްފިނަމަ ފަހަރުގައި ތިބާއަށް މާޔޫސްކަން ފިޔަވައި އިތުރު އެއްޗެއް ނުލިބިވެސް ހިނގައިދާނެއެވެ. ހެޔޮފޯރުކޮށްދިނުމަކީ އިލާހީ އަމުރުފުޅެކެވެ. އެކަމަށް އަޖުރު ދެއްވާނީވެސް އެއިލާހެވެ. އެކަލާނގެ ތިބާއަށް ރަގަޅު ބަދަލެއް ދެއްވާނެއެވެ. އަދި ކިއެއްތަ! ފުރިހަމަ ބަދަލެއް ދެއްވާނެއެވެ.


ބޭނުންޖެހިފައިވާ މީހަކަށް ހެޔޮކަމެއް ކޮށްދިނުމުން، ވަގުތުން ފުރަތަމަވެސް ލިބިގެންދާ ބަދަލަކީ ފެންނަފެނުމަށް ތިބާގެ ޖީބު ހުސްވިޔަސް ތިބާގެ ހިތް އުފާވެރިކަމުން ފުރިގެން ދިއުމެވެ. ހެޔޮކަމުގެ ބަދަލުގައި އެހެން އެކައްޗެއް ނުލިބި ހަމައެކަނި މިކަން ޙާޞިލުވިޔަސް ތިބާއަށް ފުދިގެންނުވޭ ހެއްޔެވެ؟ ހިތްހަމަޖެހުމާ އުފާވެރިކަން ހޯދުމަށް އިންސާނުން ކުރާ ބުރަ މަސައްކަތް ތިބާއަށް ވެސް ފެންނާނެއެވެ. އެކަމަކުވެސް ގިނަ ބަޔަކަށް އެ އުފާވެރިކަން ޙާޞިލެއްނުވެއެވެ.

ހެޔޮފޯރުކޮށްދޭށެވެ! އަދި އެކަމަށް އަމުރުކުރެއްވި ފަރާތުގެ ކިބައިން ބަދަލު ލިބުމަށް އުއްމީދުކުރާށެވެ! ތިބާ ނާއުއްމީދުވާން ނުޖެހޭނެކަން ކަށްވަރެވެ!

(މުސާފިރު)

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު