ތަރުޖަމާ : އިނާޒް ޢަދުނާން

އިންސާނާއަށް އުނދަގޫ ދޭ ސޫފާސޫފީގެ ތެރެއިން މަދިރިއަކީ ފާހަގަކޮށްލެވޭ ސޫތްޕެކެވެ. މަދިރި، އިންސާނާގެ ގައިން ހަމައެކަނި ލޭ ބޮނީއެއްވެސް ނޫނެވެ. އަދި ކިއެއްތަ! އެކަމުގައި އިންސާނާއަށް އާދަޔާޚިލާފު ތަކުލީފެއްވެސް ދެއެވެ. ލޭބުއިމާ ތަދުކުރުމުގެ އިތުރަށް ނުރައްކާތެރި އެތައް ބަލިތަކެއް އިންސާނާއަށް ޖެއްސުމުގެ މެދުވެރިއަކަށްވެސް މަދިރިވެއެވެ. 
އަޅުގަނޑުމެންގެ ޤައުމު ފަދަ ޢާންމު ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް ސަމާލުކަންނުދޭ ވެރިންންތަކެއް އުޅޭ ޤައުމެއްގައި އާދައިގެ ރައްޔިތުމީހާއަށް ކުރެވޭނެކަމަކީ ޞިއްޙަތަށް ގެއްލުން ހުރި ދުމާއި ވަސް އެކުލެވޭ ތަފާތު އުފެއްދުންތައް ބޭނުންކޮށްގެން މަދިރިން ސަލާމަތްވުމަށް މަސައްކަތްކުރުމެވެ. ގިނަފަހަރު މިފަދަ މަސައްކަތްތައްވެސް ދަނީ ފަނުފުލުންނެވެ. އެހެންކަމުން މުޅި ރޭގަނޑު މަދިރިތައް ގެންދަނީ ބިރަކާނުލައި ނިދާފައި ތިބޭ މީހުން ގައިގައި ހަފަމުންނެވެ.

މަދިރި، އިންސާނާއަށް ޙަމަލާދެނީ ހަމައެކަނި އޭނާ ނިދާފައި އޮންނަ ވަގުތަކުނޫނެވެ. އޭނާ ހޭލާ ހުންނަ ވަގުތުގައިވެސްމެއެވެ. މަދިރި މިކަން ކޮށްލަނީ ވަރަށްވެސް ފަސޭހައިންނެވެ. އިންސާނާއަށް ގިނަފަހަރު ޚަބަރުވާއިރު ބަނޑުފުރާލައިގެން މަދިރި އުދުއްސައިގަނެއެވެ. އަދި އޭތި ޝިކާރަކޮށްލަން އިންސާނާ ދޫކޮށްލާ ޙަމަލައިންވެސް ވަރަށް ހުޝިޔާރުކަމާއެކު އެސޮރު ސަލާމަތްވެއެވެ. އެހެންނަމަވެސް އިންސާނާގެ ޙަމަލައެއްގެ ބިރެއްނެތި މަދިރިއެއް މީހެއްގެ ގައިގައި އިށީނދެ މާގިނައިން ލޭ ބޮއި ބަރުހެލިވެއްޖެނަމަ ނުވަތަ ލޭބުއިމާއިގެން މާބޮޑަށް ޣާފިލުވެޖެނަމަ ދެން އިންސާނާގެ ފަރާތުން އަންނަ އަވަސް ޙަމަލާގައި މަދިރި ފިސްކޮށްލައެވެ. ލޭބުއިމުގެ ފޮނިމީރުކަމުގައި ޖެހި ޣާފިލުވުން މަދިރީގެ ނިމުމުގެ ސަބަބަކަށް ވާފަދައިން ދުނިޔޭގެ އުފާ ހޯދުމުގައި މާބޮޑަށް މަޝްޣޫލުވެ ޣާފިލުވުން އިންސާނާ ބަރުބާދުވުމުގެ ސަބަބަކަށްވެސް ވެދެއެވެ. 
ތަޢާލާ، މި ދުނިޔޭގައި އިންސާނާ ލައްވާފައިވަނީ އޭނާ އިމްތިޙާނުކުރެއްވުމަށެވެ. ދުނިޔޭގެ ވަޞީލަތްތަކަކީ އިންސާނާ ދެމިހުރުމަށް ކޮންމެހެން ބޭނުން ތަކެއްޗެވެ. އެހެންނަމަވެސް އާޚިރަތް މަތިން ހަނދުމަނައްތައިލައި ތިމާގެ މަޤުޞަދަކީ ހަމައެކަނި ދުނިޔެ އެއްކޮށް ބަށްކުރުންކަމުގައި ހަދައިފިނަމަ ޣާފިލުކަން އިންސާނާގެ މައްޗަށްވެރިވާނެކަން ކަށަވަރެވެ. ދުނިޔޭގެ މުދަލާއި ޒީނަތްތައް ހިސާބަށްވުރެ ގިނައިން އިންސާނަކަށް ލިބިއްޖެނަމަ އެމީހަކު ޝައިޠާނާގެ ކުޅޭ އެއްޗަކަށްވެދެއެވެ.  ޙަރާމް ރިޒުޤާއި، ދަހިވެތިކަމާއި، ކިބުރުވެރިކަމާއި، އިސްރާފާއި އަމިއްލައެދުން ފަދަ އެތައްކަމެއް ބޭނުންކޮށްގެން އިންސާނާ ޝިކާރަކުރުމަށް ޝައިޠާނާ ވަނީ ތައްޔާރުވެ ހަތިޔާރު އަޅައިގެންނެވެ. ތިމާގެ މަޤުޞަދަކީ ދުނިޔެކަމުގައި ހަދައިފި އިންސާނާއަކީ ޝައިޠާނާގެ އެންމެ ފަސޭހަ ހަދަފެވެ. ލޭބުއިމުގައި ޣާފިލުވެފައިވާ މަދިރިއެއް ފަދައިން ޝައިޠާނާގެ އެންމެ ފުރަތަމަ ޙަމަލައިންވެސް އެފަދަ އިންސާނާ ތިމާގެ އާޚިރަތް ބަރުބާދުކޮށްލައެވެ.
_________________________________

މަޞްދަރު: ބަސް ޔެހީ ދިލް / އަބޫ ޔަޙްޔާ

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު