އެންމެފަހުން ބައްޕަ ކުރިއަށް ޖެހި ލޯތްބާއި އެކު އަހަރެންގެ އަތުގައި ހިފުމަށްފަހު ބުނަންފެށިއެވެ. [އަހަރެންގެ ލޯބިވާ ދަރިފުޅާއެވެ! ދަރިފުޅުގެ ޢުމުރުން މިހާރު 10 އަހަރު ވީއެވެ. ދަރިފުޅު މިހާރު ތިޔަ ކުރިމަތިލަނީ ޒުވާންކަމުގެ ދުވަސްތަކާއެވެ. މިއޮތް ހުރިހާ ދުވަހު ދަރިފުޅަށް ސިއްރުކޮށްގެން އުޅުނު ކަންތައް މިއަދު ދަރިފުޅަަށް އަންގަން ބައްޕަ ބޭނުމެވެ. ދަރިފުޅަށް މި ސިއްރު، ސިއްރެއްގެ ގޮތުގައި ހިފެހެއްޓިދާނެ ހެއްޔެވެ؟ ދަރިފުޅާއެވެ! މި ސިއްރު ފުރިހަމަޔަށް ފޮރުވާށެވެ! ތިބާގެ މަންމައަށާއި ގާތްތިމާގެ މީހުންނަށާއި އެކުވެރީންނަށްވެސް ވަންހަނާކުރާށެވެ! ފަހަރެއްގައިވެސް މީހަކަށް ފާޅުނުކުރާށެވެ!  އެއްވެސް މީހަކަށް މި ސިއްރުގެ އިޝާރާތެއްގެ މިންވަރުކުރިޔަސް ސިއްރު ފުލުހުން ދަރިފުޅުގެ ބައްޕަ ކުދިކުދިކޮށް ކޮށައިލާނެއެވެ.]

ސިއްރު ފުލުހުންގެ ނަން އަޑު އިވުމާއެކު އަހަރެންގެ އިސްތަށިތައް ކޮޅަށް ޖެހުނެވެ. އަހަރެން ކުޑައެއްކަމަކު އެބުނާ ސިއްރު ފުލުހުންނަކީ ކޮންބައެއްކަން ރަގަޅަށް އެނގެއެވެ. އެބައިމީހުންގެ ހަރުކަށިކަމާއި އަނިޔާވެރިކަމުގެ މަންޒަރުތައް ކޮންމެ ދުވަހަކުވެސް އަހަރެން ދެކެމެވެ. މަދަރުސާއިން އަންނަ އައުމުގައި އެތައްފަހަރަކު އެމީހުންގެ ވަޙުޝީ އަނިޔާތައް އަހަރެންނަށް ވަނީ ފެނިފައެވެ. މީހުން ޞަލީބަށް އަރުވާ ތަން ދެކެމެވެ. އަންދާލެވިފައިވާ ހަށިތައް ދެކެމެވެ. އަންހެނުންގެ ޢިއްޒަތާއި ޢިއްފަތަށް އަރައިގަންނަ މަންޒަރު ދެކެވެ. ވެއްޔާއި މޮޑެވި ފިސްފިސްވެފައިވާ އެމީހުންގެ ހަށިތައް ދެކެމެވެ. އަހަރެންގެ ކުރިމަތީގައި މަންޒަރަކަށް ފަހު މަންޒަރެއް އެނބުރިގެންދިޔައެވެ. އަހަރެން ކުރިންވެސް އިނީ މަޑުންނެވެ. އެކަމަކު މިހާރު ހަމަ ރަގަޅަށްވެސް އަހަރެންގެ ބަސްހުއްޓި ގަމާރުވެއްޖެއެވެ.
އަނެއްކާވެސް ބައްޕަ، އަހަރެންނާ މުޚާޠަބުކުރިއެވެ. [ބައްޕަގެ ސުވާލަށް ޖަވާބު ނުދިނީ ކީއްވެހެއްޔެވެ؟ ބައްޕަގެ ސިއްރު ދަރިފުޅު ވަންހަނާ ކުރާނަންހެއްޔެވެ؟]
އަހަރެން ބުނީމެވެ. [އާނއެކެވެ! ހަމަ ޔަޤީނުންވެސް ވަންހަނާކޮށް ސިއްރުކުރާނަމެވެ.]
ބައްޕަ ސުވާލުކުރިއެވެ. [ހުރިހާ އެންމެނަށްވެސް ހެއްޔެވެ؟ އެންމެ ކުޑަމިނުން ދަރިފުޅުގެ މަންމައަށް ވެސް ހެއްޔެވެ؟
އަހަރެން ބުނީމެވެ. [އާނއެކެވެ! މަންމައަށް ވެސް ސިއްރުކުރާނަމެވެ.]
ދެން ބައްޕަ ބުންޏެވެ. [އެހެންވީއިރު ބައްޕަ އާއި ކައިރިވާށެވެ. ކަންފަތް ރަގަޅަށް ހުޅުވާށެވެ! ބައްޕަ ވާހަކަދައްކަން ބޭނުމީ ވަރަށް މަޑުންނެވެ. ފާރުގައިވެސް ކަންފަތްހުރެއޭ ބުނާތީ އަޑުނާހަން ހެއްޔެވެ؟ ބައްޕަގެ ވާހަކަތައް ސިއްރު ފުލުހުންނަށް އިވިއްޖެނަމަ އެމީހުން، ބައްޕަ ދިރިހުއްޓައި އަންދައިލާނެއެވެ.]
އަހަރެން ބައްޕަ އާއި ގާތަށް ޖެހިލީމެވެ. އަދި ބުނީމެވެ. [އަޅުގަނޑު މިހުރީ އަޑުއަހަން ތައްޔާރަށެވެ.]
މޭޒުމަތީގައި އޮތް ފޮތަށް އިޝާރަތްކުރަމުން ބައްޕަ ސުވާލުކުރިއެވެ. [މިއީ ކޮން ފޮތެއްކަން ދަރިފުޅަށް އެނގޭހެއްޔެވެ؟]
އަހަރެން ނޭގެއޭ ބުނީމެވެ.
ބައްޕަ ބުންޏެވެ. [މިއީ ﷲ ގެ ފޮތެވެ.]
އަހަރެން ތަފްޞީލަށް ބޭނުންވިއެވެ. [އެއީ ޔަސޫޢު މަސީޙު ގެނެސްދެއްވި މުޤައްދަސް ފޮތް ހެއްޔެވެ؟؟؟!!!]
ބައްޕަ ކުޑަކޮށް ހާސްވިއެވެ. ދެން ބުންޏެވެ. [ނޫނެކެވެ! މިއީ ކީރިތި ޤުރުއާނެވެ. މިއީ ވަރަށް މުޤައްދަސް ފޮތެކެވެ. މިފޮތް ބާވައިލެއްވީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އެކަލާނގެއީ އެއްކައުވަންތަ އިލާހެވެ. އެއްވެސް ބައިވެރިއެއް ޝަރީކެއް އެކަލާނގެއަކަށް ނުވެއެވެ. އެއްވެސް މަޚްލޫޤަކަށް އެކަލާނގެ ބޭނުންވެވޮޑިގެނެއްނުވެއެވެ. ނަމަވެސް ހުރިހާ މަޚްލޫޤުން ވަނީ އެކަލާނގެ އަށް ބޭނުންވެގެންނެވެ. އެކަލާނގެ އަށް އެއްވެސް ދަރިއެއް ދަރިކަނބަލެއް ނުވެއެވެ. އަދި އެކަލާނގެއީ އެއްވެސް މީހެއްގެ ދަރިއެއް ނޫނެވެ. އެކަލާނގެއާ އެއްފަދަވެގެންވާ އެއްވެސް އެއްޗެއް ނުވެއެވެ. އެކަލާނގެ މިފޮތް ބާވައިލެއްވީ އެންމެ މާތް، އެންމެ މަތިވެރި އިންސާނާ، ނަބީބޭކަލުންގެ ސާހިބާ މުޙައްމަދު ބިން ޢަބްދުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ މައްޗަށެވެ.]
ބިރުން ގޮސް އަހަރެންގެ ދެލޯ ތަންމިނަށް ހުޅުވުނެވެ. އަހަރެންނަކަށް އެކައްޗެއްވެސް ނުވިސްނުނެވެ. 
ބައްޕަ އިތުރަށް ބުންޏެވެ. [މި ފޮތަކީ އިސްލާމް ދީނުގެ އަޞްލެވެ. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް މެދުވެރިކުރައްވައި ﷲ ތަޢާލާ ވަނީ އިސްލާމްދީން ފުރިހަމަކުރައްވައިފައެވެ. އެތަން ވަނީ މިތަނާއި ވަރަށް ދުރުގައެވެ. ކަނޑުގެ އަނެއް ފަރާތުގައެވެ. ޞަހަރާތަކާއި ވާދީތަކަށްވުރެވެސް ދުރުގައެވެ. އެދީން ފެށުނީ މައްކަތުލްމުކައްރަމާ އިންނެވެ. ހަރުކަށި، ޖާހިލު، މުޝްރިކު ޤައުމެއްގެ ތެރެއިންނެވެ. މި މުޤައްދަސް ފޮތުގެ ސަބަބުން އެމީހުންނަށް ތައުޙީދުގެ މަތިވެރި ނިޢުމަތް ލިބުނެވެ. އެކުވެރިކަމުގެ ގަދަކަން ލިބުނެވެ. އަދި މުޅި ދުނިޔޭގެ ވެރިކަންވެސް ލިބުނެވެ.
ﷲ ތަޢާލާ، އެބައިމީހުންނަށް ބާރާއި، ޢިލްމާއި އަދި ކުރިއެރުން މިންވަރުކޮށްދެއްވިއެވެ. އެފަދައިން އެޤައުމު ސީދާވެގެންވާ ހެޔޮ މަގަށް އައެވެ. އެއްކައުވަންތަ އިލާހަށް އީމާންވާ ބަޔަކަށް ވިއެވެ. އެއަށްފަހު އެމީހުން ﷲ އަށް ބިރުވެތިވުން އިޚްތިޔާރުކުރިއެވެ. އަދި އެމީހުންގެ އީމާންކަން ވަރުގަދަކުރިއެވެ. އެހިނދު މުޅި ދުނިޔެ އެމީހުންގެ ފައިތިލަ ދަށަށް އަންނާން ފެށިއެވެ. އެބައިމީހުން މަޝްރިޤާއި މަޣްރިބް ފަތަޙަކުރަމުން އެންމެ ފަހުން އަންދަލުސް (މިހާރުގެ ސްޕޭން އަދި ޕޯޗްގަލް ހިމެނޭ ސަރަޙައްދު) އޭ ކިޔުނު މިޖަޒީރާ އާއި ހަމަޔަށްވެސް އައެވެ. އޭރު މިޤައުމުގެ ވެރިޔަކަށް ހުރީ ވަރަށް އަނިޔާވެރި ރަސްކަލެކެވެ. މިޤައުމުގެ ރައްޔަތުން ނުލާހިކު ފަޤީރުވެފައި ނިކަމެއްޗެވެ. އެބައިމީހުންގެ ތެރޭގައި ޢިލްމާއި ތަރައްޤީއޭ ކިޔުނު ހަމަ އެކައްޗެއްވެސް ނެތެވެ. ޢަރަބި މުޖާހިދުން އެ އަނިޔާވެރި ރަސްގެފާނު ޤަތުލުކުރިއެވެ. އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނައެވެ. ޢަދުލާއި އިންޞާފުގެ ނިޒާމް ޤާއިމްކުރިއެވެ. މީސްތަކުންނަށް އަމާންކަމާއި ރައްކާތެރިކަން ހޯދައިދިނެވެ. އެބައި މީހުންނަށް ކިޔަވައިދީ ޢިލްމުވެރިކުރުވިއެވެ. ތަރައްޤީ ދިނެވެ. އެގޮތުގެ މަތީން ދިގު މުއްދަތެއްގައި މިޤައުމުގެ ވެރިކަންކުރިއެވެ. ކިތައް އަހަރުކަން ދަރިފުޅަށް އެނގޭ ހެއްޔެވެ؟ އަށްސަތޭކަ އަހަރު ވާންދެނެވެ. އަށްސަތޭކަ އަހަރު ވާންދެން އަންދަލުސްގައި ވިހުރެމުން ދިޔައީ މުސްލިމުންގެ ދިދައެވެ. ދުނިޔޭގައި އޮތް އެންމެ ރީތި ބިންކޮޅަށް އެބައިމީހުން މިތަން ހެދިއެވެ. ދުނިޔޭގެ އެއްވެސް ތާކުން އެފަދަ މިސާލެއް ނުފެންނާނޭ ފަދަ ޢިމާރާތްތައް އެމީހުން މިތާނގައި ބިނާކުރިއެވެ. 
އާނއެކެވެ! ދަރިފުޅާއެވެ! އަހަރަމެންނަކީ ޢަރަބި މުސްލިމުންނެވެ!!!]
އަހަރެންނަކަށް އަހަރެންގެ ދުލުގެ މައްޗަކަށް ބާރެއްނުފޯރުވުނެވެ. ބިރުވެރިކަމާއި ޙައިރާންކަމުގެ ސަބަބުން އަހަރެންނަށް ޢަަޖައިބު ގޮތްތަކެއް ވަމުންދިޔައެވެ. 
ބައްޕަ ވަރަށް ޖޯޝާއެކު ސުވާލުކުރިއެވެ. [ދެން ނިކަން ބުނެބަލާށެވެ! އަހަރަމެންނަކީ ކޮން ބައެއް ހެއްޔެވެ؟] އަހަރެންނަށް ހަޅޭއްލައިގެންފައި ކަހަލަ ގޮތަކަށް ބުނެވުނެވެ. [އަހަރަމެންނަކީ ޢަރަބި މުސްލިމުންނެވެ.]
[އާނއެކެވެ! މަގޭ ދަރިފުޅާއެވެ! ބައްޕަ، ދަރިފުޅަށް ބުނެދޭން ބޭނުންވި ސިއްރަކީ މިއީއެވެ.
އާނއެކެވެ! އަހަރަމެންނަކީ އެއްދުވަސްވަރެއްގައި މިޤައުމުގެ ވެރިންނެވެ. ދަރިފުޅަށް ތިޔަ ފެންނަ ގަނޑުވަރުތައް ބިނާކުރީ އަހަރަމެންގެ ކާބަފައިންނެވެ. އެގަނޑުވަރުތަކުގެ ކޮންމެ ގަލެއްގައި އަހަރަމެންގެ އަސްލާފުންގެ ހުނަރުވެރިކަމާއި، ބުރަ މަސައްކަތުގެ އަސަރުތައްވެއެވެ. މިއަދު އެތަންތަނުގެ މައްޗަށް އަހަރަމެންގެ ދުޝްމަނުން އެވަނީ ގަދަވެގެންފައެވެ. އެއްއިރެއްގައި ފަލަކުގައި ބޮސްދެމުންދާ އެމުންނާރުތަކުން ބަންގިިިީގެ މުޤައްދަސް ނިދާ ގުގުމަމުން ދިޔައެވެ. އަހަރަމެން ވަރަށް ރީތި މިސްކިތްތައް ބިނާކުރީމެވެ. އެމިސްކިތްތަކުގައި މުސްލިމުން ފަސްވަގުތު އެމީހުންގެ ރައްބަށް ސަޖިދަކުރަމުން ގެންދިޔައެވެ. އެ މިޙުރާބުތަކުން ﷲ ގެ ކަލާމްފުޅުގެ ނޫރާނީ އަޑު އިވެމުންދިޔައެވެ. އެކަމަކު މިއަދު އެމިސްކިތްތައް އެވަނީ ފައްޅިތަކަށް ބަދަލުކުރެވިފައެވެ. މިއަދު އެތަންތަނުގައި ފާދިރީން އެގެންދަނީ އިންޖީލު ކިޔަވައި، ކިޔަވައިދެމުންނެވެ. 
އާނއެކެވެ! ދަރިފުޅާއެވެ! އަޑުއަހާށެވެ! އަހަރަމެންނަކީ ޢަރަބި މުސްލިމުންނެވެ. މިޤައުމުގެ އެންމެހައި ކަންކޮޅެއްގައި އަހަރަމެންގެ އަސްލާފުންގެ ފިޔަވަޅުތަކުގެ އަސަރުތައް ވިދައި ބަބުޅަމުން ދެއެވެ. އަހަރަމެންގެ ކާފަމެންނާއި ބައްޕަމެން މި ބިން ދިރުވައިފައި ވަނީ އެމީހުންގެ ދަލާއި ލޭ ދީގެންނެވެ. މިބިމުގެ ކޮންމެ ޒައްރާއެއްގައި އަހަރަމެންގެ ޝަހީދުންގެ ލޭ ވަނީ އުނގުޅިފައެވެ. އާނއެކެވެ! ދަރިފުޅަށް ތިޔަ ފެންނަ ރީތި ޝަހަރުތަކާއި ރަށްތައް އާބަދުކުރީ އަހަރަމެންނެވެ. މި ބޮޑެތި ފާލަންތަކާއި މަގުތައް ހެދީ އަހަރަމެންނެވެ. މި ރީތި ބަގީޗާތަކާއި ފަތިފައްޗަށް ހެދިފައިވާ ގަސްތަކާއި މި ހުރިހާ އެއްޗެއްސަކީ އަހަރަމެންގެ ކާބަފައިން ކުރި ބުރަ މަސައްކަތުގެ ސާބިތު ހެކިތަކެވެ. 
އެކަމަކު ސާޅީސް އަހަރު ފާއިތުވެ ހިނގައްޖެއެވެ……. ދަރިފުޅު އެބަ އަޑުއަހަން ހެއްޔެވެ…..؟]
ބައްޕަ ވާހަކަ ކުރިޔަށް ގެންދިޔައެވެ. [ސާޅީސް އަހަރު ފާއިތުވެ ހިނގައްޖެއެވެ. އަހަރަމެންގެ ވެރިއެއްކަމުގައިިވި އަބޫ ޢަބްދުﷲ ޞަޣީރް…. އެއީ އިސްލާމީ އުންމަތުގެ ޚާއިނެކެވެ…. އޭނާ ވަނީ ދީނާއި ޤައުމަށް ޣައްދާރުވެފައެވެ….. އެއީ މިޤައުމުގައި  އެންމެ ފަހުން ވެރިކަން ކުރި މުސްލިމް ވެރިޔާއެވެ. އޭނާ ދުޝްމަނުންގެ ދޮގު ވަޢުދުތަކަށް އިތުބާރުކުރިއެވެ. އޭނާ ޣަރްނާޠާގެ ތަޅުދަނޑި އެމީހުންނާއި ޙަވާލުކުރިއެވެ. ތިމާގެ ކާބަފައިން ވަޅުލެވިފައިވާ ބިން އެމީހުންނަށް ދިނެވެ. ގަނޑުވަރުތަކާއި އާބާދީތައް ދުޝްމަނުންނަށް ދޫކޮށްލުމަށްފަހު ދެރަވެ ނިކަމެތިވެގެންވާ ޙާލު މަޣްރިބް (މޮރޮކޯ) އަށް ދިޔައެވެ. އެތާނގައި މަރުވުމަށެވެ. އެބައިމީހުން އަހަރަމެންނަށް ވަޢުދުވިއެވެ. މުސްލިމުންނަށް ފިކުރާއި ޢަމަލުގެ މިނިވަންކަން އޮންނާނެއެވެ. އިންޞާފު ލިބޭނެއެވެ. ދިރިއުޅުމުގެ ޙައްޤު އޮންނާނެއެވެ. ދީނީ މިނިވަންކަންވެސް އޮންނާނެއެވެ. 
ނަމަވެސް ވެރިކަމުގެ ބާރުތައް ހަމަ ލިބުމާއެކު އެމީހުން އަހަރަމެންނަށް ޚިޔާނާތްތެރިވިއެވެ. ހުރިހާ ވަޢުދުތަކެއް ފުރަގަހަށް އެއްލައިލިއެވެ. ތަޙުޤީޤު އޮފީހުގެ ނަމުގައި ސިއްރު އިދާރާއެއް ޤާއިމްކުރިއެވެ. ގަދަކަމުން އަހަރަމެން ނަޞާރާކުރުވިއެވެ. އަހަރަމެންގެ ބަސް ދޫކޮށްލަން މަޖުބޫރުކުރުވިއެވެ. އަހަރަމެންގެ އަތުން އަހަރަމެންގެ ދަރިން ފޭރިގަނެވުނެވެ. އެއީ ޢީސާއީންގެ ގޮތުގައި އެކުދިން ބޮޑުކުރުމަށެވެ. އެހެންވެ އަހަރަމެން ސިއްރުން އަޅުކަންކުރާ ތަން ދަރިފުޅަށް ފެންނާނެއެވެ. އަހަރަމެން ދެރަވެ ހިތާމަކުރާ ތަން ވެސް ދަރިފުޅު ދެކޭނެއެވެ. ކީއްވެ ހެއްޔެވެ؟ ސަބަބަކީ އަހަރަމެންގެ ދަރީން ވަނީ ގަދަކަމުން ނަޞާރާ ކުރެވިފައެވެ. އެކަމުގެ ސަބަބުން އަހަރަމެންގެ ހިތްތައް މިވަނީ ކުދިކުދިއެވެ.
އަހަރަމެން މި ޢަޒާބުތައް ބަރުދާސްތުކުރާތާ މިހާރު ސާޅީސް އަހަރުވީއެވެ. މިހިރަ ހިލަ ފަރުބަދަތަށްވެސް މިޢަޒާބު ބަރުދާސްތުކުރަން ޖެހުނުނަމަ މިހާރު ކުދިކުދި ވެއްޖައީހެވެ. އެދުވަހުއްސުރެ އަހަރަމެން މިތިބެނީ ﷲ ގެ މަދަދުގެ އިންތިޒާރުގައެވެ. މިއަނދިރި ރޭގަނޑު އުފާވެރި ފަތިހަކަށް އަލިވިލޭނެކަމުގެ އުންމީދުގައެވެ. އަހަރަމެން މާޔޫސެއްނުވަމެވެ. އެއްގޮތަކަށްވެސް ނުވަމެވެ. އެހެނީ އަހަރަމެންގެ ދީނުގައި މާޔޫސްވުމަކީ ޙަރާމްކަމެކެވެ. އަހަރަމެންގެ ދީނަކީ ބާރުގެ ދީނެވެ. ކެތްތެރިކަމާއި ޖިހާދުގެ ދީނެވެ. 
ދަރިފުޅާއެވެ! ދަރިފުޅު ގާތު ބައްޕަ ބުނަން އުޅުނު ސިއްރަކީ މިއީ އެވެ. ކޮންމެ ޙާލަކުންވެސް މިވާހަކަ ސިއްރުކުރާށެވެ! އެއްވެސް ފަރުދަކަށް، ބަޝަރަކަށް ފާޅުނުކުރާށެވެ! ހަނދާންކުރާށެވެ! ދަރިފުޅުގެ ބައްޕަގެ ދިރިއުޅުން މިހާރު މިވަނީ ދަރިފުޅުގެ ދެތުންފަތުގެ ތެރޭގައެވެ. ﷲ ގަންދެމެވެ! ބައްޕަ، މަރުދެކެ ބިރެއްނުގަންނަމެވެ. ބައްޕަ މިހުރީ ބައްޕަގެ ވެރި ރަސްކަލާނގެ އާއި ބައްދަލުކުރުމުގެ އުންމީދުގައެވެ. ނަމަވެސް ބައްޕަ އަދި ކުޑަ ދުވަސްކޮޅަކު ދުނިޔޭގައި ހުންނަން ބޭނުމެވެ. އެއީ ދަރިފުޅަށް ދަރިފުޅުގެ ދީނުގެ ބަސް ދަސްކޮށްދިނުމަށެވެ. ދަރިފުޅުގެ ދީން ސަލާމަތްކުރުމަށެވެ. ކުފުރުގެ އަނދިރިކަމުން ދަރިފުޅު ނެރެ އީމާންކަމުގެ އަލިކަމަށް ގެނައުމަށެވެ. ދަރިފުޅާއެވެ! މިހާރު ފަތިސްވާން އުޅެނީއެވެ. ތަރިތަކުގެ އަލިކަން ފަނޑުވަނީއެވެ. ދެން ތެދުވާށެވެ! ދަރިފުޅުގެ ތަންމައްޗަށް ގޮސް އޮށޯވެ ނިދާށެވެ. (ނުނިމޭ)
_______________________
މަޞްދަރު: ސުންހެރޭ ނުޤޫޝް / ޝެއިޚް އަބްދުލްމާލިކް މުޖާހިދް
ތަރުޖަމާ: އިނާޒް އަދުނާން

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު