އޭރު އަހަރެންނަކީ ކުޑަކުއްޖަކީމެވެ. ގޭތެރޭގައި ހިނގަމުންދާ ކަންތައްތަކެއް އަހަރެންނަކަށް ނޭގެއެވެ. އަހަރެންނަށް، އަހަރެންގެ ލޯބިވާ ބައްޕަ ފެންނަ ކޮންމެ ފަހަރަކުވެސް ބައްޕަ ހުންނަނީ ނުލާހިކު ކަންބޮޑުވެ ހާސްވެފައެވެ. ހަދާނެގޮތް ހުސްވެފައެވެ. އަބަދުވެސް ކޮންމެވެސް ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. ބައްޕަގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެފައިވާ ތަން ފެންނާނީ މަދު ފަހަރަކުއެވެ. ކޮންމެ ދުވަހަކުވެސް ބައްޕަގެ މޫނުމަތީން ފެންނަނީ މަރުގެ އަސަރުތަކެވެ.
ކޮންމެ ދުވަހަކުވެސް މަދަރުސާއިން ގެއަށް އާދެވުމާއެކު މަދަރުސާގައި ދަސްކުރި އިންޖީލުގެ އާޔަތްތައް އަހަރެން، ބައްޕައަށް ކިޔައިދެމެވެ. އަދި އަލަށް ދަސްވާ ސްޕެނިޝް ބަހުގެ ލަފްޒުތައްވެސް ކިޔައިދެމެވެ. ކުޑައިރުކޮޅެއް ވާންދެން، އަހަރެން ދައްކާ ވާހަކަތައް އަޑުއަހަން ހުރުމަށްފަހު ގޭގެ އެންމެ އެތެރޭގައި ހުންނަ ކޮޓަރިއަށް ބައްޕަ ހިނގައިދެއެވެ. އާނއެކެވެ! އެއްވެސް މީހަކަށް ވަނުމުގެ ހުއްދަ ނެތް ކޮޓަރިއަށެވެ. ސިއްރުތަކުން ފުރިފައިވާ ކޮޓަރިއަށެވެ.

އެކޮޓަރީގައި ބައްޕަ ވަރަށް ގިނަ ވަގުތު ހޭދަކުރެއެވެ. އެތާނގައި ބައްޕަ ކުރަނީ ކީއްކަމެއް އަހަރަމެންނަކަށް ނޭގެއެވެ. އެކޮޓަރިން ބައްޕަ ނުކުންނަ ވަގުތު އަހަރެން ވަރަށް ފަރުވާތެރިކަމާއެކު ބައްޕައަށް ބަލަމެވެ. ބައްޕަގެ ލޯ ހުންނަނީ ރަތްވެފައެވެ. ހީވަނީ ވަރަށް ގިނައިރު ރޮއިފާ ހުރިހެންނެވެ. ބައެއްފަހަރު ބައްޕަގެ ކުރިމަތީގައި އަހަރެން ބޭންދުމަށްފަހު އަހަރެންނަށް ބަލަން އިނދެއެވެ. އަދި ބައެއް ލަފްޒުތައް ބައްޕަގެ ދުލުން އަދާކުރެއެވެ. އެކަމަކު އެބަސްތަކެއް އަހަރެންނަކަށް ނުވިސްނެއެވެ. ވިސްނޭނީވެސް ކިހިނަކުން ހެއްޔެވެ؟ އޭރު އަހަރެންނަކީ ވަރަށް ކުޑަ ކުއްޖެކެވެ. މިހެން އިނުމަށްފަހު އަހަރެންނާ އެއްވެސް ވާހަކައެއް ދެއްކުމެއްނެތި ތެދުވެގެން ދުރަށް ހިނގައިދެއެވެ.
އަހަރެންގެ މަންމަ އަބަދުވެސް އަހަރެން ގޮވައިގެން މަދަރުސާއަށް ދެއެވެ. މަންމަވެސް އަބަދު ހުންނަނީ ކަންބޮޑުވެ ހާސްވެފައެވެ. މަންމަގެ ލޮލަށް ކަރުނަތައް ހުންނަނީ އަބަދުވެސް ޖަމާވެފައެވެ. އަހަރެން މަދަރުސާއިން އެނބުރި އައުމުން މަންމަ އަހަރެންނާ އޮޅުލައިގަނެއެވެ. އެތައް ދުވަހަކު ގެއްލިގެން އުޅުމަށްފަހު ފެނުމުން އޮޅުލައިގަންނަ ފަދައިންނެވެ. އަހަރެންނަށް ބޮސްދެއެވެ. އަދި އަހަރެންނަށް ލޯބިކުރުމުގައި ފަހަރެއްގައިވެސް ވަރުބައްޔެއްނުވެއެވެ. 
އަހަރެންގެ މަންމަ އާއި ބައްޕަ އެހެން މީހުންނާ ވަކިން ތިބޭ ބައެއް ފަހަރު ފަހަރު ޢަޖައިބެއްފަދަ ބަހަކުން އާދަޔާޚިލާފު ވާހަކަތަކެއް ދައްކައެވެ. ހަމަ ޔަޤީނުންވެސް އެއީސްޕެނިޝް ބަހެއްނޫނެވެ. ނަމަވެސް އަހަރެން އެމީހުންގެ ކައިރިއަށް ގޮސްފިނަމަ ހަމަ ވަގުތުން ވާހަކައިގެ ރާގު ބަދަލުކޮށް ސްޕެނިޝް ބަހުން ވާހަކަދައްކަން ފަށައެވެ. އެމީހުންގެ މި ޙަރަކާތްތަކާއި މެދު އަހަރެން ވަރަށް ޢަޖައިބުވެއެވެ. އަހަރެންނަށް ކަންތައްތަކެއް ފޮރުވައި ސިއްރުކުރަންވީ ކީއްވެ ހެއްޔެވެ؟ އަހަރެންނަކީ އެމީހުންގެ ދަރިއެއްނޫން ހެއްޔެވެ؟ ފަހަރުގައި އެމީހުންގެ ޙަޤީޤީ ދަރިއަކަށް އަހަރެން ނުވަނީ ކަންނޭގެއެވެ. އަހަރެންގެ ހިތަށް ބައެއް ފަހަރުފަހަރަށް މިޒާތުގެ ޝައްކުތައް ވަނުމުން ވަރަށް ގިނައިން ރޮވެއެވެ. 
މިކަންތައްތަކުގެ ސަބަބުން އަހަރެންގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް އައެވެ. އާނއެކެވެ! އެހެން ކުދިންނާއި ވަރަށް ތަފާތު މިޒާޖެކެވެ. ޅަ ޢުމުރުގައިވެސް އިންތިހާއަށް އަހަރެން ސީރިއަސްވިއެވެ. ކުޅިވަރާއި މަޖަލަށް ނަފްރަތުކުރެވުނެވެ. ވަރަށް މަދުން ނޫނީ ގެއިން ބޭރަކަށް ނުނިކުންނަމެވެ. އަހަރެންނާ އެއް ޢުމުރެއްގެ ކުދިން ކުޅިވަރުތައް ކުޅެ ދުވެ އުޅެއެވެ. އެކަމަކު އަހަރެން ގެއިން ބޭރަކަށް ނުނިކުންނަމެވެ. އަހަރެން އެކަނިމައިއެކަނި އިނދެ ފިކުރުކުރަމެވެ. ގޭގެ ޙާލަތާއި މެދު ވިސްނަމެވެ. އަހަރެންނަށް ބޭނުންވެގެންވަނީ އަބާދާއި އަބަދު އަހަރެންގެ ސިކުނޑީގައި އެނބުރެމުންދާ ސުވާލުތަކުގެ ޖަވާބެވެ. މިގޮތަށް ވިސްނުމާއި ފިކުރުގެ ތެރެއަށް ގެއްލިފައި އިންދާ އަހަރެންގެ އުސްތާޒު ”ޚޫރީ“ އައިސް އަހުރެންގެ އަތުގައި ހިފައި ނަގާފައި ބުނާނެއެވެ. [ޔޫސަޢު މަސީޙަށް އަޅުކަންކުރަން ފައްޅިއަށް ދަމާ ހިނގާށެވެ.] 
އަހަރެންގެ ކޮއްކޮ އުފަންވީ ދުވަސްމަތިން ފަހަރެއްގައިވެސް އަހަރެން ހަނދާނެއްނުނެތޭނެއެވެ. ޢާންމުގޮތެއްގައި މީހެއްގެ ގޭގައި ދަރިއަކު އުފަންވެއްޖެނަމަ މުޅި ޢާއިލާއަށް އުފާވެރިކަން ވެރިވެގެންދެއެވެ. އަހަރެންގެ އެލޯބި ލޯބި ކޮއްކޮ އަށް އަދަޔާޚިލާފު ރީތިކަމެއް ލިބިގެންވިއެވެ. އެހެންވެ އަހަރެންނަށް ހަމަ އެކުއްޖާއަށް ނަޒަރު ހުއްޓާލައިގެން ހުރެވުނީއެވެ. ނަމަވެސް އަހަރެންނަށް ފެނުނީ އަހަރެންގެ މަންމަ ރޯ ތަނެވެ. ކޮއްކޮގެ އުފަންވުމުން ބައްޕައަކަށްވެސް އެއްވެސް އުފަލެއް ނުލިބުނެވެ. ބައްޕަގެ މޫނު މަތީގައި އުފާވެރިކަމުގެ ބަދަލުގައި ވަނީ ހިތާމަވެރިކަމެވެ. ދެން އަހަރެންނަށް ފެނުނީ ބައްޕަ އަވަސްއަވަހަށް ”ޚޫރީ“ ހޯދަން ދިޔަތަނެވެ. އެއީ ކުޑަދަރިފުޅު ”ބެޕްޓައިސް“ ކުރުމަށެވެ. ކުޑަ އިރުކޮޅެއްގެ ފަހުން ބައްޕަގެ ފަހަތުން ޚޫރީ ވެސް އަތުވެއްޖެއެވެ. އޭނާވެސް ހުރީ އިސްޖެހިފައެވެ. ކަންބޮޑުވެ ހާސްވެފައެވެ. ކުޑަދަރިފުޅުގެ އުފަންވުމުގެ އެއްވެސް އުފަލެއް އޭނާގެ ކިބަޔަކުންވެސް ނުފެނެއެވެ. 
ދެން އަހަރަމެންނާ ބައްދަލުކުރީ ”އީސްޓަރ“ ގެ މުނާސަބަތެވެ. އެއީ ނަޞާރާއިންގެ މަޝްހޫރު ޢީދެކެވެ. މުޅި ޣަރްނާޠާ ވަނީ އަލިވެ އުޖާލާވެފައެވެ. މުޅި ޝަހަރު ވަނީ ތަފާތު އަޑު ތަކުން ގުގުމާލައިފައެވެ. މީހުންތައް ގިނަ ޢަދަދަކަށް ތަންތަނަށް ޖަމާވެ އުފާ ފާޅުކުރަމުން ގެންދިޔައެވެ. އަލްޙަމްރާގެ ފާރުތައްވެސް ވަނީ ކުލަބޮކިތަކުން ޖަރީވެފައެވެ. އެތާނގެ މުންނާރަށް އާދަމުގެ ދަރިއެއްގެ އިސްކޮޅު ހުރި ޞަލީބެއް ނަގާފައިހުއްޓެވެ. 
އެއްރެއަކު ރޭ ދެބައިވީފަހުން އަހަރެން ނިދާފައި އޮއްވައި ބައްޕަ، އަހަރެންނަށް ގޮވައި ނެގިއެވެ. ގޭތެރޭގައި ވަނީ ހަމަހިމޭންކަމެވެ. އަހަރެން ގޮވައިގެން ބައްޕަ މިޞްރާބު ޖެހީ އެއްކަލަ ސިއްރު ކޮޓަރި އާއި ދިމާއަށެވެ.  އަހަރެންގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އަހަރެންނަކީ ޢުމުރުގެ ގޮތުން ކުޑަކުއްޖަކަށް ވީ ނަމަވެސް ގޭގެ މާޙައުލު ވަނީ އަހަރެން  ބޮޑު މީހަކަށް ހަދައިފައެވެ. އަހަރެން ވަރަށް ބިރުގަނެ ފަސްޖެހިފައި  ހުރެގެން ބައްޕަގެ ފަހަތުން ދިޔައީމެވެ. އަހަރަމެންނަށް ކޮޓަރިއަށް ވަދެވުމާއެކު ބައްޕަ ކޮޓަރީގެ ދޮރު ލައްޕައި ތަޅުލިއެވެ. އެއަށްފަހު ބައްތި ހޯދަންފެށިއެވެ. ބައްޕަ ބައްތި ދިއްލުމުން އަހަރެން އެކޮޓަރީގެ ތެރެއަށް ނަޒަރު ހިންގައިލީމެވެ. 
މިއީ އެތައް ޒަމާނަކުއްސުރެ އެތަނެއްގެ އެތެރެ ދުށުމަށް އަހަރެން އެދިއެދި ހުރި ސިއްރުން ފުރިގެންވާ ކޮޓަރިއެވެ. އަހަރެން ހީކޮށްގެން ހުރީ އެކޮޓަރި ފުރިފައި ހުންނާނީ ތަފާތު ބާވަތްތަކުގެ އާދަޔާޚިލާފު އާޘާރީ ތަކެތީން ކަމަށެވެ. ނަމަވެސް އެތަން ހުރީ ހުސްކޮށެވެ. އެއްފަރާތެއްގައި ހުރި މޭޒެއްގެ މަތީގައި ފޮތެއް އޮތެވެ. ފާރުގައި ކަނޑިއެއް އެލުވާފައި ހުއްޓެވެ. އަނެއް ފަރާތުގައި ދިގު ގޮނޑިއެއް ހުއްޓެވެ. އެގޮނޑީގައި އިށީނުމަށް ބައްޕަ އަހަރެންނަށް އިޝާރާތްކުރިއެވެ. އަދި ބައްޕަ ވެސް އެގޮނޑީގެ އެއްކޮޅުގައި އިށީނެވެ. ވަރަށް ގިނަ އިރު ވަންދެން އަހަރަމެން ދެމީހުން ބަހެއް ނުބުނެ މަޑުމަޑުން ތިބީމެވެ. އަހަރެންގެ ބައްޕަ އަހަރެންނާއި ދިމާއަށް އާދަޔާޚިލާފު ގޮތަކަށް ބަލަމުން ގެންދިޔައެވެ. ރޭގަނޑުގެ އަދިރިކަމާއި އެ ހަމަހިމޭން މާޙައުލުގެ ސަބަބުން އަހަރެން އިނީ ބިރުގެންފައެވެ.(ނުނިމޭ)
_________________________
މަޞްދަރު: ސުންހެރޭ ނުޤޫޝް / ޝެއިޚް އަބްދުލްމާލިކް މުޖާހިދް
ތަރުޖަމާ: އިނާޒް އަދުނާން

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު