ޖަވާބު: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް

ބުރުގާ ނާޅާ މީހަކު ބަރާބަރަށް ދީނުގައި އަންގަވާފައިވާ ގޮތަށް އުޅުމުން އެ ޢަމަލުތަކަށް ޘަވާބާއި ދަރުމަ ލިބޭތޯ؟ ފާފަ އެއް މަތީ ދެމިހުރެ ކުރާ ހެޔޮ ޢަމަަލަކުން ފައިދާ ކުރާނެތޯ؟
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ބުރުގާއަޅައި މޫނާއި ދެއަތްތިލަފިޔަވައި މުޅި ހަށިގަނޑު ހިލޭ ފިރިހެނުންނަށް ނިވާކުރުމަކީ ބޮޑުވެގެންވާ ވީޖިބެކެވެ. އަދި އެއާއި ޚިލާފުވުމަކީ ބޮޑުވެގެން ހުރި ފާފައެކެވެ. ފާފައެއްގެ މަތީގައި ދެމި ހުރުމަކީ ނުރައްކާކަތެރި ކަމެކެވެ. ނަމަވެސް ކޮންމެ ކޮންމެ ފާފައަކީ އޭގެ ސަބަބުން އެމީހެއްގެ ޢަމަލުތައް ނުވަތަ ހުރިހައި ޢަމަލު ބާޠިލުވާ ކަމެއް ނޫނެވެ. ﷲ އާއި އެކަލާނގެ ރަސޫލާ ޢަމަލެއް ޞައްޙަވުމަށްޓަކައި ޝަރުޠެއްކަމުގައި ކަމެއް ކަނޑައަޅުއްވައިފި ނަމަ އެ ޝަރުޠަކާއި ނުލައި އެ އަޅުކަމެއް ޞައްޙައެއް ނުވާނެއެވެ. ބުރުގާ އަޅައި ނިވާކުރުމަކީ ނަމާދު ކުރުމަށްޓަކައި ޝަރުޠެކެވެ. ވީމައި ނިވާކުރުމުގެ ކުޅަދާނަކަން ހުރެ، ބުރުގާ ނާޅައި ނަމާދު ކޮށްފި ނަމަ އެނަމާދު ކަމަކު ނުދާނެއެވެ. ނަމަވެސް އެހެން އަޅުކަންތައް ޤަބޫލު ކުރައްވާނެއެވެ.

ބުރުގާ ނާޅާ އަންހެނަކުވެސް ނަމާދު ކުރުމަށްޓަކައި ބުރުގާ އަޅައި ނިވާކޮށްފި ނަމަ އެނަމާދު ރަނގަޅުވާނެއެވެ. ބާކީ އަޅުކަންތައް، މިސާލަކަށް ޒަކާތް ދިނުމާއި ރޯދަ ހިފުން ފަދަ ޢަމަލުތަކަށްޓަކައި ބުރުގާ އެޅުމަކީ ޝަރުޠެއް ނޫނެވެ. އެއީ އާންމު ވާޖިބެކެވެ. ވީމައި މީހަކު ބުރުގާ ނޭޅި ނަމަވެސް ފަރުޟު ފަސްނަމާދު ޤާއިމު ކޮށް، އޭނާގެ މުދަލުން ޒަކާތާއި ޞަދަޤާތް ކޮށް، އަދި ރޯދަ ހިފައިފި ނަމަ އެ އަޅުކަންތައް އޭނަގެ ކިބައިން އަދާވާނެއެވެ. ބުރުގާ ނޭޅުމަކީ އެހެން ފާފައެކެވެ. ސުވާލުގައި ލިޔެފައިވާ ” ބުރުގާ ނާޅައި ބަރާބަރަށް ދީނުގައި އަންގަވާފައިވާ ގޮތަށް އުޅުމުން..” ބުރުގާ ނާޅައިވެސް ފުރިހަމައަށް ދީނުގައި އަންގަވާފައިވާ ގޮތަށް އުޅެވިދާނެ ކަމުގައި މި ޢިބާރާތުން ދޭހަވެއެވެ. ނަމަވެސް، އެއީ ސުވާލު އުފެދޭ ކަމެކެވެ. ޢައުރަ ނިވާކުރުމަކީ ﷲ އާއި އެކަލާނގެ ރަސޫލާ ގަދައަޅުއްވައި ވާޖިބު ކުރައްވާފައިވާ ކަމެއްކަމުގައި ވާ އިރު، އަދި ބުރުގާ އަޅައި ރަނގަޅަށް ނިވާ ނުކުރުމަކީ ކަނޑައެޅިގެން ނަރަކައިގެ ވަޢީދު އެކަމުގެ މައްޗަށް ހުރި ކަމެއްކަމުގައި ވާ އިރު، މާތް ﷲ ގެ ކޯފާއަށް ބިރު ކުޑަ ކޮށްލައި، އެކަލާނގެ އަމުރުފުޅަށް އަޅާނުލައި، ‘ބަރާބަރަށް، ފުރިހަމައަށް’ ދީނަށް އުޅެވިދާނެތޯއެވެ!؟ ބުރުގާ ނާޅާ މީހަކަށްވެސް ދީނުގެ ރުކުންތަކާއި ވަރަށް ގިނަ ވާޖިބުތަކަށް ޢަމަލު ކުރެވިދާނެއެވެ. ނަމަވެސް ދީނާ ޚީލާފަށް އެކުރެވޭ ކަމަކީ ބިރުވެތިވާންޖެހޭ، ނުރައްކާތެރިކަން ބޮޑު ކަމެކެވެ. ވީމައި އެފަދަ އެއްމެހައި އުޚްތުން މިކަމާއި ފުންކޮށް ވިސްނައިލުން ހުއްޓެވެ. މާތް ﷲ މުއުމިންތަކުންނަށް ގޮވާލައްވާފައިވަނީ {{ يَا أَيُّهَا الَّذِينَ آمَنُوا قُوا أَنْفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلائِكَةٌ غِلاظٌ شِدَادٌ لا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ }} التحريم 6. މާނައަކީ: “އޭ އީމާންވީ މީސްތަކުންނޭވެ! (ﷲގެ އަމުރުފުޅުތަކަށް ކިޔަމަން ގަތުމާއި ނަހީތަކުން ދުރުހެލިވުމުން) ތިޔަބައިމީހުންގެ ނަފްސުތަކާއި ތިޔަބައިމީހުންގެ އަހުލުވެރީން އަލިފާނުން (ނަރަކައިން) ސަލާމަތް ކުރާށެވެ! އެތަނުގެ ދަރަކީ މީހުނާއި ހިލައެވެ. އެތަނުގައި (ޢަޛާބު ދެއްކެވުމަށްޓަކައި) ގަދަފަދަވެގެންވާ، ހަރުކަށި މަލާއިކަތުން ވެއެވެ. އެބޭކަލުން މާތް ﷲގެ އަމުރުފުޅަށް ނުއުރެދޭނެއެވެ. އަދި އަމުރުވެވިގެންވާ ކޮންމެކަމެއް އެބޭފުޅުން ކުރައްވާނެއެވެ.” ބައެއް އަމުރުފުޅުތަކަށް ކިޔަމަންގަނެ، އަނެއްބައި އަމުރުފުޅުތަކަށް ކިޔަމަން ނުވުމުގެ ސަބަބުން، އަދި ބައެއް ހެޔޮ ޢަމަލު ކުރުމާއި އެކުގައިވެސް އަނެއްބައި ފާފަ ކުރުމުގެ ސަބަބުން މާތް ﷲގެ ކޯފާ އާއި ޢަޛާބު ލިބިދާނެއެވެ. އެކަލާނގެއީ ޢަދްލުވެރި ރަސްކަލާނގެއެވެ. ޛައްރެއްގެ މިންވަރު ހެޔޮ ޢަމަލެއް ކުރިއަސް އެކަން އެމީހަކަށް ދައްކަވާނެތެވެ. އަދި ހަމަ އެމިންވަރުގެ ނުބައިކަމެއް ކުރިނަމަ އެކަމެއްވެސް އެމީހަކަށް ދައްކަވާނެތެވެ.
والله أعلم، وبالله التوفيق، وصلى الله على محمد وآله وصحبه وسلم

ޚިޔާލުފާޅުކުރައްވާ

2 ކޮމެންޓު

  1. އަދި ބައެއް ހެޔޮ ޢަމަލު ކުރުމާއި އެކުގައިވެސް އަނެއްބައި ފާފަ ކުރުމުގެ ސަބަބުން މާތް ﷲގެ ކޯފާ އާއި ޢަޛާބު ލިބިދާނެއެވެ. އެކަލާނގެއީ ޢަދްލުވެރި ރަސްކަލާނގެއެވެ. ޛައްރެއްގެ މިންވަރު ހެޔޮ ޢަމަލެއް ކުރިއަސް އެކަން އެމީހަކަށް ދައްކަވާނެތެވެ. އަދި ހަމަ އެމިންވަރުގެ ނުބައިކަމެއް ކުރިނަމަ އެކަމެއްވެސް އެމީހަކަށް ދައްކަވާނެތެވެ.

    1. ވާ އިރު، އަދި ބުރުގާ އަޅައި ރަނގަޅަށް ނިވާ ނުކުރުމަކީ ކަނޑައެޅިގެން ނަރަކައިގެ ވަޢީދު އެކަމުގެ މައްޗަށް ހުރި ކަމެއްކަމުގައި ވާ އިރު، މާތް ﷲ ގެ ކޯފާއަށް ބިރު ކުޑަ ކޮށްލައި، އެކަލާނގެ އަމުރުފުޅަށް އަޅާނުލައި، ‘ބަރާބަރަށް، ފުރިހަމައަށް’ ދީނަށް އުޅެވިދާނެތޯއެވެ!؟