ހުޅަނގުގެ ތަހުޒީބުގައި ޢަލީމްވަންތަ ޤަދީރުވަންތަ އިލާހަށް ބިރުވެތިވުމަށް އެއްވެސް ޖާގައެއްނުވެއެވެ. ވަޙީ އާއި ނުބުއްވަތުގެ ހިދާޔަތަށް އެއްވެސް ބުރަދަނެއް ނުވެއެވެ. މަރުވުމަށްފަހު އެހެން ޙަޔާތެއްވާކަމުގެ އެއްވެސް ތަޞައްވުރެއްނުވެއެވެ. ދުނިޔޭގައި ކުރާ ޢަމަލުތަކުގެ ޙިސާބުދައްކަންޖެހޭނެކަމުގެ އެއްވެސް އިޙުސާސެއްނުވެއެވެ. އިންސާނާގެ ޒާތީ ޒިންމާގެ އެއްވެސް ސުވާލެއް ނުވެއެވެ. ޙަޔާތުގެ ހައިވާނީ މަޤުޞަދަށްވުރެ މަތިވެރި އެހެން މަޤުޞަދަކާއި ހަދަފެއްނުވެއެވެ. އެއީ ޚާލިޞް މާއްދީ ތަހުޒީބެކެވެ. އިސްލާމީ ތަހުޒީބު އެކަންތައްތަކެއްގެ މައްޗަށް ބިނާވެގެންވާ ކަލާނގެއަށް ބިރުވެތިވުމާއި އީމާންތެރިކާމާއި ތެދުވެރިކަމާއި ޙައްޤުބަސްބުނުމާއި އަމާނާތްތެރިކަމާއި ހެޔޮކަމާއި ލަދުވެތިކަމާއި ތަޤުވާވެރިކަން ފަދަ ރިވެތި އަޚުލާޤުގެ އެންމެހާ ތަޞައްވުރުތަކުން އެނިޒާމް ވަނީ ހުސްވެގެންނެވެ.

އެނަޒަރިއްޔާތަކީ އިސްލާމީ ނަޒަރިއްޔާތުގެ ދިމާ އިދިކޮޅެވެ. އެމަގު ދަތުރުކުރަނީ އިސްލާމްދީން އިޚްތިޔާރު ކުރި މަގާ ދިމާ އިދިކޮޅު މިޞްރާބަށެވެ. އިސްލާމްދީން އެކަންތައްތަކެއްގެ މައްޗަށް އިންސާނީ އަޚުލާޤާއި ތަމައްދުންގެ ބިނާ ކޮޅަށްޖަހަން ބޭނުންވާ ކަންތައް، އެތަހުޒީބުން ބޭނުންވަނީ މުލުން ލުހެ އެއްލައިލާށެވެ. އަދި އެތަހުޒީބުން އިންފިރާދީ ސީރަތާއި އިޖްތިމާޢީ ނިޒާމުގެ ޢިމާރާތް ޤާއިމްކުރާ ބިންގަލުގެ މަތީގައި އިސްލާމްގެ ޢިމާރާތް އެންމެ ސިކުންތަކުތުވެސް ކޮޅަށް ހުރުމަކީ އެކަށީގެންވާކަމެއް ނޫނެވެ. އެހެން ގޮތަކަށް ބުނާނަމަ އިސްލާމީ ތަހުޒީބާއި ހުޅަނގުގެ ތަހުޒީބަކީ ދިމާ އިދިކޮޅަށް ދަތުރުކުރަމުންދާ ދެ ނަވެވެ. އެތަނުން އެއްނަވަށް ސަވާރުވެއްޖެ މީހާ އަނެއް ނައު ދޫކޮށްލުން ނޫން ގޮތެއް ނޯންނާނެއެވެ. އަދި އެއްވަގުތެއްގައި އެދެނަވަށް ސަވާރުވާން އުޅެފިނަމަ އެމީހަކު ދެފަޅި ވާނެއެވެ.

_________________________

މަޞްދަރު: ތަންޤީޙާތް ، ޞަފްޙާ: 16 / އަބުލްއަޢުލާ މައުދޫދީ (ރަޙިމަހުﷲ)
ތަރުޖަމާ: އިނާޒް އަދުނާން

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު