މީލާދީން 1800 ގެ އަހަރުތަކުން ފެށިގެން މިއަދާ ހަމަޔަށް، ހުޅަނގުގެ ޤައުމުތަކުގެ ޢާއިލީ ދިރިއުޅުމަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ހުޅަނގުގެ މީހުން ޤަބޫލުކުރާ ގޮތުގައި މިބަދަލަކީ އަންހެނުންގެ މިނިވަންކަމުގެ ތަޙުރީކުގެ ނަތީޖާއެވެ. ނަމަވެސް ތާރީޚަށް ނަޒަރު ހިންގައިލުމުން ފެންނަނީ މުޅީން ތަފާތު އެހެން މަންޒަރެކެވެ.
މީލާދީން 1800 ވަނަ އަހަރުގެ ކުރިޔަށް ބަލާއިރު އެމެރިކާއަކީ ދަނޑުވެރި ޤައުމެކެވެ. އާބާދީގެ ނުވަދިހަ އިންސައްތަ މީހުން ދިރިއުޅެމުން އަދި މަސައްކަތްކުރަމުން ގެންދިޔައީ އަމިއްލަ ދަނޑުތަކުގައެވެ. ޢާންމުގޮތެއްގައި ޢާއިލާތައް ދިރިއުޅެމުން ގެންދިޔައީ އަމިއްލައަށް ކުރާ މަސައްކަތުން ފުދިގެންނެވެ. ދިރިއުޅުމަށް ބޭނުންވާ ހުރިހާ އެއްޗެއްކަހަލަ ގޮތަކަށް އުފައްދަނީ ގޭގައެވެ. ގެއިން ލިބެން ނުހުންނަ މަދު އެއްޗެތި ގަންނަނީ އަވަށުގެ ހުނަރުވެރިންގެ އަތުންނެވެ. އަދި ބައެއް އެހެން ތަކެތި ޚާއްޞަގޮތެއްގައި ޔޫރަޕުގެ އިންޕޯޓް މުދާ ގަނެއުޅުނީ ފިހާރަތަކުންނެވެ. ދަނޑުތަކުގައި މަސައްކަތްކޮށް އުޅުނީ ފިރިހެނުންނެވެ. އަންހެނުންގެ މަސައްކަތަކީ ގޭގެ ކަންތައް ބެލެހެއްޓުމެވެ. އަދި މީގެ އިތުރުން ލިބޭ ހުސްވަގުތުގައި ގޭގައި ތިބެގެން ކުރެވޭ ތަފާތު ބާވަތްތަކުގެ މަސައްކަތާއި ދަނޑުތަކުގައި ގެންގުޅޭ ޖަނަވާރު ބެލެހެއްޓުމަކީވެސް އަންހެނުން ކޮށްއުޅުނު މަސައްކަތްތަކެވެ.

ޞިނާޢީ އިންޤިލާބު
މީލާދީން 1800 ގެ ކުރީކޮޅު ފެށުނު ޞިނާޢީ އިންޤިލާބަކީ ކުރިން މިބަޔާންކުރެވުނު ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލުތަކެއް ގެނުވި ޙަރަކާތެކެވެ. 1807 ވަނަ އަހަރު އިނގިރޭސިންނާ ފަރަންސޭސިންނާ ދެމެދު ހަނގުރާމަ ފެށުމާއެކު އޭރުގެ އެމެރިކާގެ ރައީސަކަށްހުރި ޖެފަރސަން  ސޮއިކުރެއްވި ދަތިކުރުމުގެ ފިޔަވަޅު އެޅުމާ ބެހޭ ޤާނޫނުގެ ސަބަބުން ޔޫރަޕާ އެމެރިކާ އާއި ދެމެދު ކުރެވެމުން ދިޔަ ހުރިހާ ވިޔަފާރިއެއް ހުއްޓުމަކަށް އައެވެ. މިޤާނޫނުގެ ނަތީޖާއަކަށް ވެގެންދިޔައީ ޔޫރަޕުގެ މުދާ އެމެރިކާއިން ލިބެން ނުހުރުމެވެ. އަދި އެމެރިކާނުން އަމިއްލަޔަށް އެތަކެތި އުފައްދަން ޖެހުމެވެ. ޔޫރަޕުން އެމެރިކާއަށް އެންމެ ގިނައިން އިންޕޯޓްކުރަމުން ގެންދިޔަ އެއްބާވަތަކީ ފޮއްޗެވެ. އެހެންކަމުން ވިޔަފާރިވެރިން މިފުރުޞަތުގެ ބޭނުން ހިފީ އެމެރިކާގައި ފޮތީގެ ޞިނާޢަތެއް އުފެއްދުމަށެވެ.
އަށާރަސަތޭކަ ސާދަ ވަނަ އަހަރު ބޮސްޓަންގެ މީހެއްކަމުގައިވާ ފްރާންސިސް ކެބޮޓް ލޮވެލް އެންމެ ފުރަތަމަ ޒަމާނީ ކާރުޚާނާ ހުޅުވިއެވެ. އެހެންކަމުން ކުރިން ގޭގައި އަތުންކުރަމުން ގެންދިޔަ މަސައްކަތްތައް އެތައް ގުނައެއް ހަލުއިކަމާއެކު އެތާނގައި ކުރެވެން ފެށުނެވެ. ތަކެތި އުފެއްދުމުގެ ސްޕީޑަށް ވަރަށް ބޮޑު ހަލުއިކަމެއް އައެވެ. އަދި ހުރިހާ މަސައްކަތެއް އެއް ފުރާޅެއްގެ ދަށުން ނިންމާލުމުގެ ފުރުޞަތުލިބުނެވެ. ދެން ލޮވެލްއަށް ބޭނުންވީ ކާރުޚާނާގައި މަސައްކުރާނެ މަސައްކަތްތެރީންނެވެ. އޭނާއަށް ވިސްނުނުގޮތުގައި އަންހެނުން އަދި ވަކިން ޚާއްޞަގޮތެއްގައި ދަނޑުވެރިންގެ ކައިވެނިނުކޮށް ތިބި ޒުވާން އަންހެން ދަރިން ލޭބަރުންގެ ގޮތުގައި ބޭނުންކުރެވިއްޖެނަމަ ލޭބަރުންގެ ގޮތުގައި ފިރިހެނުން ބެނުންކުރުމަށްވުރެ އިޤްތިޞާދީގޮތުން ލިބޭ ފައިދާ ބޮޑުވާނެއެވެ. އަދި ކާރުޚާނާގެ ވަޒީފާގައި އުޅޭ ގިނަ ފިރިހެނުންނަށްވުރެ މާރަގަޅަށް ޝައުޤުވެރިކަމާއެކު އަންހެންވެރިން މަސައްކަތްކުރާނެއެވެ.
ނަމަވެސް އޭނާގެ މި މަޤްޞަދު ޙާޞިލްކުރުމަށްޓަކައި ލޮވެލްއަށް ކުރަން ޖެހުނު އެންމެ ބޮޑު މަސައްކަތަކީ އަންހެނުން ގެއިން ބޭރުގައި މަސައްކަތްކުރުމަކީ މުޖުތަމަޢު ޤަބޫލުކުރާ ކަމަކަށް ހެދުމެވެ. އެމީހުންގެ ދަރިން ރައްކާތެރިކަމާއެކު ރަގަޅަށް ބެލެހެއްޓޭނެކަން އެކުދިންގެ ބެލެނިވެރިންނަށް ޔަޤީންކޮށްދިނުމެވެ. އެކަމަށްޓަކައި އަންހެން މަސައްކަތްތެރީންނަށް އެކުގައި ދިރިއުޅެ އެކުގައި މަސައްކަތްކުރެވޭނެފަދަ ބޯޑިން ކޮމިޔުނިޓީއެއް އޭނާ ޤާއިމްކުރިއެވެ.
އޭގެ ފަހުން ވަރަށް އަވަހަށް އިތުރު ކާރުޚާނާތައް އެމެރިކާގެ ދިގާ ހުރަހުން ފެންނަން ފެށިއެވެ. އަދި އެ ކާރުޚާނާތަކުގެ ވެރިންވެސް ލޮވެލް މިސާލަކަށް ބަލައިގެން ޒަވާޖީޙަޔާތެއްނުފަށައި ތިބި އަންހެންކުދީން މަސައްކަތަށް ނެރެންފެށިއެވެ. މީލާދީން 1850 އާއި ހަމައަށް އައިއިރު ޤައުމަށް ބޭނުންވާ މުދަލުގެ ބޮޑުބައެއް އުފައްދަމުން ގެންދިޔައީ އެމެރިކާގެ ކާރުޚާނާތަކުގައެވެ. އަދި މުދާ އުފެއްދުމުގެ މަސައްކަތް ރަށްފުށުން، ޝަހަރުތަކަށް ބަދަލުވިގޮތަށް މީހުންގެ ދިރިއުޅުންވެސް ރަށްފުށުން ސަހަރުތަކަށް ބަދުލުކުރަން ފެށިއެވެ. މަސައްކަތްކޮށްގެން ފައިސާ ހޯދުމުގެ ބޭނުމުގައި މީހުން އެބައިމިހުންގެ ގޯތި ގެދޮރު ދޫކުރަން ފެށިއެވެ. 
އެންމެފަހުން މިގޮތަށް ގެއިން ބޭރުގައި މަސައްކަތްކުރުމަކީ ކައިވެނިނުކުރާ އަންހެނުންގެ ދިރިއުޅުމުގެ ބަޔަކަށް ވެއްޖެއެވެ. ޒަވާޖީ ޙަޔާތެއް ފެށެންދެން އެމީހުން މަސައްކަތްކުރަމުން ގެންދިޔައެވެ. ނަމަވެސް ވަގުތު ފާއިތުވަމުން ދިޔަދިޔަހެން އަންހެންނުންނަށް އިޙުސާސްކުރެވެން ފެށީ އެމީހުންގެ ޢާއިލީ ދިރިއުޅުމުގެ ސަބަބުން މަސައްކަތަށް ހުރަސްއެޅަމުންދާ ކަމުގައެވެ. ގެއިން ބޭރުގައި މަސައްކަތްކުރުމަކީ އިޚުތިޔާރީކަމެއްގެ ގޮތުގައި ދެކެމުން އައި އައުން ބަދަލުވެ، އެންމެފަހުން ގޭތެރޭގެ މަސައްކަތާ މެދު މިގޮތަށް ބެލެވެން ފެށުނެވެ. ވަރަށް ގިނަ އަންހެނުން ކައިވެނިކުރުން އިތުރަށް ލަސްކުރަންފެށިއެވެ. އަދި ބައެއް އަންހެނުން އެކަނި ދިރިއުޅެން ފެށިއެވެ.
އެހެންނަމަވެސް ކައިވެނިކޮށްގެން ތިބި އަންހެނުން ގޭގައި މަޑުކުރިއެވެ. އަދި އެމީހުންގެ ވަގުތުތައް ދަރީންނަށްޓަކައި ޚާއްޞަކުރިއެވެ. އަދި އޭރު ދަނޑުގައި މަސައްކަތްކުރަން ނުޖެހުމާއެކު ގޭތެރޭގެ މަސައްކަތްތަކަށް ކުރިއަށްވުރެވެސް އިތުރަށް ވަގުތު ދެވެން ފެށުނެވެ. މީލާދީން 1900 ވަނަ އަހަރުގެ ހިސާބުތަކަށް ބަލާއިރު ޒަވާޖީ ޙަޔާތެއް ފަށައިގެންތިބި އަންހެނުންގެ ތެރެއިން ގެއިން ބޭރުގައި މަސައްކަތްކުރާކަމަށް ދައްކަނީ %5.6 އަށްވުރެވެސް މަދު ޢަދަދެއްގެ އަންހެނުންނެވެ. އަދި އޭރު ކައިވެނިކޮށްގެން އުޅޭ އަންހެނަކު ބޭރުގައި މަސައްކަތްކުރާނަމަ އެމީހަކާމެދު ބެލެވެނީ އެއީ ފަޤީރު އަންހެނެއްކަމުގައެވެ. ނުވަތަ އޭނާގެ ފިރިމީހާއަކީ އެއްވެސް އުޅުމެއްނެތް މީހެއްކަމުގައެވެ. (ނުނިމޭ)
އަޞްލުލިޔުއްވީ: އަލްއުޚްތު އަރީބާ ބިންތު ޚާލިދް / އަލްބަލާޣް.ނެޓް
ތަރުޖަމާ: އިނާޒް ޢަދުނާން

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު