އެއްވަނަ ބޮޑު ހަނގުރާމަ
ކައިވެނިކޮށްގެން ތިބި އަންހެނުން އެންމެ ފުރަތަމަ މަސައްކަތުގެ މައިދާނަށް ގިނަ ޢަދަދަކަށް ނުކުންނަށް ފެށީ 1914 ވަނަ އަހަރު ފެށި އެއްވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައެވެ. ފިރިހެނުން ހަނގުރާމައިގެ މައިދާނަށް ނުކުތުމާއެކު އެބައިމީހުން ދޫކޮށްދިޔަ ވަޒީފާތަށް ފުރާނެ މަސައްކަތްތެރީން ބޭނުންވިއެވެ. ހަމައެކަނި ކައިވެނި ނުކޮށްތިބި އަންހެނުން ނެރެގެން ފުދޭކަށްނެތެވެ. އެހެންކަމުން ވަޒީފާދޭ ފަރާތްތަކުން ކައިވެނިކޮށްގެން ތިބި އަންހެނުންނަށްވެސް މަސައްކަތަށް ނުކުތުމަށް ދަޢުވަތުދޭން ފެށިއެވެ. 1919 ވަނަ އަހަރާ ހަމަޔަށް އައިއިރު މަސައްކަތުގެ މައިދާނުގައި ޙަރަކާތްތެރިވާ އަންހެނުންގެ ތެރެއިން %25 އަކީ ކައިވެނިކޮށްގެން އުޅޭ އަންހެނުންނެވެ. ނަމަވެސް މިއީ އަދި ހަމައެކަނި ފެށުމެކެވެ.

އެއްވަނަ ބޮޑު ހަނގުރާމައި ސަބަބުން އައި އަނެއް ބަދަލަކީ ސިފައިންގެ ވަޒީފާއަށް އަންހެނުން ވަންނަން ފެށުމެވެ. ގާތްގަނޑަކަށް ތޭރަހާސް އަންހެނުން އެމެރިކާގެ ކަނޑުގެ ސިފައިންގެ ތެރެއަށް ވެއްދުނެވެ. މިއަންހެނުން ޢާންމުގޮތެއްގައި މަސައްކަތްކުރަމުން ގެންދިޔައީ އޮފީސް ދާއިރާގައެވެ. މިއީ އެމެރިކާގެ ތާރީޚުގައި އަންހެނުންގެ ބަޔަކަށް ސިފައިންގެ ވަޒީފާ ރަސްމީކޮށް ދެވުނު ފުރަތަމަ ފަހަރެވެ.
ގްރޭޓް ޑިޕްރެޝަން
ގްރޭޓް ޑިޕްރެޝަން ލައިގަތީ މީލާދީން 1930 ވަނަ އަހަރެވެ. ވަޒީފާނެތުމުގެ ނިސްބަތް 1929 ވަނަ އަހަރު ހުރީ %3.2 ގައެވެ. ނަމަވެސް 1932 ވަނަ އަހަރާ ހަމަޔަށް އައިރު މިޢަދަދުވަނީ %23.6 މައްޗަށް އުފުލިފައެވެ. ޚާއްޞަކޮށް ހުނަރުވެރިންނަށާ ފިރިހެނުންނަށް ވަޒީފާ ލިބުން ދަތިވެގެން ދިޔައެވެ. ބައްޕައިން ވަޒީފާ ހޯދުމަށްޓަކައި ނުކުތެވެ. ބައެއް މީހުން މާޔޫސްވެގެން އެމީހުންގެ ޢާއިލާތައްވެސް ދޫކޮށްލިއެވެ. އެހެންކަމުން އެފަދަ ވަރަށް ގިނަ ޢާއިލާތައް ބެލެހެއްޓުމުގެ ޒިންމާ މައިންގެ ކޮނޑުގައި އެޅުނެވެ.
ނަމަވެސް އަންހެނުންނާއި ފިރިހެނުންގެ މެދުގައި މަސައްކަތުގެ ބާވަތްތަކާ ދަރަޖަތައް ބެހިފައި އޮތްގޮތުން ފިރިހެނުންނަށް ވުރެ ފަސޭހައިން ގިނަ އަންހެނުންނާ ކުޑަކުދީންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްވެއެވެ. ކަންމިހެންއޮތް ނަމަވެސް ގްރޭޓް ޑިޕްރެޝަންގެ ދުވަސްވަރު %80 ފިރިހެނުން އެމީހުންގެ އަނބީން އެއްވެސް ސިފައެއްގައި މަސައްކަތުގެ މައިދާނަށް ނުކުތުމާ ދެކޮޅުހަދަމުން ގެންދިޔައެވެ. ނަމަވެސް އިޤްތިޞާދީ ސަބަބުތަކާ ހެދި އަންހެނުންނަށް މަސައްކަތަށް ނުކުންނަށް މަޖުބޫރުވަމުން ދިޔައެވެ. ދިގުވަގުތުތަކުގައި ކުރާ މަސައްކަތަށް ލިބެމުން ދިޔައީ ވަރަށް ކުޑަކުޑަ އުޖޫރައެކެވެ. އެދުވަސްވަރު ދޮންއަންހެނުންގެ ވިހި ޕަސެންޓް މީހުން ވަޒިފާތަކުގައި މަސައްކަތްކުރަމުން ގެންދިޔައެވެ. (ނުނިމޭ)
އަޞްލުލިޔުއްވީ: އަލްއުޚްތު އަރީބާ ބިންތު ޚާލިދް / އަލްބަލާޣް.ނެޓް
ތަރުޖަމާ: އިނާޒް ޢަދުނާން

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު