ދެވަނަ ބޮޑު ހަނގުރާމަ
ދެވަނަ ބޮޑު ހަނގުރަމަ ފެށުނީ މީލާދީން 1940 ގެ ކުރީކޮޅެވެ. ފިރިހެނުންނަށް ހަނގުރާމައިގާ ބައިވެރިވާންޖެހުނެވެ. ހަމަ އެއާއެކު އެމެރިކާއަށް މަސައްކަތްތެރީންނާ މުދާ ބޭނުންވިއެވެ. އަނެއްކާވެސް ވަޒީފާދޭ ފަރާތްތަކުގެ ލޯތައް އަމާޒުވީ އަންހެނުންނަށެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރެކޭ އެއްފަދައިން ކައިވެނިނުކޮށް ތިބި އަންހެނުންނާ ކައިވެނިކޮށްގެން ތިބި އަންހެނުންނަށް މަސައްކަތުގެ މައިދާނަށް ނުކުތުމަށް ދަޢުވަތުދެވުނެވެ. އެކަމަކު އޭރުވެސް ގިނަ ބަޔަކު ކައިވެނިކޮށްގެން ތިބި އަންހެނުން ގެއިން ބޭރުގައި މަސައްކަތްކުރުމާ ދެކޮޅެވެ. އެހެންކަމުން މިވިސްނުން ބަދަލުކުރުމަށްޓަކައި ސަރުކާރާ މީޑިއާ ގުޅިގެން ފިސާރި ވަރުގަދަ ޕްރޮޕެގަންޑާ ކެންޕެއިނެއް ފެށުނެވެ. މައި ސަރުކާރުގެ ފަރާތުން އަންހެނުންނަށް ވިސްނައިދެމުން ގެންދިޔައީ މަސައްކަތުގެ މައިދާނަށް އެމީހުން ނުނިކުމެއެއް ހަނގުރާމައިގެ މައިދާނުގައި ކާމިޔާބެއްނުލިބޭނެކަމުގައެވެ. މަސައްކަތްކުރުމަކީ ރަގަޅު ރައްޔަތުމީހެއްކަމުގެ ނިޝާނެއްކަމުގައި ބެލެވެންފެށިއެވެ. މަސައްކަތަށް ނުކުންނަ އަންހެނާއަކީ ޤައުމުދެކެ ލޯބިވާ މީހެއްކަމުގައި ބެލެވެން ފެށިއެވެ.

ނަވާރަސަތޭކަ ސާޅީސްދެވަނަ އަހަރު ސަރުކާރުގެ ފަރާތުން މެގަޒިން ބިޔުރޯއެއް އުފެއްދިއެވެ. މިބިޔުރޯއިން   [war guide]   ގެ ނަމުގައި މަޖައްލާއެއް ނެރެންފެށިއެވެ. ކޮންމެ މަހަކުވެސް ހަނގުރާމައިގެ ޕްރޮޕަގެންޑާ އަށް އެހީތެރިވުމުގެ ގޮތުން މަޖައްލާގެ މައިގަނޑު މަޥްޟޫއެއް އިޚުތިޔާރުކުރެވުނެވެ. 1943 ވަނަ އަހަރު ސެޕްޓެމްބަރ މަހުގެ މައިގަނޑު މަޥްޟޫޢަކީ ”އަންހެނުން މަސައްކަތުގައި“ މިއެވެ. މިމަޥްޟޫޢުގެ ޝިޢާރަކީ ”ހަނގުރާމަ އަވަހަށް ކާމިޔާބުކުރުމަށް ގިނަ އަންހެނުން މަސައްކަތަށް ނުކުންނާށެވެ!“ މިމަޖައްލާތަކުން އެވަގުތަށް ކާރުޚާނާތަކަށް މަސައްކަތު މީހުން ބޭނުންވެފައިވާ އެހެނަސް އަންހެނުން ޢާންމުގޮތެއްގައި ކޮށްނޫޅޭ މަސައްކަތްތަކުގެ ރަގަޅު ވާހަކަ ތަފާތު ގޮތްގޮތަށް ފަތުރަމުން ގެންދިޔައެވެ. އެބައިމީހުންގެ ވިސްނުމަކީ އާދައިގެ ޝައްޤުވެރިނޫން މަސައްކަތްތައްވެސް މީހުން ޝައުޤުވެރިވާގޮތަށް ހުށައެޅިއްޖެނަމަ މަސައްކަތަށް ނުކުންނަ އަންހެނުން އިތުރުވެގެން ދާނެއެވެ.
ކޮންމެއަކަސް ސަރުކާރާއި މީޑިއާ އެކުވެގެން މިހިންގުނު ޕްރޮޕެގަންޑާ ކާމިޔާބު މަސައްކަތަކަށްވިއެވެ. ހަނގުރާމައިގެ ދުވަސްވަރު 6 މިލިޔަނަށްވުރެ ގިނަ އަންހެނުން މަސައްކަތުގެ މައިދާނަށް ނުކުތެވެ. ގިނަ އަންހެނުންނަކީ ކައިވެނިކޮށްގެން ތިބި އަންހެނުންނެވެ. 1940 ވަނަ އަހަރު ހަނގުރާމައިގެ ކުރިއަށް ނަޒަރު ހިންގައިލާއިރު އަންހެން މަސައްކަތްތެރިންގެ ތެރެއިން ކައިވެނިކޮށްގެން ތިބީ އެންމެ %36 އަންހެނުންނެވެ. ނަމަވެސް 1945 ވަނަ އަހަރު ހަނގުރާމަޔަށްފަހު މިނިސްބަތް ވަނީ %50 މައްޗަށް އުފުލިފައެވެ. މެދުފަންތީގެ ޢާއިލާތަކުގައި އަނބިމީހާ މަސައްކަތަށް ނުކުތުމަކީ މަނާކަމެއްގެ ގޮތުގައި ބެލެވެމުން އައި އައުންވަނީ މުޅިން ބަދަލުވެފައެެވެ.
ދެވަނަ ބޮޑު ހަނގުރާމަޔަށްފަހު…
މީލާދީން 1950 ގެ އަހަރުތައް ބެލެވިފައިވަނީ އެމެރިކާގެ ޢާއިލާތަކުގެ ދިރިއުޅުމަށް ތިޔާގިކަން ގެނުވި ދުވަސްވަރެއްގެ ގޮތުގައެވެ. ފިރިހެންވެރިން ހަނގުރާމައިން އެނބުރި އައުމުން އެމީހުންނަށް ވަޒިފާ ބޭނުންވިއެވެ. އަނެއްކާވެސް ސަރުކާރާއި މީޑިޔާ އެކުވެގެން ޢާންމުންގެ ވިސްނުން އެމީހުން ބޭނުންވާ ގޮތަށް ބައްޓަންކުރުމުގެ މަސައްކަތެއް ފެށުނެވެ. އެކަމަކު މިފަހަރު އަންހެނުން ގެއަށް އެނބުރި ރުޖޫޢަވުމަށް އެފަރާތްތަކުން ތަރުޙީބުދެމުން ގެންދިޔައެވެ. މިއިން ދޭހަކޮށްދެނީ އަންހެނުން މަސައްކަތަށް ނެރެވުނީކީ އެބައިމީހުންނަށް ”މިނިވަންކަމެއް“ ދޭންވެގެން ނޫންކަމެވެ. އަދި ކިއެއްތަ! އޭގެ ސަބަބަކީ މަސައްކަތްކުރާނެ މީހުންނަށް އެމެރިކާ ބޭނުންވުންކަމެވެ.
ނަމަވެސް މިފަހަރުގެ މިމަސައްކަތް ކުރީ ފަހަރުހާ ކަމިޔާބެއްނުވިއެވެ. އެހެންކަމުން އެމަސައްކަތް ވަރަށް އަވަހަށް ހުއްޓައިލިއެވެ. ފުރަތަމަ ސަބަބަކީ އިޤްތިޞާދީ މަޖްބޫރީއަށްޓަކައި އާދައިގެ ވަޒީފާތަކުގައި ތިބި އަންހެނުން މަސައްކަތުގެ މައިދާނުގައި މަޑުކުރުމެވެ. ދެވަނަ ސަބަބަކީ މުދާ ގަންނަ މީހުން އިތުރުވެގެން ދިޔުމުން ވަޒީފާތައް އިތުރުވުމެވެ. 
ހަމަ އެފަދައިން 1950 ގެ އަހަރުތަކުގައި ވިހެއުމުގެ ރޭޓްވެސް މައްޗަށް ދިޔައެވެ. މަސައްކަތުގެ މައިދާނުން ގެއަށް އެނބުރި އައި އަންހެނުން އަނެއްކާވެސް އެމީހުންގެ ވަގުތުތައް ޢާއިލާ ބެލެހެއްޓުމަށް ޚާއްޞަކުރިއެވެ. އެކަމަކު ހަމަ މިދުވަސްވަރު އެމެރިކާގެ މުޖުތަމަޢަށް ވަރަށް މުހިއްމު އެހެން ބަދަލެއްވެސް އައެވެ. އެބަދަލަކީ ޓީވީ ޢާންމުވެގެން ދިޔުމެވެ. 1960 ވަނަ އަހަރު އާބާދީގެ ނުވަދިހަ އިންސައްތަ މީހުންގެ އަތުގައި އެންމެ މަދުވެގެން އެއް ޓީވީ ހުއްޓެވެ. ޢާއިލާތަކުން މުނިފޫހިފިލުވައިލުމަށްޓަކައި ޓީވީ ސްކްރީން ދޮށަށް ޖަމާވާން ފެށިއެވެ. އެންމެ ފުރަތަމަ ދުވަސްތަކުގައި އިޝްތިހާރުތަކަށް ދާންދެން ނުހަނު ޝައުޤުވެރިކަމާއެކު ބަލަމުން ގެންދިޔައެވެ.
ނަމަވެސް ދެން ކުރިމަތިވި މައްސަލައަކީ ޙަޔާތުގެ ކޮލިޓީ ހިފެހެއްޓުމަށް ހޯދަންޖެހޭކަމަށް ޓީވީ ޕްރޮގްރާމްތަކުން  ދައްކާ ސާމާނުތައް ހޯދުމުގެ ޤާބިލްކަމެއް މެދު ފަންތީގެ ގިނަ ޢާއިލާތަކަށް ލިބިގެނެއްނުވެއެވެ. އެހެންކަމުން ކޮންމެފަދަ ގޮތަކުން ނަމަވެސް އެމެރިކަން ސްޓޭންޑަޑް ދިރިއުޅުމެއް އުޅުމަށްޓަކައި ވަރަށް ގިނަ އަންހެނުން އަނެއްކާވެސް އެނބުރި މަސައްކަތަށް ރުޖޫޢަވާން ނިންމިއެވެ. 
1940 ން 1950 އާ ދެމެދު އެމެރިކާގެ އަންހެނުންގެ ތެރެއިން މަސައްކަތުގެ މައިދާނަށް ނުކުންނަ އަންހެނުންގެ ނިސްބަތް  9 ފަސެންޓަށް އިތުރުވެފައިވެއެވެ. ނަމަވެސް 1930 ން 1940 އާ ދެމެދު މިނިސްބަތް އިތުރުވެފައިވަނީ އެންމެ 3 ޕަސެންޓަށެވެ. (ނުނިމޭ)
އަޞްލުލިޔުއްވީ: އަލްއުޚްތު އަރީބާ ބިންތު ޚާލިދް / އަލްބަލާޣް.ނެޓް
ތަރުޖަމާ: އިނާޒް ޢަދުނާން

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު